Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޝާނިފް، އޯޕަން ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި

ޖޫނިއާ ޗެމްޕިއަން ޝާނިފް، އޯޕަން ޑިވިޝަނުގެ ކުއާޓާ ފައިނަލަށް

05 ޖުލައި 2022

މިދިޔަ މެއި މަހު މ. މުލީގައި ބޭއްވި "މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަން، ޝާނިފް ޝަފީގް، ރ. ކިނޮޅަހުގައި މިހާރު ކުރިއަށްދާ "ހުރާކޮޅު ރާޅުގަނޑު" ގައި ފިރިހެން އޯޕަން ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިދިޔަ މެއި މަހު މ. މުލީގައި ބޭއްވި "މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ ބައިގެ ޗެމްޕިއަން، ޝާނިފް ޝަފީގް، ރ. ކިނޮޅަހުގައި މިހާރު ކުރިއަށްދާ "ހުރާކޮޅު ރާޅުގަނޑު" ގައި ފިރިހެން އޯޕަން ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ އެމްޓީސީސީ ދިވެހި ސާފް ލީގު ޓުއާގެ ތިންވަނަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ، ހަވަނަ ބުރުގައި މުހައްމަދު ޒަޔާން (ޗޮއްޕު) ބަލިކޮށްފަ އެވެ. ޝާނިފް އާއި ޒަޔާން އަކީ ޖޫނިއާ ބައިގައި ވެސް ވާދަކުރަމުން އަންނަ ދެ އެތުލީޓުންނެވެ.

ޒަޔާންއާ ވާދަކޮށް ޝާނިފް ވަނީ 10.17 ޕޮއިންޓް ހޯދައިފަ އެވެ. ޝާނިފްގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ ހަ ޕޮއިންޓާއި، 4.17 ޕޮއިންޓެވެ. އެއީ ފުރަތަމަ ރާޅާއި ހަތަރުވަނަ ރާޅުގަ އެވެ. ޒަޔާންގެ ފަސްވަނަ ރާޅާއި ހަވަނަ ރާޅަށް ހޯދި ޕޮއިންޓުތަކާ އެކު ހަމަކުރެވުނީ 8.37 ޕޮއިންޓެވެ.

އޭގެ ކުރީ ހީޓުގައި ޝާނިފް ވަނީ، ރޭންކިން އަށްވަނައިގައި އޮތް ކ. ތުލުސްދޫ ހަސަން ނާސިހު (ޕެލޭ) އަދި 2019 ވަނަ އަހަރުގެ ރަންނަމާރި ޗެލެންޖާއި ގައްދޫ ޕްރޯ 2020 ގެ ޖޫނިއާ ބައިން ދެވަނަ ހޯދި މ. މުލީގެ އައިހަމް އަދުނާނާ ވާދަކޮށް ޖުމްލަ 10.66 ޕޮއިންޓް ހޯދައިފަ އެވެ. އޭނާ ހީޓް ކާމިޔާބުކުރީ ފަހު ރާޅުގައި 6.83 ޕޮއިންޓް ސްކޯ ކޮށްގެންނެވެ.

ޖުއާޓާ ފައިނަލުގެ ދެވަނަ ހީޓުގެ އެތުލީޓުން، (ކ-ވ) ޖިނާން، ޝާނިފް، އަރުޝަދު.-- ފޮޓޯ: އެމްއެސްއޭ

ޖުއާޓާ ފައިނަލުގެ ދެވަނަ ހީޓުގެ އެތުލީޓުން، (ކ-ވ) ޖިނާން، ޝާނިފް، އަރުޝަދު.-- ފޮޓޯ: އެމްއެސްއޭ

ކުއާޓާ ފައިނަލަށް ހަ ސާފަރުން ހޮވިފައި ވާއިރު، ދެ ހީޓެއް ކުރިއަށް ދާނެ އެވެ. ޝާނިފް އާއެކު ކުއާޓާގެ ދެވަނަ ހީޓުގައި ވާދަކުރާނީ، މުޅިން އަލަށް ކުއާޓާ ފައިނަލަށް ދަތުރުކުރި، ކ. މާލެ އަށް ނިސްބަތްވާ އަބްދުﷲ އަރުޝަދު (އަރޫ ރޯސް) އާއި، މިވަގުތު ގައުމީ ރޭންކިންގެ ހަވަނައިގައި އޮތް ޖިނާން އަހުމަދު (ޖިނޫ) އެވެ.

