Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ނަތާޝާ

ނަތާޝާ

21 ސެޕްޓެމްބަރ 2022

އާދިއްތަ ދުވަހާ ގުޅޭ

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

އާދިއްތަ ދުވަހާ ގުޅޭ

"އަހަންނަށް މާފުކުރާށޭ ބުނަން ކެރިދާނެތަ؟" ސުވާލުކުރި ރިޕޯޓަރު ބުންޏެވެ.

"ކެރިދާނެ. ބުނަން ވެސް ބުނާނަން،" ދައިސަމް ޖަވާބުދިނެވެ. "އަހަންނަށް މާފުދެވޭނީ އަހަރެން އަނިޔާކުރި މީހާއަށް އެކަނި. އެހެންވެގެން މި ބުނަނީ އަހަންނަށް މަރުގެ އަދަބު ދޭށޭ!"

ދައިސަމް ބުނީ ކީކޭކަން ނުވިސްނުނު މީހުން ވެސް ތިއްބެވެ. އެ މީހުން ހައިރާންވެފައި ތިބީއެވެ. ވިސްނުނު މީހުންގެ ތެރެއިން އެއްބަޔަކު ބުންޏެވެ. އެއީ ތެދެކެވެ. ދައިސަމަށް މާފުކުރެވޭނީ ނަތާޝާއަށް އެކަންޏެވެ. އަނެއް ބަޔަކު ބުންޏެވެ. ދައިސަމްއަކީ އަނިޔާވެރިއެއް އެކަންޏެއް ނޫނެވެ. އޭނައަކީ ފިނޑި ވެސް މީހެކެވެ. މާފަށްއެދޭނެހާ ހިތްވަރު އޭނަގެ ނެތީއެވެ. އެހެންވެ ކޮންމެވެސް ބަހަނާއެއް ދައްކަނީއެވެ.

ދައިސަމްގެ ޝަރީއަތް އަޑުއަހަން ގިނަ ބަޔަކު ޝައުގުވެރިވިއެވެ. ނޫސްތަކު ފަލަ ސުރުހީން ދައިސަމަށް ޖާގަލިބުނެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި ދައިސަމް މަޝްހޫރުވިއެވެ. އެހެނަސް ނުބައި ގޮތުގައެވެ. ރަހުމެއް ނެތް ގާތިލެއް ގޮތުގައެވެ. ކޯޓުގައި ދައިސަމް ބުނި ގޮތުގައި، ނަތާޝާއަކީ ކިހައި މުއްސަނދި ކުއްޖެއްކަން އެންމެނަށް ވެސް އެނގޭނެއެވެ. ނަތާޝާ އަޅާ ކޮންމެ ފިޔަވަޅެއް މީސްމީޑިޔާއިން ފެންނަ ހުރެއެވެ. ލިބޭ ފައިސާގެ އަދަދަށް ދާންދެން ހާމަކޮށްފައި ހުރެއެވެ. ވީމާ، ނަތާޝާގެ ގޭގައި ފައިސާ ހުންނާނެކަން އެންމެނަށް ވެސް އެނގޭނެއެވެ. އެޕާޓުމަންޓުގައި ނަތާޝާ އުޅެނީ މަންމަޔާ އެކުގައިކަމާއި، މަންމަ އުމުރާއަށް ފުރިކަން ނޫސްތަކުން ބަރާބަރަށް އެނގެއެވެ. ނަތާޝާގެ ގެއަށް ދައިސަމް ދިޔައީ އެ ފައިސާގެ ދަހިވެތިކަމުގައެވެ. ކުރިން އެއް ފަހަރު ދިމާވެފައި އޮތީމައި، ނަތާޝާ ދޮރު ހުޅުވާނެކަން ދައިސަމަށް އެނގެއެވެ. އެތެރެއަށް ވައްދާނެކަން ވެސް އެނގެއެވެ. ވީ ވެސް އެހެންނެވެ.

