Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ސާފް ލީގު: ފުރަތަމަ ބުރުގެ މަތީ ސްކޯ ޖައިލަމަށް

ދިވެހި ސާފް ލީގު: އޯޕަން ބައިގެ ފުރަތަމަ ބުރުގެ އެންމެ މަތީ ސްކޯ ހޯދީ ޖައިލަމް

03 ޖުލައި 2022

ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމްކޮށްގެން ރ. ކިނޮޅަހުގެ ހުރާކޮޅު ރާޅުގަނޑުގައި މިހާރު ކުރިއަށް ގެންދާ "ހުރާކޮޅު ރާޅުގަނޑު" ގެ ފިރިހެން އޯޕަން ކެޓެގަރީގެ ފުރަތަމަ ބުރުގެ ހީޓްތައް ނިންމާލި އިރު މިވަގުތު ގައުމީ ރޭންކިންގެ ތިން ވަނައިގައި އޮތް ގދ. ގައްދޫ ޖައިލަމް ނިޒާރު ކުރި ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމްކޮށްގެން ރ. ކިނޮޅަހުގެ ހުރާކޮޅު ރާޅުގަނޑުގައި މިހާރު ކުރިއަށް ގެންދާ "ހުރާކޮޅު ރާޅުގަނޑު" ގެ ފިރިހެން އޯޕަން ކެޓެގަރީގެ ފުރަތަމަ ބުރުގެ ހީޓްތައް ނިންމާލި އިރު މިވަގުތު ގައުމީ ރޭންކިންގެ ތިން ވަނައިގައި އޮތް ގދ. ގައްދޫ ޖައިލަމް ނިޒާރު ކުރި ހޯދައިފި އެވެ.

އެމްޓީސީސީ ދިވެހި ސާފް ލީގު 2022 ގެ ތިންވަނަ މުބާރާތް ކަމަށްވާ "ހުރާކޮޅު ރާޅުގަނޑު" ގައި ޖައިލަމް ވާދަކުރީ އިބްރާހިމް އައިމަން އާރިފާއި ކ. ތުލުސްދޫއަށް ނިސްބަތްވާ މުހައްމަދު ރިފާސް އަބްދުއްރައްޒާގާ އެކު ހަތަރުވަނަ ހީޓްގަ އެވެ. ހީތް ފަސައިގެން ޖައިލަމް ދުއްވާލި ފުރަތަމަ ރާޅަށް ވެސް ވަނީ 7.33 ގެ ސްކޯއެއް ހޯދައިފަ އެވެ. މިއީ އެއް ރާޅަށް އިއްޔެގެ ހީޓްތަކުން ލިބުނު އެންމެ މަތީ މާކުހެވެ.

ޖުމްލަ ފަސް ރާޅާ އަޅައިގެން، ވަރުގަދަ ދެ ސްކޯއާ އެކު ޖައިލަމް މި ހީޓްގެ އެއްވަނަ ހޯދީ 14.16 ޕޮއިންޓް ހޯދައިގެންނެވެ. އޭނާގެ ދެވަނައަށް އެންމެ ރަނގަޅު ރާޅަށް ވަނީ 6.83 ޕޮއިންޓް ލިބިފަ އެވެ.

ހީޓް ކާމިޔާބު ކުރުމަށް ފަހު ޖައިލަމް ބުނީ، ރާޅުގެ ކޮންޑިޝަނަށް ބަލައި، ފުރަތަމަ ރާޅުން ވެސް ރަނގަޅު ސްކޯއެއް ލިބުމުން ހިތްހަމަޖެހުމެއް ލިބުނު ކަމަށާއި، ދެން ވެސް އޭނާ މަޑުކުރީ ރަނގަޅު ރާޅެއް ލިބެންދެން ކަމަށެވެ.

ޖައިލަމް އާއި މި ހީޓްގެ ދެވަނައަށް ދިޔަ ކ. ގުޅީ އައިމަން އަށް ވަނީ ތިންވަނަ ބުރުގެ ސީދާ ޖާގައެއް ލިބިފަ އެވެ.

