Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ނަތާޝާ

ނަތާޝާ

11 ސެޕްޓެމްބަރ 2022

ނަތާޝާ

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

ނަތާޝާ

"ގާތިލާ ބެހޭ ވަރަށް މުހިންމު ހެތްކެއް އަޅުގަނޑުމެންނަށް ފެނިއްޖެ!" ވާސިފު އިއުލާނުކުރިއެވެ. "ގެއިން ވައްކަންކޮށްފަ ހުރި ނަމަވެސް، ވަގު ވަނީ ވަގަކަށް ނޫން. އެ މީހަކު ނޫނީ ބަޔަކު ގޭތެރެއަށް ވެއްދީމަ ވަނީ. އެހެން ނޫނީ އެ ބައެއްގެ އަތުގަ ޑަބަލް ކީ އޮތީ. މިހާ ތަނަށް ބެލިބެލުމުން ބޮޑަށް ޝައްކުކުރެވެނީ ކުރިން ބުނި ގޮތް. ދޮރުހުޅުވައިދިނީމަ ވަނީ."

"އިތުރު ތަފުސީލު ދެވިދާނެތޯ؟" ނޫސްވެރިޔަކު ސުވާލުކުރިއެވެ.

"ތަހުގީގުކުރެވެމުންދާ މައްސަލައަކަށް ވާތީ، މި ވަގުތު އިތުރު ތަފުސީލު ދެވޭކަށް ނެތް،" ފުލުހުން ޖަވާބުދިނެވެ. "އެކަމަކު އަދި އެއް ވާހަކަ ބުނެލަން ބޭނުން. އަޅުގަނޑުމެންގެ ފޯކަސް މިހާރު ހުރީ ނަތާޝާގެ ރައްޓެހިންނާ ދިމާއަށް."

ތަހުގީގަށް ހުރަސްއެޅިދާނެތީ ފުލުހުން ސިއްރުކުރީ، ނަތާޝާގެ ބޯދަށަށް ލައްވާފައިވާ ކުޑަ ބާލީހާ ބެހޭ ތަފުސީލުތަކެވެ. ބާލީހުގައި ލޭގެ އެއްވެސް ނިޝާނެއް ނެތެވެ. އެއިން ދޭހަވި އެއްޗަކީ، ގާތިލު އެ ބާލީސް ލެއްވީ މާ ފަހުންކަމެވެ. އެއީ ކީއްވެގެން ގާތިލު ހިތުގައި އުފެދުނު ރަހުމެއް ހެއްޔެވެ؟ ޖަވާބު ވަރަށް ފަސޭހައެވެ. ނަތާޝާ މަރާލީ ނަތާޝާ ދަންނަ މީހެކެވެ. ދެން އެހެންވިއްޔާ ރަހުމު އުފެދެންވީ މަރައިލުމަށް ފަހުގައި ހެއްޔެވެ؟ ތަހުގީގު ޓީމަށް ލަފާކުރެވުނު ގޮތުގައި، މީހަކު ނުވަތަ ބަޔަކު އެ ތަނަށް ވަނީ ނަތާޝާ މަރާލާކަށް ނޫނެވެ. ދިމާވި ގޮތަކުން މަރާލަން މަޖުބޫރުވީއެވެ. ކޮން މަޖުބޫރެއް ހެއްޔެވެ؟ ފުލުހުންގެ އަމާޒަކީ، ހާދިސާ ހިނގައިދިޔަ ގޮތް ވީހައި ވެސް ތަފުސީލުކޮށް ދަނެގަތުމެވެ. ވީހައި ވެސް ގިނަ ސުވާލެއްގެ ޖަވާބުހޯދުމެވެ. އެޕާޓުމަންޓަށް ވަން މީހަކު ނުވަތަ ބަޔަކު ވަނީ ވައްކަންކުރަންހެން ފުލުހުންނަށް ވަރަށް ހީވެއެވެ. ތަންތަން ހާވައި، ބައެއް އެއްޗެހި މަދުވެފައިވާތީ އެކަންޏެއް ނޫނެވެ. ތަހުގީގުގެ މިސްރާބު އަނބުރާލައި، ފުލުހުންނަށް އޮޅުވައިލަން ވެސް އެ ކަހަލަ ކަމެއް ކޮށްފާނެއެވެ. ނަތާޝާއަށް ޖިންސީ ގޯނާއެއް ކޮށްފައެއް ނެތެވެ. ވައްކަމާ ގުޅުވެނީ އެެހެންވެއެވެ.