ދައިސަމް ރަނގަބީލުޖެހުމުން ނަތާޝާ ފުރަތަމަ ކުރި ކަމަކީ، ދޮރުކަޅިން ބަލައިލުމެވެ. ބަލައިލިކަން ދައިސަމަށް އެނގުނެވެ. ހިޔަނިއެޅުނީމައެވެ. ދައިސަމް ހަނާއަޅައިލިއެވެ. ނަތާޝާ ދޮރު ހުޅުވިއެވެ. އޭރު ނަތާޝާ ހުރީ އިސްތިރިކުރާށެވެ. އިސްތިރިކުރާ އިރު އަންނައުނަށް ފެންޖަހަން ގެންގުޅޭ ކަހަލަ ފުޅިއެއް ނަތާޝާ އަތުގައި އޮތެވެ. ދައިސަމް ފެނުމުން ނަތާޝާ ބަލަހައްޓައިގެން ހުރީއެވެ. އެއްފަހަރު ދިމާވެފައި ވިޔަސް، ނަތާޝާއަށް ދައިސަމް ނޭނގުނު ކަހަލައެވެ.

"ނަތާޝާ ފުރަތަމަ ބުނީ މިހެން. ހައިޝަމް؟" ދައިސަމް ކިޔައިދިނެވެ. "އަހަރެން ބުނިން ދައިސަމްއޭ، ހާނިމްގެ ފްރެންޑޭ! ދެން އޭނަ ސްމައިލްކޮށްލާފަ ބުނީ، އާނ ޔޭސް! ހަނދާންވެއްޖޭ! ކިހިނެއްހޭވީ؟ މަ ބުނިން، ކުޑަ ޕްރޮޖެކްޓެއް ލިބިގެން އެ ކަމާ ޑިސްކަސްކޮށްލަންށޭ މި އައީ. އެޑް ކުޅެދެން ދޯއޭ؟ އޭނަ ބުނި، އެހެންޏަ! ވަދޭވަދޭ! އިށީނދޭ!"

ފުލުހުންނަށް ހީވެފައި އޮތީ ރަނގަޅަށެވެ. ގާތިލު ވަނީ ވެއްދީމައެވެ.

"އެތެރެއަށް ވަންނަމުން އަހަރެން ބުނިން، ހާނިމާ އެއްކޮށޭ އަންނަން އުޅުނީ. އެކަމަކު އޭނަ ފޯނެއް ނުނަގައޭ! ހާނިމު ވަރަށް ފޯނު ނުނަގާނެ. އެހެންވެ އެހެން ބުނީ،" ދައިސަމް ބުންޏެވެ. "ދެން ބުނިން، ޕްރޮޖެކްޓް މިހާރު ވެސް ވަރަށް ޑިލޭވެއްޖޭ! އެހެންވެ ހިތަށްއެރީއޭ އެކަނި އަންނާނީއޭ. ބޮޑު ވަރަކަށް އަހަރެންގެ މޫނުމައްޗަށް ދޮރުޖަހާނީ ނޫންހޭ! ދެން ރޮމުންރޮމުން ދާނީއޭ. އެހެން ބުނީމަ ނަތާޝާ ހީނގަތް."

ހަގީގަތުގައި އޭރު ވެސް ދައިސަމް ހުރީ މުޅީން ހަމަހެޔަކު ނޫނެވެ. ނަތާޝާ އެ ވަރަކަށް ނުވިސްނައެވެ. އެމެރިކާގައި އުޅެފައިވީތީ އެ ފަދަ މަންޒަރުތަކަށް ނަތާޝާގެ ލޯ ހުރީ އާދަވެފައެވެ.

"ނަތާޝާ ބުނި، އަހަރެން ގުޅީމަ ވެސް ހާނިމު ހަމަ ތިހެނޭ ހަދަނީ. ޖިޓަރއެއް އަރައިގެން އުޅޭތީކަން ނޭނގެޔޭ!" ދައިސަމް ކިޔައިދިނެވެ. "އަހަންނަކަށް އަސްލު ނޭނގެ އެ ދެ މީހުން މައްސަލައެއް ޖެހިގެން އުޅޭކަމެއް. ދެން ނަތާޝާ ބުނީ އެ ވާހަކަ އިހަށް ބާއްވަމާ ހިނގާށޭ! ކޮން ކަހަލަ އެޑެއްހޭ ހަދަން ތި އުޅެނީ؟ ކޮންމެކޮންމެ އެޑެއް މިހާރަކު ނުކުޅޭނަމޭ! ބައެއް ކަހަލަ ސެންސިޓިވް އެއްޗެހި ރާއްޖޭގަ ކުޅުން ސޭފެއް ނޫނޭ. މި ދުވަސްކޮޅު އެކަންޏޭ މި އުޅެނީ ވެސް."

