27 ނޮވެމްބަރ 2022
● 8 ވަނަ ބައި
● 8 ވަނަ ބައި
އިޝާން މޭޒު ވަތްގަޑުން އެފޮތް ނަގާ ދިއްކޮށްލަމުން އެފޮތްދެވޭނީ ގޮތެއްގެ މަތިން ކަމުގައި ބުނެލިއެވެ. އޭނާ ބޭނުންވީ އެފޮތުން ކޮންމެވެސް ލަވައެއް އޭނާ އަށް އަހަރެން ކުޅެދޭށެވެ.
އޭނާ އަހަންނާއި ދިމާއަށް ބަލަން އިންގޮތާއި، އެވާހަކަ ދެއްކި ރާގުން އަހަރެން ފިނިވިއެވެ. އެއަޑުގައި އެކުލެވިފައި ވަނީ މުޅިން އެހެންކަހަލަ އަސަރެއްކަން އަހަންނަށް ޔަގީންވިއެވެ. އީޝާންގެ ކުރިމައްޗަށް އައުން އެއީ އަހަންނަށް ހެދުނު ގޯހެއްކަން ވިސްނުނީދެނެވެ.
"މިއީ އިޝާން މެންހެން މީހުން އެންޓަޓެއިން ކުރަން ލަވަކިޔާ މީހެއްނޫން!" އަހަންނަށް ކުރުވި އަސަރުގެ ސަބަބުން އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ.
އަހަރެން ތެދުވެގެން ހިގައިގަތުމުން އިޝާން ގޮވިއެވެ.އަދި އެއީ ސަމާސާ އަކަށް ބުނިއެއްޗެއް ކަމަށް ބުންޏެވެ. އެހެންނަމަވެސް އަލުން އޭނާގެ ކުރިމައްޗަށް ދާހާ ހިތްވަރެއް އެވަގުތު އަހަރެންގެ ކިބަޔަކު ނެތެވެ.ދެން އެހެންފަހަރަކުންނޭ ކިޔާފައި ދިޔައީއެވެ.
އެނބުރިގޮސް ކޮންޕިއުޓަރ ކައިރީ އިށީދެ ޖެހިބުދެއްހެން އެތަށްއިރެއްވަންދެން އިނދެވުނެވެ. އަހަރެންކިތަންމެ ހިތްވަރުގަދައޭ ހީކުރެވުނަސް އިޝާންގެ އެންމެ ބަލައިލުމަކުން ވެސް އަހަރެން ބަލިކަށިވެގެންދެއެވެ. އޭނާ އަހަންނާއި އެހެން އެވާހަކަ ދައްކަނީ ކީއްވެގެންބާވައެވެ؟ އަހަރެންމިއީ ޝެރީންގެ ބެސްޓްފުރެންޑް ވީމަ ހެއްޔެވެ؟ ނޫނެކެވެ. އެނާ އެމުޙާތަބު ކުރަނީ އެއަށްވުރެވެސް މާ ގާތްކޮށެވެ. އެއަޑުގައި، އެ ރާގުގައި އެހެންކަހަލަ އަސަރެއް އެކުލެވިފައިވާހެން އަހަންނަށްހަމަ ހީވަނީއެވެ. އެއީ އެގޮތް ބޭނުންވާލެއް ބޮޑުކަމުން އަހަންނަށް ހީވާ ހީވުމެއް ބާވައޭ ވެސް ބައެއްފަހަރަށް ހިތަށް އެރިއެވެ.
އެދުވަހު އޮފީސް ނިމިގެން ގެއަށްދާން ނުކުންނަން އުޅެނިކޮށް އޭނާއެފޮތް ގެނެސްދިނެވެ. އަދި ބޭނުންވުމުން ބުނާނަން ކަމަށާ އަހަރެން އެފޮތް ގެއަށް ގެންދިއުމަށް ދިނީ ކަމަށްބުންޏެވެ. އަހަރެން ޝުކުރު އަދާކުރީމެވެ. އަދި ކުރިން ހެދުނު ގޮތުން މަޢާފަށްވެސް އެދުނީމެވެ. ބަހަނާ އަކަށް ދެއްކީ މަސައްކަތް ބުރަވާހަކައެވެ.
