Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ދޭނުހޭ ގެންގޮސް ވަޔާއޭ

ދޭނުހޭ ގެންގޮސް ވަޔާއޭ

12 ނޮވެމްބަރ 2022

● 4 ވަނަ ބައި

● 4 ވަނަ ބައި

"އާނ! މިހާރުވެސް ތިޔައިނީ އޭނާ ޚިޔާލުގައެއްނުން؟ ކިޔުނު އެއްޗެއް ނުކިޔޭ އެއްޗެއް ވެސް ނޭނގޭ ވަރުވެފައި" ޝެރީން އަށްޓަކައި އުފާވެފައިވާ ހާލު އަހަރެން ދިމާކޮށްލީމެވެ.

އެޔާއިއެކު ޝެރީން ލަދު ރަކި ގޮތަކަށް ހިނިތުންވެލަމުން އަހަންނާއި ދިމާލަށް ބަލައިލީއެވެ.

"ރީނާއަށް އެނގޭނެ ކަންނޭގެ އޭނަ..އެއީ މިއުޒިކް ކުޅޭ ކުއްޖެއް، އިޝާން ކިޔަނީ!"

އަހަރެން ތުންފަތުގައިޖެއްސި ހޫނު ސައިތަށި މެޔަށާއިއެކު މުޅިގަޔަށް ބަންޑުންވިއެވެ. އަތުންދޫވި ޖޯޑު ބިންމައްޗަށް ވެއްޓި ތެޅުނު އަޑުފައްގަނޑު މުޅި ތަނަށް ގުގުމާލިއެވެ. އަހަރެން ކޮށިއެރިއެވެ. ފުންމައިގެން ތެދުވެވުނެވެ. ދޮންބެދައްތަވެސް އެއަޑަށް އަންނާތީ ފެނުނެވެ. ޝެރީންއާއި ދޮންބެދައްތައާއި ދެމީހުން އެކީގައި ކަހަލަގޮތަކަށް ވީކީއްތޯ އަހަންފެށިއެވެ. އަހަންނަކަށް ޖަވާބެއް ނުދެވުނެވެ. އެއަޑުފައްގަނޑަށް މޭޒުތަންދޮށުގައި ނިދާފައި އޮތްބުޅާވެސް ތެދުވެގެން ދުއްވައިގަތެވެ.

ޝެރީން އައިސް އަހަރެންގެ ބުރަކަށީގައި ތަންކޮޅެއްބާރަށް ފިރުމާލާ ތަޅާލާ ހެދުމުންވެސް އަހަރެންގެ ކޮށިއެރުން ރަނގަޅުވާގޮތެއް ނުވިއެވެ. އޭރު މެޔަށް ހޫނުސައިތަށި ބަންޑުންވުމުގެ ސަބަބުން ދިލަނަގަނީއެވެ. ބޭރުންވާ ހޫނާއި އެތެރެއިންވާ ހޫނާއި ދެ ހޫނު ބައްދަލުވެއްޖެއެވެ. އަހަރެން އަނދަމުންދަނީއެވެ. ކޮށިއަރާވަރުން ވާހަކަވެސް ނުދެއްކެއެވެ. އަހަރެން އަވަސް އަވަހަށް ކޮޓަރިއާއި ދިމާއަށް ދުއްވައިގަތީމެވެ.

އެދިޔަގޮތަށްގޮސް ފާޚާނާއަށް ވަދެ މޫނުދޮންނަ އިސްކުރު ދޫކޮށްލައިގެން ހުރެވުނެވެ. އަހަރެން ހުރީ ހުއްޓިފައެވެ. ލިބުނު ސިހުމުގައި ގަބުވެފައެވެ.

