Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ނަތާޝާ

ނަތާޝާ

31 އޯގަސްޓް 2022

އިޝާނަމާދު ވަގުތު ޖެހުނު އިރު ވެސް ނަތާޝާއަށް އިވެނީ މިޔުޒިކުގެ އަޑެވެ. އޭނަ އިނީ ކަންފަތަށް އިއަފޯނު ޖަހައިގެންނެވެ. ކެމެރާ ހުރީ ޖައްސައިފައެވެ. ކައިރީގައި، ތިން ކުލައިގެ ތިން ލިޕުސްޓިކު އޮތެވެ. އާންމުކޮށް މީހުން ތުންފަތުގައި ޖައްސަނީ ރަތުގެ ކޮންމެވެސް ކުލައެކެވެ. ނަތާޝާ ވެސް މެއެވެ. އެ ރޭ ނަތާޝާ އަޖުމަބަލައިލަން ބޭނުންވީ ސީދާ ކަޅުކުލައެވެ. ބެލުންތެރިންގެ ސަމާލުކަން އިތުރުކުރުމަށް ޓަކައެވެ. ގިނަ "ލައިކު" ހޯދުމަށް ޓަކައެވެ. ކަޅު ލިޕުސްޓިކު ތުންފަތުގައި ޖައްސައިލި ވަގުތު، ނަތާޝާއަށް އެހެން ހިޔާލެއް އައެވެ. ރިކޯޑުކުރުން ހުއްޓައިލިއެވެ. ތެދުވެގެން ގޮސް އަލަމާރި ހުޅުވައިލިއެވެ. ކޮނޑު ނެތް ހެދުމެއް ނެގިއެވެ. ހެދުން ބަދަލުކޮށްލިއެވެ. އަލުން އިށީނދެ، ދެ ކޮނޑުން ތަންކޮޅެއް އަރާ ވަރުގެ ޝޮޓެއް ހެދިއެވެ. އެ ޝޮޓުގައި ހީވަނީ ނަތާޝާ ހެދުމެއް ނުލައި އިންހެންނެވެ.

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

އިޝާނަމާދު ވަގުތު ޖެހުނު އިރު ވެސް ނަތާޝާއަށް އިވެނީ މިޔުޒިކުގެ އަޑެވެ. އޭނަ އިނީ ކަންފަތަށް އިއަފޯނު ޖަހައިގެންނެވެ. ކެމެރާ ހުރީ ޖައްސައިފައެވެ. ކައިރީގައި، ތިން ކުލައިގެ ތިން ލިޕުސްޓިކު އޮތެވެ. އާންމުކޮށް މީހުން ތުންފަތުގައި ޖައްސަނީ ރަތުގެ ކޮންމެވެސް ކުލައެކެވެ. ނަތާޝާ ވެސް މެއެވެ. އެ ރޭ ނަތާޝާ އަޖުމަބަލައިލަން ބޭނުންވީ ސީދާ ކަޅުކުލައެވެ. ބެލުންތެރިންގެ ސަމާލުކަން އިތުރުކުރުމަށް ޓަކައެވެ. ގިނަ "ލައިކު" ހޯދުމަށް ޓަކައެވެ. ކަޅު ލިޕުސްޓިކު ތުންފަތުގައި ޖައްސައިލި ވަގުތު، ނަތާޝާއަށް އެހެން ހިޔާލެއް އައެވެ. ރިކޯޑުކުރުން ހުއްޓައިލިއެވެ. ތެދުވެގެން ގޮސް އަލަމާރި ހުޅުވައިލިއެވެ. ކޮނޑު ނެތް ހެދުމެއް ނެގިއެވެ. ހެދުން ބަދަލުކޮށްލިއެވެ. އަލުން އިށީނދެ، ދެ ކޮނޑުން ތަންކޮޅެއް އަރާ ވަރުގެ ޝޮޓެއް ހެދިއެވެ. އެ ޝޮޓުގައި ހީވަނީ ނަތާޝާ ހެދުމެއް ނުލައި އިންހެންނެވެ.