"އަހަރެން ކައިރީ ހުރިނަމަ ތިހެނެއް ނުވީހެއްނު!" އެޔާއެކު އިޝާން ބުނެލިއެވެ.
" އަހަންނަށް ވަރަށް މިސްވޭ ރާނިޔާ!" އޭނާ ބުނެލިއެވެ. އަނެއްކާވެސް ހިތްތެޅޭ ކަހަލަ ޖުމްލައެކެވެ. އަހަންނަށް ނޭވާ ހިފާއްޓާލައިގެން ހުރެވުނެވެ. އިޝާންއާއި އަހަންނާ ހަތަރުކަޅި ހަމަވިއެވެ. އެދެލޮލުން އެފޮނުވާ މެސެޖަކަށް އެއްވެސް ބަދަލެއްނާންނަކަން ވިސްނުނެވެ. ނޫނެކެވެ. އެއީ އަހަންނަށް ހީވާހީވުމެކޭ އެވަގުތު އަހަރެންގެ ސިކުނޑި ބުނެދިނެވެ.
ދެން އޭނާ ބުނީ އަހަރެން އެސެކްޝަންގައި ނެތީމާ އޭނާއަށް އުނދަގޫވާ ވާހަކައެވެ. އަލަށް ވެއްދި ކުއްޖާއަށް އެއްކަމެއްކުރަން ވެސް ނޭގޭ ވާހަކައެވެ. އެހިސާބުން އޭނާ އަށް އަހަރެން މިސްވަނީ އެހެންވެގެންކަމަށް އަހަރެން ގަބޫލުކުރީމެވެ.
"އަދި ދަސްވާނެ! އަހަންނަށްވެސް އިޝާން ދަސްކޮށްދިނީ އެއްނު" އަހަރެން ބުނެލީމެވެ.
"ރާނިޔާއާއި އޭނައާއި ވަރަށް ތަފާތު" އިޝާން ނުކުންނަމުން ބުނެލިއެވެ.
ގެޔަށް އާދެވުނު އިރުވެސް އަހަރެންގެ މާޔޫސްކަމެއް ނުފިލިއެވެ. ކޮޓަރިއަށް ވަންގޮތަށް އެނދުމަތީ އޮށޯވެލީމެވެ. ލަވަ ފޮތްނަގާ އޭނގާ ވަސްބަލާލީމެވެ. އެފޮތުން ދުވަނީ އިޝާންގެ ސެންޓުގެވަހެވެ. އަހަރެން ލޯމަރާލީމެވެ. "އަހަންނަށް ވަރަސް މިސްވޭ ރާނިޔާ!" އިޝާންގެ އަޑު އަހަންނަށް އިވުނެވެ.
" އައި މިސް ޔޫ ޓޫ!" އަހަރެންނަށް ބުނެލެވުނެވެ.
އަހަރެންގެ ހިތާއި ސިކުޑީގެ އަރާރުން ދުވަހެއްދުވަހަކަށް ބޮޑުވަމުން ދިޔައެވެ. އިޝާން އަކީ އަހަރެންގެ ބެސްޓު ފުރެންޑްގެ މީހެއްކަމާއި ދުވަހަކުވެސް އެ ލޯތްބެއް ހާސިލް ނުވާނެކަމުގައި ސިކުނޑި ބުނެދެމުންދާއިރުވެސް އަހަރެންގެ ހިތް އެކަމެއް ގަބޫލެއްނުކުރެއެވެ.
