Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ނަތާޝާ

ނަތާޝާ

04 ސެޕްޓެމްބަރ 2022

ބުދަ ދުވަހާ ގުޅޭ

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

ބުދަ ދުވަހާ ގުޅޭ

"މިހާރު ތި ކުރާ ހުރިހާ ކަމެއް ހުއްޓާލާފަ ދަރިފުޅަށް މަންމަ ބެލޭނެތަ؟" ހިތާމަޔާ އެކުގައި މައުސޫމާ އެހިއެވެ.

ނަތާޝާއަށް އާނއެކޭ ބުނެވުނަސް އެއީ ކުރަން ކިހައި އުނދަގޫކަމެއްކަން ނަތާޝާއަށް އެނގެއެވެ. އެއަށް ވުރެ، ނުކައި ހުންނަން ވެސް ނަތާޝާއަށް ފަސޭހައެވެ. އެކަމަކު މަންމަގެ ރުހުން ވެސް ނަތާޝާ ބޭނުމެވެ. ކުރިޔަށް ހުރި ހުރަސްތައް އުހެވެ. އެކަނި ގިރައެއް ނުކުރެވޭނެއެވެ. ކުރިޔަށްދިޔުމަށް ޓަކައި ނަތާޝާއަށް އޮތް ހަމަ އެކަނި ގޮތަކީ ފަހަތަށްޖެހިލުމެވެ.

"ދަރިފުޅަށް ނުބެލޭނެހެން ހީވަންޏާ ބިދޭސީއަކު ގެންނާނީ،" މައުސޫމާ މަޑުމަޑުން ބުނެލިއެވެ. "އެ ނޫން އެހެން ގޮތެއް..."

"އަހަންނަށް މަންމަ ބެލޭނެ." ނަތާޝާ އެއްބަސްވިއެވެ.

މައުސޫމާ އެ ފުރުސަތުގެ ބޭނުންހިފިއެވެ. ނަތާޝާ ފޯނުގަ އަތްލިޔަ ވެސް ނުދެއެވެ. ނިދަނީ ވެސް ނަތާޝާ މަގަތުގައި ބާއްވައިގެންނެވެ. ފުރަތަމަކޮޅު ނަތާޝާއަށް ވަރަށް އުނދަގޫވިއެވެ. ނުވެސް އެނގި ފޯނު ނެގެއެވެ. އޭނަ ހުރީ ފޯނަށް ދެވިހިފައިފައެވެ. ހަގީގަތުގައި ވެސް މައުސޫމާ ބައްޔެވެ. އެހެނަސް، ބައެއް ފަހަރު ޑުރާމާކުޅެލަން ޖެހުނެވެ. ވާ ވަރަށް ވުރެ ބޮޑުވަރު ދައްކަންޖެހެއެވެ. ނަތާޝާގެ މީސްމީޑިޔާ އެއްވެސް އެކައުންޓަކަށް އެއްޗެއް ނުލެވުމާއި، ސަޕޯޓަރުންނާ ގުޅުން ކުޑަވުމުން، މަގުބޫލުކަން ބޮލާއެޅިއެވެ. ތޮވާފުކުރާ މާބުރުތައް މަދުވިއެވެ. ނަތާޝާ އިތުރު ފޮޓޯއެއް ނުލާތީ މީހުން ސުވާލުކޮށް ޝަކުވާ ވެސް ކުރިއެވެ. އެ ހުރިހައި ކަމަކާ އެކުގައި ވެސް މަންމައަށް ހިތްވަރުދިނުމަށް ޓަކައި، ނަތާޝާ އޭނާގެ ދުނިޔެއާ ފެޔަށްޖެހިލިއެވެ. މަންމަ ހަމައަކަށްއެޅެންދެނެވެ. އެ އެއް އަހަރަކީ ނަތާޝާއަށް ވަރަށް އުނދަގޫ އަހަރެކެވެ. އެހެންނަމަވެސް، މަންމައަށް ޓަކައި ނަތާޝާ ކެތްކޮށްލައިގެން ހުރީއެވެ.