"އެއީ މިއުޒިކް ކުޅޭ ކުއްޖެއް، އިޝާން ކިޔަނީ، އިޝާން ކިޔަނީ! އިޝާން ކިޔަނީ!" ޝެރީންގެ އަޑު އަހަރެންގެ ކަންފަތުގައި ތަކުރާރުވާންފެށިއެވެ. ފާޚާނާގެ ހަތަރު ފާރުންވެސް އެއަޑު އަންނަހެން ހީވެއެވެ. އަހަރެން ދެކަންފަތުގައި އަތްއެޅީމެވެ. ވަށައިގެން ހޯދައިލީމެވެ. ހަދާނެގޮތެއް ނޭނގި ގޮތްހުސްވެގެންނެވެ. އަހަރެން ލޯގަނޑަށް ބަލައިލީމެވެ. ލޯގަނޑަކުން އެއްވެސް އެއްޗެއް ނުފެނެއެވެ. ދެލޯވަނީ ފުސްވެފައެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ބަންޑުންވާންފެށުމުން މޫނަށް ފެންޖެހީމެވެ. އެހެންނަމަވެސް ކަރުނަ އައުމެއް ނުހުއްޓުނެވެ. ހިތުން ނަގާ ދިލައެއް މަޑެއްނުވިއެވެ.

"ރީނާ! ރީނާ ޔޫ އޯކޭ ތަ؟" ޝެރީން ފާޚާނާ ދޮރުގައި ތަޅަމުން އަހަންނަށް ގޮވަންފެށިއެވެ. އަހަރެން ކުޑަކޮށް ނަމަވެސް ހަމަޖެހިލެވޭތޯ މަސައްކަތް ކުރީމެވެ. އޭނާގެ ސުވާލަށް 'ނޯ އައި އޭމް ނޮޓް އޯކޭ' ބުނަން ހިތަށް އެރިއެވެ. ނަމަވެސް އެއަޑެއް ބޭރަކަށް ނުނުކުތެވެ.

"ރީނާ! ޝެރީން ދޮރުގައި ހިފާލިއެވެ.

"ފެންވަރާލައިގެން މި ނުކުންނަކީ." އަހަރެން ވަރަށް ހިއްވަރާއިއެކު ބުނީމެވެ. އަދިފެންމާގަނޑު ދަށަށް ވަދެ އިސްކުރު ދޫކޮށްލީމެވެ. ލައިގެންހުރި އެއްޗިހި ބާލާކަށްވެސް ހަނދާނެއްނެތެވެ.

ފެންމާގަނޑުން މޫނަށާއި ގަޔަށް ފެންތައް ފައިބަމުން ދިޔައިރުވެސް ދެލޮލުން ކަރުނަ އަންނަމުންދިޔައެވެ. އަހަންނަށް ޝެރީންގެ ވާހަކަ ގަބޫލުކުރަން ދަތިވިއެވެ. ޝެރީންއަކީ އޮލިމްޕަސް ސްޓޭޖުގައި އިޝާން ލަވަކީ އިރުވެސް އެތަންނުބަލާ ނިދާފައި އިން މީހެކެވެ. އޭނާ އިޝާންއަށް ޝައުގުވެރިވީ ކީއްވެހެއްޔެވެ؟

އެތައްއިރަކަށްފަހު އަހަރެންގެ ލޮލުންކަރުނަ އައުން މެދުކެޑުމުން މާގަޑު ދަށުން ނުކުތީމެވެ. އެންމެފަހުން ހެދުން ބަދަލުކޮށްގެން ނިކުތް އިރު ޝެރީންއެއް ނެތެވެ. އޭނާ ކޮންމެވެސް މީހަކަށް ފޯނު ކޮށްފައި ޑިއުޓީއަށް ދާން ޖެހެޔޭ ކިޔާފައި ދިޔައީ ކަމުގައި ދޮންބެދައްތަ ބުންޏެވެ.

ޝެރީންއާ ކުރިމަތިލާން ނުޖެހުނީތީ އުފާކުރީމެވެ. އަހަންނަށް ވެފައިހުރިގޮތް އޭނާއަށް ފެނި އިތުރު ސުވާލުތަކަކާއި ކުރިމަތިލާނޭ ހިތްވަރެއް ނެތީމައެވެ. ދޮންބެދައްތަ ގާތު މޭޒުތަންދޮށުގައި އޮތް ބުޅަލުގައި ފައިޖެހުނީމާ ސިއްސައިގެން ދިޔައީ ކަމުގައި ބުނީމެވެ. އެކަމަކު ދޮންބެދައްތަ އަހަންނާއި ދިމާލަށް ބަލަން ހުރިގޮތުން އަހަރެންގެ ވާހަކަ އޭނާ ގަބޫލު ކުރިހެނެއް ހިޔެއްނުވެއެވެ.

