Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ދޭނުހޭ ގެންގޮސް ވަޔާއޭ - 7

ދޭނުހޭ ގެންގޮސް ވަޔާއޭ - 7

22 ނޮވެމްބަރ 2022

● 7 ވަނަ ބައި

● 7 ވަނަ ބައި

"ތިޔަހެން ބުނާއިރުވެސް ޝެރީންއަށް އެނގޭނެ އަހަރެންނަށް ކަމުދާ ދިވެއްސެއް ނުފެންނާނެކަން!" ކުއްލިއަކަށް އަހަރެން ނުތަނަވަސްވިއެވެ. އަހަންނަށް ފެނުނު ހަމައެކަނި މީހާ ތިއުޅެނީ އަތުލައިގެންނޭ ބުނެފާނަމޭ ހިތަށް އެރީއެވެ.

"ނޭނގޭނެއެންނު މިހާރު ޚިޔާލު ބަދަލުވެސް ވެދާނެއެންނު" ޝެރީން ވާހަކަދެއްކިއެވެ.

އަހަރެންގެ މާޔޫސްކަން އެމީހުންނަށް ނުފެންނަނީސް ނޫނެކޭ ބުނަން ބޯ ހޫރާލަމުން ބަދިގެތެރެއިން ނުކުތީއެވެ.

އާދީއްތަ ދުވަހު އޮފީހުން އިޝާން ފެނުމާއިއެކު އަހަރެންގެ ހިތް އަވަސްވާންފެށިއެވެ. އެ މަލާ ބެހޭގޮތުން އޭނާ ބުނާނީ ކީކޭބާވައޭ ހިތަށް އެރުމުންނެވެ. އެހެންނަމަވެސް އެދުވަސް ނިމިގެން ދިޔައިރުވެސް އޭނާގެ ފަރާތުން އެކަހަލަ އެއްވެސް އިޝާރާތެއްނުވިއެވެ. އަހަރެން މާޔޫސްވާންފެށިއެވެ. އެ ރަތް ފިނިފެންމަލުގެ ސިއްރަކީ ކޮބައިތޯބަލަން ވަރަށް ބޭނުންވިއެވެ. ނަމަވެސް އެވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އޮފީހަށް ދަނީ އެވާހަކަ އަހަން ނިންމައިގެންނެވެ. އެކަމަކު އިޝާން ފެނުމުން އެވާހަކަ ފަށާކަށް ހިތްވަރެއްނުލިބެއެވެ. ކޮންމެރެއަކު އެ ރަތް ފިނިފެންމަލާ ބެހޭގޮތުން ވިސްނަން ނުނިދިފައި އޮންނަން ޖެހޭކަން އޭނާ ކައިރީގައި ބުނެދޭނީ ކިހިނެތް ހެއްޔެވެ؟. އެ މާޖަހާއެތި ގެނެސް ކޮޓަރި މޭޒުމަތީގައި ބަހައްޓައިގެން އެއާއި ވެސް ސުވާލު ކުރީމެވެ. އަހަންނަށް ނުވިސްނުނީ އެއްވެސް މީހަކަށް ނޭނގި އެގޮތަށް އިޝާން އަހަންނަށް އެމާ ދިން ސަބަބެވެ. އެއިން ރަމްޒުކޮށްދޭ މާނައެވެ. އޭނާގެ މެސެޖެވެ. އަހަރެންގެ ފަރާތުން އޭނާ ބޭނުންވާ އިޖާބައެވެ. މިއިން ކޮންމެ ކަމަކުން އުފެދެނީ ހައްތަހާވެސް ސުވާލެވެ.

އޭގެ ކުޑަދުވަސްކޮޅެއްފަހުން އެއްދުވަހަކު މުހުސިން އައިސް ކޮންމެވެސް ވާހަކައެއް ދައްކަން އިޝާން ކުރިމަތީ އިށީނެވެ. އޭނާ ފެނުމުން އަހަންނަށް އިސްދަށަށް ޖެހުނެވެ. ޝެރީން ކައިރީ ދެއްކުނު ވާހަކަ ހިތަށް އަރާފައި ހިނިއަންނަގޮތްވީއެވެ. މުހުސިނު ތެދުވެގެން ދަމުން އަހަންނަށް ގޮވާލާފައި ކިހިނެއްތޯ އަހާލިއެވެ. އަހަރެން ރަނގަޅޭ ބުނެލަމުން ހިނިތުންވެލީމެވެ.