ނަތާޝާއަށް ހީވީ ނަތާޝާ ވެސް ބަލިވިހެންނެވެ. މޫނާއި އިސްތަށިގަނޑަށް ސަމާލުކަމެއް ނުދެވުނެވެ. ނިޔަފަތީގައި ކުލަޖެއްސުން ހުއްޓުނެވެ. ކަންނެތްވިއެވެ. ގަވައިދުން ހެދުން ބަދަލެއް ނުކުރެއެވެ. ފެންވެރެނީ ތިން ދުވަހުން އެއް ދުވަހުއެވެ. ހަލީމު ހީކުރީ ދަރިފުޅަށް ރަނގަޅު މަގު ފެނުނީކަމަށެވެ. ވެގެން އުޅޭ ގޮތް އޮޅުންފިލުވަން ހަލީމު މަސައްކަތްކުރިއެވެ. މައުސޫމާ އޮތީ އެ ވާހަކަ ކިޔައިދިނުން މަނާކޮށްފައެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެއްދުވަހު ނަތާޝާ އެޕާޓުމަންޓުގެ ދޮރު ހުޅުވައިލި އިރު، ދޮރުގެ އަތްގަނޑުގައި ކޮތަޅެއް އަޅުވައިފައި ހުއްޓެވެ. މީހަކު ފެންނާކަށް ނެތެވެ. އެއީ ކޮން އިރަކު އަޅުވާފައި ހުރި އެއްޗެއްކަމެއް ވެސް ނަތާޝާއަކަށް ނޭނގެއެވެ. ކޮތަޅު ހިފައިގެން އެތެރެއަށް ވަދެފައި ބަލައިލި އިރު އޭގަ އޮތީ ހިމަދިގު، ކުޑަ ޕާރުސަލެކެވެ. ފޮށި ވަރަށް ލުޔެވެ. ނަމެއް ޖަހައިފައެއް ނެތެވެ. ކަންފަތް ކައިރީގައި ފޮށި ތަޅުވައިލުމުން އެއްޗެއް ހެލޭ އަޑެއް ނީވެއެވެ. އެއީ ލޯބިވާ މީހަކު ފޮނުވާފައިވާ އެއްޗެއް ނޫންކަން ނަތާޝާއަށް އެނގުނެވެ. ޕާރުސަލުކޮށްފައި އޮތްލެއް ކަންފަސޭހަކަމުންނެވެ. ރަންދުކޮށްފައިވާ ކަރުދާހުގައި ޓޭޕުއެޅުމުގެ ބަދަލުގައި އޮޅާފައި އޮތީ ދެ ރަބަރުފަށެވެ. ނަތާޝާ ލަފާކުރި ގޮތުގައި އެ ވަރު ފޮށްޓެއް ތެރޭގައި އޮންނާނީ ގަލަމެކެވެ. ވަރަށް ފަރުވާތެރިކަމާ އެކުގައި ނަތާޝާ ފޮށި ހުޅުވައިލިއެވެ. ހިތް ހީވީ ލަގޮނޑީގައި ތާށިވިހެންނެވެ. ކަފަ ތަންމައްޗެއްގައި އޮތީ، ފަސްތަން ބަނދެފައިވާ ގަބުރެއް ގޮތަށް ފޮތިން ހަދާފައިވާ އެއްޗެކެވެ. ގަޔަށް ހުރީ އަފުނޯސްކަށި ހަރާފައެވެ. އެއް ކަށި ބޮލަށް ވެސް ހަރާފައި ހުއްޓެވެ. ފޮށި ދުރުގައި ބަހައްޓައިގެން، އެތައް އިރެއްވަންދެން ނަތާޝާ އެއަށް ބެލިއެވެ. އެއްވެސް ލިޔުމެއް ނެތެވެ. ކުރިން ނަމަ، ފޮޓޯއެއް ނަގައިފައި މީސްމީޑިޔާއަށް ލީހެވެ. ނަތާޝާ ހަނދާންވީ އިޔާދެވެ. އޭނައަކީ ރުގުޔާކުރާ މީހެކެވެ. މާ ގާތް ނޫނަސް އެކުވެރިއެކެވެ. ވައިބާއިން ފޮޓޯތައް ފޮނުވާލައިފައި ނަތާޝާ ގުޅިއެވެ.

"އެއީ ކޯޗެއް؟" ނަތާޝާ އެހިއެވެ.

"ސިހުރެއް ގޮތައް ދައްކާފަ އޮތް ފޭކްއެއްޗެއް،" އިޔާދު ބުންޏެވެ. "ބޮޑަށް ހީވަނީ ނަތާ ބިރުގަންނަވާލަން ކޮށްފަ އޮތްކަމެއްހެން. އަހަރެން ފޮނުވާނަން މީހަކު. އޭނަޔާ ހަވާލުކޮށްލާ! އެންމެ ރަނގަޅު ގޮތަކީ ރައްކާތެރިކޮށް ނައްތާލުން. އޭރުން ގެއްލުމެއް ނެތް."

