Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ނަތާޝާ

ނަތާޝާ

07 ސެޕްޓެމްބަރ 2022

އާދިއްތަ ދުވަހާ ގުޅޭ

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

އާދިއްތަ ދުވަހާ ގުޅޭ

އެއީ ނަތާޝާއަށް ދެވޭ އެންމެ ފަހު ނަސޭހަތަށް ވެދާނެކަމަކަށް މައުސޫމާ ހިއެއް ނުކުރެއެވެ. ނަތާޝާ ވަށައިގެން ތޮވާފުކުރާ މީހުން ހާހުން ގުނައިލެވޭ އިރު، ރުޅިއަންނަ މީހުންގެ އަދަދެއް އެކަކަށް ވެސް ނޭނގެއެވެ. މީހުން ހީކުރެއެވެ. އެތަކެއް އަހަރެއްވީ އިރު ވެސް ނުވެ އޮތް ކަމެއް، ފަހަކުން ވެސް ނުވާނެއެވެ. އެއީ ކުށްހީއެކެވެ.

ނަތާޝާގެ އެކުވެރިންނާ އެކުގައި ގޭގައި ކަރޯކޭ ބޭއްވި ރެޔެކެވެ. ނަތާޝާ ދައުވަތުދިނީ ނަތާޝާގެ އެކުވެރިންނަށެވެ. ގޮތް އެނގޭ މީހުންނަށެވެ. ބައެއް މީހުން އައީ އެ މީހުންގެ އެކުވެރިން ވެސް ގޮވައިގެންނެވެ. ރީތިކޮށް ލަވަކިޔާތީ، އެހެން މީހުންނަށް އަޑުއިއްވައިލުމުގެ ނިޔަތުގައެވެ. އެ ނޫން އެހެން މަގުސަދެއް ނެތެވެ. އެކަމަކު އެކުވެރިންގެ އެކުވެރިންނަކީ، ނަތާޝާއަށް ބީރައްޓެހިންނެވެ. ނުދަންނަ މީހުންނެވެ. ވަރަށް ދަންވަންދެން ލަވަކިޔުން އޮތެވެ. ނެށުން ވެސް އޮތެވެ. މަނާ ބުއިމެއް ނެތެވެ. އެންމެން ވެސް ބުއީ ހުއްދަ ބުއިންތަކެވެ.

ޖެހިގެންއައި ދުވަހު ނަތާޝާގެ ޚަބަރެއްނުވެއެވެ. ނަތާޝާގެ ނަންބަރަށް ގުޅުމުން ރަނގަބީލުވާކަން އެނގެއެވެ. އެކަމަކު ނަތާޝާ ފޯނެއް ނުއެއް ނަގައެވެ. ކޮންމެ މީހަކު ވެސް ހީކުރީ އެއީ އާދައިގެކަމެއްކަމަށެވެ. ފަހުން ނަތާޝާ ގުޅާނެ ކަމަށެވެ. ސީރިޔަސްވީ މަދު މީހެކެވެ. އެއިން އެކަކީ ސިބާއެވެ. އާންމުކޮށް ނަތާޝާ ސައިބޯންދާ ގަޑި ފަހަނައަޅައިދިޔުމުން ސިބާ ގަސްތުކުރީ ނަތާޝާގެ އެޕާޓުމަންޓަށް ދާށެވެ. ސިބާގެ ފޯނަކަށް ޖަވާބު ނުދިނުމަކީ ނަތާޝާ ކުރި ކަމެއް ނޫނެވެ. ގަޑިއެއްގެ އިރު ފާއިތުވެދިޔަ އިރު ވެސް ނުގުޅުމަކީ، ކުރިން ނުވާ ކަމެކެވެ. ނަތާޝާގެ އެޕާޓުމަންޓުން ސިބާއަށް ފެނުނީ ބިރުވެރި މަންޒަރެކެވެ.

