13 ނޮވެމްބަރ 2022
ބުދަ ދުުވަހާ ގުޅޭ
ބުދަ ދުުވަހާ ގުޅޭ
"ކާކު ގުޅީ؟" މުޖުތަބާ އެހި އަޑު އިވުނެވެ.
"ވައިފެއްނު ގުޅާނީ!" ހިތްހަމަނުޖެހިފައި ބުނާ ކަހަލަ ރާގެއްގައި ނީޒާ ބުންޏެވެ. "އޭނަ ގޮވައިގެން އައި ނަމަ މާ ރަނގަޅުވީހެއްނު. މި ކަން ބަސްޓުވެއްޖެއްޔާ އޭނަ ކީކޭ ހިތަށްއަރާނީ؟ އަހަރެން ދެކެކަން ނޭނގެ ރުޅިއަންނާނީ."
"ކޮން ރުޅިއެއް އަންނާކަށް؟ ފިރިހެނުންނަށް ދެ އަނބިން ވެސް ހުއްދަވާނެ،" ވަރަށް ހަމަޖެހިލާފައި މުޖުތަބާ ބުންޏެވެ. "ތީ ވެސް އަހަރެންގެ ވައިފެކޭ!"
"އެކްސް!" ނީޒާ ހަނދާންކޮށްދިނެވެ.
"އިނީމަ އެކްސްއަކަށް ނުވާނެއްނު!" ލާނެތް ރާގަކަށް މުޖުތަބާ ބުނި އަޑުއިވުނެވެ. "އެ ކޮޅަށް ގޮސް އިންނަމާ! ކާކަށް އެނގޭނީ؟"
ނަޒްދާ ވަގުތުން ފޯނުކަނޑައިލިއެވެ. ހިތަށްއެރިއެވެ. ކެތްތެރިކަމާއި ތެދުވެރިކަމުގެ އިނާމަކީ އެއީ ހެއްޔެވެ؟ ވަފާތެރިކަމާއި ކިޔަމަންތެރިކަމުގެ ބަދަލުދެނީ އެހެން ހެއްޔެވެ؟ ނަޒްދާގެ ހުވަފެންތަކާއި، އުންމީދު ގުރުބާންކުރީ އެ ދުވަސް ދެކެން ހެއްޔެވެ؟ މިނެދިން ނާޅިން މިނެލަން ނަޒްދާ ހިތަށްއެރިއެވެ. އެހެނަސް ހިތަށްއެރިއެވެ. އޭރުން މުޖުތަބާއާއި ނަޒްދާގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ ހިތަށް ތަދުވި ވަރުން، އެކަނި ހާލަށް ހިންދަމައިލެވޭ ވަރެއް ނުވިއެވެ. ކޮންމެވެސް މީހެއް ގާތުގައި އެ ވާހަކަދައްކަން ބޭނުންވިއެވެ. އެހެން ނަހަދައިފި ނަމަ ނަޒްދާ މޮޔަވެދާނެއެވެ. ފުރަތަމަ ހިތަށްއެރި ނަމަކީ ހަނާއެވެ. ހަނާގެ ފޯނު އެންގޭޖެވެ. ދެން ގުޅީ މޫމިނާއަށެވެ. ނަޒްދާ ހުރީ ވަރަށް ހިތްވަރުކޮށްގެންނެވެ. ރޯކަން ނާންގަން ނަޒްދާ ވަރަށް މަސައްކަތްކުރިއެވެ.
"ހަލޯ!" މޫމިނާ ފޯނު ނެގުމުން ނަޒްދާ ބުންޏެވެ.
"ކިހިނެއްވީ؟" އެންމެ ފުރަތަމަ ވެސް މޫމިނާ ބުނީ އެހެންނެވެ. "ކީއްވެ ތި ރޮނީ؟"
"މަ؟ މަށެއް ނުރޮން." ނަޒްދާ ބުންޏެވެ.
މޫމިނާ ވަގުތުން ފޯނުކަނޑައިލިއެވެ. އިރުކޮޅަކުން އިވުނީ ދޮރުގައި ޓަކިޖަހައިލި އަޑެވެ. ނަޒްދާ ލޯގަނޑު ކުރިމައްޗަށް ހުއްޓި، ހިތާމައިގެ ހުރިހައި އަސަރެއް މޫނުމަތިން ފިލުވައިލިއެވެ. ގަދަކަމުން ހިނިތުންވެލިއެވެ. ދޮރު ހުޅުވައިލިއެވެ. އެކަމަކު މޫމިނާ ފެންނަ އިރަށް ބަޑިފަޅައިގެންދިޔައެވެ. މޫމިނާ ގައިގައި ބައްދައިގަނެވުނެވެ.