"ހުންނާނެ ފޯރި." ހިތާހިތުން ނަތާޝާ ބުނެލިއެވެ.

"ނަތާ ވިތު ބުލެކް ޝޭޑް" ވީޑިޔޯއަކީ، އެހައި ތަނަށް އެންމެ ގިނަ ލައިކު ލިބުނު ވީޑިޔޯއެވެ. އެއް ގަޑިއިރު ތެރޭގައި އެއް ހާހަށް ވުރެ ގިނަ ލައިކު ލިބުނެވެ. އެ ފަދަ ވީޑިޔޯ ގިނަކުރުމަށް މީހުން އެދުނެވެ. ފޯނަށް މެސެޖުއަންނަން ފެށިއެވެ. މުނިފޫހިފިލުވުމުގެ ދާއިރާއަކީ، އުމުރުން ނަވާރަ އަހަރުގެ ނަތާޝާ އެންމެ ޝައުގުވެރިވާ ދާއިރާއެވެ. އޭނާގެ ހުވަފެނަކީ، މަޝްހޫރުވުމެވެ. އެ ފަންނުގައި ވީހައި ވެސް އުހަށް އެރުމެވެ. ޑުރާމާއާއި ލަވަކުޅެގެންނެވެ. ކެމެރާ ކުރިމަތީގައާއި އިސްޓޭޖުގައި ނަށައިގެންނެވެ. ނަތާޝާގެ މުދައްރިސަކީ ޔޫޓިއުބެވެ. ހިތްވަރަކީ ސަޕޯޓަރުންނެވެ. ދުނިޔެއަކީ ޔޫޓިއުބާއި އިންސްޓަގުރާމެވެ. އެފްބީއާއި ޓިކުޓޮކެވެ. ނަތާޝާގެ ނަޒަރުގައި، ބެލުންތެރިންގެ ހިތްއަތުލެވޭ ކަހަލަ ސިފަޔަކާއި ހުނަރެއް އޭނަގެ ކިބައިގައި އެބަ ހުއްޓެވެ. ހަމަ އެކަނި ބޭނުންވަނީ ރަނގަޅު ފުރުސަތެކެވެ. ނަތާޝާ ހުރީ، ހުނަރުގެ ބައްތެލި ގާދޫކޮލުން ނެރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

"ކިހިނެއްވެފަ ތި އޮންނަނީ؟" މައުސޫމާ ސުވާލުކުރިއެވެ.

މައުސޫމާއަކީ ނަތާޝާގެ މަންމައެވެ. އެ ސުވާލުކުރި އިރު ވެސް ފިރިމީހާ ފިކުރު ބޮޑުވެފައި އޮތީ ކީއްވެގެންކަން މައުސޫމާއަށް ރަނގަޅަށް އެނގެއެވެ. މައުސޫމާއަށް ސަބަބު އެނގޭނެކަން ހަލީމަށް ވެސް އެނގެއެވެ. އެ މަންޒަރު މައުސޫމާއަށް އާ ނުވާނެތީއެވެ. އެ ވާހަކައަކީ ދެކެވި ބާވެފައިވާ ވާހަކައަށް ވީތީއެވެ. އެ ކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ނުޖެހޭ ދުވަހެއް ނާދެއެވެ.

"މައުސޫމާ އަޅެ އޭނައަށް ވިސްނައިދީބަލަ!" ހަލީމު ބުންޏެވެ. "މިއަދު ވެސް އޮފީހުގެ ޒުވާން ފުރައިގެ ކުދިންތައް ހީވަނީ އެހެން ފަދަ ކަމެއްހެން. އަހަންނަށް އިވޭ ހިސާބުގަ އެހެރަ ދައްކާ ގޮތް ކުޑަ ވާހަކަ ކިހިނެއް އަހަރެން އަޑުއަހާނީ؟ މައުސޫމާއަށް ވެސް އެއް ދުވަހު މި ކަހަލަ ކަމަކާ ކުރިމަތިލާން ޖެހުނީމަ އެނގޭނީ."