އެންބިއުލާންސާއި ފުލުހުންގެ ކާރު ވެސް އައީ ސައިރަންގެ އަޑުން ގުގުމަމުންނެވެ. ފޮރެންސިކު ޓީމު އައީ ފުލުސް ވޭނެއްގައެވެ. ނަތާޝާގެ އެޕާޓުމަންޓު ހުންނަ އިމާރާތް ކައިރިއަށް އުޅަނދުތައް މަޑުކޮށްލުމާ އެކު، އެއްބަޔަކު މަގު ބަންދުކޮށްލިއެވެ. އަނެއް ބަޔަކު އެރީ ލިފުޓަށެވެ. ލިފުޓަށް ނޭރުނު މީހުން ސިޑިން ދުވެފައި މައްޗަށް އެރިއެވެ. ނަތާޝާ އެޕާޓުމަންޓުގެ ދޮރު ހުރީ ހުޅުވައިފައެވެ. އެތެރޭގައި ސިބާ ރޯން ހުއްޓެވެ. ނަތާޝާ އޮތީ އަނިޔާވެރި ގޮތަކަށް މަރާލައިފައެވެ. މުޅި ތަނުގައި އޮތީ ލެޔެވެ. ޓީވީ ހުރީ ހުޅުވައިފައެވެ. ފަންގިފިލާ ފަންކާ މަޑުމަޑުން އެނބުރެއެވެ. ނަތާޝާގެ ހަށިގަނޑު ފުރަތަމަ ބެލީ ޑަކުޓަރުންނެވެ. އެއަށް ފަހު ފޮރެންސިކު ޓީމުން ހަވާލުވިއެވެ.

ފޮރެންސިކު ޓީމުގައި ހިމެނެނީ ފަސް މީހުންނެވެ. ފުރަތަމަ މީހަކީ ލެޔާއި، އެހެނިހެން ދިޔައާއި، އިސްތަށްޓާއި، ހަމުން ސުންކު ނަގައި ހެކި އެއްކުރާ މީހާއެވެ. ދެވަނަ މީހަކީ ފިޔަވަޅާއި، އެކި ކަހަލަ ނަރާއި، ވެއްޔާއި، ފަތާއި، ބިއްލޫރީގެ ސުންކާއި ހެކި އެއްކުރާ މީހާއެވެ. ތިންވަނަ މީހަކީ ސުމޭކު ހެކިން ސުންކާއި ހެކި އެއްކުރާ މީހާއެވެ. އޭގެ ތެރޭގައި ފޯނާއި، އިންޓަނެޓު އަދި އީމޭލު ހިމެނެއެވެ. ހަތަރުވަނަ މީހަކީ ފޮޓޯނަގާ މީހާއެވެ. ތަހުގީގުކުރަމުންދާ އިރު، މަރުވި މީހާ އޮންނާނީ ވަޅުލައިފައެވެ. ދެން ބަލާނީ ފޮޓޯތަކަށެވެ. ތަނާއި މީހާ އޮތް ގޮތާއި، ހަށިގަނޑުގައި ހުރި އަނިޔާގެ ނިޝާންތަކާއި، ޝައްކުވާ ކަހަލަ އެއްޗެއް ތަނުން ފެނުނު ނަމަ، އެ ވެސް ދެން ފެންނަން އޮންނާނީ ފޮޓޯއިންނެވެ. ފަސްވަނައަށް ހުރީ ވާސިފެވެ. މުޅި ޓީމުގެ ވެރިޔާއެވެ. އޭނަގެ ޒިންމާ ވެސް ކުޑައެއް ނޫނެވެ. ވޭދަނައިގައި މަސްތުވާ އެއްޗަކާ ގުޅުންހުރި ކަމެއް ހުރިތޯއާއި، ހަމަލަދިން ހަތިޔާރު ދަނެގަތުމާއި، ގާތިލު ތަނަށް ވަދެ ހަމަލާދިން ގޮތް ދަނެގަތުމުގެ ބުރަ މަސައްކަތްކުރާނީ ވާސިފެވެ. މުޅި ތަހުގީގުގެ މިސްރާބު ބަލަހައްޓައި ރޭވުމުގެ ޒިންމާ ވެސް އެޅިފައި އޮންނާނީ ވާސިފުގެ ކޮނޑުގައެވެ.

ދަރިފުޅު މަރައިލި ޚަބަރު މައުސޫމާއަށް ލިބުނީ މައްކާގައި ހުއްޓައެވެ. އެ ޚަބަރުދިނީ ހަލީމެވެ. މައުސޫމާގެ ހިތަށް ހީވީ އެއްޗެއް ހަރައިފައި ދަމައިގަތްހެންނެވެ. މޭގައި އަތްއަޅައިގެން އެތައް އިރަކު މައުސޫމާ އިނެވެ. ހިތާމައަކީ، ދަރިފުޅު މަރާލަންވީ ކީއްވެގެންހޭ އަމިއްލަ ހިތާ ސުވާލު ނުކުރެވުނުކަމެވެ. ވަގުތު ފާއިތުވުމުގެ ކުރިން ދަރިފުޅަށް ވިސްނައިނުދެވުނުކަމެވެ. ގާތުގައި ތިބި މީހުން މައުސޫމާއަށް ވަރަށް ހިތްވަރުދިނެވެ. ނަސޭހަތްދިނެވެ. ހުރެވުނީ އެންމެ މާތް ބިމުގައިކަމާއި، ހިތާމަކުރުމުގެ ބަދަލުގައި ދަރިފުޅަށް ޓަކައި ދުއާކުރުމުގެ މުހިންމުކަން ވިސްނައިދިނެވެ. މައުސޫމާ އެ ވާހަކަތައް ގަބޫލުކުރިއެވެ.