ހީޓު 3 ގައި ވާދަކުރި ގދ. ވާދޫ، ޖީހާން އަހުމަދު (ޖީއްކޮ) ވަނީ 10.60 ޕޮއިންޓް ސްކޯ ކޮށްގެން މި ހީޓްގެ އެއްވަނަ ހޯދައިފަ އެވެ. ދެވަނަ ލިބުނީ ކ. ތުލުސްދޫއަށް ނިސްބަތްވާ މުހައްމަދު ނުސްރަތަށެވެ. ނުސްރަތު ވަނީ 5.34 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

ގައުމީ ރޭންކިންގެ އެއްވަނައިގައި އޮތް ގދ. ގައްދޫ، ނަޖާހު މުހައްމަދު (ކަނބޯ) ވަނީ މި ބުރުގެ ފުރަތަމަ ހީޓްގައި ވާދަކޮށް، 10.53 ޕޮއިންޓް ހޯދައިގެން ހީޓްގެ އެއްވަނަ ހޯދައިފަ އެވެ. ނަޖާހު މުޅިއަކު ދެ ރާޅު އެޅިއިރު، ފުރަތަމަ ރާޅަށް ވަނީ 6 ޕޮއިންޓް ހޯދައިފަ އެވެ. އަދި ދެވަނަ ރާޅަށް 4.53 ޕޮއިންޓް ހޯދި އެވެ.

ނަޖާހް އާއެކު ފުރަތަމަ ހީޓުން، ތިންވަނަ ބުރުގެ ސީދާ ޖާގައެއް ހޯދީ މެއި މަހު މ. މުލީގައި ބޭއްވި "މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދި އެރަށު ޝާނިފް ޝަފީގް އެވެ. ޝާނިފް ވަނީ ތިން ރާޅާ އަޅައި، ޖުމްލަ 8.64 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އެންމެ ރަނގަޅަށް ސްކޯ ކުރީ ފުރަތަމަ ދެ ރާޅުންނެވެ. ޝާނިފްގެ ފުރަތަމަ ރާޅަށް 4.17 ޕޮއިންޓް ލިބުނު އިރު، ދެވަނަ ރާޅަށް 4.47 ޕޮއިންޓް ސްކޯ ކުރި އެވެ.

ޝާނިފްގެ އިތުރުން މި ހީޓްގައި މާލެއަށް ނިސްބަތްވާ މުހައްމަދު ޒަޔާން (ޗޮއްޕު) ވެސް ވާދަކުރި އެވެ. ޗޮއްޕު އަށް ލިބުނީ 5.74 ޕޮއިންޓެވެ. ޝާނިފް އާއި ޗޮއްޕު އަކީ ޖޫނިއާ ކެޓެގަރީގައި ވެސް ވާދަކުރާ ދެ ސާފަރުންނެވެ. މި ހީޓްގެ ހަތަރުވަނައިގައި ނިންމީ މުޅިން އަލަށް ދިވެހި ލީގުގައި ވާދަކުރާ އިބްރާހިމް ރިއްފަތެވެ. މާލެ އަށް ނިސްބަތްވާ ރިއްފަތަށް ވަނީ 3.84 ޕޮއިންޓް ލިބިފަ އެވެ.

ދެވަނަ ހީޓުގައި 8.50 ޕޮއިންޓް ސްކޯ ކޮށްގެން ހީޓް ކާމިޔާބުކުރީ ކ. ހިންމަފުށްޓަށް ނިސްބަތްވާ މުހައްމަދު އަތޫފް އެވެ. ދެވަނައަށް ދިޔައީ ނ. ޅޮހީ ރާޅާއެޅުންތެރިއެއް ކަމަށްވާ މުހައްމަދު ޝުހާދެވެ. ޝުހާދަށް ސްކޯ ކުރެވުނީ 1.84 ޕޮއިންޓެވެ.

މިއަހަރުގެ ސާފް ލީގުގެ ފުރަތަމަ މުބާރާތް؛ ގދ. ގައްދޫގައި ބޭއްވި "ކަޅެގަލެކޮޑާ" ގެ ޖޫނިއާ ޗެމްޕިއަން ޝަރޫފް ޝާއިރު ވަނީ ހަވަނަ ހީޓުގައި ވާދަކޮށް 8.30 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބު ކޮށްފަ އެވެ. މި ހީޓްގެ ދެވަނައަށް ދިޔައީ ހަސަން ނާސިހު އެވެ. ނާސިހު ވަނީ 7.66 ޕޮއިންޓެވެ.

އެންމެ ފަހުން ބޭއްވި މުލީކޮޅު ރާޅުގަނޑުގެ ޗެމްޕިއަން އަހުމަދު އާގިލް (އަންމަޑޭ) ވާދަކުރީ މ. މުއްޔަށް ނިސްބަތްވާ އައިހަމް އަދުނާން އާއި، މުޅިން އަލަށް ވާދަކުރާ ނ. ޅޮހީ، މުހައްމަދު ޒަޔާން އާއެކު ހަތްވަނަ ހީޓްގަ އެވެ. ގައުމީ ރޭންކިންގެ ދެވަނައިގައި މިވަގުތު އޮތް އަންމަޑޭ ހީޓްގެ އެއްވަނަ ހޯދީ 7 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔަ އައިހަމް އަދުނާން ޖުލްމަ ދެ ރާޅު އަޅައިގެން 4.30 ހަމަކުރި އިރު، ތިންވަނައިގައި ނިންމި ޒަޔާޏް އެޅި ހަމައެކަނި ރާޅަށް ލިބުނީ 0.37 ޕޮއިންޓެވެ.