އެނބުރި ކޮޓަރިއަށް ދިޔުމުގެ ކުރިން ފޯނު ނަގާފައި ރީޑައިލްއަށް ފިތާލީމެވެ. އެކޮޅުން ފޯނު ނެގީ އަހެންކުއްޖެކެވެ. ކޮންތަނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ އިޝާންގެ ގޭގެނަމެވެ.

އެރޭ އަހަންނަކަށް ނުނިދުނެވެ. އިޝާންގެ ފޮޓޯއަށް ބަލަން އޮވެވުނީއެވެ. ސިކުނޑިއާއި ކުޅެމުން ގެންދަނީ ޝެރީންގެ އަޑެވެ. ވޭންގަދަ ދިލަ ކަރުނަތަކަކުން އަހަރެންގެ އެސްފިޔަތައް ތެމެމުންދިޔައެވެ. އެ ފޮޓޯ ވީދާލަން ހިތަށް އެރިއެވެ. އެހެންނަމަވެސް އެހިތްވަރެއް ނުލިބުނެވެ.

"ޝެރީން ދެން ތީ ދޮގެކޭ ބުނޭ! ޕްލީޒް!.....ތީ އަހަންނާ ކޮށްލި ސަމާސާއެކޭ ބުނޭ!" އަހަރެންގެ ސިކުނޑީގައި ހަރުލާފައިވާ ޝެރީންގެ އަޑާއި އަހަރެން ވާހަކަ ދެއްކީމެވެ. ފާރުގައި ހުރި ފޮޓގައިވާ އިޝާންގެ ގައިގާ އަހަރެން ފިރުމާލީމެވެ.

"އެއީ ތެދެއްތަ؟ އިޝާން ލިބުމުގެ ނަސީބު ވެރިއަކީ ޝެރީންތަ؟" އަހަރެން ސުވާލު ކުރީމެވެ.

އެފޮޓޯ ޝެރީންއަށް ކުރިންނުދެއްކުނީ ކީއްވެހެއްޔޭ ހިތަށް އަރަންފެށިއެވެ. ޝެރީންއަކީ އަހަރެންގެ ބެސްޓު ފުރެންޑަށް ވީއިރު އަހަރެންގެ ހިތުގައި އިޝާންގެ ނަން ލިޔެގެން އުޅޭކަން ސިއްރުކުރެވުނީ ކީއްވެގެން ހެއްޔެވެ؟.

އަހަރެންގެ ސިކުނޑިއަށް ބަރުވާންފެށިއެވެ. ފުރެންދެން ހުސް ނަމަ ނަމަ ވަންނަންފެށިއެވެ. އޭރު ޗުއްޓީއަށް ރަށަށް ނުދެވުނު ނަމަ... ޝެރީންގެ ގާތުގާ އިޝާންގެ ވާހަކަ ކުރިން ބުނެވުނު ނަމަ.......މިނަމަ ތަކުގައި ދެންކުރާނެ ފައިދާއެއް ނެތްކަން ހިތަށްވަނުމާއެކު އަހަރެން ގޮތްހުސްވިއެވެ.

އަނެއްދުވަހު ހެނދުނު ހޭލެވުނުއިރު ދެލޯހުރީ ދުޅަވެފައެވެ. އެއީ ހުކުރު ދުވަސްކަން ހަނދާންވުމުން ކުޑަކޮށްނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އަހަރެން ތެދުވާ ހިތެއްނުވިއެވެ. އަލުން ނިދޭތޯ ދެލޯ މަރާ ތަގުޅި ކޮށްލީމެވެ.

ޝެރީންއަށްވުރެން ކުރީން އަހަރެންގެ ވާހަކަ ދައްކަންފެށުނުނަމަ ވީހީ ކިހިނެއް ބާވައޭ ހިތަށްއެރުމުން އަހަރެން ފިނިވެގެންދިޔައެވެ. އިޝާންއާއި އެއްއޮފީހަކަށް ވަދެވުނުކަމާއި ކަލަންޑަރު ދަށުގައި ފޮރުވާފައިވާ ފޮޓޯ އަހަންނަށް ކުރިން ދެއްކުނުނަމަ.. އެހެން ހިތަށް އެރުމާއިއެކު އަހަރެންގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އަހަރެން ހާސްވާން ފެށިއެވެ.