"އެކަމަކު އެންމެ ގަދަޔަށް ޕޯސްޓުތައް ކުރި ދުވަހު ނުފޮނުވި އެއްޗެއް މި ދުވަސްވަރު ފޮނުވަންވީ ކީއްވެ؟" ނަތާޝާ ސުވާލުކުރިއެވެ. "އެންމެ ފަހުން އަހަރެން ޕޯސްޓެއް ކުރި ދުވަސް މިހާރު ހަނދާން ވެސް ނެތް."

އިޔާދު އެހެން ދިމާއަކުން ވެސް ވިސްނިއެވެ.

"ނަތާއަކީ ވަރަށް ކެރޭ ކުއްޖެއްނު،" އިޔާދު ބުންޏެވެ. "ވެދާނެ މާ ވަރުގަދަ ފޭނެއް ފޮނުވި އެއްޗަކަށް ވެސް. ބިރުނުގަތްކަމަށް ހެދެންވެގެން ނަތާ ކޮންމެވެސް ފޮޓޯއެއް ލާތޯ."

އެއީ ނަތާޝާ ކުރަން ބޭނުންވި ކަމެކެވެ. އެކަމަކު ކެތްކޮށްލައިގެން ހުރީއެވެ. އިތުރު ހާދިސާއެއް ނުހިނގައެވެ.

މައުސޫމާ ހަމައަކަށްއެޅުނީ އެގާރަ މަސް ފަހުންނެވެ. މަންމަގެ ޑިއުޓީން މިނިވަންވުމުން، އާ ހިތްވަރަކާ އެކުގައި ނަތާޝާ ފެށިއެވެ. ފިލްމާއި ޑުރާމާ އުފައްދާ ބަޔަކާ ގުޅުނެވެ. އިޝްތިހާރު ކުޅެދޭ އަގު ހެޔޮކޮށް، ބޮޑެތި ކުންފުނިތަކާ އެކު އެއްބަސްވުންތައް ހެދިއެވެ. ޝޫޓިންތަކަށް އެތަންމިތަނަށް ދަތުރުކުރަން ފެށިއެވެ. ރާއްޖޭގެ ރަށްރަށަށެވެ. ރާއްޖެއިން ބޭރަށެވެ. ރާއްޖޭގައި އުފައްދާ، ދުނިޔޭގެ މަޝްހޫރު ބުއިމެއްގެ އިޝްތިހާރު ނަގަން އެންޓާޓިކާއަށް ދިޔަ ފުރަތަމަ ދިވެއްސަކަށް ވެސް ނަތާޝާވިއެވެ. މަޝްހޫރު ވޯގް މެގެޒިންގެ ކަވަރަށް ނަތާޝާ އެރިއެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ. ހަމަ އެ ދަނޑިވަޅު، އަންނައުނު ފަރުމާކުރާ އެމެރިކާގެ މަޝްހޫރު މަރުކާއަކުން ވެސް ނަތާޝާއަށް ހުށައެޅުމެއް ލިބުނެވެ. އެއް އަހަރު ދުވަހު، ހަމަ އެކަނި އެ މީހުންގެ ހެދުންތައް އިޝްތިހާރުކޮށްދިނުމެވެ. އަގަކީ، ދުވާލަކަށް ފަސް ސަތޭކަ ޑޮލަރެވެ. އޭގެ އިތުރަށް، ހުންނާނެ ރީތި އެޕާޓުމަންޓަކާއި، ކެއުމުގެ ހަރަދާއި، ދަތުރު ހަރަދު ވެސް ލިބެއެވެ. އަހަރުދުވަސް ވަންދެން ނަތާޝާ ހުންނަންޖެހެނީ އެމެރިކާގައެވެ. އެއް އަހަރަށް ފަހު، ފަހަރެއްގައި އިތުރު އެއްބަސްވުމެއް ވެސް އެ މީހުން ހަދައިފާނެއެވެ. ނޫން ނަމަ ނިންމައިލާނެއެވެ.

ނަތާޝާ ގަސްތުކުރީ ފުރުސަތުގެ ބޭނުންހިފާށެވެ. އެމެރިކާއަށް ދާ އިރު މަންމަ ވެސް ގޮވައިގެން ދާށެވެ. މައުސޫމާ އެއްބަސްވިއެވެ. އެއް އަހަރުދުވަހު މަންމައަށް ކޮންދިން ހިދުމަތުގެ ބަދަލުގައި މަންމަ ވެސް ބޭނުންވީ ނަތާޝާއަށް އެހީވެރިވާށެވެ. ދަރިފުޅު އެކަނި އެހައި ދުރަށް ދިޔަދޭކަށް މައުސޫމާ ބޭނުމެއް ނޫނެވެ.