"އެ މީހުންނާ ދިމާއަށް ހަޅޭއްލަވައިގެންބަލަ!" މައުސޫމާ ބުންޏެވެ. "ތީ އޮފީހުގެ ވެރިޔެއްނު!"

ދެމަފިރިންގެ ހިޔާލު ތަފާތުވާ ހިސާބަކީ އެއީއެވެ. މައުސޫމާ އަބަދު ވެސް ބޭނުންވަނީ އެހެން މީހުންގެ ލޮލާއި ކަންފަތުގައި އަތްއަޅާށެވެ.

"ހަޅޭއްލަވައިގަނެވިދާނެ. އޮފީހުން ކަނޑާ ވެސް ލެވިދާނެ،" ހިތްހަމަނުޖެހިފައި ހަލީމު ބުންޏެވެ. "ހީވޭތަ މައްސަލަ ހައްލުވާނެހެން؟ މާ ރަނގަޅެއްނު އަހަރުމެންގެ ދަރިފުޅަށް ވިސްނައިދިނިއްޔާ! އެންމެ ރަނގަޅު. މައުސޫމާ އެ ވާހަކަދެއްކީމަ މައުސޫމާ ދެކެ ނަތާޝާ ރުޅިއަންނަނީ. އެ ކަމާ މައުސޫމާ ދެރަވަނީ. އަހަންނަށް ހުއްދަދީބަލަ! ފުރަތަމަ ދޭނީ ނަސޭހަތް. ދެން ފޯނު ފުނޑާލާނީ. ކޮޓަރީގެ ބޭރުން ތަޅެއް ހަރުކުރާނީ. އެއް ދުވަސް ތެރޭ ހަމައަކަށްއަޅުވާލާނަން."

މައުސޫމާ ރޯން ފެށިއެވެ. ހުރި ހަމަ އެކަނި ދަރިފުޅު ހިތުގަޖައްސާކަށް މައިލަގޮނޑިއަކަށް ކެތެއް ނުވެއެވެ. ނަތާޝާ ކުރާ ހުރިހާ ކަމެއް މައުސޫމާއަކަށް ވެސް ރަނގަޅެއް ނޫނެވެ. އެތައް ފަހަރަކު ނަސޭހަތްދީފިއެވެ. ނަތާޝާ އަޑެއްނޭހިއެވެ. ގަދަބާރުން އެ ކަން ހުއްޓުވާކަށް މައުސޫމާއަކަށް ނުކެރެއެވެ. ދަރިފުޅު ދެކެ ވާ ކަނު ލޯތްބެއްގެ ސަބަބުންނެވެ. ނަތާޝާ ބޮޑުވަމުންއައި އިރު ގާތުގައި ހުރީ މައުސޫމާއެވެ. ހަލީމު ގިނަ ވަގުތު އުޅުނީ އޮފީހާއި ފިހާރައިގައެވެ. އާމުދަނީ ހޯދުމުގައެވެ. މުދާ ހޯދަން ރާއްޖެއިން ބޭރަށް ވެސް ދެއެވެ. ނަތާޝާޔާ ބޮޑަށް ތަތްވެފައި ހުރީ މަންމައެވެ.