"މައުސޫމާ އަންނަންދެން ނަތާޝާ ވަޅުނުލާ ބާއްވަން މި ގަސްތުކުރަނީ،" ހަލީމު ބުންޏެވެ. "އަހަންނަށް އެނގޭ ނަތާޝާގެ މޫނުދެކިލަން މައުސޫމާ ކިހާ ބޭނުންވާނެކަން."

"އުހުނ!" މައުސޫމާ ބުންޏެވެ. "އެހާ ހިތްވަރެއް ނެތް. ވީހާ ވެސް އަވަހަކަށް ވަޅުލާ!"

ހަލީމު ފޯނުކުރީ ނަތާޝާ މަރައިލި ޚަބަރު ދޭން އެކަންޏެއް ނޫނެވެ. އެ ތުހުމަތު މައުސޫމާގެ ބޮލުގައި އަޅުވަން ވެސް މެއެވެ. އެ ފަދަ ހިތާމަވެރި ނިމުމެއް އަތުވެދާނެ ވާހަކަ ހަލީމު ކުރިން ބުންޏެވެ. އެ ކަން ވެސް ހަނދާންކޮށްލަދޭން ހަލީމު ބޭނުމެވެ. އެހެނަސް މައުސޫމާ ވެފައި ހުރި ދެރައިގެ ސަބަބުން، ހުރިހައި ވާހަކައެއް ހަލީމު ދިރުވައިލީއެވެ.

ނަތާޝާގެ ޖަނާޒާ ބޭއްވިއެވެ. އޭނަގެ މަރަކީ، އެހައި ތަނަށް ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި މަރެވެ. އަނިޔާދީފައިވަނީ ތޫނު އެއްޗަކުން އެކަންޏެއް ނޫނެވެ. މޮއް އެއްޗެއް ވެސް ބޭނުންކޮށްފައިވެއެވެ. އަނިޔާތައް އަޑުންއަޑުނަގައި އެ ކަމަށް ހެކިދިނެވެ. ހަމަލާދިނުމަށް ފަހު ވެސް ނަތާޝާ މަރެއްނުވެއެވެ. ތަހުގީގަށް އެ ކަން ފާހަގަކުރެވުނެވެ. ނަތާޝާ މަރުވީ ކަރަންޓު ވާގަނޑެއް ކަރުގައި އޮޅުމުގެ ސަބަބުންނެވެ. މައްސަލަ ބަލަން ކުށުގެ ވެށްޓަށް ދިޔަ ފޮރެންސިކު ޓީމަށް އެ ވާގަނޑު ފެނުނެވެ. ގޮތް ނޭނގޭ އެއްޗެހިތަކެއް ވެސް ފެނުނެވެ. އެއީ ނަތާޝާގެ ހަށިގަނޑު ކައިރީގައި ހުރި ޕުލާސްޓިކު، ކަޅު އެތިކޮޅުތަކެކެވެ. އެޕާޓުމަންޓުގެ އެހެން ހިސާބެއްގައި ވެސް އޭގެ އެތިކޮޅުކޮޅު ހުއްޓެވެ. އެއީ ކޮންމެވެސް އެއްޗަކުން ވަކިވެފައި ހުރި އެއްޗެކެވެ. ކޯޗެއްކަމެއް ނޭނގުނެވެ. ފާހާނައިގެ ދޮރުކަންޏާއި، މޫނުދޮންނަތަށީގެ އަރިމައްޗާއި އިސްކުރާއި، އެޕާޓުމަންޓަށް ވަންނަ ދޮރުން ފުލުހުންނަށް އިނގިލީގެ ނިޝާނާއި އަތްތިލައެއްގެ ނިޝާނުގެ ބައެއް ފެނުނެވެ.

