Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މަންމަގެ ގުރުބާނީ ފެނި އިގްބާލް ދިއްކޮށްލި އެހީގެ އަތް

މަންމަގެ ގުރުބާނީ ފެނި އިގްބާލް ދިއްކޮށްލި އެހީގެ އަތް

08 ޖެނުއަރީ 2023

ދިވެހިންގެ އެހީ ބޭރުގެ ނިކަމެތިންނާ ހަމައަށް ގެންގޮސްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކޭމްޕޭންގެ ނަމުގައި މަދަނީ ޖަމިއްޔާއެއް އުފައްދައިގެން އިސްކޮށް މަސައްކަތް ފެށުމުގެ ކުރިން ވެސް އޭނާގެ ސިކުނޑީގައި ނިކަމެތިންނާއި ޔަތީމުންނާ މެދު ހާއްސަ ލޯތްބެއް އުފެދިފައި އޮތެވެ. އަހުމަދު އިގްބާލް ބުނާ ގޮތުން ނަމަ އެ ލޯބި އޭނާގެ ހިތުގައި އުފެދުނީ އަމިއްލަ އަށް ކުރެވުނު ތަޖުރިބާއަކުންނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހިންގެ އެހީ ބޭރުގެ ނިކަމެތިންނާ ހަމައަށް ގެންގޮސްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކޭމްޕޭންގެ ނަމުގައި މަދަނީ ޖަމިއްޔާއެއް އުފައްދައިގެން އިސްކޮށް މަސައްކަތް ފެށުމުގެ ކުރިން ވެސް އޭނާގެ ސިކުނޑީގައި ނިކަމެތިންނާއި ޔަތީމުންނާ މެދު ހާއްސަ ލޯތްބެއް އުފެދިފައި އޮތެވެ. އަހުމަދު އިގްބާލް ބުނާ ގޮތުން ނަމަ އެ ލޯބި އޭނާގެ ހިތުގައި އުފެދުނީ އަމިއްލަ އަށް ކުރެވުނު ތަޖުރިބާއަކުންނެވެ.

އެ ތަޖުރިބާއަކީ، އާއިލާގެ ހައްގުގައި އޭނާގެ މަންމަ ވީ ގުރުބާނީތައް ފެނުނެވެ. ހއ. މުރައިދު އަށް އުފަން އިގްބާލް ވަރަށް ތުއްތު އިރު އޭނާގެ ބައްޕަ މަރުވެ އާއިލާ ނިކަމެތިވުމުން ކުޑަ ތިން ދަރިންނަށް އުޅޭވޭނެ ގޮތެއް ހޯދައިދިނީ މަންމަގެ ބުރަ މަސައްކަތުންނެވެ.

"ކުޑައިރު ރިއަލައިޒެއް ނުވޭ އޭރު އަސްލު އުޅެން ޖެހުނު ގޮތެއް. އޭރު އަބަދުވެސް ކޮންމެވެސް ސަކަރާތެއް ޖަހަން އުޅެވޭނީ. ވެދާނެ ހިތާމައެއް ފޮރުވުމަށް އޮޓޯއިން އަންނަ އެއްޗެއް ކަމަށް. އެކަމު އަޅުގަނޑުގެ ދައްތަ އަށް ގައިމުވެސް އެކަން އޭރު ވެސް ރިއަލައިޒް ވާނެ. އެކަމަކު ބޮޑު މީހަކަށްވެ އެދުވަސްތަކާ މެދު ވިސްނާލީމަ މި އެނގެނީ އަސްލު ކިހާ ހާލުގައިކަން ފުރަތަމަ އުޅެން ޖެހުނީ" އޭރުގެ ތަޖުރިބާތައް އިގްބާލް ކިޔައިދިނެވެ.

"ފަހުން މަންމަ ދޮން ބައްޕައާ އިނދެގެން މާލެ ބަދަލުވީމަ އޭރު ގޭގައި އުޅެން ޖެހުނު ގޮތުން މިހާރު އިހްސާސްކުރެވޭ މަންމަ ކިހާ ސެކްރިފައިޒެއްވީކަން. ދޮން ބައްޕަ އަހަރެމެންނަށް ވަރަށް ރަނގަޅު. އެކަމަކު މަންމަގެ އެ ސެކްރިފައިޒް އެންމެ ވެލިއެބަލް އެއްޗަކީ."

