Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ތަރިން އުފައްދައިދޭ ޒަމީލްގެ މަސައްކަތަށް ފަސްތަރި

ތަރިން އުފައްދައިދޭ ޒަމީލްގެ މަސައްކަތަށް ފަސްތަރި

09 ސެޕްޓެމްބަރ 2022

މިއީ "ސްޓާސް" ބާސެކްޓްބޯޅަ އެކަޑަމީގެ ފައުންޑަރު އަދި ހެޑް ކޯޗު ހުސައިން ޒަމީލް (ޒަމްބެ) އެވެ. ބާސްކެޓްގައި ރާއްޖޭގެ އެންމެ ބޮޑު އެކަޑަމީ، 2015 ގައި އޭނާ ފެށީ އެ ކުޅިވަރުގެ ޔޫތު ޑިވެލޮޕްމެންޓަށް އާ ބަދަލުތަކެއް ގެނެސް ތަފާތެއް ގެނައުމުގެ ގޮތުންނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިއީ "ސްޓާސް" ބާސެކްޓްބޯޅަ އެކަޑަމީގެ ފައުންޑަރު އަދި ހެޑް ކޯޗު ހުސައިން ޒަމީލް (ޒަމްބެ) އެވެ. ބާސްކެޓްގައި ރާއްޖޭގެ އެންމެ ބޮޑު އެކަޑަމީ، 2015 ގައި އޭނާ ފެށީ އެ ކުޅިވަރުގެ ޔޫތު ޑިވެލޮޕްމެންޓަށް އާ ބަދަލުތަކެއް ގެނެސް ތަފާތެއް ގެނައުމުގެ ގޮތުންނެވެ.

އެކަޑަމީ ފެށިތާ ހަތް އަހަރު ފާއިތުވީ އިރު، އެކަޑަމީން ތަމްރީންވި ފުރަތަމަ ބެޗުގެ ކުޅުންތެރިންނަކީ މިއަދު ސީނިއާ ލެވަލްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުޅުންތެރިންނެވެ. ބާސްކެޓްގެ ވައިޑީޕީ މަސައްކަތް އެސޯސިއޭޝަނުން 2013 ހިސާބުގައި އަތް ދޫކޮށްލުމުން ވައިޑީޕީގެ މަސައްކަތް މުޅިން ބިމާ ހަމަވިޔަ ނުދީ ހިފެހެއްޓި އެކަކީ އޭނާ އެވެ.

ބާސްކެޓްގެ ގްރާސްރޫޓްގައި ރާއްޖޭގެ އެންމެ ވަރުގަދަ ބްރޭންޑަށް ޒަމީލް އާއި "ސްޓާސް އެކަޑަމީ" ވިޔަސް، ހަގީގަތުގައި އޭނާ އަކީ ބާސެކްޓްބޯޅައިގައި ތަރިއެއް ނޫނެވެ. އެކަމަކު އޭނާގެ އޮތީ ލޯތްބާއި ޝައުގުވެރި ކަމެވެ. ބާސްކެޓްބޯޅައިގެ ތެރެއަށް ވަން އިރު އޭނާގެ ކިބައިގައި އެ ކުޅިވަރުގެ މާ ބޮޑު ހުނަރެއް ނެތް ކަމަށް ޒަމީލް ބުންޏެވެ. ބާސްކެޓްބޯޅަ ކުޅެން ފެށުމުގެ ކުރިން އޭނާ ކުޅުނީ ފުޓްބޯޅަ އެވެ. ވޮލީ އެވެ. ޓޭބަލް ޓެނިހެވެ.

ޒަމީލް ބުނި ގޮތުގައި އެންމެ ކުޑައިރު އޭނާގެ ހިތް ދިނީ ފުޓްބޯޅަ އަށެވެ. ބައްޕަ، އަހުމަދު މުހައްމަދަކީ، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޒަމާންވީ ސަޕޯޓަރެކެވެ. ކުޅިވަރުގައި އޭނާގެ އެންމެ ދުރު ހަނދާނަކީ ބައްޕަ އޭނާ ގޮވައިގެން ވިކްޓަރީ ކުޅޭ މެޗުތައް ބަލަނަށް ދަނޑަށް ގެންދާ ހަނދާނެވެ. ބައްޕަ ދަނޑަށް ވަންނަން ވެގެން އޭނާ ލޮއްސާލުމުގެ ގޮތުން ދޭނީ ބަދަން ޕެކެޓެކެވެ.