އަނިޔާވެރި މަރުތަކުގެ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން ބަލާ އެންމެ ފުރަތަމަ ކަމަކީ، ހަމަލާދިން މީހާ އެ ތަނަށް ވަން ގޮތެވެ. އެއިން ވަރަށް މުހިންމު ވާހަކައެއް ކިޔައިދޭތީއެވެ. ދޮރަށް ގެއްލުމެއް ދީގެން ހުޅުވާފައި ހުރި ނަމަ އޭގެ މާނައަކީ، އެ މީހަކީ ރުހުމުގައި އެތެރެއަށް ވެއްދި މީހެއް ނޫނެވެ. ނަތާޝާ އެޕާޓުމަންޓުގެ ދޮރަށް ގެއްލުމެއް ލިބިފައެއް ނެތެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑެއް ތަޅައިގެންގޮސްފައެއް ނެތެވެ. އެއްޗެއް ލައްވައި މަތައިފައެއް ނެތެވެ. ވަން މީހަކު ވަނީ ކިހިނެއްކަމެއް ނޭނގެއެވެ. ނަތާޝާގެ ހެދުމުގައި ލޭގެފިޔަވަޅެއް ހުއްޓެވެ. ވައްތަރީ ޓެނިހެއްގެ ނިޝާނާއެވެ. މުޅި އެޕާޓުމަންޓު އޮތީ ހާވައިފައެވެ. ހީވަނީ ވައްކަމުގެ ހާދިސާއެއް ހިނގާފައިވާހެންނެވެ. ކޮޓަރީގެ އަލަމާރި ހުރީ ހުޅުވައިއަޅައިފައެވެ. ވަތްގަނޑުތަކާއި، ކަބަޑުތަކާއި، ނަތާޝާގެ ދަބަސް ވެސް ހުރީ ހުޅުވައި، ސާމާނުތައް ވިއްސިވިހާލިކޮށްފައެވެ. މައުސޫމާގެ ފަރާތުން ފަހުން އެނގުނު ގޮތުގައި، ނަތާޝާ ގެންގުޅޭ އަގު ބޮޑު ކެމެރާއާއި، ފައިސާދަބަހާއި، ލެޕުޓޮޕާއި، ޓެބުލެޓެއް ނެތެވެ. ނަތާޝާ ދުއްވަނީ ކުޑަ ސައިކަލެކެވެ. އެ ވެސް ނެތެވެ. އޭގެ މާނައަކީ، ވައްކަންކުރަން ވަން މީހަކާއި ނަތާޝާޔާ ދެމެދު ކުރިމަތިލުމެއް ހިނގީ ހެއްޔެވެ؟ ނުވަތަ އެއީ އެހެން ހީކުރުވަން ކޮށްފައި އޮތް ކަމެއް ހެއްޔެވެ؟

ޝައްކުކުރެވޭ މީހުން ވަރަށް ގިނައެވެ. ނަތާޝާ މަޝްހޫރުކަމުންނެވެ. ގެއަށް އަންނަ މީހުން ގިނަކަމުންނެވެ. ސުވާލަކީ، ނަތާޝާ މަރާލީ ބިދޭސީއެއް ހެއްޔެވެ؟ އެކުވެރިއެއް ހެއްޔެވެ؟ ހަރުކަށި ފިކުރުގެ މީހެއް ހެއްޔެވެ؟ ވައްކަންކުރަން ވަން، ނުދަންނަ މީހެއް ހެއްޔެވެ؟ ވިސްނުން ބަހައްޓަންޖެހޭ ދިމާތައް ގިނަކަމުން، މައްސަލަ ބެލުމުގައި ގޮންޖެހުންތައް ކުރިމަތިވިއެވެ. އިމާރާތުގައި އެތައް ކެމެރާއެއް ހަރުކޮށްފައި ހުއްޓެވެ. އެހެނަސް، ދިމާވީ ހައިރާންކުރަނިވި ގޮތެކެވެ. އިމާރާތުގައި ރަނގަޅަށް ހުރި ކެމެރާތަކުން ޝައްކުވާ ކަހަލަ މަންޒަރެއް ނުފެނުނެވެ. ބޭނުމެއް ހިފޭ ދިމާއެއްގައި ހުރި އެންމެ ކެމެރާއެއް ވެސް ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. އެ ކެމެރާތައް އެ ގޮތަށް ހުންނަތާ ކިތަންމެ ދުވަހެކެވެ.