ނަތާޝާއަކީ ވަރަށް ރީތި ކުއްޖެކެވެ. އިސްކޮޅާއި ރޫފައެވެ. ހަރަކާތްތަކާއި އަޑެވެ. އޭނަ ދެކެ ރުޅިއަންނަ އެއް ބަޔަކީ، މީހުންގެ އަނބިންނެވެ. ފިރިންގެ ހުވަފެންތަކަށް ދާންދެން ނަތާޝާ ވެރިވެފައިވާތީއެވެ. ނަތާޝާ އިސްތިހާރު ކުޅެއެވެ. އެކި އިސްތިހާރުތަކަށް ފޮޓޯނަގައެވެ. މާލޭގެ އެކި ހިސާބުތަކުގައި ނަތާޝާގެ ބޮޑެތި ފޮޓޯތައް ހަރުކޮށްފައި ހުރެއެވެ. ދުވާލާއި ރޭގަނޑު ވެސް ދުރަށް ފެންނަ ގޮތަށެވެ. ބައެއް ފޮޓޯތަކުގައި ނަތާޝާގެ ނިވާކަން ހުންނަނީ، ހުއްދަ ދޭ އެންމެ ކުޑަ މިންވަރަށެވެ. އެއީ ޓުރާންސްޕޯޓު މިނިސްޓަރުގެ ބޮލުން އިސްތަށި މަދުވާ އެއް ސަބަބަކަށް އޮތީ ވެފައެވެ. ޕޯސްޓަރުތަކަށް ބަލަން ހަދައިގެން މީހުން އެކުސިޑެންޓުވާތީއެވެ. ޓުރެފިކު ފުލުހުންގެ ޖީބުގައި ޕެނަޑޯލު ގެންގުޅެން ޖެހެނީ ވެސް ނަތާޝާޔާ ހެދިއެވެ. ބާރުބޮޑު މަގުތަކުގައި ސައިކަލު ހުއްޓައިގެން މީހުން ޕޯސްޓަރަށް ބަލަން ތިބޭތީއެވެ. ކޮންމެ ފިރިޔަކު ދުއްވާ ސައިކަލެއްގެ ފަހަތުގައި އަނބިމީހާ ބޭންދުން ނޫން ގޮތެއް ނެތެވެ.

ނަތާޝާ މަދުމަދުން ނަމަވެސް ލަވަކިޔައެވެ. އޭނަގެ އަޑު ރީތިވެފައި އަސަރުގަދައެވެ. ކަޅިރަވަ ތޫނެވެ. ބަލައިލުން ވިހަ ގަދައެވެ. ނަތާޝާ ދެކެ ލޯބިވާ ހަތްދިހަ ފަސް ހާސް ސަޕޯޓަރުން ތިބި އިރު، ރުޅިއަންނަ ބަޔަކު ވެސް ތިބޭނެކަމީ ހަގީގަތެކެވެ. އަތްފޯރާ ފަށުގައި ހުންނަ ނަތާޝާގެ ފޮޓޯތައް ހުންނަނީ ވީދާފައެވެ. ކަޅުތެޔޮޖަހައިފައެވެ. މީސްމީޑިޔާގެ ބައެއް ކޮމެންޓުތަކުގައި، އައުރަ ނިވާކުރުމަށް ނަސޭހަތްދީފައި ހުންނަ އިރު، މަރުގެ އިންޒާރުދީފައި ވެސް ހުރެއެވެ. ބިރުގަންނަ ކަހަލަ ބަހުރުވަ ހުރެއެވެ. މައިންބަފައިން އެ ކަމާ ކަންބޮޑުވެއެވެ. އެހެނަސް ނަތާޝާއަކީ ބިރުކުޑަ ކުއްޖެކެވެ. ނަފުރަތީ ކޮމެންޓުތަކަށް ރައްދު ނުދޭ ތަނުގައި، ފުހޭކަށް ވެސް އޭނަ ބޭނުމެއް ނޫނެވެ.

"ދަރިފުޅަށް މަގުދައްކާ! ނޫނީ ސަހަރާ ދައްކަންވީތަ؟" ހަލީމަށް އައި ކުރު މެސެޖުގައި އޮތީ އެހެންނެވެ.

ހަލީމުގެ ދެއަތް ހުރީ ބަނދެވިފައެވެ. ވީމާ، މާލޭގައި އަތްފުނާއަޅައިގެން ހެކަރެއް ހޯދިއެވެ. ގިނަ އަދަދެއްގެ ފައިސާދީގެން ނަތާޝާގެ ހުރިހާ އެކައުންޓެއް ނައްތާލިއެވެ. ނޫސްތަކުގައި އެ ވާހަކަ ޖެހިއެވެ. ނަތާޝާގެ އެކައުންޓުތައް ހެކުކުރި ވާހަކައެވެ. އެ ކަން ކުރީ ކާކުކަމެއް އެކަކަށް ވެސް ނޭނގެއެވެ. ހީ ވެސް ނުކުރާހައި ގިނަ މީހުން އެހީތެރިކަމުގެ ދޮރު ހުޅުވައިލިއެވެ. ފަނަރަ ދުވަސް ތެރޭގައި، އަލުން އެކައުންޓުތައް ހަދައި، ކުރީގައި ހުރި ހުރިހައި އެއްޗެއް އެކައުންޓަށް އެޅިއެވެ. ކުރިޔަށް ވުރެ ގިނަ މީހުންގެ ސަޕޯޓު ނަތާޝާއަށް ލިބުނެވެ. ހަލީމަށް ކުރެވުނުކަމަކުން ނަތާޝާ އިތުރަށް މަޝްހޫރުވުން ނޫންކަމެއް ނުވިއެވެ.