އެންމެފަހުން ތެދުވެ މޫނުދޮވެހަދައިގެން ނިކުތީއެވެ. އަހަރެން ހަމަ ފެނުމާއިއެކު ދޮންބޭބެ ސުވާލު ކުރަންފެށިއެވެ. އެޔާއިއެކު ރޯގާ ޖެހެންއުޅޭހެން ހިވާކަމުގައި އަހަރެން ދޮންބޭބެ ގާތު ބުނީމެވެ. ގަދަކަމުން ސައިތައްޓެއް ބޯލައިގެން ދޮންބޭބެ ދިން ބޭހެއްކައިގެން އަނެއްކާވެސް އޮށޯވެ ނިދީއެވެ. ދެންހޭލެވުނު އިރު މެންދުރުފަސް ވެއްޖެއެވެ.

އަހަރެން ނުކުތުމުން، ދެފަހަރަށް ޝެރީން ގުޅިވާހަކަ ދޮންބެދައްތަ ބުންޏެވެ. އަހަރެން އެހެންހޭ ބުނެލީމެވެ. ފުރަތަމަފަހަރަށް ޝެރީންއަށް ގުޅާހިތްނުވިއެވެ.

އެކަމަކު އަހަރެން ފޯންނުކުރިޔަސް އޭނާ މިގެއަށް އަންނާނެއެވެ. އަދި އޭނާގެ ބޯއީފުރެންޑް އަހަރެންނަށް ތައާރަފު ކޮށްދޭން ކޮންމެވެސް ދުވަހަކުން ގެންނާނެކަން ޔަގީނެވެ. އަހަންނަށް އެދެމީހުންނާ ކުރިމަތިލާން ވެސް ޖެހޭނެއެވެ. އެދުވަހަކުން އެހިތްވަރު ލިބޭނެބާވައެވެ؟.

ހަވީރު ވުމުން ފެންވަރާ ހަދައިގެން ނުކުތްއިރު ދޮންބެދައްތަ އިނީ ފިލްމެއް އަޅުވައިގެންނެވެ. އަހަރެން ފެނުމުން ވަރަށް ރީތި ފިލްމެކޭ ބަލަން އަންނާށޭ ބުނެލިއެވެ. އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ. އެހެންނަމަވެސް އަހަރެންގެ ނުތަނަވަސްކަން ފިލުވައެއްނުލެވުނެވެ.

އިރުކޮޅަކު އެތާނގައި އިނދެލާފައި ކޮޓަރިއަށް ވަދެ ގިޓާ ނަގައިގެން އެނދުމަތީ އިށީނީމެވެ. ގިޓާއާއިއެކު ލަވައެއް ކިޔާލުމަކީ އަހަރެންގެ ހުރިހާ ޚިޔާލުތަކަކާއި ދުރަށްދެވި ހިތްހަމަޖެހުން ލިބިދޭކަމެކެވެ. އެހެންނަމަވެސް އަހަންނަށް އެކަންވެސް ކުރަން އުނދަގޫވިއެވެ. ކިޔާނީ ކޮންލަވައެއް ކަމެއް ހިތަކަށް ނުވަނެވެ. ކޮންމެ ލަވައަކާއި މެދު ޚިޔާލު ކޮށްލިއަސް ހަނދާނަށް އަންނަނީ ހަމަ އެންމެ މީހެކެވެ. އަހަންނަށް ކުޅެން އެނގޭ ހުރިހާލަވައެއްހެން އޭނާގެ ފޮޓޯއަށްވާނީ ކިޔައިދީފައެވެ. އަހަރެން ލޯމަރާލައިގެން އިނދެ އެކި ލަވަލަވައިގެ ތަންތަންކޮޅު ކުޅެމުން ކިޔަމުން ގެންދިޔައީމެވެ. އެންމެފަހުން ބީޓްލްސްގެ 'ޔެސްޓަރޑޭ' ކިޔާ ނިންމާލިތަނާ ކޮޓަރިތެރެއިން އަތްތިލަބަޑީގެ އަޑުއިވުނެވެ. އަހަރެންސިހިފައި ބަލާލިއިރު ކުރިމަތީގާ ހުރީ ޝެރީންއެވެ.