އޭރު ވެސް ހަނާ އިނީ ފޯނުން ވާހަކަދައްކާށެވެ.
"އަސްލު ކިހިނެއްތަވީ؟" ހަނާ އެހިއެވެ. "އާނ އޯކޭ! މޫމި މިހާރު ބިޒީވާނެކަން ނޭނގެ. އެކަމަކު ވެސް ޓްރައިކުރާނަން."
ފޯނު ބާއްވާފައި ހަނާ ވިސްނައިލިއެވެ. މޫމިނާއަށް ގުޅިއެވެ. ފޯނެއް ނުނެގިއެވެ.
"ކާކު؟" ސޯފާގައި އިށީނދެލައިގެން އިން ނަޒްދާ ބުންޏެވެ.
"ހަނާ!" ދަބަހަށް ފޯނު ލަމުން މޫމިނާ ބުންޏެވެ. "ނަޒޫއަށް ޔަގީންތަ؟ އެ ނީޒާ އުޅެފާނެ ފަނިހަދަން ވެސް. އެކަމަކު ނީޒާ ދަންޏާ ކީއްކުރަން އަޒާން ގެންދިޔައީ؟ ނުގެންދިޔައިމައެއްނު ބޭނުންހާ ގޮތަކަށް އެ މީހުންނަށް އުޅެވޭނީ."
"ދެން ނޭނގެ!" އިސްޖަހާލައިގެން އިން ނަޒްދާ ބުންޏެވެ. "އަހަންނަށް މައްސަލައެއް ނެތް އެ މީހުން އެއްކޮށް ޓްރެވަލްކުރިޔަސް. މެރީކުރިޔަސް ހެޔޮ. ހެޔޮ ނުވިޔަސް މުޖޫ ބޭނުން ކަމެއް މުޖޫ ކުރާނެ. އިނީމަ ގައިމު ވެސް ދެން އެއް ފާފައިން ސަލާމަތްވާނެއްނު. އަހަރެން ހިޔެއްނުކުރަން ދުވަހަކު ވެސް އަހަންނަށް މިހެންވާނެކަމަކަށް. މި ހިސާބުން ދެން ފިރިހެނުންނަށް ޓްރަސްޓުކުރުން ނިމުނީ."
ނަޒްދާއަށް ވިސްނައިދޭކަށް މޫމިނާ ނޫޅެއެވެ. މޫމިނާ ވީ އަޑުއަހާ މީހަކަށެވެ. ހިތްވަރުދޭ މީހަކަށެވެ. އަނެއްކާ މޫމިނާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އެ ކަމާ ހިތްހަމަނުޖެހިފައި ފޯނު ބަލައިލި އިރު އެއީ ވެސް ހަނާގެ ފޯނެކެވެ.
"މި މަންޖެ މޮޔަވެގެންތަ މި އުޅެނީ؟" ފޯނުގެ އަޑު ކަނޑައިލަމުން މޫމިނާ ބުންޏެވެ.
ސައިކަލުގައި މޫމިނާ އައިސް ގެއެއް ކުރިމައްޗަށް މަޑުކޮށްލިއެވެ. ސައިކަލު ފަހަތުގައި ހަނާ އިނެވެ. ދެ މީހުން ސައިކަލުން ފައިބައިފައި އެ ގެއަށް ބަލައިލިއެވެ. އެއީ މާލޭގައި ހުރި އުސް ގެތަކުގެ ތެރެއިން އެންމެ އުސް އެއް ގެއެވެ.
"ކީއްކުރަންބާ އަހަރުމެން އަންނާށޭ ބުނީ؟" ހަނާ އެހިއެވެ.