ނޫސްތަކުގެ ފަލަ ސުރުހީން ޖާގަހޯދަމުން ނަތާޝާ ފުރިއެވެ. އޭނަ ވަޒަންވެރިވީ އެމެރިކާގެ ދެކުނު ކެރޮލައިނާގައެވެ. އާ މާހައުލެކެވެ. އާ ވައްޓަފާޅިއެކެވެ. އިސާހިތަކު އާ އެކުވެރިންތަކެއް ނަތާޝާއަށް ލިބުނެވެ. އެއް އުމުރުގެ، ދެ ޖިންސުގެ އެކުވެރިންނެވެ. ކުރާ ހިތްވާ ކިތަންމެ ކަމެއް ހުއްޓަސް، އެމެރިކާގައި ހުރި ދުވަސްވަރު ނަތާޝާއަށް ކުރެވެން އޮތީ އެންމެ ކަމެކެވެ. ހެދުން އިޝްތިހާރުކުރުމެވެ. އެއްބަސްވުމުގައިވާ ގޮތުން، އެ މުއްދަތުގައި ނަތާޝާއަކަށް އެހެން ކަމެއް ނުކުރެވޭނެއެވެ. ވީމާ، ލަވަކިޔުމާއި ނެށުން މަޑުޖައްސައިލީއެވެ. އިތުރު ތަމުރީނު ހޯދައިގެން، މޮޑެލްކުރުމުގައި ކުރިޔަށްދިޔައީއެވެ. އެމެރިކާއަކީ، ބޭނުންވާ ކޮންމެ ގޮތަކަށް އުޅެވޭ ތަނެކެވެ. ނިވާވުމުގައި މިންގަނޑެއް ނުވަތަ ހައްދެއް އޮންނަ ތަނެއް ނޫނެވެ. ނަތާޝާއަކީ ކެރޭ ކުއްޖެކެވެ. އެމެރިކާގެ މާހައުލާއި ނަތާޝާގެ ބިރުކުޑަކަން ވެގެންދިޔައީ ވިހަ ރަހަފަތަކަަށެވެ.

ބައެއް ރޭރޭ ނަތާޝާ ގެއަށް އަންނަނީ ދަންވަރު އެކެއްޖަހާ ފަހުންނެވެ. މަސައްކަތު މާހަލުގައި، އެކި ގައުމުތަކުގެ މީހުންނާ ނަތާޝާ މަސްހުނިވާންޖެހެއެވެ. އެކި މީސްމީހުންނާ އެކުގައި، ރެސްޓޯރަންޓުތަކާއި އެޕާޓުމަންޓުތަކުގައި ވެސް ނަތާޝާ ވަގުތުހޭދަކުރެއެވެ. ނުބައި ނިޔަތެއްގައެއް ނޫނެވެ. އެއީ އެމެރިކާގެ އާދަކާދައެވެ. ކުރިއަރަން ބޭނުން ނަމަ، އިހުތިޔާރުކުރަން މަޖުބޫރުވާ މަގެވެ. މައުސޫމާއަކަށް ކަނޑެއްފަޅެއް ވެސް ނޭނގެއެވެ. އިވެނީ ނަތާޝާ ބުނާ އެއްޗެކެވެ. ފެންނަނީ ނަތާޝާ ދައްކާ މަންޒަރެކެވެ.

އާދަޔާހިލާފު ތަޖުރިބާއަކަށް ފަހު ނަތާޝާ މާލެއައެވެ. ކުރިޔަށް ވުރެ "މިނިވަންކޮށް" ދިރިއުޅެން ފެށިއެވެ. މުއްސަނދި، ގިނަ ބަޔެއްގެ ލޮލަށް އުނދަގޫވާ ކަހަލަ ދިރިއުޅުމެކެވެ. ނަތާޝާ ދިރިއުޅުނީ ހުޅުމާލޭގެ އަމިއްލަ ފުލެޓެއްގައެވެ. އުމުރު ދުވަހު ކަމެއް ނުކޮށް ގޭގައި ހުއްޓަސް ހުސްނުވާ ވަރަށް ފައިސާ ހުއްޓެވެ. އެހެންނަމަވެސް ނަތާޝާގެ ޝައުގުވެރިކަން ނަތާޝާގެ އަތަކުން ދުލެއްނުކުރިއެވެ. ކުދިކުދި ކުންފުނިތަކަށް ނަތާޝާ އިޝްތިހާރުކުޅެދޭން ފެށިއެވެ. ހިލޭސާބަހަށެވެ. ކުރާ ހިތްވާކަމަކަށް ވީތީއެވެ.