"އޭނާއާ ދިމާއަށް މާގިނައިން ތިހެންހިނިތުން ވަންޏާ ކަމަކުނުދާނެ އިނގޭ!" މުހުސިނު އަޑުނިވޭ ހިސާބަށް ދިޔުމުން އިޝާން މަޑުމަޑުން ބުނެލިއަޑު އިވުނެވެ.

"އެއީ؟" އަހަރެންނަކަށް އިޝާން އެބުނިއެއްޗެއް ނުވިސްނުނެވެ.

'އޭރުން އޭނާއަށް އެނގޭނެ ރާނިޔާއަށް އޭނާދިން ފިނިފެންމާ ކަމުދިޔަކަން!" އިޝާން ބުންޏެވެ. އަހަރެން ހައިރާންވިއެވެ. އެއީ އަސްލުވެސް ހަމަ އޭނާދިންމަލެއް ހެއްޔޭ އަހައިލެވުނެވެ.

އިޝާން އާނއެކޭ ބުނަން ބޯޖަހައިލިއެވެ. އަދި އެހައި ރީތިކޮށް އޭނާ ދިން އެއްޗެއްކަން އެނގުނީ ކިހިނެއްތޯ ސުވާލު ކުރިއެވެ.

އަހަރެން ނުބުނާށޭ ކިޔާފައި ބުނިވާހަކަ ޝެރީން ބުނީކަން ވިސްނުނީ ކުޑައިރުކޮޅެއްފަހުންނެވެ. އަހަރެން ހިތްހަމަނުޖެހުނެވެ. ޝެރީންއަށް އަހަންނަށްވުރެ ބޮޑަށް ގާތްވާނީ އިޝާން ކަމަކަށް އަހަރެންގެ ހިތަކަށްނާރައެވެ.

"ރާނިޔާ ހީކުރީ އެއީ އަހަރެންދިން އެއްޗެއް ކަމަށްދޯ؟" އަހަންނަށް އެއްޗެއް ބުނަންނޭނގިފައި އިންދާ އިޝާން ވާހަކަދެއްކިއެވެ.

އެއަށް އަހަންނަށް އާނއެކޭ ބުނެވެން އުޅުނެވެ." އަސްލު އެވާހަކަ އަހާލަން ހަނދާންވެސް ނެތިފަ މިހިރީ" އިރުކޮޅަކަށްފަހު އަހަރެން ބުނެލީމެވެ.

އޭރު އަހަރެން ވަރަށް ބޮޑަށް މާޔުސްވެއްޖެއެވެ. އެއީ ޝެރީންއަށް އަހަރެންނަށްވުރެ އިޝާން ގާތްވެއްޖެކަން އެނގުމުންކަމެއް ނުވަތަ އެފިނިފެންމަލަކީ އިޝާން ދިންއެއްޗަކަށް ނުވީމާކަމެއް ބުނެދޭކަށް ނޭނގެއެވެ. އަހަރެން އިސްދަށަށް ޖަހައިލީމެވެ. އަހަރެންގެ މޫނުމައްޗަށް ވީގޮތް އޭނާއަށް ދައްކާކަށް ބޭނުމެއްނޫނެވެ.

"އަހަރެންވެސް އެވާހަކަ ބުނަން ހަނދާން ނެތިފައޭ މިހިރީ" އިޝާންގެ އަޑު އިވުނެވެ.

އަހަންނަކަށް އެވާހަކައެއް ގަބޫލެއްނުކުރެވުނެވެ. އެހަދަނީ ހަމަ އަސްލުގައިވެސް ތެދުބާވައެވެ؟ ޕާޓީގެ ތެރެއިން އެމަލުގެ ވާހަކަ ދެކެވުމުން އިޝާން އެއްޗެއްނުބުނެ އަހަންނަށް ބަލަން އިނީ ކީއްވެގެންބާވައެވެ؟

"ދެން ކީއްވެބާ މުހުސިނު ދެންމެވެސް އަހަންނާ ވާހަކަ ދައްކަން ނޫޅެ އެދިޔައީ؟" އެންމެފަހުން އަހަރެން އަހާލީމެވެ.