ގާތިލު ކަންތައްކުރި ގޮތުގެ ވަރަށް ގިނަ މައުލޫމާތު، އެޕާޓުމަންޓު އޮތް ހާލަތަށް ބަލައިލުމުން ބުނެދެއެވެ. ލޭތައް ސާފުކުރުމުގެ ނާކާމިޔާބު މަސައްކަތްތަކެއް ހުރީ ކޮށްފައެވެ. ބައެއް ތަންތަން ހުރީ ސާފުކޮށްފައެވެ. ބައެއް ތަންތަން ހުރީ ނުކުރެވިއެވެ. ފިލުވަން އުޅުމުގެ ސަބަބުން އެއްބައި ފަނޑުވެފައިވާ ޓެނިސް ފިޔަވަޅެއް ހުއްޓެވެ. އެ ފިޔަވަޅު ހުރީ ލެއިންނެވެ. އެ ފަދަ ނިޝާންތައް ހުރީ ބަދިގެއާއި ފާހާނައިގައެވެ. އެ ނިޝާންތައް އަލުން ފާޅުކުރުމަށް ޓަކައި، ފޮރެންސިކު ޓީމުން އަމީޑޯ ބުލެކު ބޭނުންކުރިއެވެ. ގަސްތަކަށް ފެންޖަހާ ކަހަލަ ފުޅިއަކުން އެ ކެމިކަލު ބުރުވައިލުމުން، ލޭގެ ޕުރޮޓީން ކިތަންމެ ކުޑަ މިންވަރަކަށް ހުރި ނަމަވެސް ފާޅުކޮށްދޭނެއެވެ. ނޫކުލައަކަށްދާ ކަޅަކުންނެވެ.

އަމީޑޯ ބުލެކު ބޭނުންކުރިތާ ސިކުންތުކޮޅެއް ތެރޭގައި ދެތިން ޓެނިސް ފިޔަވަޅު ފާޅުވިއެވެ. ފުލުހުންނަށް އެނގުނު ގޮތުގައި، އެއީ ކަސްރަތުކުރަން އަރާ ވައްތަރުގެ، އެގާރަ ނަންބަރު ޓެނިހެއްގެ ފިޔަވަޅެވެ. ހަމަ އެ ފިޔަވަޅު، ނަތާޝާގެ ހެދުމުން ވެސް ވަނީ ފެނިފައެވެ. އެއީ ގާތިލުގެ ފިޔަވަޅެވެ. ޝައްކެއް ނެތް މިންވަރަށް ފުލުހުންނަށް އެ ކަން ޔަގީނެވެ. ތަހުގީގު ފަށައިގަންނާނެ އެއްޗެއް ލިބުނީ އެ ހިސާބުންނެވެ.

ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ޓަކައި ނަތާޝާގެ އެކުވެރިންނާއި، އެކުގައި މަސައްކަތްކުރި މީހުންނާއި، އަވަށްޓެރިންނާ ވެސް ފުލުހުން ސުވާލުކުރިއެވެ. ރާއްޖެއިން ބޭރަށް ވެސް ބައެއް ފޯނުކުރަން ޖެހުނެވެ. ބައެއް އެކުވެރިންނާ ބައްދަލުކުރަން ބޭރު ގައުމުތަކަށް ދާންޖެހުނެވެ. ލިސްޓު ވަރަށް ދިގެވެ. ނަތާޝާއަށް ފޮނުވާފައިވާ ކުޑަ ޕާރުސަލުގެ މައްސަލަ ވެސް ދިޔައީ ތަހުގީގުކުރެވެމުންނެވެ. އާންމުންނަށް ނޭނގުނު ނަމަވެސް، ފަންޑިތަ ސިހުރު ދިރާސާކުރާ ޔުނިޓެއް ވެސް ފުލުހުން ތެރޭގައި އޮވެއެވެ. އެއީ، ސިހުރު ވޭދަނަތައް ދިވެހިން ތެރޭގައި، ދުވަހަކަށް ވުރެ ދުވަހެއް އާންމުވަމުންދާތީ އުފެއްދި ޓީމެކެވެ. ޓީމުން ނިންމި ގޮތުގައި، ނަތާޝާއަށް ފޮނުވި އެއްޗަކީ ބިރުގެންނެވުމުގެ ނިޔަތުގައި ފޮނުވި އެއްޗެކެވެ. ފަންޑިތަ ސިހުރުގެ އެއްވެސް އަލާމާތެއް އެއަކު ނެތެވެ.