ނިކަމެތިންނާއި ޔަތީމުންނަށް ހިތުގައި އުފެދިފައި އޮތް ލޯބީ އަމަލީގޮތުން ތަންފީޒު ކުރުމުގެ ވިސްނުމާ އެކު ފެށި މަސައްކަތަކީ ނިކަމެތިންގެ އެންމެ އަސާސީ ކަންކަން ހަމަޖައްސައި ދިނުމަށް ފެށި މަސައްކަތެވެ.

އެންމެ ފުރަތަމަ "އެހީ" ޖަމިއްޔާ

އިގްބާލް ބުނި ގޮތުގައި 2012 ގައި އޭނާގެ ގާތް ދެ އެކުވެރިއެއްގެ އުއްމީދުތަކާ އެކު އުފެއްދި އެހީ ޖަމިއްޔާ އަކީ، ހިއުމެނިޓޭރިއަން ނުވަތަ އިންސާނިއްޔަތަށް ހިދުމަތް ކުރަން ރާއްޖޭގައި މަސައްކަތް ފެށި ފުރަތަމަ އަމިއްލަ ޖަމިއްޔާ އަށް ވާނެ އެވެ. އެހީ ޖަމިއްޔާ އުފެދިގެން އައި އިރު ޖަމިއްޔާގެ މަސައްކަތަކީ ދުނިޔެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް އެހީ ފޯރުކޮށް ދީ އެ ފަރާތްތަކުގެ ދިރިއުޅުން ކުރިއަށް ގެންގޮސް ދިނުމެވެ.

އައިއޭސީގެ ބައެއް މެންބަރުނާ އެކު އިގްބާލް (ވ)

އައިއޭސީގެ ބައެއް މެންބަރުނާ އެކު އިގްބާލް (ވ)

އެއީ ވަރަށް ގިނަ ބައެއްގެ މަސައްކަތެވެ. އެހީ ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް "އެހީ ޖަމިއްޔާ" ގެ ތެރެއިން އެ ފުރުސަތު ހޯދައިދީ ނިކަމެތިންނަށް ޖަމާއީ ގޮތެއްގައި އެ ޖަމިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށް ދީފަ އެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އުފެދުމާ ހަމައަށް އެހީ ޖަމިއްޔާއިން ވަނީ ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގަ ވެސް ޕްރޮޖެކްޓް ހިންގާފަ އެވެ. އޭނާ ބުނި ގޮތުގައި ރަށްރަށުގެ ނިކަމެތި ބައެއް އާއިލާތަކަށް އެ ޖަމިއްޔާއިން ވަނީ ގެދޮރު އިމާރާތްކޮށް ދީފަ އެވެ.

"އެހީ ޖަމިއްޔާ މިހާރު ފަންކްޝަން ކުރާނީ ގައުމީ ފެންވަރެއްގައި. ރާއްޖޭގައި އުޅޭ ނިކަމެތިންނަށް އެހީ ފޯރުކޮށްދިނުމަށް އަދި ނިކަމެތިންގެ ދިރިއުޅުން ތަރައްގީކޮށްދިނުމަށް،" "އެހީ" އާ 2013 ގައި ގުޅި، މިހާރު އެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރަމުން އަންނަ އިގްބާލް ބުންޏެވެ.

"އެއިޑް ކެމްޕޭން": ގޮންޖެހުން ބޮޑު ޕްރޮޖެކްޓްތަކެއް

ބޭރުގެ ފަރާތްތަކަށް އެހީ ފޯރުކޮށްދޭން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ހޯދައި ދޭން އެހީ ޖަމިއްޔާގެ އިސްނެގުމާއި އެކު އިތުރު ޖަމިއްޔާތަކާ ރަށްރަށުގެ ކައުންސިލްތައް ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އުފެއްދީ 2016 ގެ ފަހުކޮޅުގަ އެވެ.

އިގްބާލް ބުނީ އައިއޭސީގެ ފުރަތަމަ ޕްރޮޖެކްޓަކްވީ ގޮންޖެހުން ބޮޑު ޕްރޮޖެކްޓަކަށް ކަމަށެވެ.