"އެއީ...އެއީ އަހަރެން އޭނާ ކައިރީ ދޮގުހެދީމަ. އަހަރެން ބުނީ މަލެއްނުދެމޭ ،އެއްލާލީ އޭ" އެހެންބުނެފައި އިޝާން ހޭންފެށިއެވެ. "އަސްލު ދޮގެއްނޫން ދޯ އެއީ. އެމާ އެއްލީ ވިއްޔަ ތިގޭތެރެއަށް!" އޭނާ މަޖާވެލާފައި ވާހަކަ ދެއްކިއެވެ.

އަހަރެން އިތުރަށް ހިތްހަމަ ނުޖެހުނެވެ. ގޮޑިން ތެދުވީމެވެ. ބެނުންވީ އެތަނުން ދުރަށްދާށެވެ.

"އޭ ކޮންތާކަށް؟" އީޝާން ކުއްލިއަކަށް ސީރިއަސްވިއެވެ.

"މިދަނީ މުހުސިނު ކައިރިއަށް، އެހާ ފިނޑި އިރުވެސް މީހުންނަށް މާ ފޮނުވަންޖެހޭތޯ އަހަން" އަހަރެން ހިތްހަމަނުޖެހިފައި ހުރެގެން ވާހަކަ ދެއްކީމެވެ.

އަސްލު އަހަރެންގެ ބޭނުމަކީ އިރުކޮޅަކަށް އިޝާންއާ ދުރަށްދިއުމެވެ. ކޮންމެހެން މުހުސިނުއާއި ކުރިމަތިލައި އެވާހަކަ އެހުމެއްނޫނެވެ. އަހަރެން ހިނގައިގަންނަން އުޅެންފެށުމުން އިޝާން އަހަރެންގެ އަތުގައިހިފިއެވެ. އަހަރެން ސިހުނެވެ. އޭނާއާއި ދިމާލަށް ބާލައިލާފައި ކިހިނެއްތޯވީ އެހީމެވެ. އެއާއިއެކު އޭނާ އަވަސްއަވަހަށް އަހަރެންގެ އަތުން ދޫކޮށްލިއެވެ. އެނާގެ މޫނުމަތިން އެފެންނަނީ ހާސްކަން ބާވައޭ އަހަރެންގެހިތަށް އެރިއެވެ. އަހަރެންނަށް އަލުން ގޮނޑީގައި އިށީނދެވުނެވެ.

"ނޫން! އޭރުން ކަމަކުނުދާނެ. ފަޅާއަރާނެ އަހަރެން ދޮގުހެދީކަން.!" އިޝާން އޮޅުންފިލުވައިދިނެވެ. "އެހެންނޫނަސް މުހުސިނަކީ މީހެއްގެ ފިރިއެއް! އޭނަ ކަމަކު ނުދާނެ!" އެހެންބުނެލަމުން އެނާގެ މޭޒުދޮށުން ތެދުވެގެން ދުރަށް ދިޔައެވެ.

"ދެންއެރޭ ދަންވަރު ބާރަ ޖެހިވަގުތު އަހަންނަށްގުޅީ ކާކު ބުނެގެން؟" އަހަރެން އެސުވާލު ކުރީ އަހަރެންގެ ކޮޓަރި ފާރުގައިވާ އިޝާންގެ ފޮޓޯއާއެވެ.

އެރޭ ނިދަން ވަރަށް އުނދަގޫވިއެވެ. އިޝާން ދެއްކިވާހަކަ ސިކުނޑީގައި ތަކުރާރު ވަމުންދިޔައެވެ. އެ މަލަކީ އިޝާން ދިން މަލެއްނޫން ކަމަކަށް އަހަރެންގެހިތެއް ހަމަހިލާ ގަބޫލެއްނުކުރިއެވެ. އޭނާ އަހަންނަށް އެމާ ދީފައި އޮޅުވާލީއެވެ. ނޭނގެނީ އޭނާ އެހެންއެކަންކުރީ ކީއްވެގެންކަމެވެ.