ނަތާޝާގެ އެކުވެރިންގެ ތެރެއިން ފުލުހުންގެ ނަޒަރު އެންމެ ފުރަތަމަ ހުއްޓުނީ މާހިންއަށެވެ. މާހިންއަކީ ނަތާޝާޔާ ތަންކޮޅެއް ގާތް ގުޅުމެއް ބޭއްވިކަމަށް ފުލުހުންނަށް ސާބިތުވި ޑަކުޓަރެކެވެ. ޑަކުޓަރު މާހިންއާއި ނަތާޝާޔާ ދެމެދު ފޯނުން ޒުވާބެއް ހިނގާފައިވެއެވެ. އަނގަބަހުން ހިނގި ޒުވާބު ފަހުން ތަޅާފޮޅުމަކަށް ބަދަލުވިކަމެއް ސާބިތެއްނުވިއެވެ. އޭގެ ފަހުން ދެ މީހުން ބައްދަލުވިކަމެއް ވެސް ނޭނގެއެވެ. އެނގުނު އެއްޗަކީ، ނަތާޝާ މަރުވެފައިކަމަށް ޑަކުޓަރުން ބުނި ރޭ މާހިން އުޅުނީ ރާއްޖެއިން ބޭރުގައިކަމެވެ. އެ ހިސާބުން، ޝައްކުކުރާ މީހުންގެ ލިސްޓުން މާހިންގެ ނަން އުނިކުރެވުނެވެ.

ދެވަނައަށް ލިސްޓުގައި އޮތީ ވެސް ދިވެއްސެކެވެ. ނަތާޝާގެ އެކުވެރިއެކެވެ. އުމުރުން ސައްބީސް އަހަރުގެ ހާނިމެވެ. ނަތާޝާގެ މަންމަ އުމުރާގައި ހުއްޓައި، ނަތާޝާއާއި ހާނިމުގެ މެދުގައި އަރާރުމެއް ހިނގި ވާހަކަ މަންމަ ގާތުގައި ނަތާޝާ ބުނެފައިވެއެވެ. ސަބަބު ވެސް ނަތާޝާ ކިޔައިދިނެވެ. ހާނިމު ކޮށްދޭން އެދުނު ކަމަކަށް ނަތާޝާ އިންކާރުކުރީއެވެ. ކޮން ކަމެއްކަމެއް ނަތާޝާ ނުބުނެއެވެ. ނަތާޝާއަށް އަނިޔާކުރަން ހާނިމު އުޅުނު ވާހަކައަކާއި، ނަތާޝާ ސަލާމަތްވީ އެ ވަގުތު އެޕާޓުމަންޓަށް ވަން އެހެން އެކުވެރިއެއްގެ ސަބަބުންކަމުގައި ވެސް ބުންޏެވެ. ނަތާޝާ ބުނެފައިވާ ގޮތުގައި، ހާނިމަކީ މީހެއްގެ ފިރިއެކެވެ. ދެ ކުދިންގެ ބައްޕައެކެވެ. މާލޭގެ ގަދަރުވެރި އާއިލާއެއްގެ މީހެކެވެ. ފުލުހުން ޝައްކުކުރި ގޮތުގައި، ހާނިމު ކުރަން އުޅުނު ކަމަކީ އެ ކަމެއް ބޭޒާރުވެއްޖެ ނަމަ ހާނިމުގެ އާއިލާ ލަދުގަންނަންޖެހޭ ކަހަލަ ކަމެކެވެ. ވީމާ އެ ފަދަ މީހަކު، ފަލީހަތުން ސަލާމަތްވުމަށް ޓަކައި ނަތާޝާ މަރައިލަފާނެއެވެ. ފުލުހުން ގަސްތުކުރީ، އިތުރަށް ސުވާލުކުރުމަށް ޓަކައި ހާނިމު ހާޒިރުކުރާށެވެ.

"ލައްބަ! ނަތާޝާއަކީ އަޅުގަނޑުގެ ރައްޓެއްސެއް،" ހާނިމު އެއްބަސްވިއެވެ. "ނަތާޝާގެ އެޕާޓުމަންޓަށް އަޅުގަނޑު ވަނިން. ނަތާޝާ ވެއްދީ ވެސް. އެއީ ބިޒްނަސް މީޓިންއެއް."