ކޯޓުގައި ދައިސަމް ބުނި ގޮތުގައި، އެކަނި އުޅޭ ވާހަކަ ނަތާޝާ ބުނުން އެއީ އޭނައަށް ކުރެވުނު ކުށެކެވެ. ފެންނަ ކޮންމެ މީހެއް ގާތު އެ ކަހަލަ ހައްސާސް ވާހަކައެއް ބުނެގެން ނުވާނެއެވެ. ދައިސަމްގެ ފުރިހަމަ ނަން ވެސް ނަތާޝާއަކަށް ނޭނގޭނެއެވެ. އެހައި ނުދަންނަ މީހެއް ގާތުގައި، ނަތާޝާ ކަހަލަ ޒުވާން އަންހެންކުއްޖަކު، އެކަނި ގޭގައި އުޅޭ ވާހަކަ ބުނުމަކީ ބުއްދިވެރިކަމެއް ނޫނެވެ.

"މަ ބުނިން، ނަތާޝާއަކީ ނުލާހިކު ސްވީޓް ކުއްޖެކޭ! ކާކުހޭ ނަތާޝާއަށް އެޓޭކެއް ކުރާނީ؟" ދައިސަމް ކިޔައިދިނެވެ. "ޔޫޓިއުބުން އަހަންނަށް ފެނުނު އެޑަކާ ވަރަށް ވައްތަރު އެޑެއް ހަދާށޭ މި އުޅެނީ. ކޮޕީކުރާ ހިތެއް ނުވޭ! އެކަމަކު ކްލައިންޓް ބޭނުންވަނީ ހަމަ މި އެޑޭ! އަޅެ ބަލާލަބަލާށޭ!"

ކަންތައް ހިނގި ގޮތް ވަރަށް ތަފުސީލުކޮށް ދައިސަމް ކިޔައިދިނެވެ. އެ ވާހަކައިގެ ހަގީގަތަކީ ކިހައި މިންވަރެއްކަމެއް އެކަކަށް ވެސް ނޭނގެއެވެ. ދައިސަމް ބުނި ގޮތުގައި، ނަތާޝާގެ ސަމާލުކަން ފޯނަށް ދިޔަ ވަގުތު ދައިސަމް ވަޅި ނަގައިފައި ނަތާޝާއަށް ބިރުދެއްކީއެވެ.

"އަހަރެން ބުނިން، ހުރިއްޔާ ހުރި ކޭޝްއެއް ދޭށޭ!" ދައިސަމް ބުންޏެވެ. "ރީތިކޮށް، ބަސްއަހައިގެން އަހަރެން ބުނާ ގޮތް ހަދައިފިއްޔާ އެއްވެސް އަނިޔާއެއް ނުވެ ސަލާމަތްވާނޭ. ފުރަތަމަ ނަތާޝާ ބުނީ އޯކޭއޭ! ދެން އަހަރެން ދޫކޮށްލީ! ހަމަ ދޫކޮށްލާ އިރަށް ނަތާޝާ ދުވެފަ ގޮސް އިސްތިރި ނެގީ. އޭނަ އުޅުނީ އޭގެން ޖަހަން. އެ ހިސާބުން ފައިޓަކަށްދާން ޖެހުނީ."

ދައިސަމް ބުނި ގޮތުގައި ދައިސަމް ފުރަތަމަ ހަމަލަދިނީ އިސްތިރިންނެވެ. ޖެހުނުލެއް ބާރުކަމުން އިސްތިރީގެ ފުލުގައި ހުރި ޕުލާސްޓިކުގަނޑު ފުނޑުފުނޑުވިއެވެ. ދެން ހަތިޔާރަކަށް ދައިސަމް ބޭނުންކުރީ އިސްތިރީގެ ކަރަންޓުވާގަނޑެވެ. ނަތާޝާ މަރުވިކަން ކަށަވަރުކޮށްފައި، ފަސޭހައިން އަތުޖެހުނު ހުރިހައި ސާމާނެއް ހިފައިގެން ދައިސަމް ރައްކާވީއެވެ. ވިއްކާލައިގެން ފައިސާ ހޯދުމުގެ ބޭނުމުގައެވެ. ސައިކަލު ތަޅުދަނޑި ފެނުމުން ސައިކަލަށް ވެސް ދަހިވެތިވީއެވެ.