ކޮންމެއަކަސް އަހަންނަށް އެމާ ޚާއްޞަވިއެވެ. އަނެއްކާވެސް "ދޭނުހޭ ގެންގޮސްވަޔާއޭ" އެލަވަ ސިކުނޑި ތެރޭގައި އެނބުރެންފެށިއެވެ. އެ ރަތް ފިނިފެންމަލުގެ ފިޔަތައް ވަޔަށް އަރައިގެން ގޮސް އިޝާންގެ ލޯބިން ތާޒާވެ ކުލަގަދަވަމުން ދާ މަންޒަރު އަހަރެންގެ ހިތަށް ފެންނަންފެށީ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ.

އެއްދުވަހު އިޝާންގެ މޭޒުމަތީ އޮތް ލަވަފޮތެއް ނަގައިގެން ބަލަންއިންދާ އޭނާ އައިސް އިށީނދެފައި 'ޔެސްޓަޑޭ....އޯލް މައި ޓްރަބަލްސް ސީމް ސޯ ފާއަވޭ..' ކިޔައިލިއެވެ.

އަހަރެން އެއަޑު އިވޭކަމަށް ނަހަދާ ފޮތްލައްޕާލާފައި އެ ނެގިތާނގައި ބޭއްވީމެވެ.

"ވަރަށް ރީތި އިނގޭ ރާނިޔާ ލަވަކިޔާލެއް...!" އިޝާން ބުނެލިއެވެ.

އަހަރެން ނިތްކުރިއަށް ރޫއަރުވައިލީމެވެ. އޭނާއަށް އަހަރެން ލަވަކިޔާ އަޑު އިވުނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ.

"އަހަރެން އަޑުއެހީމޭ ... ޝެރީންއާއިއެކު އޭނާގެ ބެސްޓު ފުރެންޑާ ބައްދަލުކުރަން ދިޔަރޭ! " އިޝާން މިހެންބުނަމުން ހީލިއެވެ.

އެއީ ތެދެކެވެ. އެރޭ ޝެރީން އައިރު އަހަރެން އިނީ އެލަވަ ކިޔާށެވެ. އަހަރެން ލަދުގަތެވެ. އިޝާންއާއި ދިމާލަށް ބަލަން އިންނާކަށް ނުކެރުނެވެ.

"ކިހިނެއް އެނގެނީ އެއީ އަހަރެން ކަމެއް؟" އަހަރެންގެހިތަށް އެއްކަލަ ގޮތްނޭނގޭ އުފާވެރިކަން އަނެއްކާވެސް ވެރިވެގަތެވެ.

"ތެދެއްތީ. ސޮރީ އަހަންނަކަށް ނޭނގެ ރާނިޔާއަށް ގިޓާކުޅެ ލަވަކިޔަން އެނގޭކަމެއް.. އެވާނީ ރީނާ ކަމަށް." އިޝާން ސަމާސާ ރާގަކަށް މިހެންބުނެލަމުން އަހަންނާދިމާލަށް އެއްލޯ މަރައިލިއެވެ.

އަހަރެން ހިތްހަމަނުޖެހުނެވެ. އެއީވެސް އަހަރެން ޝެރީންކައިރީ ނުދައްކާށޭ ބުނި ވާހަކައެކެވެ. ޝެރީން ބުނީދޯއޭ އަހަރެން ބުނެލީމެވެ. އިޝާން އެއަކަށް ޖަވާބެއް ނުދިނެވެ. އަހަންނާއި ދިމާލަށް ބަލަން އިނީއެވެ. އެވަގުތު އޭނާގެ ހިތުގައިވާ އެއްޗެއް އަހަންނަށް އެނގޭނެ ނަމައޭ ހިތަށްއެރިއެވެ.