"ކިހާ ރަނގަޅު؟ ހީވަނީ އަހަންނަށްހެން ގުޅީ. ހަނާއަކަށް ނޫންތަ ގުޅީ؟" މޫމިނާ ބުންޏެވެ. "ކޮން ނަންބަރަކަށޯ ފިތަންވީ؟"
ފިތަންވީ ނަންބަރެއް ހަނާއަކަށް ނޭނގެއެވެ. ބުނެފައި އޮތީ ދޮރު ކައިރިއަށް އައިސް ފޯނުކުރުމަށެވެ. ހަނާ ފޯނުކުރުމާ އެކު ދޮރުގެ ތަޅު ހުޅުވި އަޑުއިވުނެވެ. ދެ މީހުން މަޑުމަޑުން އެތެރެއަށް ވަން އިރު ލިފުޓުން މީހަކު ނުކުމެއެވެ. އެ މީހާ ލިފުޓު ހުޅުވައިފައި، އައުމަށް އިޝާރާތްކުރިއެވެ. ތިން މީހުން އެކުގައި މައްޗަށް އެރިއެވެ. ލިފުޓު ހުއްޓުނީ ދިހަވަނަ ބަޔަށެވެ. އެ މީހާ ލިފުޓަކުން ނުނިކުމެއެވެ. ނުކުތުމަށް މޫމިނާއާއި ހަނާއަށް އިޝާރާތްކޮށްފައި އެ މީހާ ދިޔައީ ތިރިޔަށެވެ. މޫމިނާއާއި ހަނާ އާޝޯހުވެފައި ތިބީއެވެ. ތަނުގެ ހިތްގައިމުކަމާއި ތަނަވަސްކަމުންނެވެ. ހިޔާކޮށްފައި އޮތީ ލިފުޓުން ފެށިގެން ދިހަ ވަރަކަށް ފޫޓާ ހަމަޔަށެވެ. ދެން އޮތް ބައި އޮތީ ހާމަޔަށެވެ. އެއިން ހިސާބަކު ވެސް އެހައި އުސް އިމާރާތެއް ނެތުމުން ވަށައިގެން އެތައް ހިސާބަކަށް ފެންނަން އޮތެވެ. މޫމިނާމެން ހުއްޓިގެން ތިބި އިރު، ދެ ފަރާތުގައި ވިލުފެހި ކުލައިގެ ބޮޑު، ހަތަރު ކުޑަ ޖަހައިފައި ހުއްޓެވެ. ކުޑަ ދަށުގައި، އޮށޯވެގެން ތިބެވޭ ކަހަލަ ބޮޑު ހަތަރު ގޮނޑި ހުއްޓެވެ. ކޮންމެ ގޮނޑިއެއްގައި، ވިލުފެހި ކުލައިގެ އަރާމު ގޮދަޑިއެއް އޮތެވެ. ކޮންމެ ގޮދަޑިއެއް މަތީގައި، ހަމަ އެ ކުލައިގެ ބާލީހެއް އޮތެވެ. ފަތްޖަހައިފައިވާ ތުވާއްޔެއް ވެސް އޮތެވެ. ކުރިމަތީގައި އޮތީ ބޮޑު ޕޫލެކެވެ. ޕޫލުގެ ދެފަރާތުގައި ފުޅާ މަގެއް އޮވެފައި، ހަރުފަތްތަކެއް ހުއްޓެވެ. ހަރުފަތްތަކުން ފޭބުމުން ދެވެނީ، ބިއްލޫރި ޖަހައިފައި ހުރި ބެލުކަނި ކައިރިޔަށެވެ. ބެލުކަންޏާއި ޕޫލާއި ދެމެދު ހައެއްކަ ފޫޓުގެ ހުސް ޖާގައެއް އޮތެވެ. ހިނގައިގަންނަން ނުވަތަ އިށީންނަން ވެސް ނޭނގިފައި ތިއްބައި، ލިފުޓުން "އޭނަ" ނުކުތެވެ. އޭނަ ލައިގެން ހުރީ ހުދު ފަޓުލޫނުބުރިއަކާއި ކަޅު ޓީޝާޓެކެވެ.
"ސޮރީ އިނގޭ! ތަންކޮޅެއް ލަސްވީ!" އޭނަ ބުންޏެވެ. "އިށީނދެއިށީނދޭ!"
ވާހަކަދެއްކި ގޮތުން ހީވަނީ އޭނަ ބަލިހެންނެވެ. ދެ މީހުން ގޮނޑީގައި އިށީނެވެ. ޖެހިގެން ހުރި ގޮނޑީގައި އޭނަ އިށީނެވެ.