ކެމެރާގެ އެހީތެރިކަން ނުލިބުނު ނަމަވެސް، ފުލުހުން ތަހުގީގު ފެށީ އިމާރާތުގެ ބޭރުންނެވެ. ގެއްލުނު ސައިކަލުގެ މައުލޫމާތާއި ފޮޓޯ ފުލުހުން އާންމުކުރިއެވެ. ރަށްތަކަށް ވެސް އެ މައުލޫމާތު ފޮނުވިއެވެ. ފޮރެންސިކު ލެބޯޓަރީން ނަތާޝާގެ މައްސަލަ ބެލީ ރިޒްނާއެވެ. ރިޒްނާޔާ ހަވާލުކޮށްފައިވާ އެންމެ މުހިންމު ކަމަކީ، ނަތާޝާއަށް ހަމަލާދިން ހަތިޔާރު ކަށަވަރުކުރުމެވެ. ވަޅިއެއް ނަމަ އެ ވަޅީގެ ވައްތަރާއި ބޮޑުމިނެވެ. ރިޒްނާގެ ކުރިމަތީ ހުރި މޭޒުމަތީގައި ފޮޓޯތަކެއް އަތުރައިފައި ހުއްޓެވެ. އެއީ ނަތާޝާއަށް ކޮށްފައިވާ އަނިޔާތައް ވަރަށް ކައިރިން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކެކެވެ. ހަވާލާދޭން ޖެހެނީ އެއަށެވެ. ނަތާޝާގެ މުޅި ހަށިގަނޑުގައި ސާޅީހަކަށް ނިޝާން ހުއްޓެވެ. ބައެއް އަނިޔާއަކީ ހާދިސާ ހިނގި ވަގުތު ލިބިފައިވާ އަނިޔާއެވެ. އަނެއްބައި އަނިޔާއަކީ، ނަތާޝާ މަރުވި ފަހުން ދީފައިވާ އަނިޔާއެވެ. ސާފުކޮށް އެނގޭކަމަކީ، ތިން ވައްތަރެއްގެ އެއްޗަކުން ހަމަލާދީފައިވާކަމެވެ. ރިޒްނާ ފުރަތަމަ އުފެއްދި ސުވާލަކީ، ތޫނު އެއްޗަކަށް ބޭނުންކުރީ ކޯޗެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ހޯދުމަށް ޓަކައި، ޒަހަމުތަކުގެ މިންތައް ނެގުމުގެ މަސައްކަތް ރިޒްނާ ފެށިއެވެ. މިޔައިގައި ތުނޑުތުނޑުލީ ވަޅިއެއް ކަހަލަ އެއްޗެއްގެ ކޫރުމެއް ވެސް ނަތާޝާގެ ކަރުގައި ހުއްޓެވެ. ތިލަކޮށް ހުންނަ އެ ފަދަ ނިޝާންތައް އާންމުކޮށް އުފެދެނީ، އަނިޔާލިބުނު މީހާއަށް ބިރުދައްކަން ނުވަތަ އޭނަ ކޮންޓުރޯލުކުރަން މަސައްކަތްކުރާ ވަގުތުއެވެ.

ނަތާޝާގެ ގާތިލަކީ ކާކު ހެއްޔެވެ؟ ނޫސްތަކުން ކުރިމަތިކުރާ ސުވާލަކީ އެއީއެވެ. ތަހުގީގަށް އެތައް ދުވަހެއްވީ އިރު ވެސް، ގާތިލާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ނޭނގޭތީއެވެ. ހުއްޓުމެއް ނެތި ފުލުހުން ގެންދިޔައީ މަސައްކަތްކުރަމުންނެވެ. ގާތިލަށް މޫނަކާއި ސިފައެއް ދޭން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ މައްސަލަ ސިޔާސީވާން ފެށުމުން ފުލުހުން ބައްދަލުވުމެއް ބޭއްވިއެވެ. ނޫސްތަކާއި، ޗެނަލުތަކަށް ދައުވަތުދިނެވެ. ސުވާލުކުރަން ފުރުސަތުދިނުމުގެ ކުރިން ވަރަށް މުހިންމު ނުކުތާއެއް ފުލުހުން ފާހަގަކުރިއެވެ.

"ގާތިލާ ބެހޭ ވަރަށް މުހިންމު ހެތްކެއް އަޅުގަނޑުމެންނަށް ފެނިއްޖެ!" ވާސިފު އިއުލާނުކުރިއެވެ.

ނުނިމޭ