ވިޔަފާރިވެރިން ބޭނުންވަނީ ނަތާޝާގެ ހަށިގަނޑު ވިއްކާށެވެ. އެ ޖާދޫގައި މީހުން ޖައްސައިގެން މުދާ އިސްތިހާރުކުރާށެވެ. އެ ކަން ވަރަށް ކާމިޔާބެވެ. ނަތާޝާއަށް މަޝްހޫރުކަމާއި ފައިސާ ލިބެއެވެ. ތަރުހީބާއި ތައުރީފުލިބެއެވެ. ދެ ކޮޅަށް ވެސް، އެ ބަޔަކު ބޭނުންވާ މަގުސަދު ހާސިލުކުރެވޭތީ، އިމެއް ނެތި ވިޔަފާރި ދިޔައީ ކުރިޔަށެވެ. ނަތާޝާގެ އެއް ފޮޓޯއަށް ވުރެ އަނެއް ފޮޓޯ ޝައުގުވެރިއެވެ. ދަމާ ބާރު ގަދައެވެ. ހަލީމަކަށް ކެތެއް ނުކުރެވުނެވެ.

ނަތާޝާ މައިންބަފައިންގެ ކައިވެނި ނިމުމަކަށް އައެވެ. ސަބަބަކަށްވީ ނަތާޝާގެ ހޮބީއެވެ. މަޝްހޫރުވާން އޭނަ އިހުތިޔާރުކުރި މަގެވެ. ނަތާޝާއަށް މިނިވަންކަންދިނީ މައުސޫމާ ކަމުގައި ހަލީމު ތުހުމަތުކުރިއެވެ. އެހެންވާން ޖެހުނީ، އެންމެ މުހިންމު ދުވަސްތަކުގައި ދަރިފުޅު ގާތުގައި ބައްޕަ ނެތުމުންކަމަށް މައުސޫމާ ތުހުމަތުކުރިއެވެ. ކޮންމެ މީހަކު ވެސް ތުހުމަތުގެ ބޯޅަ ޖެހީ އަނެއް ކޮޅަށެވެ. އެ ވަރުން ވެސް ނަތާޝާއަކަށް ތިމާގެ ކުށެއް ގަބޫލެއް ނުކުރެވުނެވެ. މައިންބަފައިންގެ ކައިވެނި ރޫޅުނު ވާހަކަ އެފްބީގައި އިއުލާނުކޮށްލިއެވެ. ނަތާޝާ އެ ކަން ކުރީމައި، ބައެއް މީހުން ހައިރާންވިއެވެ. ބައެއް މީހުން ހިތާމަފާޅުކުރިއެވެ. ރުޅިއައި ބަޔަކު ވެސް ތިއްބެވެ.

މައުސޫމާ ވަރިކުރުމަށް ފަހު ހަލީމު ޖެހުނީ ގެއިން ނުކުންނާށެވެ. ހަލީމަކީ މާލޭގައި ގެދޮރު ހުރި މީހެކެވެ. އޭނަ ޖެހިލުމެއް ނުވިއެވެ. އަދި ދަމުން ވެސް މައުސޫމާއަށް ނަސޭހަތްދިނެވެ.

"އަހަރުމެންގެ ދަރިފުޅު ހުއްޓުވާ!" ހަލީމު ބުންޏެވެ. "ފަހު ފަހަރަށް މި ބުނަނީ. ފަހުން ހިތާމަކުރަން ޖެހިދާނެ."