"ހާދަހާ ސަޅި ތަނެކޭ!" ނުބުނެ ނީނދެވިގެން ހަނާ ބުންޏެވެ.
"ޑިޒައިނާ ހުރިހާ އެއްޗެއް ވެސް ތީ ބައްޕަގެ އައިޑިޔާ،" ލުއި ގޮތަކަށް ހިނިތުންވެލާފައި އޭނަ ބުންޏެވެ. "ދުނިޔޭގަ ހުރި ނަމަ ވަރަށް އުފާވާނެ."
"އޯހ!" ހަނާއަށް ބުނެވުނެވެ. "ސޮރީ!"
އެ ވަގުތު ލިފުޓުން ދެ މީހަކު ނުކުތެވެ. ކޮންމެ މީހަކު އަތުގައި ހުރި ތަބަކުގައި އެތައް ސާމާނެއް އަތުރާފައި ހުއްޓެވެ. ގޮނޑި ކައިރީގައި ހުރި ކުޑަ، ވަށް މޭޒުމަތީގައި ސާމާނުތައް އެތުރުމަށް ފަހު އެ މީހުން ދިޔައެވެ. މައިގަނޑު ގޮތެއްގައި ހުރީ ޕޭސްޓްރީގެ ވައްތަރުތަކެވެ. ކޮފީއާއި ސައި ވެސް ހުއްޓެވެ.
"ފަށާފަށާ!" އޭނަ އެދުނެވެ.
ހަނާއާއި މޫމިނާ އެކަކުއަނެކަކުގެ މޫނަށް ބަލާލާފައި، އެ ތަނުން އެއްޗެއް ނެގިއެވެ.
"އަސްލު ކީއްކުރަން އަހަރުމެން މި އައީ؟" މޫމިނާ ސުވާލުކުރިއެވެ.
"އާނ!" ފުން ނޭވާއެއްލައިފައި އޭނަ ބުންޏެވެ. "ކުރުކޮށްލާފަ ބުނާނަން އިނގޭ! ނަޒްދާގެ ކޮންމެ ރައްޓެއްސަކީ އަހަރެންގެ ރައްޓެއްސެއް. ނަޒްދާގެ ފިރިމީހާގެ ކޮންމެ ރައްޓެއްސަކީ ވެސް އަހަރެންގެ ރައްޓެއްސެއް. އެނގޭ ނަޒްދާއަކީ މުޖޫގެ ވައިފްކަން ވެސް. އެހެންވިޔަސް ނަޒްދާ ދެކެ އަހަރެން ވަރަށް، ވަރަށް ލޯބިވެޔޭ ބުނާކަށް އެއްވެސް ޖެހިލުމެއް ނުވޭ! ލަދެއް ވެސް ނުގަނޭ! ނަޒްދާއަށް ޓަކާ އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ. މި ބުނީ ނަޒްދާ ހެޕީކޮށްދޭން އަހަރެން ނުކުރާނެ ކަމެއް ނޯންނާނޭ! އަހަރެންގެ ބައްޕަ ނިޔާވީމަ ބައްޕަގެ ހުރިހާ މުދަލަކާ ލާރިއެއް ލިބުނީ އަހަންނަށް. އަހަރެން ނޫން ދަރިޔަކު ނެތީމަ. މި ދައްކަނީ އެތައް މިލިޔަން ރުފިޔާއެއްގެ ވާހަކަ. ބަލާ މިއޮތް ތަނެއް. އެކަމަކު މީން އެއްވެސް އެއްޗަކުން އަހަންނަށް ނުލިބޭ އުފާ، އެންމެ ފަހަރަކު ނަޒްދާ ފެނިލީމަ ލިބޭ! އެއީ ކީއްވެގެންބާ؟ ނޭނގެ އަހަންނަކަށް. އެއްވެސް މީހަކަށް ހުރިހާ ސުވާލެއްގެ ޖަވާބެއް ނުދެވޭނެ. ނަޒްދާ ދެރަވެފަ ހުރެއްޖެއްޔާ... އޭނަ ދެރަވެފަ ހުރެއްޖެއްޔާ އަހަރެން އުފަލެއް ނުވާނެ. އަހަންނަކަށް އެއްޗެއް ނުކެވޭނެ. އަހަންނަކަށް ނުނިދޭނެ. ނޭވާލެވޭނެ އެކަމަކު ނޭވާލެވޭހެނެއް އަހަންނަކަށް ހިޔެއްނުވާނެ. ހިތުގަ ވިންދުޖަހާތީ އަހަރެން މިހެން މި ހުންނަނީ އެކަމަކު ހީވަނީ ހިތް ހުއްޓިފަ ހުންނަހެން."