ގައުމީ ރޭންކިންގެ ހަތަރު ވަނައިގައި އޮތް އިސްމާއިލް ރަޝީދު (ސްމައިލީ) އާއި ފަސްވަނައިގައި އޮތް ހޫދު އަހުމަދު (ހޫބްސް) މި މުބާރާތުގައި ވާދަ ނުކުރާތީވެ، ރަނގަޅު ކާމިޔާބީއަކާ އެކު ރޭންކިންގެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެންމެ ބޮޑީ މިވަގުތު ހަވަނައިގައި އޮތް ޖިނާން އަހުމަދު (ޖިނޫ) އަށެވެ.

ގދ. ވާދުއަށް ނިސްބަތްވާ ޖިނޫ ވާދަކުރީ، މާލެއަށް ނިސްބަތްވާ އަބްދުﷲ އަރުޝަދު (އަރޫ ރޯސް) އާއެކު ފަސްވަނަ ހީޓްގަ އެވެ. ޖިނޫ ލީޑުގައި އޮވެ ހީޓް ކާމިޔާބުކުރަން ދަނިކޮށް އަރުޝަދު ކުރިހޯދީ ހީޓް ނިމެނިކޮށް ލިބުނު ރާޅެއްގައި 4 ޕޮއިންޓް ހޯދައިގެން، ޖިނޫ އަށް ވުރެ ޖުމްލަ 0.2 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ދެ އެތުލީޓުން ވެސް 25 މިނިޓުގެ މި ހީޓުގައި ނުވަ ރާޅު ދުއްވާލިއިރު، ޖިނޫގެ އެންމެ ރަނގަޅު ދެ ރާޅަށް 4.50 އަކާއި 3.23 ޕޮއިންޓާ އެކު ޖުމްލަ 7.73 ޕޮއިންޓް ލިބުނެވެ. އަރުޝަދު ވަނީ ޖުމްލަ 7.93 ޕޮއިންޓް ހަމަކޮށްފަ އެވެ.

ހީޓް ނިންމާލުމަށް ފަހު އަރުޝަދު ބުނީ، ރާޅުގެ ކޮންޑިޝަން ޗެލެންޖިން ކަމަށެވެ. އެކަމަކުވެސް ރަނގަޅު ރާޅެއް ލިބިގެން ރަނގަޅު ސްކޯއެއް ކުރެވޭނެކަމުގެ އިތުބާރު ހީޓް ނިމެންދެން ވެސް ގެއްލުވާނުލާކަމަށް އޭނާ ބުންޏެވެ.

މި ބުރުގެ ފަހު ހީޓުގައި ވާދަކުރީ އާދަމް މުއީން އިބްރާހިމް އަދި ހަސަން މުހައްމަދެވެ. ފުވައްމުލަކަށް ނިސްބަތްވާ ހަސަން މުހައްމަދާ ވާދަކޮށް ހީޓްގެ އެއްވަނަ ހޯދީ، ގައުމީ ރޭންކިންގެ 10 ވަނައިގައި އޮތް މުއީން އެވެ. ކ. ތުލުސްދޫއަށް ނިސްބަތްވާ މުއީންގެ އެންމެ ރަނގަޅު ދެ ރާޅަށް ހޯދި 2.83 ޕޮއިންޓާއި 6.67 ޕޮއިންޓާ އެކު އޭނާ ވަނީ ޖުމްލަ 9.50 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ހަސަން މުހައްމަދުގެ ޖުމްލަ ސްކޯ އަކީ 5.26 އެވެ.

ފުރަތަމަ ބުރުގެ އަށް ހީޓުގެ ތެރެއިން ކޮންމެ ހީޓަކުން އެންމެ ރަނގަޅަށް ސްކޯ ކުރި ދެ އެތުލީޓުންނަށް ތިންވަނަ ބުރުގެ ސީދާ ޖާގައެއް ލިބިފައި ވާއިރު، ދެން ތިބި ބައިވެރިންނަށް މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދަން، ރެޕޯ ރައުންޑުގައި ވާދަ ކުރާނެ އެވެ.