"މިހާރު ދެން ނަތާޝާގެ އާއިލާމީހުންނަށް ވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ،" ދައިސަމް އިތުރަށް ބުންޏެވެ. "ކުށްކުރިމީހާ މިހިރީ ހައްޔަރުކޮށްފަ. އަހަންނަށް ހަރުކަށި އަދަބު ވެސް ލިބޭނެ. އަހަރެން ބުނެލަން އޮތީ ކުރިން ވެސް ބުނި ވާހަކަ. ޑުރަގަކީ މީހާގެ ހަލާކު. އަހަރެންގެ ކައިވެނި ރޫޅި، ދަރިފުޅާ ވަކިވާންޖެހި، މިހާރު ޖަލަށް ވެސް ދާން މި ޖެހުނީ ޑުރަގާ ހެދި. ޑުރަގު ނުލިބުނީމަ މީހާ ރަންބުއްދިވާނެ. ޑުރަގުން ސަލާމަތްވޭ! އެހެން ނޫނީ މި ކަހަލަ ނިމުމެއް އަންނާނީ."

ކޯޓުގައި ދައިސަމް ދެއްކި ވާހަކަތައް ނޫސްތަކުގައި ޖެހިއެވެ. އެކަމަކު އެކަކު ވެސް ދައިސަމަކަށް ހަމުދަރުދީއެއް ނުވިއެވެ. ރިޕޯޓަރުންގެ ސުވާލުތައް ވެސް ދިޔައީ ހަރުކަށިވަމުންނެވެ.

"ދައިސަމް ހީކުރީ މީހުން ދައިސަމަށް ހަމްދަރުދީވާނެކަމަށްތަ؟" ދައިސަމް ކޯޓުން ނެރުނު ވަގުތު ނޫސްވެރިޔަކު އެހިއެވެ.

"އެއީ ކީއްކުރާ އެއްޗެއް؟" ދައިސަމް އެހިއެވެ. "އެއަކުން ބަނޑެއް ނުފުރޭނެ. ހީވޭތަ ތި ގޮތަށް ސުވާލުކޮށްގެން ކަލެއަށް މީހުންގެ ސަޕޯޓުލިބޭނެހެން؟ ނޫނީ އަހަރެން ހީކުރަންވީތަ ތީ ނަތާޝާއަށް މާ ހަމްދަރުދީވާ ރިޕޯޓަރެކޭ؟ ކަލޭގެ ބޭނުމަކީ ގިނަ މީހުން ކަލޭގެ ނޫސްކިޔުން. ކަލޭގެ ނޫސް މަޝްހޫރުކުރުން. ގިނަ ލާރިހޯދުން. ނަތާޝާޔާ ދޭތެރޭ ކަލޭ ހިތަކު ހަމްދަރުދީގެ ކުނޑިފުކެއް ވެސް ނެތޭ! މައްސަލައެއްނެތް! އަހަރެން ލާރިހޯދަން މީހަކު މަރާލީ. އަހަރެން އެ ކަން އެބަ ގޯސްކުރަމޭ! ކަލޭގެ ތި ފޭކުޖެއްސުން ކަލޭ ގޯސްކުރަންތަ؟"

ރިޕޯޓަރުގެ އަނގަބައްދާލައިފައި ދައިސަމް ދިޔައެވެ. ފަހުރުވެރިކަން އިހުސާސްކުރަމުންނެވެ. އެހެނަސް، ހަގީގީ ޝަރަފާއި ތައުރީފުލިބުނީ ވާސިފަށާއި އޭނާގެ ޓީމަށެވެ. ފޮރެންސިކު އެހީގައި ހޯދި ހެކިތަކަށް ޓަކައެވެ. ވާސިފުގެ ރިޕޯޓުގައި ފާހަގަކުރި ކަންތައްތައް ދައިސަމްގެ ހެކިބަހުން ސާބިތުވިއެވެ. ނަތާޝާއަށް ހަމަލަދިނީ ރޭގަނޑެއްގައެވެ. ފުރަތަމަ ފަހަރު ގެންދެވުނު ސާމާނު މަދުވެގެން، ދެވަނަ ފަހަރަކަށް ވެސް ނަތާޝާގެ އެޕާޓުމަންޓަށް ދައިސަމް އައެވެ. އެ ފަހަރު ތަން ސާފުކުރުމަށް ވެސް މަސައްކަތްކުރިއެވެ. ވީ ވަރަކުން އިނގިލީގެ ނިޝާނާއި، ފިޔަވަޅު ފަދަ ނިޝާންތައް ފުހުނެވެ. ދައިސަމަށް ކުރެވުނު ވަރެއް ކުރިއެވެ. ދައިސަމް ހިތުން ލޭގެ ހުރިހައި ޓެނިސް ފިޔަވަޅެއް ވެސް ފުހުނެވެ. ދައިސަމްގެ ލޮލަށް ނުފެންނަ ވަރު ކުރިއެވެ. ދިޔުމުގެ ކުރިން، ނަތާޝާގެ ބޯދަށަށް ބާލީހެއް ލެއްވިއެވެ. އެއީ ކީއްވެގެން ކުރެވުނު ކަމެއްކަމެއް ބުނާކަށް ދައިސަމްއަކަށް ވެސް ނޭނގުނެވެ. އިސްތިރިޔާއި، ވަޅި ދައިސަމް ގެންދިޔައީއެވެ.

