Roadha Mihaaru
ފަތިސް 04:41
އިރުއަރާ 05:53
މެންދުރު 12:01
އަސްރު 15:08
މަގްރިބް 18:01
ޢިޝާ 19:12
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހިތް ޖެހުނު ކުޅިވަރުގެ އެންމެ އިސް ސަފަށް

ހިތް ޖެހުނު ކުޅިވަރުގެ އެންމެ އިސް ސަފަށް

23 ސެޕްޓެމްބަރ 2022

މިއީ އެއް އިރެއްގައި ރާއްޖޭގެ ޓޭބަލް ޓެނިހުގެ އެންމެ ވަރުގަދަ އެއް ނަމެވެ. ގައުމީ މުބާރާތް 2002 ގައި ކާމިޔާބު ކުރުމަށްފަހު ރާއްޖޭގެ މިހާރު އެންމެ ޑިމާންޑް ބޮޑު ކުޅިވަރު، ޓީޓީގެ ޖެނަރަލް ސެކްރެޓަރީ އައިޝަތު ސަމާހަތުގެ ކެރިއާ ބަދަލުވީ ދާދި ކުރު މުއްދަތެއްގެ ތެރޭގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިއީ އެއް އިރެއްގައި ރާއްޖޭގެ ޓޭބަލް ޓެނިހުގެ އެންމެ ވަރުގަދަ އެއް ނަމެވެ. ގައުމީ މުބާރާތް 2002 ގައި ކާމިޔާބު ކުރުމަށްފަހު ރާއްޖޭގެ މިހާރު އެންމެ ޑިމާންޑް ބޮޑު ކުޅިވަރު، ޓީޓީގެ ޖެނަރަލް ސެކްރެޓަރީ އައިޝަތު ސަމާހަތުގެ ކެރިއާ ބަދަލުވީ ދާދި ކުރު މުއްދަތެއްގެ ތެރޭގަ އެވެ.

އުމުރުން އެންމެ 18 އަހަރުގައި ކުރި ކައިވެންޏާ އެކު އޭނާގެ ދިރިއުޅުން ބަދަލު ކޮށްލަން ޖެހުނީ އެވެ. ޓީޓީގެ އުންމީދީ ތަރި މެދު އުޑުގައި ފިޔަޖަހަމުން ދިޔަ އިރު، އެ ކުޅިވަރު ކޮމިޔުނިޓީގެ އުންމީދުތައް އޭނާ އާ މެދު ވަރަށް މަތީ ދަރަޖައަކަށް ވެސް ހުއްޓެވެ. ކައިވެންޏާ އެކު ދަރިއަކު ލިބި އެތުލީޓެއްގެ ދިރިއުޅުމާ އޭނާ މުޅިން ދުރުވި އެވެ.

ފިރިމީހާގެ އެދުމުގެ މަތިން ދަރިފުޅު ބަލަން އޭނާ ހުރީ، މި ކިޔާ "ހައުސް ވައިފެއް"ގެ ގޮތުގަ އެވެ. ހަޔާތުގެ އެ މަރުހަލާގައި އަދާ ކުރި ދައުރާ ބެހޭގޮތުން ސަމާހަތުގެ އޮތީ ފަހުރުވެރިވުން ހައްގު ވާހަކައެކެވެ.

"މައިރާ [ދަރިފުޅު] އަށް ހުސް ވެގެން ހުރެވުނީމަ އައި ގްރޯ އަޕް ހާ ސޯ ވެލް،" ދަރިފުޅަށް ހުސްވެގެން ގާތްގަނޑަކަށް 12 އަހަރު ވަންދެން ކުރި މަސައްކަތާ ބެހޭގޮތުން ހިތްހަމަޖެހުމާ އެކު އޭނާ ވާހަކަ ދެއްކި އެވެ.

ސަމާހަތު ޓީޓީގެ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން

ސަމާހަތު ޓީޓީގެ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން

އުމުރުން 13 އަހަރުގައި، އެ އުމުރުގެ އެހެން ކުދިންނަށް ވުރެ މައިރާގެ މެޗުއަރިޓީ އާއި އަމިއްލަ އަށް ކަންކަން ކުރަން އެނގުމުގެ ގާބިލިއްޔަތުކަން ބޮޑު ކަމަށް ސަމާހުތު ބުންޏެވެ. އޭނާ ބުނި ގޮތުގައި އެއީ ދަރިފުޅަށް ހުސް ވެގެން އޭނާ ކުރި މަސައްކަތުގެ ނަތީޖާ އެވެ. އެ މަސައްކަތުގައި އޭނާ ދިރާސާކޮށް ކަންކަން ދަސް ކުރި އެވެ.