'ދޭނުހޭ ގެންގޮސް ވަޔާ އޭ' އަހަރެންގެ ހިތް ބުނެއެވެ. އެރަތްފިނިފެންމަލުގެ ފިޔަތައް ލޯބީގައި ތާޒާވެގެން ވަޔަށް އަރައިގެން އިޝާން އާއި ހަމަޔަށް ދާ މަންޒަރު ހިތަށް ފެންނަންފަށަނީ އަހަރެންގެ އެއްވެސް އިޙުތިޔާރަކާ ނުލައެވެ.
އަހަރެން އަނެއްކާވެސް ރަށަށް ބަދަލުވާން ޙިޔާލުކުރަން ފެށީމެވެ. މަންމަޔަށް ގުޅައިގެން ވާހަކަ ދައްކަމުން އެވާހަކަ ފެށީމެވެ. ދުރުދުރުންނެވެ. އެކަމަކު މަންމަގެ ޙިޔާލު ހުރީ ހަމަ ކުރިއެކޭވެސް އެއްގޮތަށެވެ. އަހަރެން ރަށުގައި ބަހައްޓަން ވެގެން ވާހަކަ ދެއްކި ހަނދާނެއް އެއްގޮތަކަށްވެސް ނެތްކަހަލައެވެ. އަހަރެން މާޔޫސްވާން ފެށިއެވެ. އަހަންނަށް ވަމުންމިދާ ގޮތުގެ ވާހަކަ ދައްކާ ޙިޔާލު ބަދަލުކޮއްލާނެ ހަމަ އެއްވެސް އިންސާނެއް މިދުނިޔެ މައްޗަކު ނެތެވެ.
އޮފީހުތެރެއިން އަހަންނާއި އެންމެ ގާތްކޮށް އުޅޭ ހަފީޒާ އަހަރެން އިންނަ ގޮތުން އެންމެފަހުން ސުވާލު ކުރިއެވެ. އަހަރެން ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައި އިންނަހެންހީވާތާ ދުވަސްކޮޅެއްވެއްޖެ ކަމުގައި އޭނާ ބުންޏެވެ. އަހަރެން މަންމަމެން މަތިން ހަނދާން ވަނީ ކަމުގައި ބުނީމެވެ. އަދި މާމަ ވަރަށް ބަލިވެ އުޅޭތީ އެކަމާ ވިސްނެނީ ކަމަށް ބުނުމުން އެކަމަށް އޮތް ހައްލަކީ ހަފްތާ ބަންދަށް ރަށަށް ގޮސް އެމީހުން ދެކިލާފައި އައުން ކަމަށް ހަފިޒާ ބުނެދިނެވެ.
އެއީ ރަނގަޅު ހިޔާލެއްކަމުގައި އަހަރެން ބުނީމެވެ. އެކަމަކު ރަށަށް ގޮސްފިއްޔާ އެނބުރި އަންނާކަށް މިހާރަކު ބޭނުމެއްނޫނެވެ. އަހަންނަށް މިވަމުންދާ ގޮތަށް އޮތް ހައްލަކީ މި މާހައުލު ދޫކޮށްދިޔުންކަން އަހަންނަށް ވިސްނެއެވެ. އެކަމަކު އެހެން ހެދޭކަށްވެސް ނެތެވެ. އޭރުން ދޮންބެދައްތަ އެކަނި ވާނެއެވެ. އެހެންނޫނަސް އަހަރެންނާއި އެކި ދިމަދިމާލުން ކުރިމަތިވާނެ އެތަކެއް ސުވާލަށް އަހަރެން ދޭނެ ޖަވާބެއް ނުއޮންނާނެއެވެ. އެހުރިހާ ކަމަކަށް ވުރެވެސް ބޮޑަށް އޭރުން ދެން އިޝާންއެއް ނުފެންނާނެއޭ ހިތަށް އެރުމުން އަހަރެންގެ ހިތަށް ތަދުވާންފެށިއެވެ. އެޙިޔާލު ދޫކޮށްލެވެނީ އެހިސާބުންނެވެ.