ފުޓްބޯޅަ އަށް އޭރު ލޯބި ކުރި ބައްޕަ އާއެކު މެޗުތައް ބަލަން ދަނޑަށް ވަދެ، ޒަމީލްގެ ހިތް ވެސް އެންމެ ފުރަތަމަ ބަންޑުންވީ ފުޓްބޯޅަ އަށެވެ. ރައްޓެހިންނާއެކު މަޖަލަކަށް ފުޓްބޯޅަ ކުޅެން ދިޔަސް، އެ ކުޅިވަރު ކުޅެވޭވަރުގެ ފިޒިކަލް ފިޓްނަސްއެއް އޭނާގެ ކިބައިގައި ނެތް ކަމަށް ޒަމީލް ބުންޏެވެ.

"އޭރު މަޖަލަކަށް ކުޅެން ދިޔަސް ވަރަށް ފަސޭހައިން އަނިޔާވާނެ. ދެން އަޅުގަނޑު ހިތަށް އެރީ އެހާ ބޮޑަށް ފިޒިކަލް ބޭނުން ކުރަން ނުޖެހޭ ކުޅިވަރެއް ކުޅެން. އެގޮތުން ކުޅެން ފެށީ ޓީޓީ،" ޒަމީލް ކިޔައިދިނެވެ.

އޭގެ ކުރިން ސްކޫލްގެ ވޮލީބޯޅަ ޓީމަށް ހޮވޭތޯ، ޓްރެއަލް އަށް ވެސް އޭނާ ދިޔަ އެވެ. އެކަމަކު އެ ކުޅިވަރުގައި ވެސް ޓީމަކަށް ނުހޮވުނެވެ.

ޒަމީލް ވާދަކުރި ޓީޓީ މުބާރާތެއްގެ ތެރެއިން

ޒަމީލް ވާދަކުރި ޓީޓީ މުބާރާތެއްގެ ތެރެއިން

"އޭރު ޓީޓީ ކުޅެން ވެސް ދާނީ ކުޅިވަރު އެކުވެނީގައި ހުންނަ ޓީޓީ ހޯލަށް. ބާސްކެޓް ކޯޓު ހުރަސްކޮށްފައި ދާނީ. އެކަމަކު އޭރު ވެސް އެއްވެސް ވަރަކަށް ބާސްކެޓް ކުޅޭކަށް ނުވިސްނަން،" ޒަމީލް ބުންޏެވެ.

"ފަހުން އޭރު އެކުގައި އުޅުނު ރައްޓެހިންތަކަކާއެކު އީޕީއެސް އާއި އެމްއީއެސް އާ ދެމެދު އޮންނަ ހުސް ބިމަށް ބާސްކެޓް ކުޅެން ދިޔައީ. އެއީ ހަޔާތުގައި ވެސް ބާސްކެޓްބޯޅައެއްގައި އަތްލަން ލިބުނު ފުރަތަމަ ފަހަރު."

ރައްޓެހިންގެ ގުރޫޕާޖެހި ބާސްކެޓް ކުޅެން ފެށުނު އިރު އޭނާ ކިޔަވަމުން ދިޔައީ މަޖީދިއްޔާގެ ސެކަންޑްރީ ގްރޭޑްތަކުގަ އެވެ. ޒަމީލް ބުނި ގޮތުގައި މާ ލަހުން އެ ކުޅިވަރުގެ ތެރެއަށް ވަނުމުން އޭނާ އަކަށް އެކަށީގެންވާ ލެވަލްގައި ހުނަރު ދަސްކުރާކަށް ފުރުސަތެއް ނުލިބުނެވެ.

"ބާސްކެޓްގެ ސްކޫލް ޓީމަށް ވެސް ފުރަތަމަ ނުހޮވުނު. ދެވަނަ އަހަރު ހޮވުނީ،" މަޖީދިއްޔާ ސްކޫލް ޓީމަށް އިންޓަ ސްކޫލްގައި ކުޅުނު ޒަމީލް ބުންޏެވެ.