އެ ހިސާބަށް ބުނެފައި ހުއްޓައިލުމަކުން ތަހުގީގަށް ފުދޭ ވަރެއް ނުވިއެވެ. ނަތާޝާއަކީ ވިޔަފާރިވެރިއެއް ނޫނެވެ. ހާނިމަކީ ވެސް ވިޔަފާރިވެރިޔެއް ނޫނެވެ. ނަތާޝާ ވިޔަފާރިއެއް ފަށަން އުޅޭ ވާހަކަ، ނަތާޝާގެ މައިންބަފައިންނާ ހިއްސާކޮށްފައެއް ނެތެވެ. ވީމާ، އަރާރުންވީ ކޮން މައްސަލައަކާ ހެއްޔެވެ؟ ތަކުރާރުކޮށް އެ ސުވާލުކުރުމުން ވެސް، ހަމަޖެހޭ ޖަވާބެއް ހާނިމަކަށް ނުދެވުނެވެ. ވާހަކަ ހުރި ގޮތުން ހީވަނީ ހާނިމު ކަމެއް ސިއްރުކުރަން އުޅޭހެންނެވެ.

"ފުލުހުންނަށް އެނގެންޖެހޭހެން ހީވާކަމެއް އޮތިއްޔާ ސިއްރުނުކުރައްވާ!" ފުލުހުން ބުންޏެވެ. "ތެދަށް މިހާރު ކިޔައިދީފިއްޔާ އަޅުގަނޑުމެން ވެސް ސިއްރުކޮށްދޭނަން. އެހެން ނޫނީ ދެން ދިމާވާނީ ވަރަށް ދެރަ ގޮތެއް."

ހާނިމު ވިސްނައިލިއެވެ. އެއްބަސްވުމަކާ ހަމައަށް އައުން ނޫން ގޮތެއް ހާނިމަކަށް ނުވިސްނުނެވެ. ހާނިމު ބުނި ގޮތުގައި، ހާނިމު ކުރިމަތިލީ ޖިންސީ ބޭނުމެއް ފުއްދާށެވެ. ނަތާޝާ ދެކޮޅުހެދީއެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ހާނިމުގެ މޫނުގައި ނަތާޝާ ވަކިއެޅިއެވެ. ހާނިމު ގެއަށްދިޔުމުން ޒުލްފާ ސުވާލުކުރިއެވެ. ޒުލްފާއަކީ ހާނިމުގެ އަނބިމީހާއެވެ. އެތައް ދޮގެއްހަދައިގެން ވެސް ސަލާމަތްނުވެގެން ހާނިމަށް މަޖުބޫރުވީ ހަގީގަތް ކިޔައިދޭށެވެ. ހާނިމު މާފަށް ވެސް އެދުނެވެ. ޒުލްފާ މާފުކުރިއެވެ. އެ ސަބަބަށް ޓަކައި ޒުލްފާ ވެސް އެ ކުށުގައި ބައިވެރިވެދާނެކަމަށް ފުލުހުން ޝައްކުކުރިއެވެ. ހާދިސާ ރޭވުމުގައެވެ. ނުވަތަ ސިއްރުކުރުމުގައެވެ.

"ތީ ތެދެއްކަން ސާބިތުކުރުމަށްޓަކާ ޒުލްފާ ވެސް ހާޒިރުކުރަން ބޭނުން،" ފުލުހުން ތަހުގީގު ފުޅާކޮށްލިއެވެ. "ދެމަފިރިންގެ އިނގިލީގެ ނިޝާން ނަގަން ވެސް ބޭނުން."

ހާނިމާއި ޒުލްފާ ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުންދިނެވެ. އިނގިލީގެ ނިޝާން ވެސް ދިނެވެ. ކުށުގެ ވެށިން ފެނުނު ނިޝާންތަކާ އަޅައިބެލި އިރު ދިމައެއްނުވިއެވެ. ނިޝާންތައް ދިމާނުވުމުން ކުށްކުރީ ހާނިމުކަމަކަށް ނުނިންމުނެވެ. ޒުލްފާ ކަމަކަށް ވެސް ނުނިންމުނެވެ. ހަމަ އެހެންމެ، އެ ދެމަފިރިން އެ ކުށް ނުކުރާކަމަކަށް ވެސް ނުނިންމުނެވެ. ހާނިމު ޖިންސީގޯނާކުރަން އުޅުނު ނަމަ، ނަތާޝާ ފުލުހުންނަށް ރިޕޯޓުނުކުރީ ކީއްވެގެން ހެއްޔެވެ؟ ފުލުހުން އެ ސުވާލު އުފެއްދިއެވެ. ނަތާޝާ ވެސް އެ ކަން ސިއްރުކުރަން ބޭނުންވީ ކީއްވެގެން ހެއްޔެވެ؟