ޝެރީން އަހަރެންގެ ވާހަކަ އޭނާ ގާތު ދައްކަނީ ކީއްކުރަންބާވައޭ ހިތަށް އެރިއެވެ. އަހަންނާއި ބެހޭގޮތުން އިތުރަށް ބުނީ ކީކޭތޯ އަހާލެވުނެވެ. އެސުވާލަށްވެސް އިޝާން އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ދޫކޮށްލީ ފުންނޭވާއެކެވެ. ބޯހޫރާލާފައި އަހަންނާއި ދިމާލަށްބަލަން އިނީއެވެ. އޭނާގެ ޖާދުވީ ހިނިތުންވުން ދައްކަމުންނެވެ. އޮފީހުގެ ފަރާތުން ކޮންޕިއުޓަރ ދަސްކުރާ ކުލާހަކަށް ފޮނުވާނެ މީހަކު ހޯދަން އުޅޭކަން އެނގުމުން އަހަރެން އެކަމާ ކުރިމަތިލީމެވެ. އެކަމާ އިޝާން ޝަކުވާކުރިއެވެ. އޭނާ ދޫކޮށްލާފައި ދަނީހޭ ކިޔާފައެވެ. އެއަޑުއިވުމުން އަހަރެންގެ ހިތަށް ވަރަށް އުނދަގޫވިއެވެ. އަހަރެން އިޝާންއާއި ދުރަށްދާން މަސައްކަތްކުރާ ވަރަކަށް އޭނާ ކައިރިއަށް އަންނަހެން ހީވާތީއެވެ.

ރަތް ފިނިފެންމަލަށްފަހު އޭނާގެ ހިތުގައިވެސް އަހަންނަށްޓަކައި ކޮންމެވެސް ޚާއްޞަ ކަނެއްވާހެން ހީވާތީ، ބުނެދޭންނޭނގޭ އުފާވެރިކަމެއްވެސް އިހުސާސްކުރެވެއެވެ. އެކަމާއި އަހަރެން ބައެއްފަހަރަށް ވަރަށް ބިރުގަނެވެ. ހިތުގެ އިހުސާސްތައް ސިކުނޑިއަށްވުރެ ބާރުގަދަ ވެދާނެތީއެވެ. އެހެންކަމުން ކޮންޕިއުޓަރ ސެކްޝަނަށް ބަދަލުވުން އެއީ އެންމެ މޮޅު ގޮތް ކަމުގައި އަހަރެން ނިންމީއެވެ.

ކޮންޕިއުޓަރަކީ އަހަންނަށްވެސް މުޅިން އާ އެއްޗެކެވެ. އެދަސްކުރަން އަހަރެން ޝައުޤުވެރިވިއެވެ. މުޅިން ބަންދުކޮށް އެއަރކޯން ކޮށްފައިވާ ކޮންޕިއުޓަރ ރޫމްއަށް ބަދަލުވުމުން އޮފީސް ތެރެއެއް ނުފެނެއެވެ. އެހެންއެންމެންނާއި ވެސް ވަކިވެވުނެވެ. އޭރު ކޮންޕިއުޓަރ މަސައްކަތް ކުރަންއުޅެނީ އެކަމަށް ބޭރުން ތަމްރީން ހޯދައިގެން އައިސް އުޅޭ އަބްދުއްރަޝީދު ކިޔާ މީހެއް އެކަންޏެވެ. އެސެކްޝަނަށް ބަދަލުވުމަށްފަހު އަހަރެން ކޮންޕިއުޓަރ ކުލާހަށްވެސް ދާންފެށީމެވެ. ކޮންމެ ދުވަހަކު ހެނދުނު 9 އަކުން 11 އަށެވެ. ކުލާސް ނިންމާފައި އައުމުން އަބުދުއްރަޝީދުވެސް އަހަންނަށް އިތުރު އެއްޗިހި ބުނެދޭންފެށިއެވެ.

އަހަންނަށް އެންމެ ފުރަތަމަވެސް ކުރަން ޖެހުނީ މުހުސިނު ސެކްޝަންގެ މަސައްކަތެވެ. އޭނާ ގެންނަ މައުލޫމާތުތައް ކޮންޕިއުޓަރަށް އަޅަން ދަސްކޮށް ދިނުމުން އިސާހިތަކު އަހަރެން އަމިއްލައަށް އެ މަސައްކަތް ކުރަން ފެށީމެވެ. ގިނަ ވަގުތު އަހަރެންނާއި އެކު މުހުސިނު އޭތާނގައި އިނދެއެވެ.