ބާސްކެޓްބޯޅައިގެ ކުޅުންތެރިޔެއްގެ ގޮތުގައި ޒަމީލް އަކީ އެވްރެޖް ކުޅުންތެރިޔެކެވެ. އޭނާ ހުރީ ގައުމީ ޓީމަށް ފުރުސަތު ނުލިބޭ ކުޅުންތެރިންގެ ކެޓަގަރީގަ އެވެ. އޭއީ އޭރުގެ ގޮތުން ނަމަ އެ ކުޅުންތެރިޔަކު ވަރަށް ބޮޑަށް ބާކީވާ ސަބަބެކެވެ. އެކަމަކު ފަހުން އެއާޕޯޓްގައި ވަޒީފާ ލިބި އެއާޕޯޓްގެ ޓީމަށް ބާސެކްޓް ކުޅެން ފެށުނު ހިސާބަކީ ބާސްކެޓް ކޮމިޔުނިޓީ އަށް ޒަމީލްގެ ނަން އެނގުނު ހިސާބެވެ.

"އޭރު އިންޓަ އޮފީސް މުބާރާތް ވެސް ފޯރި ގަދަ ވާނެ. ޓޮޕް ޑިވިޝަނުގެ މުބާރާތް ހާ ފޯރި ގަދަވާނެ،" ފައިނަލުގައި އޭރު އޮފީސްތަކުގެ ބާސްކެޓްގައި ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވުނު ސްޓެލްކީ އާ ދެކޮޅަށް އެއާޕޯޓް ޓީމުގައި ލީޑް ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ޒަމީލް ބުންޏެވެ.

މަންމަގެ ވަސީޔަތާ އެއްގޮތަށް ކިޔަވަން

ޒަމީލްގެ އާއިލާގައި އޭނާގެ އިތުރުން ތިބީ ހަތް ކުދިންނެވެ. އެއިން ކޮންމެ މީހަކީ އިލްމީ ގޮތުން ގާބިލު މީހުންނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއިންގެ ތެރޭގައި އާކިޓެކްޓަރުން އަދި އެކައުންޓެންޓުން އެބަ ތިއްބެވެ. އޭނާގެ މަންމަ 2005 ގައި މަރުވުމުގެ ކުރިން އާއިލާ އަށް ވަސިއްޔަތެއް ކޮށްފައި އޮތެވެ.

"މަންމަގެ ވަސިއްޔަތަކީ މަންމަގެ ހުރިހާ ދަރިން ވެސް ކިޔެވުން،" މަންމަ މަރުވި ފަހުން މެލޭޝިއާގެ ސަންވޭ ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިގްރީ ހެދި ޒަމީލް ބުންޏެވެ.

ފުރަތަމަ އަހަރު ޗުއްޓީއެއް ރާއްޖެ އައިސް އަތޮޅު ބާސްކެޓްބޯޅަ މުބާރާތް ފުވައްމުލަކު ޓީމަށް ކާމިޔާބުކޮށްދިނުމުގައި ހިއްސާވި އެވެ.

އޭގެ ފަހުން ދެވަނަ ޑިވިޝަނުގެ ތަށި ހިޒް ކްލަބަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޒަމީލްގެ ހިތް މަޑުމަޑުން ކޯޗިންގެ ތެރެއަށް ލެބެމުން ދިޔަ އެވެ.

އެމްއެންޑީއެފްގެ އިންޓަ ޔުނިޓް މުބާރާތުގައި އެއާޕޯޓްގެ އަސްކަރީ ޔުނިޓްގެ ޓީމަށް ޒަމީލް ކޯޗުކޮށް ދިން އިރު ކޯޗިންގައި އޭނާ ވަރަށް އަލެވެ.

"ހުރިހާ މެޗަކުން ވެސް ބަލިވީ،" ކޯޗިންގެ ތެރެއަށް ރަނގަޅަށް ލޯ ނުހުޅެވެނީސް ކުރިމަތިލި ފުރަތަމަ މުބާރާތުގެ ތަޖުރިބާ އޭނާ ކިޔައިދިނެވެ.