'ވާ..ވާ! ވަރަށް ރީތި." ޝެރީން އައިސް އެނދުގައި އިށީނެވެ. "ކިހިނެއްވީ؟ ދޮންބެދައްތަ ބުނި ރީނާ ބަލިވެޔޯ" އޭނާގެ ޑޮކްޓަރީ ސިފަ އިސްވިއެވެ.

"މާ ބޮޑު ކަމެއް ނުވޭ ، ރޯގާ ވައްތަރުވީ... ބޭސް ކައިގެން ނިދާލީމަ މިހާރު ރަނގަޅު" އަހަރެން ޖަވާބު ދިނީމެވެ. ދެފަހަރަށް ގުޅީމާވެސް އަހަރެންގެ ޚަބަރެއް ނުވަމެއްނޫންހޭ ކިޔާފައި އޭނާ ޝަކުވާކޮށްލިއެވެ. އެޔާއިއެކު އަހަންނަށް ޖެހުނީ ދޮގެއް ހަދާށެވެ. އަހަރެން ގުޅިންކަމަށާއި އޭރު އެ ގޭ ފޯނު ހުރީ އެންގޭޖްވެފައި ކަމުގައި ބުނީމެވެ.

" ހިނގާބަލަ ބޭރަށް! އޭނަ ގޮވައިގެން މިއައީ ރީނާއަށް އިންޓުރޮޑިއުސް ކޮށްދޭން" ޝެރީން ހުރީ ވަރަށް އުފާވެލާފައެވެ.

"އޭ؟!" އަހަންނަށް ބުނެލެވުނެވެ.

"އިޝާންއާއި އެކީގައޭ މިއައީ...ހިނގާބަލަ!" ޝެރީން އަހަރެންގެ އަތުގައި ހިފައި ކޮޅަށް ނަގަން މަސައްކަތްކުރިއެވެ.

އަހަރެން ފިނިވިއެވެ. ކެތްތެރިވާން ކިތަންމެވަރަކަށް މަސައްކަތް ކުރިކަމުގައި ވިޔަސް އެވަގުތު އަހަރެންގެ ހިތުގެވިންދު އަވަސްވާން ފެށިއެވެ. އަހަރެންގެ ނުތަނަވަސްކަން ފޮރުވޭތޯ ގަދަކަމުން ހީލީމެވެ. އަދި އެއްޗިހި ބަދަލުކޮށްލައިގެން މިނުކުންނަނީ ކަމުގައި ބުނުމުން ޝެރީން ކޮޓަރިން ނުކުތެވެ.

އެއްޗިތި ބަދަލުކޮށްގެން ގޮސް ލޯގަނޑު ކައިރިއަށް ހުއްޓުނީމެވެ. ދެލޮލުން މާޔޫސްކަމުގެ އަސަރު ފެންނަންހުރިތޯ ވަރަށް ފަރުވާތެރިކަމާއިއެކު ބަލައިލީމެވެ. އިސްތަށިގަނޑު ރީތިކޮށްލާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރީމެވެ. ޝެރީންގެ ބެސްޓްފުރެންޑަކީ އަހަރެންކަން އެނގުމުން އިޝާންގެ ހިތަށް އަރާނީ ކީކޭ ބާވައެވެ؟

އަހަރެން ނުކުތްއިރު ޝެރީންއެއް ގޭތެރެއިން ފެންނާކަށް ނެތެވެ. އަހަރެން މަޑުމަޑުން ދޮރާށި ހުޅުވާލާފައި ބޭރުބަލައިލީމެވެ. ތަންކޮޅެއްދުރުގައި ސައިކަލް މަޑުކޮށްގެން ނުފައިބާ އިޝާން އިނެވެ. ޝެރީން ހުރީ އޭނާގެ ކައިރީގައެވެ. އެމަންޒަރު ފެނުމުން އަނެއްކާވެސް އަހަރެންގެ އަތްފައި ފިނިވާންފެށިއެވެ.

ޝެރީންއަށް އަހަރެން ފެނިގެން ކައިރިއަށް އައެވެ. އެޔާއިއެކު އިޝާންވެސް ސައިކަލު މަތިން ފައިބައިގެން އައެވެ.