"އަހަންނަކަށް ހިޔެއްނުވޭ އެ ކަމާ ހަލީމު ކަންބޮޑުވާހެނެއް،" ހިތްހަމަނުޖެހިފައި މައުސޫމާ ބުންޏެވެ. "ކަންބޮޑުވާ ނަމަ، މި ދަނޑިވަޅު އަހަރެންނަށް ތިހެނެއް ނަހަދާނެ. މައްސަލައެއް ނެތް! ހަލީމަށް ހުއްޓުނު ގޮތަކަށް ހުއްޓުވާ! އަހަންނަށް ހެޔޮ."

"ތަންކޮޅެއް ލަސްވީ!" ވިސްނައިލާފައި ހަލީމު ބުންޏެވެ.

ކުރިން ވެސް ހަލީމަކީ، ނަތާޝާ ކުރިމަތީގައި މާ ބަސްވިކޭ ބައްޕައެއް ނޫނެވެ. އެހެނަސް ބައްޕަ ގެއިން ދިޔުމުން މިނިވަންކަން ފުޅާވިކަމުގެ އިހުސާސް ނަތާޝާއަށް ކުރެވުނެވެ. ފިރިހެން ރައްޓެހިން ގެއަށް ގެންނަން ފެށިއެވެ. މައުސޫމާ ލޯމަރާލައިގެން ހުރީއެވެ. އެއްޗެއް ބުނެފިއްޔާ ނަތާޝާ ރުޅިއަންނާނެކަން އެނގެއެވެ. ފެންނަ މަންޒަރުތައް ނުފެންނަކަމަށް ހެދުން ނޫން ގޮތެއް މައުސޫމާއަކަށް ނެތެވެ. އެކަމަކު ނަތާޝާ ނިދީމައި ނޫނީ މައުސޫމާއެއް ނުނިދައެވެ.

ޖެހިގެންއައި މަހު ހަލީމު އެހެން ކައިވެންޏެއް ކުރިއެވެ. މައުސޫމާއަށް ވުރެ މާ ރީތި، ޒުވާން، މުއްސަނދި އަންބެއް ހޯދިއެވެ. އެއީ މައުސޫމާގެ ހިތަށް ގުޑުންއަަރައިގެންދިޔަ ޚަބަރެކެވެ. ޚަބަރު ގެނެސްދިނީ ނަތާޝާއެވެ. އޭރު މައުސޫމާ ހުރީ ބަދިގޭގައި އެއްޗެއް ކޮށާށެވެ. ހީވީ ދެފައިން ވާގިދިޔަހެންނެވެ. އަވަހަށް ގޮނޑިއެއްގައި އިށީނެވެ. އެހެން އިންނަން ވެސް އުނދަގޫވެގެން، އަތްދޮވެލައިގެން ގޮސް އެނދުގައި އޮށޯތެވެ. އެހީވާން ހުރި ހަމަ އެކަނި މީހަކީ ނަތާޝާއެވެ.

"ބައްޕައަށް ގުޅަން؟" ފޯނު ނަގަމުން ނަތާޝާ އެހިއެވެ.

"އުހުނ! ބައްޕައަށް އުނދަގޫވާނެ،" މައުސޫމާ އިންކާރުކުރިއެވެ. "ނުވެސް އަންގާތި! ދަރިފުޅު ތިހިރީނު."

ނަތާޝާގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. މަންމައަށް ކަންތައް ކޮށްދެމުން ނަތާޝާގެ ހުވަފެންތައް ހަގީގަތަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު އުފެދިފައި ހުއްޓައި ދެން އިވުނީ މާ ބިރުވެރި ވާހަކައެކެވެ.

"މިހާރު ތި ކުރާ ހުރިހާ ކަމެއް ހުއްޓާލާފަ ދަރިފުޅަށް މަންމަ ބެލޭނެތަ؟" ހިތާމަޔާ އެކުގައި މައުސޫމާ އެހިއެވެ.

ނުނިމޭ