ބާސްކެޓްބޯޅައިގެ ޑިވެލޮޕްމެންޓަށް ބަދަލު ގެނައި އަމިއްލަ އެކަޑަމީ

ބާސްކެޓްބޯޅައިގެ ތެރެއަށް ޒަމީލް އަށް ވަދެވުނުލެއް ލަސް ވުމުން އެންމެ ބޭސިކް ހުނަރު ދަސް ކުރުމުގައި އޭނާ އުފުލަން ޖެހުނު ތަކުލީފް ބޮޑެވެ. ރަނގަޅު ކޯޗުންގެ އިރުޝާދު ނުލިބި, މަޑު ދުވެލީގައި ދިޔަ އޭނާގެ ކެރިއާއިން ފިލާވަޅު ލިބި ބާސްކެޓްގެ ކުރިމަގުގެ ޖީލް ބިނާ ކުރުމުގެ މަސައްކަތް ޒަމީލް އާއި ކުރީގެ ކުޅުންތެރިޔާ ފައިސަލް އާއެކު އެފްޒެޑް އެކަޑަމީގެ ނަމުގައި 2014 ގައި އެކަޑަމީއެއް ހަދައިގެން ފެށި އެވެ. ޒަމީލް ބުނި ގޮތުގައި ގާތްގަނޑަކަށް އެއް އަހަރަށް ފަހު އެކަޑަމީގެ މަސައްކަތް ހުއްޓާލަން ނިންމި އެވެ.

ޒަމީލް ބުނީ އެއަށް ފަހު އަމިއްލަ އެކަޑަމީ "ސްޓާސް އެކަޑަމީ" އޭނާ ފެށީ ބާސްކެޓަށް އޭނާ ގެންނަން ބޭނުންވާ ފުރިހަމަ ބަދަލު ފުލް ކޮންޓްރޯލްގެ ދަށުން ގެންދިއުމަށެވެ.

"އަޅުގަނޑު ބޭނުންވީ ބަދަލެއް ގެންނަން. ގައުމީ ޓީމަށް ކުއްޖަކު ނުހޮވުނަސް އޭނާ އަށް އޮތް ފުރުސަތު މަދު ނޫންކަން މި އެކަޑަމީގެ މަސައްކަތުގެ ތެރެއިން ދައްކައިދޭން. އަޅުގަނޑު ބޭނުންވީ ލައިފް ސްކިލް ޕްރޮގްރާމްތައް ވެސް މީގެ ތެރެއިން ކުރިއަށް ދާން،" އޭނާ ބުންޏެވެ.

"އެންމެ ޅަ އުމުރުގައި ބާސްކެޓްގެ ހުނަރުތައް ދަސްކުރާކަށް އަޅުގަނޑަށް ފުރުސަތެއް ނިލިބުނު. އެހެން ކުދިންނަށް އެހެންވާން އަޅުގަނޑު ބޭނުން ނުވީ،"

އޭނާގެ އެކަޑަމީގައި އޮތީ ހަމައެކަނި ޓްރޭނިން ޕްރޮގްރާމެއް ނޫނެވެ. ޑިސިޕްލިން އާއި ވެލިއުސްގެ މައްޗަށް އޭނާ ބިނާ ކުރި އެކަޑަމީން އޭނާ ބޭނުންވީ ވަރަށް ޑިސިޕްލިން ވަރަށް ހަމްބަލް ކުޅުންތެރިންތަކެއް އުފެއްދުމަށެވެ.

"އެކަޑަމީގެ ކުދިން ކައިރީ ވެސް އަޅުގަނޑު ބުނަން. އަޅުގަނޑު ބޭނުމީ ރާއްޖޭގެ ބާސްކެޓްބޯޅައިނެ ދެވަނަ ޒިލާ [މުހައްމަދު ޒިލާލް] އެއް އުފައްދާށޭ. މާނަ އަކީ ވަރަށް ޑިސިޕްލިން ވަރަށް ހަމްބަލް ކުޅުންތެރިންތަކެއް ބިނާ ކުރަން. ބޭރަށް ކުރާ އެކަޑަމީގެ ޓްރޭނިން ކޭމްޕްތަކުގައި ވެސް އަޅުގަނޑު ކުދިންނަށް ދަސްކޮށްދޭން ބޭނުންވާ ކަމަކީ އެކަންތައް."