"ފުރަތަމަ ޕްރޮޖެކްޓަކީ ވަރަށް ބޮޑު ޗެލެންޖެއް. ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކުން ގުޅިގެން އެއްކުރި އެހީގެ ސާމާނުތައް މާލެ ގެނެސް ޕެކްކޮށް ހަތަރު ކޮންޓެއިނާގެ ސާމާނު ތުރުކީ އަށް ފޮނުވައި ރެފިއުޖީންނަށް އެހީ ޑެލިވަރީ ކުރަން ހޭދަވި މުއްދަތާއެކު މުޅި ޕްރޮޖެކްޓަށް ހަ މަސް ދުވަސް ހޭދަވި،" ތުރުކީގައި ތިބޭ ސީރިއާގެ ރެފިއުޖީންނަށް އެހީވުމަށް ހިންގުނު ޕްރޮޖެކްޓާ ބެހޭގޮތުން އިގްބާލް ބުންޏެވެ.

"އެ ޕްރޮޖެކްޓް ނުނިމި ދިގުލައިދާން ފެށީމަ ބައެއް މީހުން ބުނި ނުވާނޭ. އެކަމަކު އޭރު ވެސް އަޅުގަނޑުމެން އުއްމީދު ކުރިން ދިގު މުއްދަތެއް ނެގިޔަސް އެކަން ފުރިހަމަ ކުރެވިދާނެކަމަށް."

އައިއޭސީގެ ބައެއް މެންބަރު

އައިއޭސީގެ ބައެއް މެންބަރު

ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހުނު ސީރިއާގެ ރެފިއުޖީންނާއި ރޮހިންޔާ މުސްލިމުންނާއި ގައްޒާގެ ރައްޔިތުންނާ ހަމައަށް ދިވެހިންގެ އެހީ، އެ ޖަމިއްޔާއިން ވަނީ ފޯރުކޮށް ދީފަ އެވެ. އެފްރިކާ ބައްރުން ނައިޖާ އާއި ސިއެރަލިއޯންގެ ނިކަމެތި އާއިލާތަކަށް ދިވެހިންގެ އެހީ އާއެކު އެކި ފެންވަރުގެ ޕްރޮޖެކްޓްތައް ވަނީ ކުރިއަށް ގެންގޮސްފައި ވާނެ ކަމަށް އިގްބާލް ބުންޏެވެ.

"އޭޝިއާގެ ގިނަ ގައުމުތައް ހިމެނޭ ގޮތަށް ޕްރޮޖެކްޓް ތަކެއް ހިންގުނު. ހަމައެކަނި ބަންގްލަދޭޝްގައި ވެސް ނިކަމެތި އާއިލާތަކަށް ފެން ނަގާނެ 100 އަށް ވުރެ ގިނަ ވަޅު ހެދުމުގެ ޕްރޮޖެކްޓެއް ހިންގުނު،" އޭނާ ކިޔައި ދިނެވެ.

އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ، ބަންގްލަދޭޝް އަށް ގެންގޮސްގެން ރޮހިންޔާގެ ރެފިއުޖީންނަށް ހިނގުނު މެޑިކަލް ކޭމްޕަކީ އައިއޭސީން އިސްނަގައިގެން ހިންގި އެހީގެ އެއް ރަމްޒެވެ.

ހިޔުމެނިޓޭރިއަން ކޭމްޕްތަކުގެ ހާލަތު ފެނުނީމަ ލޮލުން ކަރުނަ ފާއްދާލާ

އައިއޭސީގެ ޕްރޮޖެކްޓްތަކުގައި ޒިޔާރަތް ކުރި ގައުމުތަކުގެ އަވަށް ތަކުންނާއި ހިޔުމެނިޓޭރިއަންގެ ކޭމްޕްތަކުން ފެންނަ މަންޒަރުން ދިވެހިންނަކީ ކިހާ ބޮޑު ނިއުމަތްތެއް ދެއްވި ބައެއްކަން އިހްސާސް ކުރެވޭ ކަމަށް އިގްބާލް ބުންޏެވެ.