އެންމެ ޑިމާންޑް ބޮޑު ކުޅިވަރު އެސޯސިއޭޝަންގެ އޮޕަރޭޝަންގައި

އޭނާ އެންމެ ފުރަތަމަ އުޅުނީ ގާނޫނީ ދާއިރާއިން ކުރިއަށް ދާށެވެ. އެކަމަކު މައިންބަފައިން އެހާ ގަބޫލު ނުވުމުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އަށް އޭނާގެ މިސްރާބު ބަދަލު ކުރި އެވެ.

ޓީޓީގައި ސަމާހަތު މިހާރު ހޭދަ ކުރަމުން ދަނީ އެ ކުޅިވަރުގައި އޭނާގެ ތިން ވަނަ މަރުހަލާ އެވެ. ޓީޓީ ކުޅެ އިންޓަނޭޝަނަލް ލެވަލްގައި އެ ކުޅިވަރު ރާއްޖެ ތަމްސީލު ކުރި ކުރީގެ ކުޅުންތެރިޔާ، އެ ކުޅިވަރުގައި ހޭދަ ކުރި ދެވަނަ މަރުހަލާ އަކީ ބެލެނިވެރިއެއްގެ ދައުރެވެ.

ކުޅިވަރެއްގެ ގޮތުގައި މައިރާ ވެސް އިހުތިޔާރު ކުރީ ޓީޓީ އެވެ. އެކަމަކު ޕްރޮފެޝަނަލް ލެވަލްއެއްގައި އެ ކުޅިވަރުގައި ދެމިހުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ދަރިފުޅު ކުރިމަގަށް އިހުތިޔާރު ކުރި ކޮންމެ ދާއިރާއެއްގައި އެއްބާރުލުން ދީ އެހީ ތެރި ވުމަށް ސަމާހަތު ބޭނުން ވީ އެވެ.

"ޓީޓީގައި މައިރާ ވަރަށް ބޮޑަށް އިމްޕްރޫވް ވެސް ވި. ކޯޗުން ވެސް ބުނި މައިރާ ޓްރޭނިން އަށް ފޮނުވަން. އެކަމަކު ދަރިފުޅު ބޭނުމެއް ނޫން ޓީޓީ ކުޅޭކަށް. އެއްވެސް ކަމަކަށް އަޅުގަނޑު ފޯސް ނުކުރަން،" ސަމާހަތު ބުންޏެވެ.

"ދަރިފުޅު ބޮޑަށް ޝައުގުވެރި ވަނީ ކޯޑިން އާއި އެކަހަލަ ސްކިލްސްތަކަށް."

ޓީޓީއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިސްމާއީލް ސުޖާއު، 2021 ގައި އެ މަގާމުން އިސްތިއުފާ ދިނުމުގެ ކުރިން ވެސް، އެ މަގާމަށް އެހެން މީހަކު ހޯދުމަށް ޓީޓީއޭއެމްގެ އެކްސްކޯ އަށް ވެސް އޭނާ ބާރު އެޅި އެވެ.

އެ މަރުހަލާގައި ޓީޓީއޭމްގެ ޖެނަރަލް ސެކްރެޓަރީ އަކަށް ވުމަށް ސަމާހަތު އަށް ދައުވަތު ވެސް ލިބުނެވެ. އެކަމަކު އޭރު އެ މަގާމަށް އޭނާ ދާން ބޭނުން ނުވީ، ދަރިފުޅު ވެސް ޓީޓީ ކުޅޭތީ އުފެދިދާނެ މަސްލަހަތު ފުށުއެރުމުގެ ކަމަކުން ސަލާމަތް ވުމުގެ ގޮތުންނެވެ.

"މައިރާ މުޅިން ކުޅުން ހުއްޓާލި ފަހުން އައްޔަ [ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު] ބުނީ ދެން އަންނަން ވީނުންހޭ. ސޯ އައި ތޯޓް މިހާރު މީ އެންމެ ރަނގަޅު ވަގުތޭ މި މަގާމަށް ދާން،" މިދިޔަ އަހަރު ޓީޓީއޭއެމްގެ ޖެނަރަލް ސެކެރެޓަރީގެ މަގާމާ ހަވާލުވި ސަމާހަތު ބުންޏެވެ.