"އިޝާން މީ މަގޭ ބެސްޓު ފުރެންޑު.! ރީނާ......." ޝެރީން ތަޢާރަފް ކޮށްދިނެވެ.

އެވަގުތު އިޝާންއަށް ލިބުނު ހައިރާންކަން އޭނާގެ މޫނުމަތިން ކިތަންމެ ރީއްޗެއްކޮށްވެސް ފާޅުވިއެވެ. އަހަރެން ހިނިތުންވެލަމުން 'ހަލޯ' އޭ ބުނެފައި ސަލާމް ކުރަން އަތްދިއްކޮށްލީމެވެ. އޭރު އަހަރެންގެ ހިތްހަމަ ބާރަށް ތެޅެއެވެ. އޭނާ އަހަރެންގެ އަތުގައި ހިފިއެވެ. ފުރަތަމަ ފަހަރަށް އެއަތުގައި ބީހިލެވުމުން އަހަރެންގެ މުޅިހަށިގަޑު ކަރަންޓުގައި ޖެހުނުހެން ހީވިއެވެ. އިޝާން ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން އަހަރެން ވާހަކަ ދެއްކީމެވެ. އޭނާ ދަންނަކުއްޖަކާ އަހަރެންވައްތަރީތޯ ސުވާލުކޮށްލީމެވެ. އެޔާއިއެކު ޝެރީން އަހަރެންގެ މޫނަށް ބަލާލިއެވެ.

" އޭއީ މަގޭ ޓުވިން ރާނިޔާ!" އަހަންނަށް ކުރަމުންދާ އަސަރު ފޮރުވުމަށްޓަކައި ވާހަކަ ދައްކަމުން ގެންދިޔައީމެވެ.

"އޭނ؟" މިފަހަރު ޝެރީން ހައިރާންވިއެވެ. "ރީނާ ކީކޭ ތިބުނީ؟"

" އެހެން ދޯ! މިދިޔަ ހަފުތާއި އޮފީހަށް އަލަށް ވެއްދި ކުއްޖާއާހަމަ އެއްވެސް ތަފާތެއް ނެތް!" އިޝާން ވާހަކަ ދެއްކިއެވެ. އޭނާ އެހާ ފަރުވާތެރިކަމާއެކު އަހަރެންނާ ދިމާއަށް ބަލާކަން އެނގުމުން އަހަރެންގެ ރަކިވާގޮތްވިއެވެ.

"ރާނިޔާ އަކީ މަގޭ ޓުވިންއޭ ދޯ ޝެރީން!" އަހަރެން ޝެރީންއާއި ދިމާލަށް ބުނެލީމެވެ. ޝެރީންއަށް އަހަރެންކިޔާ އެއްޗެއް ނޭނގި ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ހާސްވިތަން ފެނުމުން އަހަންނަށް މަޖާވެގެން ހެވުނެވެ.

"އެ އޮފީހުގައި އުޅޭ ރާނިޔާގެ ވާހަކަ މިދައްކަނީ!" އަހަރެން ޝެރީންއާއި ދިމާއަށް އެއްލޯމަރާލަމުން އޮޅުން ފިލުވައިދިނީމެވެ.

"އޭ! އެހެންނުވާނެ! ރީނާ ނުވެސް ބުނަމެއްނު އޮފީހަށް ވެއްދިވާހަކައެއް!" ކަންވީގޮތް ވިސްނިގެން ޝެރީން ބުނެލިއެވެ. އޭނާގެ ރާގުގައި ޝަކުވާގެ އަސަރު އެކުލެވިފައި ވާހެންހީވިއެވެ.

"ކޮބާތަ ރާނިޔާ، ގޭގައި އެބައުޅޭތަ؟" އިޝާން އެހެން އަހާލުމުން އަހަރުމެން ދެމީހުންނަށް އެއްފަހަރާ ބާރަށް ހީގަނެވުނެވެ.

" ސާބަސް މީއޭ ރާނިޔާ އަކީ.!" ޝެރީން ބުނެދިނެވެ. "ރީނާ އެއީ އަހަރުމެން ކިޔާގޮތް" އޭނާ އިތުރަށް އޮޅުންފިލުވައި ދިނެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