"ނައިޖާގެ އަވަށަކަށް އަޅުގަނޑުމެން ގޮސް ކުޑަ ކުދިންނާ ބޮޑެތި މީހުން ދައްކާ ސިއްހީ މަރުކަޒަކަށް ޒިޔާރަތް ކުރިން. އަޅުގަނޑުމެން ދިޔައިރު އެތާގެ އެންމެ ބޮޑު ކޮންސާއަކަށް ވީ މެލޭރިއާ ބަލި. ވަރަށް ދުރު އަވަށަކުން ދެތިން ގަޑއިރުގެ ދަތުރަކަށް ފަހު ވަކި ދުވަސްތަކެއްގައި ވަކި ގަޑިއިރުތަކަކަށް ޑޮކްޓަރަކު އާދޭ. އެކަމަކު ބަލިވެފައި ތިބި ހުރިހާ އެންމެން ފަރުވާއެއް ދެވޭކަށް ނޯވޭ. މީ އަދި ކޮވިޑުގެ ކަންތައް ބޮޑުވެގެން އުޅުނު ދުވަސްވަރު،" އިގްބާލް ކިޔައި ދިނެވެ.

"ބަލި ޖެހިގެން ކުޑަ ކުދިންތައް އުޅޭ ހާލު ފެނުނީމަ ހިތައް އުނދަގޫވޭ. ދިވެހިންގެ އާބާދީގެ ނިސްބަތުން ދިވެހިންގެ ފަރާތުން ރަނގަޅު އެއްޗެއް ދެވުނަސް ހަގީގަތުގައި އެންމެ ކޭމްޕެއްގައި ޔަތީމު ކުޑަ ކުދިންނާއި ނިކަމެތިންގެ ހާލަތަށް ބަލާއިރު އެއީ ވަރަށް ކުޑަ މިންވަރެއް. ނަމަވެސް މިގޮތުގައި ދެމިތިބުމުގައި އޮންނަ އުންމީދަކީ އަހަރެމެން މިކުރާ މަސައްތަކުން އިތުރު މީހުން އިންސްޕަޔާވުން. މޯޓީވޭޓްވުން. އެކަމުގެ ސަބަބުން އެތައް މިލިއަން ބަޔަކަށްވެސް އެހީ ދެވޭނެ ދޮރުތައް އިންޝާﷲ ހުޅުވޭނެ."

އޭނާ ބުނީ ދިވެހިންގެ އެހީތެރިވެގެން ނިކަމެތި އެތައް އާއިލާތަކެއްގެ ހަޔާތަށް ކުރިއެރުންތަކެއް ގެނައުމަށް މަގުފަހިވި ކަމަށެވެ.

"ދިވެހިންގެ އެހީ ވެލިއުބަލް އެއްޗަކަށް ވަނީ ވަރަށް ގިނަ ދިވެހިން ކޮންޓްރަބިއުޓްކޮށްގެން އެހީ ދެވޭތީ. ގިނަ ބައެއްގެ ލޯބި އޭގާ ހިމެނޭތީ. މަދު މިންވަރަކުން ދީގެން ބައިވެރިވާ މީހާއަށް ވެސް ބޮޑު އައުޓްޕުޓެއް އިންނަ ކަމެއްގަ ބައިވެރިވާނެ ފުރުސަތެއް އޮންނާތީ. ތިމަންނަ އަތުގަ އޮތީ އެންމެ 5 ރުފިޔާއޭ ހިތަށް އަރާ މީހާވެސް ބައިވެރިވެގެން ބޮޑު އެއް ޕްރޮޖެކްޓެއްގެ ގޮތުގައި އެހީ ދެވޭތީ،" އިގްބާލް ބުންޏެވެ.

ބޭރުގެ ހިޔުމެނިޓޭރިއަން ކޭމްޕްތަކުން ފެންނަ މަންޒަރުތަކުން ކުރުވާ އިހްސާސް ކޮންޓްރޯލް ކުރަން އެނގުން މުހިންމުކަން އޭނާ ފާހަގަ ކުރި އެވެ.