ގާތްގަނޑަކަށް 12 އަހަރު ވަންދެން ވަޒީފާއެއް އަދާ ނުކޮށް ގޭގައި ހުރި މީހަކަށް ގޮންޖެހުމަކަށް ވެދާނެ އެވެ. އެކަމަކު އެކަމުގެ އުނި ކަމެއް އޭނާގެ މަސްއޫލިއްޔަތުތަކުން ނުދައްކަ އެވެ. ޓީޓީ އޭއެމްގެ ރައީސް އަލީ އާއި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީން ސަމާހަތު އަށް "ގޯ އެހެޑް" ދިނީ އެ ކުޅިވަރަށް އޭނާގެ ލޯބި އޮންނާނެ ކަން އެނގިގެންނެވެ.

ފުލްޓައިމް ޖެނަރަލް ސެކްރެޓަރީއެއްގެ ގޮތުގައި އެ އެސޯސިއޭޝަން ދުވަހުން ދުވަހަށް ހިންގުމަށް، ވަޒީފާގެ މައިދާނަށް ދިގު މެދުކެނޑުމަކަށް ފަހު ނުކުތަސް ސަމާހަތު އަށް ގޮންޖެހުމެއް ނެތެވެ.

"ގޭގައި އެ ހޭދަ ކުރި މުއްދަތުގައި ވެސް ދޭތެރެ ދޭތެރެއިން ރިސާޗްކޮށް ހަދަން. އޮންލައިން ކުރު ކޯސްތައް ވެސް ރިފްރެޝާސް ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދަން،" އޭގެ ކުރިން ސައިރެކްސް ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިގްރީ ހެދި ސަމާހަތު ބުންޏެވެ.

ކައިވެނީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ މިނިސްޓާސް ބިއުރޯގައި ސަމާހަތު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާގެ ސީވީގައި ތަޖުރިބާ ނެތް ކަމުގެ އުނި ކަމެއް ނެތެވެ. ޓީޓީގެ އާ މަގާމާ އެކު އޭނާގެ ޒިންމާތައް ވެސް ބޮޑުވެއްޖެ އެވެ. އޭނާ އަމިއްލަ ނަފުސަށް ޕްރެޝާ ދީގެން ހާސިލު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ސަމާހަތު ބުންޏެވެ.

"އަޅުގަނޑުގެ ޖެނަރަލް ސެކެރެޓަރީ ކަމުގައި ވަރަށް ބޮޑު އުންމީދެއް އެއީ ބެސްޓް އެސޯސިއޭޝަންގެ އެވޯޑް އަންނަ އަހަރު ވެސް ދެމެހެއްޓުން،" ސަމާހަތު ބުންޏެވެ.

އެ އެސޯސިއޭޝަނާ މެދު އާންމުންގެ މިހާރު އޮތް އުންމިދު ދެމެހެއްޓުމަކީ ވެސް އޭނާ އަށް އޮތް ބޮޑު މަސްއޫލިއްޔަތެކެވެ. އެ ގޮތުން އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީން އެންމެ ފަހުން ދެމެހެއްޓި ރަން ވަނަތައް އަލުން ދެމެހެއްޓުމުގައި ވެސް ސަމާހަތު އަށް ވެސް ބޮޑު ދައުރެއް އެބައޮތެވެ.

ކޮމަންވެލްތު ގޭމްސްގައި މޮރިޝަސް އަތުން އަންހެން ޓީޓީ ޓީމު ބަލިވުން އެއީ، ބަލައި ގަންނަން އުނދަގޫ ކަމަށްވި އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ޓީމުން ރަން މެޑަލް ހޯދީ މޮރިޝަސް ބަލިކޮށްފަ އެވެ. އަލުން އެ ޓީމު ބަލި ނުކުރެވުން ސީރިއަސް ކަމެއްގެ ގޮތުގައި ވެސް އެސޯސިއޭޝަނުން ނެގި އެވެ. އެކަމަކު ސަމާހަތު ބުނި ގޮތުގައި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެ އަށް ބްރޯންޒް މެޑަލް ލިބުމަކީ ކޮމަންވެލްތު ގޭމްސްގައި ކުރިމަތިވި ހިތްދަތި ކަމުން އަރައި ގަނެވުނު ކަމެކެވެ.