އެއީ އަހަންނަށް ރަތް ފިނިފެންމަލެއް ދީފާނެ މީހެއްކަމުގެ އެއްވެސް ނިޝާނެއް މުހުސިނުގެ ފަރާތަކުން ނުފެނުނެވެ. އެހެންކަމުން އަހަންނަށް އެމާ ދިނީ ކާކުކަން ޔަގީންވިއެވެ. ނޭނގުނުކަމަކީ އެމާ އެގޮތަށްދިން ސަބަބެވެ. ކޮންމެރެއަކުހެން އެކަމާއި ވިސްނަން އޮވެވެއެވެ. ޕޮކެޓް ޑިކްޝަނަރީ ތެރޭގައި ފޮރުވާފައި އޮންނަ އެ ޚާއްސަ މާ ނަގައިގެން އެއަށް ބަލަން އޮވެވެއެވެ.

އަހަރެންގެ ސެކްޝަން ބަދަލުވުމުން މަޑުމަޑުން އިޝާންއާއިވެސް ދުރަށް ދެވެންފެށިއެވެ. އެއީ އަހަރެން ބޭނުންނުވިޔަސް އެންމެ ރަނގަޅު ގޮތް ކަމުގައި އަހަރެންގެ ސިކުނޑި ބުނެދިނެވެ. ބައެއްދުވަސް ދުވަހު އޭނާ ނުވެސްދެކެމެވެ. އެކަމާ އުފާވެސްވެއެވެ. އޭނާއާއި ދުރަށްދާން ހިތްވަރާއިއެކު ކުރާ މަސައްކަތް ކާމިޔާބުވާތީއެވެ. އެކަމަކު ދެރަވެސް ވެއެވެ. އޭނާގެ ކައިރީގައި އެއިންނައިރު ދޭތެރެއަކުން ހިތުގެ ވިންދު އަވަސްވެލާ މުޅި ނަފްސަށް އެކުރުވާ އިހުސާސްތައް ހުއްޓުމަކަށް އަޔަތީއެވެ.

ކުރިއެކޭވެސް އެއްގޮތަށް ޝެރީންއާއި އޮތްގުޅުންވެސް ކުރިއަށްގެންދިޔައީމެވެ. ދެމީހުން ދިމާނުވިޔަސް ފޯނުންގުޅާލާފައި ނަމަވެސް ވާހަކަ ދައްކާހަދަމެވެ. އޭނާ އިޝާންގެ ވާހަކަ ދައްކަން އުޅުމުން އަހަރެން ކޮންމެވެސް އެހެން އެއްޗެކޭ ކިޔާފައި ގިނަފަހަރަށް ވާހަކަ ބަދަލުކޮށްލަނީއެވެ. އަހަރެން ދައްކަނީ ކޮންޕިއުޓަރުގެ ވާހަކައެވެ. އެދާއިރާއިން ކުރިއަށްދާން ހިތަށް އަރާވާހަކަވެސް ޝެރީން ގާތު ބުނުމުން އޭނާ ވަރަށް އުފާވިއެވެ.

އެއްދުވަހަކު އިޝާން އެކަނި މޭޒުދޮށުގައި އިންތަން ފެނުމުން އަހަންނަށް އެދިމާލަށް ދެވުނެވެ. އަހަރެންފެނުމުން އައުމަށް އިޝާރާތްކޮށްލިއެވެ. އޭނާގެ ކުރިމަތީގައި ހުރިގޮނޑީގައި އިށީންއިރު އަހަރެންގެ ހިތުގެ ހިނގުން އަވަސްވެއްޖެކަން އިހުސާސް ކުރެވުނެވެ. މަދު ސިކުންތު ކޮޅަކަށް ހަތަރު ކަޅި ހަމަވިއެވެ. އަހަންނަށް އިސްޖަހާލެވުނެވެ.

އަހަރެން އައީ ކަމަކުތޯ އޭނާ އަހާލިއެވެ. އެއަށް ދޭނެ ޖަވާބެއް އަހަންނަކަށް ނުވިސްނުނެވެ. އެންމެފަހުން އޭނާގެ ލަވަފޮތް ބަލާލަން ދީފާނަންތޯ އަހާލީމެވެ.

އިޝާން މޭޒު ވަތްގަނޑުން އެފޮތް ނަގާ ދިއްކޮށްލަމުން އެފޮތްދެވޭނީ ގޮތެއްގެ މަތިން ކަމުގައި ބުނެލިއެވެ.

އޭނާ ބޭނުންވީ އެފޮތުން ކޮންމެވެސް ލަވައެއް އޭނާއަށް އަހަރެން ކިޔާދޭށެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