އަރުޝަދު ވަނީ ހަވަނަ ބުރުގައި އިބްރާހިމް އައިމަން އާރިފް އާ ވާދަކޮށް 4.84 ޕޮއިންޓުން މޮޅުވެފަ އެވެ. އަދި އޭނާ ވަނީ ފަސްވަނަ ބުރުގައި، ރޭޏްކޮންގެ ތިންވަނައިގައި އޮތް ގދ. ގައްދޫ ޖައިލަމް ނިޒާރާއި، މިދިޔަ އަގަރުގެ ގައުމީ މުބާރާތް، "ރަންނަމާރި ޗެލެންޖް" ގެ މާސްޓާސް ބައިގެ ރަނަރަޕް ހަސަން އަރީފު (ކައިރޭ) ފަހަތަށް ޖައްސާލައި ހީޓް ކާމިޔާބު ކޮށްފަ އެވެ.

ޖިނާން ކުއާޓާ ފައިނަލަށް ދިޔައީ ހަވަނަ ބުރުގެ ހީޓުގައި، މިއަހަރު ގދ. ގައްދޫ ގައި ބޭއްވި "ކަޅެގަލެކޮޑާ"ގެ ޖޫނިއާ ޗެމްޕިއަން ހޯދި، ކ. ގުރައިދޫގެ ޝަރޫފް ޝާއިރާ ވާދަކޮށް 1.2 ޕޮއިންޓުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. އޭގެ ކުރީ ހީޓު ޖިނާން ކާމިޔާބުކުރީ، ރޭންކިން 10 ވަނައިގައި އޮތް ކ. ތުލުސްދޫ އާދަމް މުއީން އިބްރާހިމް އަދި ހަސަން މުހައްމަދާ ވާދަކޮށެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގެ އެތުލީޓުން، (ކ-ވ) މުއީން، އަންމަޑޭ، ނަޖާހު.-- ފޮޓޯ: އެމްއެސްއޭ

ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގެ އެތުލީޓުން، (ކ-ވ) މުއީން، އަންމަޑޭ، ނަޖާހު.-- ފޮޓޯ: އެމްއެސްއޭ

ކުއާޓާގެ ފުރަތަމަ ހީޓުގައި ވާދަކުރާނީ، ރޭންކިންގެ އެއްވަނައިގައި އޮތް ގދ. ގައްދޫ ނަޖާހު މުހައްމަދު (ކަނބޯ) އާއި، މުލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކ. ތުލުސްދޫ އަހުމަދު އާގިލް (އަންމަޑޭ) އަދި އާދަމް މުއީން އިބްރާހިމް އެވެ.

ނަޖާހު ވަނީ ހަވަނަ ބުރުގައި، އޭނާއާ އެއް ރަށަކަށް ނިސްބަތްވާ ޖައިލަމްއާ ވާދަކޮށް 8.17 ޕޮއިންޓް ހޯދައިގެންނެވެ. ޖައިލަމަށް ލިބުނީ 4.90 ޕޮއިންޓެވެ. އޭގެ ކުރީ ހީޓުގައި ނަޖާހު ވަނީ އައިމަން އާއި އިބްރާހިމް ރިއްފަތާ ވާދަކޮށް 14.34 ޕޮއިންޓް ހޯދައިފަ އެވެ.