***
ޝެރީންއަށް ޑޮކްޓަރކަން ކިޔަވަންދާން ކޯސް ލިބުނެވެ. އެޚަބަރު އަހަންނަށް ދިނީ އިޝާންއެވެ. "ރީނާ ކައިރީ ބުނައްޗޭ ބުނީމަ މިއައީ!" ކޮންޕިއުޓަރ ކޮޓަރީގެ ދޮރު ހުޅުވައިގެން ހުރެ އޭނާ ވާހަކަ ދެއްކިއެވެ. އިޝާން އެނަމުން މުހާތަބުކުރީތީ ކުޑަކޮށް ދެލޯ ބޮޑުކޮއްލިމެވެ. އެޔާއިއެކު އެނާ ހީލާފައި ދެކޮނޑު އަރުވާލިއެވެ.
" ބުނިގޮތަށްމިބުނީ!" އިޝާން ބުނެލިއެވެ. އަދި ޝެރީން އަށް ގުޅާބަލާށޭ ބުނަމުން އޭނާ ދިޔައީއެވެ.
އަހަރެން ހިތްހަމަ ނުޖެހުނެވެ. ޝެރީންއަށް އަހަންނަށް ވުރެ އިޝާން މުހިއްމު ވެފައި ގާތްވާނެކަން ވެސް އެނގެއެވެ. އެކަމަކުވެސް އެކަން އަހަންނަށް ގަބޫލުކުރަން އުދަގުވީއެވެ.
އޮފީސް ނިމިގެން ގެއަށް އައިސް ކައި ހަދައިގެން އޮށޯވެލިތަނާ ޝެރީންއަށް ގުޅާށޭ އިޝާން ބުނި ހަނދާންވިއެވެ. އޭނާއަށް ގުޅައިފިއްޔާ އިންނަން ޖެހޭނީ އޭނާ މޮޅު ވާހަކަ އަޑުއަހާށެވެ. އޭނާގެ ކާމިޔާބީ ތަކުގެ ވާހަކަ ފަޙުރުވެރި ކަމާއި އެކު ދެއްކުމަކީ އޭނާގެ އާދައެކެވެ. ސްކޫލުގައި އުޅުނު އިރު އެހުރިހާ ވާހަކަތަކެއް އަޑުއަހަން އިންނަމެވެ. އެކަމަކު މިހާރު އެކަން ކުރާހިތެއް ނެތެވެ. އަހަރެން މަޑުމަޑުން ޝެރީންދެކެ ފޫހިވާން ފެށިކަން އިހުސާސް ކުރެވުނެވެ.
އެރޭ ޝެރީން އަހަރުމެންގެއަށްއައެވެ. އޭނާ ބޭނުންވީ ކޯސް ލިބުމުގެ އުފަލުގައި އައިސް ކުރީމް ބޯން ދާށެވެ. އަހަރެން ނުދާންވެގެން ބަހަނާ ދެއްކީމެވެ. ބަނޑުގައި ރިއްސާ ވާހަކަ ބުނީމެވެ. އެކަމަށްވެސް ހައްލު އޭނާ ދެއްކިއެވެ. ދާ މަގުމަތީގައި ފާރމަސީ އަށް ވަދެ ބޭސް ގަންނާނީ ކަމުގައި ބުނެލިއެވެ. އެންމެފަހުން އަހަންނަށް ޖެހުނީ ހަތިޔާރު ބަހައްޓާފައި އޭނާ އާއި އެކު އައިސްކްރީމް ބޯންދާށެވެ.
އަހަރުމެންނަށް ސްކޫޕްއަށް ދެވުނު އިރު އައިންތު އާއި ނާސިހާ އައިސް ތިއްބެވެ. އަހަރުމެންނަށް އާދެވުނުލެއް ލަސްކަމުން ނާސިހާ ޝަކުވާކުރިއެވެ. އެޔާއިއެކު ލަސްވާން ދިމާވި ސަބަބު ޝެރީން ކިޔައިދިނެވެ.