އޭނާ ބުނީ ރާއްޖޭގެ ބެލެނިވެރިންނަކީ ފެންވަރު ރަނގަޅު ކުޅޭ ސާމާނު ކުދިންނަށް ހޯދައިދޭން ބާރު އަޅާ ބައެއް ކަމަށެވެ. ދިވެހި ކުޅުންތެރިންނަށް ކުޅެނީ އެންމެ ރަނގަޅު ބޫޓްގަ އެވެ. ހޭންޑް ބޭގާއި ކުޅޭ ކިޓް ސާމާނު ވެސް ފުރިހަމަ އެވެ.

"އެކަމަކު އަޅުގަނޑަށް ކުރިން ކުރެވުނު ތަޖުރިބާތަކާއި ރާއްޖެއިން ބޭރަށް ކުރެވުނު ދަތުރުތަކުގައި އެތަންތަނުގެ ބާސްކެޓް ވައިޑީޕީން ފެންނަނީ އެހެން މަންޒަރެއް. ރާއްޖެއިން އެކަހަލަ ކަންކަމެއް ނުފެނޭ،" ބާސްކެޓްބޯޅައިގެ ކޯޗިން ކްލިނިކުގައި އެމެރިކާ އަށް ވެސް ދަތުރު ކުރި ޒަމީލް ބުންޏެވެ.

"އަޅުގަނޑު ބޭނުންވީ އެ ތަފާތު ރާއްޖޭގެ ގްރާސްރޫޓްގައި ވެސް ފެންނަން. އެކަޑަމީގެ ކުޅުންތެރިންނަށް އެ މަންޒަރު ދައްކައިދީ އެ ކުޅުންތެރިން ޑިސިޕްލިން ބަޔަކަށްވުން އަޅުގަނޑު ބާރު އަޅާނީ. އަޅުގަނޑުމެން ބޭނުންމީ އެ ވެލިއުސް ސްޓާސްގައި ދަމަހައްޓަން."

ތައިލެންޑްގައި 2018 ގައި ބޭއްވި ޔޫތު މުބާރާތެއް ސްޓާސް އެކަޑަމީ އަށް ކާމިޔާބު ކޮށްދިން ކޯޗު ބުނި ގޮތުގައި ކުޅިވަރާ މެދު ރާއްޖޭގެ ކުޅުންތެރިން ވިސްނާ ގޮތް ވެސް އޭރު އޮތީ ބަދަލު ކުރަން ޖެހިފަ އެވެ.

"އެކަޑަމީގެ ޓީމު ލަންކާ އަށް ކުރި ދަތުރުގައި ލަންކާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ކިބައިން ފެނުނު މަންޒަރު ޒަމީލް ކިޔައިދިނެވެ.

"އެތާންގެ އެންމެ މޮޅު ޔަންގު ކުޅުންތެރިޔާ އަންނާނެ ކޮތަޅަކަށް ބޫޓް ލައިގެން ކޮތަލު އަތުން ހިފައިގެން. އެކަމަކު އަޅުގަނޑުމެން ރާއްޖޭގެ އެކަމަކު އަޅުގަނޑުމެން ރާއްޖޭގެ ކުޅުންތެރިންނަށް މާ މުހިންމު އެއްޗަކަށްވޭ ކުޅޭ ސާމާނުގެ ހުރިހާ އެއްޗެއް ހަމައަށް ހުރުން،" ޒަމީލް ބުންޏެވެ.

"އަޅުގަނޑު ބޭނުންވީ އެތުލީޓެއްގެ ސިފަތައް ކުޅުންތެރިންނަށް ދެނެގަތުމުގެ ފުރުސަތުތައް ފަހިކޮށްދޭން. އެކަޑަމީ ހެދިއިރު ވެސް ބޭރު ދަތުރުތައް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީކަން އަޅުގަނޑު އަމިއްލަ އަށް ވެސް ކަނޑައެޅި ބޭރު ގައުމުތަކުގެ ޓްރޭނިން ކޭމްޕްތަކުން އަޅުގަނޑުމެންނަށް ފެންނަ ކަމަކީ. އަގު ބޮޑު ދަބަހާއި އަގު ބޮޑު ބޫޓެއް ނޫނޭ މުހިންމު އެއްޗަކީ. މުހިންމު ކަމަކީ ކުޅުންތެރިޔާގެ ވެލިއުސް. ވަރަށް ހަމްބަލް ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުންތެރިޔާ ފެނުން."