އަންމަޑޭ ކުއާޓާގެ ޖާގަ ޔަގީން ކުރީ، ހަވަނަ ބުރުގެ ހީޓުގައި އޭނާގެ ބޭބެ، ނާސިހު ބަލިކޮށްފަ އެވެ. އަންމަޑޭ އަށް 10.60 ޕޮއިންޓް ލިބުނު އިރު، ނާސިހަށް ލިބުނީ 5.80 ޕޮއިންޓެވެ. ފަސްވަނަ ބުރުގެ ހީޓު އަންމަޑޭ ކާމިޔާބު ކުރީ ޒަޔާން އާއި މުހައްމަދު ރިފާސް އަބްދުއްރައްޒާގާ ވާދަކޮށް 15 ޕޮއިންޓް ހޯދައިގެންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ހީޓެއްގައި އެތުލީޓަކު ހޯދި އެންމެ މަތީ ސްކޯ އެވެ.

ކުއާޓާ ފައިނަލުގެ ކޮންމެ ހީޓަކުން ވެސް އެންމެ އެންމެ ރަނގަޅަށް ސްކޯ ކުރާ ދެ އެތުލީޓެއް، ސެމީ ފައިނަލަށް ދަތުތު ކުރާނެ އެވެ.

ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި ވެސް ޝާނިފް ވާދަކުރާނެ

އެންމެ ފަހުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ޝާނިފް އާ އެކު، ޖޫނިއާ ކެޓެގަރީގެ ސެމީ ފައިނަލަށް ހަތަރު އެތުލީޓަކު ވަނީ ހޮވިފަ އެވެ. ސެމީގެ ފުރަތަމަ ހީޓުގައި ޝާނިފް ވާދަކުރާނީ މުހައްމަދު އިނާން އަބްދުލް ހަންނާނާ ދެކޮޅަށެވެ. އަދި ދެވަނަ ހީޓުގައި ވާދަކުރާނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ޒަޔާން އެވެ.

ޖޫނިއާ ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު އެތުލީޓުން، (ކ-ވ) ޒަޔާން، ކަޔާން، ޝާނިފް، އިނާން.-- ފޮޓޯ: އެމްއެސްއޭ

ޖޫނިއާ ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު އެތުލީޓުން، (ކ-ވ) ޒަޔާން، ކަޔާން، ޝާނިފް، އިނާން.-- ފޮޓޯ: އެމްއެސްއޭ

މިއަދު ކުރިއަށް ދިޔަ ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓްގެ އެއްވަނަ ހޯދީ، ޒަޔާން އާއި، ށ. ކަނޑިތީމަށް ނިސްބަތްވާ އިސްމާއިލް އާސިފްއާ ވާދަކޮށް 12.23 ޕޮއިންޓް ހޯދައިގެންނެވެ. އިނާން ވަނީ އޭނާގެ ފަހު ދެ ރާޅުގައި ހަ ޕޮއިންޓާއި 6.23 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައަށް ދިޔަ ޒަޔާން އަށް ލިބުނީ 11.83 އެވެ.

ޝާނިފް އަށް ވުރެ 0.5 ޕޮއިންޓުގެ ތަފާތުން ކުރި ހޯދައިގެން ކުއާޓާގެ ދެވަނަ ހީޓުގެ އެއްވަނަ ހޯދީ ކަޔާން އެވެ. ކަޔާން ވަނީ 8.33 ޕޮއިންޓް ހޯދައިފަ އެވެ. ޝާނިފް އަށް ލިބުނީ 7.83 ޕޮއިންޓެވެ. މި ހީޓްގެ ތިންވަނައިގައި ނިންމީ، ކަނޑިތީމަށް ނިސްބަތްވާ ރައުލް ނިޔާޒެވެ.

ގައްދޫ މުބާރާތުގެ ޖޫނިއާ ޗެމްޕިއަން ޝަރޫފް މުބާރާތުން ކެޓީ، ހަވަނަ ބުރުގެ ހީޓުގައި، ޒަޔާން އަދި ކަޔާންގެ ފަހަތުން، ތިންވަނައިގައި ނިންމަން ޖެހުމުންނެވެ.