ފުލުހުން ޝައްކުކުރާ ލިސްޓުގައި ދެން އޮތީ އާތިފެވެ. އާތިފަކީ ނަތާޝާ އެމެރިކާގައި އުޅުނު ދުވަސްވަރު ދިމާވި ދިވެއްސެކެވެ. އޭނަ ގެނެސް ސުވާލުކުރުމުން އެނގުނު ގޮތުގައި، އާތިފަކީ ވަރަށް ހަރުދަނާ ދިރިއުޅުމެއް އުޅޭ މީހެކެވެ. ނަތާޝާއާއި އާތިފުގެ ގުޅުން، އެކުވެރިކަމަށް ވުރެ އެންމެ އިންޗިއެއް ވެސް އިތުރަށް ބަދަހިވެފައެއް ނެތެވެ. އޭގެ އިތުރަށް، ނަތާޝާ މަރުވެފައި އޮއްވާ ފެނުނު އިރު އާތިފު ހުރީ އިނގެރޭސިވިލާތުގައެވެ. ވީމާ، އާތިފު ވެސް ޖެހުނީ ޝައްކުގެ ލިސްޓުން އުނިކުރާށެވެ.

ހަތަރުވަނައަށް އޮތް މީހަކީ އާދައިގެ މީހެއް ނޫނެވެ. އޭނަ ހާޒިރުކުރެވޭނެކަމާ މެދު ތަހުގީގު ޓީމަށް ޝައްކެވެ.

"ސީޕީޔާ ޑިސްކަސްކޮށްލަން ޖެހޭނީ،" ޖައުފަރު ބޯކަހައިލަމުން ބުންޏެވެ. "ކާމިޔާބުވާނެކަމުގެ އެއް ޕަސަންޓު ޗާންސް އޮތީ."

"ވަން ޕަސަންޓޭ؟" ވާސިފަށް ބުނެވުނެވެ.

"އެ ވަރު ވެސް ނެތް،" ބައްދަލުވުން ނިންމައިލަމުން ޖައުފަރު ބުންޏެވެ. "އެކަމަކު މި ދަނީ މީޓުކުރަން. ވިޝް މީ ލަކް!"

އެއްޗެއް ބުނާނެ ހިތްވަރެއް އެކަކަށް ވެސް ނުލިބުނެވެ. ޖައުފަރު ގޮސް ކޮމިޝަނާ އޮފް ޕޮލިސްގެ ކޮޓަރީގައި ޓަކިޖަހައިލިއެވެ. އެތެރެއަށް ވަނެވެ. ޖައުފަރުގެ މޫނުމަތިން ސީޕީ ފައިރޫޒަށް ފެނުނީ ނުތަނަވަސްކަމެވެ.

"ބޭޑް ނިއުސްއެއް ނުދެއްޗޭ!" ފައިރޫޒު އެދުނެވެ. "ނަތާޝާގެ ކޭސްއާ ބެހޭ ގޮތުން ޕްރެޒިޑެންޓު ދެންމެ އެ ގުޅުއްވީ. ހުރިހާ ޑީޓެއިލެއް އެއްސެވި. އަޅުގަނޑަކަށް ނޭނގެ ޕްރެޒިޑެންޓް މި ކޭސް އެހާ ސީރިޔަސްކޮށް ނަންގަވައިގެން އެ އުޅުއްވަނީ ކީއްވެގެންކަމެއް."

ބުނާނެ އެއްޗަކާ މެދު ވިސްނައިލަން ޖައުފަރަށް ވަގުތު ބޭނުންވިއެވެ.

"އަޅުގަނޑަށް އެނގޭ،" އެހެން ބުނެފައި ޖައުފަރު ކަރުކެހިލިއެވެ. "އެ ކަމާ ޑިސްކަސްކޮށްލަން މި އައީ. ވަރަށް ހައި ޕްރޮފައިލް ބޭފުޅަކާ ސުވާލުކުރަން އެބަ ޖެހޭ."

އެ ހިސާބުން ފައިރޫޒަށް ޝައްކުވިއެވެ. މޭޒުމަތީގައި ހުރި ފައިލުތައް ތަރުތީބުކޮށްލާކަމަށް ހެދުނެވެ. ފައިރޫޒުގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ، ފުލުހުންގެ އެ މަހުގެ ޝިއާރު ލިޔެފައި އޮތް ގަނޑެކެވެ. އޭގައި އޮތެވެ. ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމައެވެ.

"އެއީ ކާކު؟" ފައިރޫޒު އެހިއެވެ.

ނުނިމޭ