"އަސްލު ޝެރީން ވާންވީ އަންހެނުންގެ ޙާއްސަ ޑޮކްޓަރަކަށް ދޯ ރީނާ!" އައިންތު ބުނެލިއެވެ.
"ނޫން! އަހަރެން ބޭނުމީ މީހުންގެ ހިތާ ކުޅެން!" ޝެރީން ބުނެލިއެވެ. " ހަމަ ގައިމުވެސް އަދި ނެތް އެރޮގުން ކިޔަވާފަ ހުރި ދިވެހި އަންހެނެއް....މަގޭ ޑްރީމް އަކީ އެންމެ ފުރަތަމަ ރާއްޖޭގެ އަންހެން ހިތުގެ ޑޮކްޓަރަށް ވުން!" ޝެރީން ވަރަށް ޔަގީން ކަމާއިއެކު ވާހަކަ ދެއްކިއެވެ.
"ތިކަން ވާނެ ޝެރީން އަށް! އިރާދަކުރެއްވިއްޔާ!" ނާސިހާ ބުނެލިއެވެ.
ހަގީގަތަކީ އެއީއެވެ. ޝެރީންގެ ނަސީބުގައި އޮތީ ހުސް ކާމިޔާބީއެވެ. އޭނާ މިހާތަނަށް ދިމާކުރި ހުރިހާކަމެއް އެދަނީ ކާމިޔާބު ކުރަމުންނެވެ. ޖީސީ އިމްތިހާނު ނިމުނުދުވަހު އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ކޯސް ހޯދާނެ ވާހަކަ ބުންޏެވެ. މިއަދު އެކަންވެސް އޭނާ ކާމިޔާބު ކުރީއެވެ. ނަސީބަކީ ވެސް މާވަހަރު ފަދައިން މަދު ބަޔަކަށް ދިމާވާއެއްޗެކޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.
"ދެން ރީނާވެސް ކޮންޕިއުޓިން ކޯހެއް ހަދަން އާދޭ އޮސްޓުރޭލިޔާއަށް" ޝެރީން އަހަންނާއި ދިމާލަށް ބުނެލިއެވެ.
"އާނ އޭރުންތާ ޝެރީންގެ ކިޔެވުމަށް އެންމެފަސޭހަ ވާނީ!" އަހަރެންބުނެލީމެވެ. އަހަންނަށް އޮސްޓުރޭލިޔާ ކަހަލަ ގައުމަކަށް ދެވިއްޖިއްޔާ އުޅޭނީ މަޝްހޫރު ބޭންޑުތަކުގެ ޝޯވް ތައްބަލާށޭ ބުނީމެވެ. އަދި އެތަނުން މީހަކު ހޯދައިގެން އެތާނގައި ދިރިއުޅެން ފަށާނީ ކަމުގައިވެސް ބުނީމެވެ.
"ބަލަ މިހާރު ކޮބާ ޖޯޖް މައިކަލް؟" ނާސިހާ އަހާލިއެވެ.
އަހަންނަށް އެޔަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ޖޯޖް މައިކަލް ވެސް ޓުއަރ ގައި އޮސްޓުރޭލިޔާ އަށް ދާނެނޫންހޭ ޝެރީން ބުނެލިއެވެ.
ގެއަށް އައި މަގުމަތީގައި އަހަރުމެން ދެމީހުން އެކަނި ވުމުން މިހާރު ޖޯޖް މައިކަލް ދޫކޮއްލީތޯ ޝެރީން ސުވާލުކުރިއެވެ.
"ނޫނެ ޖޯޖް މައިކަލްއަށް އަހަރެންގެ ހިތުން ދީފައި އޮތްޖާގައެއް ދުވަހަކުވެސް ބަދަލެއްނުވާނެ!" އަހަރެން ބުނެލީމެވެ.
އެކަމަކު ތިމާ ކިތަންމެ ބޭނުމަސް ނުވާނެކަން ކަން ހުންނާނެ ނޫންހޭ އަހަރެން ބުނީމެވެ. އަދި ޖޯޖް މައިކަލް އަކީ އެކަހަލަ ކަމެއްކަމުގައި ބުނެދިނީމެވެ.