ނަތާޝާއާ ބައްދަލުކުރަން އެމެރިކާޔާ، އެހެން ގައުމުތަކުގެ އެކުވެރިން އާދެއެވެ. މާލޭގެ އެކުވެރިން ވެސް އާދެއެވެ. ފައިސާގެ ދަހިވެތިކަމުގައި އަންނަ ބަޔަކާއި، އެހެން ކަންކަމުގައި އަންނަ ދިވެހިން ވެސް މަދެއް ނޫނެވެ. އެޕާޓުމަންޓުގައި ޕާޓީބޭއްވުމާއި، ކަރޯކޭކިޔުމަކީ އާންމުކަމެކެވެ. އެ ކަމާ އުނދަގޫވާ ބަޔަކު ވެސް އުޅުނެވެ. ނަތާޝާގެ އެޕާޓުމަންޓު ހުންނަނީ މޫދާ ވަރަށް ކައިރީގައެވެ. ބޭރުގެ އެކުވެރިން އައުމުން، އެ މީހުންނާ އެކުގައި ނަތާޝާ މޫދަށްދެއެވެ. މޫދަށްއެރޭ ހެދުމުގައެވެ. އެ ކަމާ ނުރުހުނު ބަޔަކު ވެސް އުޅެއެވެ. ނަތާޝާ ވަރަށް މުއްސަންޖެވެ. ނަތާޝާއަށް އެންމެންނަކީ ވެސް އެކުވެރިންނެވެ. ހަޔާތުގެ ބައިވެރިއެއް ނެތެވެ. ހޯދާކަށް ނުވެސް ވިސްނައެވެ. ނަތާޝާ ބޭނުންވީ ފިކުރަކާ ނުލައި މަޖާކުރާށެވެ.

މައުސޫމާ އުމުރާއަށް ދާން ބޭނުންވިއެވެ. އެކުގައި ނަތާޝާ ގެންދަން ވެސް ބޭނުންވިއެވެ. ނަތާޝާ ޖެހުނީ ވިސްނާށެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. އުފެދުނީ އެންމެ ސުވާލެކެވެ. އުމުރާއަށް ގޮސްފައި އައިސް ބުރުގާއަޅަންޖެހޭނެ ހެއްޔެވެ؟ އޭރުން ދެން ނަތާޝާގެ ހުވަފެންތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ނަތާޝާ އެކުވެރިންނާ މަޝްވަރާކުރިއެވެ. އެއީ ނަތާޝާއަށް އެޅުނު ޅައެއްޗެކެވެ. ވަރަށް އަވަހަށް ރަށުތެރެއަށް އެ ޚަބަރު ފެތުރުނެވެ. ބައެއް ނޫސްތަކުގައި އެ ވާހަކަ ޖެހި ވެސް މެއެވެ. ނަތާޝާ އުމުރާއަށް ދާން އުޅޭ ވާހަކައާއި، އޭގެ ފަހުން ކެމެރާ ކުރިމައްޗަށް ނާރާނެ ވާހަކައެވެ. އެއީ ދޮގެކެވެ. ނަތާޝާ އެހެނެއް ނުބުނެއެވެ. ނޫސްތަކުގައި ސުރުހީ ޖެހީ މި ގޮތަށެވެ.

"އުމުރާއަށް ފަހު ނަތާޝާ ކެމެރާ ކުރިމައްޗަކަށް ނާރާނެ؟"

ދިވެހިންނަކީ އަޖައިބު ގޮތަކަށް ނޫސްކިޔާ ބަޔެކެވެ. ގިނަ ފަހަރަށް ކިޔާނީ ސުރުހީ އެކަންޏެވެ. ދެން ކޮމެންޓުތަކެވެ. އެއަށް ފަހު ކޮމެންޓެއް ކޮށްލީމައި ޚަބަރު ކިޔުނީއެވެ. ނަތާޝާގެ ޚަބަރަށް ވެސް ދިމާވީ އެ ކަހަލަ ގޮތެކެވެ. ހަގީގަތުގައި އުމުރާއަށް ދިޔައީ މައުސޫމާއެވެ. ނަތާޝާއެއް ނުދެއެވެ. ފުރަން ދަމުން ވެސް މައުސޫމާ ދިޔައީ ދަރިފުޅަށް ވަރަށް ނަސޭހަތްދީފައެވެ. އެއީ ނަތާޝާއަށް ދެވޭ އެންމެ ފަހު ނަސޭހަތަށް ވެދާނެކަމަކަށް މައުސޫމާ ހިއެއް ނުކުރެއެވެ.

ނުނިމޭ