"އަހަރެން ބުނަން އޮތީ އަހަންނަށް މާފުކުރާށޭ،" ކޯޓުގައި އެއްފަހަރަކު ދައިސަމް ބުންޏެވެ. "މިހެން ބުނާ އިރު ވެސް އެނގޭ އެއަކުން ވާނެ އެއްވެސް ފައިދާއެއް ނެތްކަން. އަހަރެން ތަކުރާރުކޮށް ބުނަން ބޭނުން މަރުގެ އަދަބު އަހަންނަށް ހައްގޭ. އެއަށް ވުރެ އެންމެ ތަންކޮޅެއް ވެސް އަހަންނަށް އަދަބު ލުއިނުކުރާތި!"

ދައިސަމް ނޫން އެހެން ގާތިލެއް، އެހައި ފަސޭހައިން، އެހައި ފާޅުކަން ބޮޑުކޮށް، އެހައި ގިނަ ފަހަރު ކުށަށް އިއުތިރާފުވިކަމާއި، މަރުގެ އަދަބުދޭން އެދުނުކަން ފުލުހުންގެ ރިކޯޑަކުން ފެންނާކަށް ނެތެވެ. އަމުދުން، މަރުގެ އަދަބުދިނުމަށް އަމިއްލައަށް އެދުނު ކުށްވެރިއަކު ވެސް ނެތެވެ. އެހެންވިޔަސް، ދައިސަމް އެދުނު މަރުގެ އަދަބެއް އޭނައަކަށް ނުދެއެވެ. އޭނައަށް ދިނީ ޖަލު ހުކުމެވެ. އުމުރުދުވަހަށެވެ.

"އުމުރަށް ޖަލަށްލުމަކީ މާ ކުޑަ އަދަބެއް،" ހުކުން އިއްވުމުން ދައިސަމް ބުންޏެވެ. "އަހަރެން ކުރީ ވަރަށް އަނިޔާވެރި، ރަހުމުކުޑަ ކުށެއް. މިހާރު ވަރަށް ދެރަވޭ! ހިތަށްއަރާ ނަތާޝާ އަލުން އަނބުރާ ގެނެސް، އޭގެ ބަދަލުގަ އަހަންނަށް މަރުވެވޭނެ ނަމައޭ. އެކަމަކު އެއީ ވާނެކަމެއް ނޫން. ކުރެވޭނެކަމެއް ވެސް ނޫން."

ނަތާޝާއަށް ކުރިމަތިވި ހާދިސާއަކީ އޭނަ އިހުތިޔާރުކުރި ދިރިއުޅުމެއްގެ ނަތީޖާ ހެއްޔެވެ؟ އިންސާނެއްގެ އަނިޔާވެރިކަން ހެއްޔެވެ؟ މައިންބަފައިންގެ ތަރުބިއްޔަތު ހެއްޔެވެ؟ މުޖުތަމައުއަށް ވެރިވެފައިވާ ނުބައި އާދަކާދަ ހެއްޔެވެ؟ ނޫސްވެރިން އެ ކަމާ ބަހުސުކުރިއެވެ. ސިޔާސީ މީހުން ޕޯޑިޔަމުތަކަށް އަރައި، ނަތާޝާގެ ހާދިސާއިން ސިޔާސީ މަންފާހޯދަން ވެސް މަސައްކަތްކުރިއެވެ. މީހުންގެ ސަމާލުކަންއަތުލީ، ނޫހެއްގެ ރިޕޯޓެއްގައި މީހަކު ލިޔެފައިވާ ކޮމެންޓެކެވެ. އޭގައި އޮތެވެ.

އޮތީ އެންމެ ހައްލެއް. އެންމެން އިސްލާންދީނަށް ރުޖޫއަވަމާ ހިނގާ!

ނިމުނީ