"ހޫމް އެބަ ވިސްނޭ!" ޝެރީން ބުނެލިއެވެ.
ދެން އޭނާ ފެށީ އަހަރެން މިހާރު އޭނާ ދުރުކޮއްލިހެން ހީވާ ވާހަކައެވެ. އޭނާއާއި އެއްވެސް އެއްޗެއް ޝެއަރ ނުކުރާ ވާހަކައެވެ. އަހަރެން ޝެއަރ ކުރާވަރުގެ ކަމެއް ނުވެޔޭ ބުނީމެވެ. ޝެރީން ބޯ ހޫރާލިއެވެ.
"ރީނާއަށް ކަމުދާ ދިވެއްސެއް ފެނުނު ވާހަކަ އަހަރެން ކައިރީ އަކު ނުބުނޭ!" ޝެރީން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.
"އޭ؟!" އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ގޮތްނޭގޭ އުފާވެރިކަމެއް އަހަރެންގެ ހިތަށް ވެރިވެގަންނަން އުޅެންފެށުމުން އަހަރެން ބިރުގަތެވެ.
އަހަރެންނަށް ވީގޮތް ފެނިފައި ޝެރީން ގާތަށް ހިނިއައެވެ. އެމަންޒަރު ފެނުމުން އަހަރެންނަށް ހިތްވަރު ލިބުނެވެ. މަޑުކޮއްބަލާށޭ ބުނަމުން އަހަރެން ހުއްޓުނީމެވެ. އޭރު އަހަރުމެން ތިބީ ލިލީ މަގުގައި ސަލްޓަން ޕާރކް ކަންމަތީގައެވެ.
"ރީނާ ހާދަ ވަރަކަށް ހާސްވީތި؟ އެއީ ތެދެއްތަ؟" ޝެރީން ސުވާލު ކުރިއެވެ.
އެޔާއިއެކު ކާކު ކީކޭ ކިޔައިގެންތޯ ތިއުޅޭނީ އަހަރެން އެހީމެވެ.
"އިޝާން ބުނީ... ނޫން އިޝާން އެއްނޫން ސަމީރު އެންމެ ފުރަތަމަ އެވާހަކަ ދެއްކީ!"
ޝެރީންގެ ދުލުން އިޝާންއޭ ބުނި ހިސާބުން އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. އޭނާ އަހަންނަށްޓަކައި އިޝާން ދޫކޮށްލަނީ ހެއްޔެވެ؟ އަހަންނަށް ގަބޫލު ކުރަން ދަތިވިއެވެ. އެކަމަކުވެސް އަހަރެންގެ ހިތަށް އުފާވެރިކަމެއް ވެރިވިއެވެ. އެވަގުތު ޝެރީން ގައިގަ ބައްދައިގަންނަންވެސް ހިތަށް އެރިއެވެ.
އެއީ ތެދެކޭ ބުނަމުން އަހަރެން ހިގައިގަތީމެވެ. ބޭނުންވީ ޝެރީން ގެޔަށް ގެނެސް ކަލަންޑަރު ދަށުގައި ފޮރުވާފައި އިން އިޝާންގެ ފޮޓޯ ހެއްކެއްގެ ގޮތުގައި ދައްކާފައި ހުރިހާ އެއްޗެއް ކިޔައިދޭށެވެ.
"ދެން ކޮންއިރަކުން އަހަންނަށް އޭނާ އިންޓުރޮޑިއުސް ކޮއްދޭނީ؟". ޝެރީން އެސުވާލު ކުރުމުން އަހަންނަށް ހިނގުން މަޑުކޮށްލެވުނެވެ.
ޝެރީން އެދައްކަނީ ކާކުގެ ވާހަކަ އެއްކަން ރޭކާލީ އެހިސާބުންނެވެ.
-- ނުނިމޭ --
◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