Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
12 އަހަރުގެ ކައި އަށް ރިޕް ކާލްގެ ސްޕޮންސާޝިޕެއް

އުމުރުން 12 އަހަރުގެ ކައި އަށް ރިޕް ކާލްގެ ސްޕޮންސާޝިޕެއް

27 ނޮވެމްބަރ 2022

އޮސްޓްރޭލިއާގެ މަޝްހޫރު ސާފިންވެއާ ބްރޭންޑް ރިޕް ކާލް އިން ރާއްޖޭގެ 14 އަހަރުން ދަށުގެ ޖޫނިއާ ސާފިން ޗެމްޕިއަން ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި) ސްޕޮންސާކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޮސްޓްރޭލިއާގެ މަޝްހޫރު ސާފިންވެއާ ބްރޭންޑް ރިޕް ކާލް އިން ރާއްޖޭގެ 14 އަހަރުން ދަށުގެ ޖޫނިއާ ސާފިން ޗެމްޕިއަން ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި) ސްޕޮންސާކޮށްފި އެވެ.

އުމުރުން 12 އަހަރުގެ ކައި އަކީ ބައިނަލްއަގްވާމީ ސްޕޮންސާޝިޕެއް ލިބުނު ރާއްޖޭގެ އެންމެ ހަގު އެތުލީޓެވެ. އަދި މުޅި ދުނިޔެ އަށް ބެލި ނަމަވެސް ރިޕް ކާލް އިން ސްޕޮންސާކޮށްފައިވާ އެންމެ ހަގު އެތުލީޓުންގެ ތެރޭގައި ކައި ހިމެނޭނެ އެވެ.

ދެ އަހަރުގެ މުއްދަތަކަށް ރިޕް ކާލް އިން ހެދި ސްޕޮންސާޝިޕުގެ ދަށުން އެ ބްރޭންޑުން ކައި އަށް ޓްރެއިނިން ފުރުސަތުތަކާއި ސާފިންވެެއާ އާއި ސާފިން އިކިއުޕްމަންޓް ފޯރުކޮށްދޭނެ އެވެ.

އެގޮތުން ޒުވާން ހުނަރުވެރި ސާފަރުން ހޯދުމަށް ރިޕް ކާލް އިން އޮސްޓްރޭލިއާ އާއި އިންޑޮނީޝިއާގެ ބާލީގައި ބާއްވާ ކޮންޓެސްޓްތަކުން ވެސް ކައި އަށް ފުރުސަތު ދޭނެ އެވެ.

ކައިގެ ބައްޕަ ހަމްދާން ޒަކީ "މިހާރު" އަށް ބުނީ މި ސްޕޮންސާޝިޕުގެ ސަބަބުން ކައި އަށް ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި އެންމެ ބޮޑު އުފަލަކީ ސްޕޮންސާޝިޕް ދިނީ ސީދާ ރިޕް ކާލް އޮސްޓްރޭލިއާ އިން ކަމަށް ވުން ކަމަށެވެ.

"ރިޕް ކާލް މޯލްޑިވްސް މެދުވެރިކޮށް ރިޕް ކާލް އޮސްޓްރޭލިއާ އިން ދިން ފުރުސަތެއް މިއީ،" އޭނާ ބުންޏެވެ.

ސްޕޮންސާޝިޕުގެ ދަށުން ކައި ރެޕްރެޒެންޓް ކުރާނީ ރިޕް ކާލް މޯލްޑިވްސް އެވެ.

ރިޕް ކާލް އަކީ ދުނިޔޭގެ އެންމެ ކުޅަދާނަ ސާފަރުން ސްޕޮންސާކޮށްފައިވާ ބްރޭންޑް ވެސް މެ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގެ ޓައިލާ ރައިޓް އާއި މައިކް ފެނިން އަދި އެމެރިކާގެ ބެތަނީ ހެމިލްޓަން ހިމެނެ އެވެ.

އޮސްޓްރޭލިއާގައި 1969 ވަނަ އަހަރު ވުޖޫދަށް އައި ރިޕް ކާލް އަކީ ސާފިންސް ގިއަރާއި އެޕެރަލް އުފައްދައި ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ވަރުގަދަ ތިން ބްރޭންޑުގެ ތެރެއިން އެއް ބްރޭންޑެވެ. ދެން ހިމެނެނީ ކުއިކްސިލްވާ އާއި ބިލަބޮން އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ރިޕް ކާލްގެ 332 އައުޓްލެޓް ހުރެ އެވެ. ރާއްޖޭގައި ރިޕް ކާލްގެ އައުޓްލެޓްތައް ހުންނަނީ ޅޮހިފުށި ރިޒޯޓާއި ކްރޯސްރޯޑްސްގަ އެވެ.

ރާއްޖޭގެ އެންމެ އުއްމީދީ ސާފަރު

ކައި އަކީ ރާއްޖޭގެ މިވަގުތު ހުރި އެންމެ އުއްމީދީ ސާފަރެވެ. އޭނާ 14 އަހަރުން ދަށުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދުމުން ވައިލްޑް ކާޑުގެ ދަށުން ގައުމީ މުބާރާތް (ރަންނަމާރި ޗެލެންޖް) އިން ފުރުސަތު ލިބުނެވެ.

އެ މުބާރާތުގެ ތިން ވަނަ ބުރުގައި ކައި ވަނީ ނެޝަނަލް ދިވެހި ލީގު ސާފް ޗެމްޕިއަން އަދި ގައުމީ ރޭންކިންގެ އެއް ވަނަ މަގާމުގައި އޮތް އަހުމަދު އާގިލް (އަންމަޑޭ) ފަހަތަށް ޖައްސާލައިފި އެވެ.

ތިން ވަނަ ބުރުގެ ދެ ވަނަ ހީޓުގައި އުމުރުން 12 އަހަރުގެ ކައި ވަނީ ހަތަރު ރާޅާ އަޅައި، ޖުމްލަ 10.90 ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފުރަތަމަ ރާޅަށް 7.00 ޕޮއިންޓް ހޯދި އިރު، ހަތަރު ވަނަ ރާޅަށް 3.90 ޕޮއިންޓް ހޯދި އެވެ. އަންމަޑޭ ހަ ރާޅު އަޅާއިގެން ހޯދުނީ 10.50 ޕޮއިންޓެވެ.