އޭނަގެ ލޮލަށް ޖަމާވި ކަރުނަ، ސިއްރުސިއްރުން ފުހެލިއެވެ. އެކަމަކު އެ މަންޒަރު ހަނާއާއި މޫމިނާއަށް ވެސް ފެނުނެވެ.
"ކުރުކޮށް ބުނަން އުޅުނަސް ކުރެއް ނުވި ދޯ!" އަރު ބެދުމުން އޭނަ ކަރުކެހިލާފައި ބުންޏެވެ. "ތީ ނަޒްދާގެ އެންމެ ކްލޯސް ދެ ރައްޓެހިން. މުޖޫ ކަންތައްކުރި ގޮތް މިހާރު އެނގިފަ އޮންނާނީ. ނަޒްދާ ދެރަވެފަ ހުރި ވަރު ވެސް އެނގޭނެ. މި ވަގުތު ނަޒްދާ އުފާކޮށްދޭން އަހަރެންނަށް ކުރެވޭނީ ކޮން ކަމެއްކަން އަހަންނަށް ބުނެދީބަލަ! އަހަރެން ބޭނުންވަނީ މުޖޫ އެ ކުރި ކަންތައް ހަނދާންނެތޭ ވަރު ކަމެއް ކޮށްދޭން. ވަރިހަމައޭ ކޮންމެ ކަމެއް ބުންޏަސް. ބުނި ކަމެއް ކޮށްދޭނަން."
"އަޅޭ!" ހަނާއަށް ބުނެވުނީ އެހެންނެވެ.
ދަރުބާރުގެ ތައްޔާރުވަމުންދިޔައީ، ދުވަހަކު ވެސް އެ ތަނުގައި ނުބޭއްވޭ ކަހަލަ ހަފުލާއަކަށެވެ. ކޮންމެ ހޯލެއްގައި ހުރީ ވަކި ހާއްސަ ވައްތަރެކެވެ. އެއް ތަނުގައި ދިވެހިކެއުމެވެ. އަނެއް ތަނުގައި އިންޑިޔާކެއުމެވެ. ތައިކެއުމާއި، މަސްނުކާ މީހުންނަށް ހާއްސަ ހޯލެއް ވެސް ހުއްޓެވެ. އެންމެ ތަފާތުކަމަކީ އެޔެއް ވެސް ނޫނެވެ. ހަފުލާއަށް ދައުވަތުދެވުނު ގޮތް މާ ތަފާތެވެ. ބޭނުން މީހަކު އައިސް ކާންވީއެވެ. އެއީ ކާކު ބޭއްވި ހަފުލާއެއްކަން އެނގެނީ މަދު މީހަކަށެވެ. ކީއްވެ ބޭއްވި ހަފުލާއެއްކަން އެނގެނީ ތިން މީހުންނަށެވެ. ހަތަރުވަނަ މީހަކަށް ވާނީ ނަޒްދާއެވެ. ހަނާއާއި މޫމިނާ ދަރުބާރުގެއަށް ދިޔައީ ނަޒްދާ ގޮވައިގެންނެވެ. ނަޒްދާއަށް ހީވެފައި އޮތީ ކޮންމެވެސް އެކެއްގެ ރައްޓެއްސެއްގެ ކައިވެނި ހަފުލާއެއްކަމަށެވެ. ނުދާން ވެސް ވަރަށް ބަހަނާދެއްކިއެވެ. ދަރުބާރުގެއަށް ނަޒްދާ ވަން ވަގުތު، ތަންކޮޅެއް ދުރުދުރުން "އޭނަ" ފެނުނެވެ.
"އަހަނ! ކާކު އެ ދިޔައީ؟" ވަރަށް ނޭނގިފައި މޫމިނާ ބުނެލިއެވެ.
"ފޭކު މީހެއް!" ނަޒްދާ ބުންޏެވެ. "ފަސް ސަތޭކަ މީހުންނަށް ކާންދޭނަމޯ! ފިރިހެނަކަށް ނުވާނެ ޓްރަސްޓްކުރާކަށް."
ނުނިމޭ