"ފެންނަ މަންޒަރުތަކުން ކިތަންމެ ދެރަވިޔަސް އަސަރު ކުރިޔަސް ބައެއް ފަހަރު ކެތްތެރިކަން ކޮޅުން ލިޔަސް. އެ ހުރިހާ އިހްސާސްތަކެއް ކޮންޓްރޯލްކޮށްގެން މިކަން ކުރަން ދަސްކުރަން ޖެހޭނެ، އެހީދޭން ދާ މީހާ ދާންވާނީ ހިނިތުންވުމަކާއެކު. ސަބަބަކީ މިދަނީ ގޮތް ހުސްވެފައި ތިބި ބައެއް ކައިރިޔަށް. އެމީހުންގެ ހިތްދަތިކަން އިންތިހާ އަށް ތަހަންމަލް ކުރާ ބައެއްގެ ގާތަށް. އެ މީހުންނަށް އެންމެ ފުރަތަމަ ދެވޭ ހަދިޔާއަކަށް ވާންވާނީ އުފާވެރި މޫނެއް،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް މިކަމުގައި އުޅެން ޖެހެ އެވެ. މިއީ ޗުއްޓީ ނަގައިގެން ބްރޭކް ނަގައިގެން ކުރެވޭވަރަށް ވުރެ މާ ބޮޑު ކަމެއް ކަމަށާއި މަސައްކަތް ފަސްކޮށްގެން ވެސް މިކަމުގައި ކުރިއަށް ނުދެވޭނެ ކަމަށް އޭނާ ބުންޏެވެ.

"މި މަސައްކަތުގައި އުޅޭ މީހާ އަބަދު ބޮލުގައި އިންނާނީ މިކަން. މިކަން ނުކޮށްފިއްޔާ ރެފިއުޖީ ކޭމްޕްގައި އިންނަ މީހާގެ ދިރިއުޅުމަށް އަސަރު ކުރާނެ. އެވެނި ކޭމްޕަކުން ފެނުނު މީހާ އަށް އެންމެ ބޭނުން ވަނީ މިކަމޭ މިއަދު ޓާގެޓަކީ އޭނާ އަށް އޭތި ހޯދައިދޭނެ ގޮތެއް ރޭވުމޭ.

އިގްބާލް އައިއޭސީގެ މަސައްކަތެއްގައި

އިގްބާލް އައިއޭސީގެ މަސައްކަތެއްގައި

ބިޒީ ޝެޑިއުލެއްގައި ޕްރޮޖެކްޓްތަކުގެ މަސައްކަތް ކޮންމެ ދުވަހަކު އުޅެނީ ހިތްވަރުދޭނެ ގިނަ ބަޔަކު ފަހަތުގައި ތިބެގެން ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ މެންބަރަކީ ވެސް ބޮޑު ޒިންމާއެއް އުފުލާ މެންބަރެއް. ސޯޝަލް މީޑިއާ ބެލެހެއްޓުމާ އާންމުންނަށް މުހިންމު މައުލޫމާތު ހިއްސާ ކުރުމުން ފެށިގެން ދޭން ގަސްތުކުރާ އެހީ ފޯރުކޮށް ދިނުމަށް އެކި ގައުމުތަކުގެ ޓީމުތަކާ މަޝްވަރާކޮށް ޕްރޮޖެކްޓް ނިމުމާ ހަމަޔަށް އެކަން ރަނގަޅަށް ބެލެހެއްޓުމުގައި އިސްކޮށް އުޅޭ މެންބަރުންނަކީ ހިތްވަރު ގަދަ ބައެއް. ނިކަމެތިންނަށް އެހީވުމަށް ލޯބި އެ މީހުންގެ ހިތުގައި އޮންނަ ބައެއް،" އިގްބާލް ވުންޏެވެ.

ހާއްސަކޮށް ދިވެހިންގެ ތެރޭ އުޅޭ ނިކަމެތިން ގެ ހާލަތު ދެނެގަނެ އެމީހުންނަށް ފޯރުކޮށްދޭން ޖެހޭ އެހީ އަކީ ކޮބައިތޯ ބަލައި އެ މަސައްކަތް ކުރާ ވިމެން ވިންގް "ހެވަތަ" ޓީމުގެ މަސައްކަތް އޭނާ ފާހަގަކުރި އެވެ. އިގްބާލް ބުނި ގޮތުގައި އެއީ ވަރަށް ހިތްވަރުގަދަ ފުރިހަމަ މަސައްކަތެއް ކުރާ ޓީމެއް ކަމަށެވެ.

"އަހަރެމެންގެ މަސައްކަތް ކުރިޔަށް ގެންދަން މި އެންމެ ބޭފުޅުންނާއި ރަށްރަށުގެ ޖަމިއްޔާތަކާ ކައުންސިލުތަކުގެ މަސައްކަތަކީ ވެސް ވަރަށް މުހިންމު ބައެއް،" އޭނާ ބުންޏެވެ.