Roadha Mihaaru

މިހާރު ވެސް ކުދިން ތިބީ އެކަށީގެންވާ ވަރަށް ނިވާވެގެން، ޔުނިފޯމް ބަދަލު ކުރުމަކީ ބޭކާރުކަމެއް: ނަޝީދު

ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލާ އެކު، ޔުނިފޯމުގެ އަގު ބޮޑުވާނެ ކަމަށާއި މިހާރު ވެސް ކުދިން ތިބީ "އެކަށީގެންވާ ވަރަށް ނިވާވެގެން" ކަމަށް ވިދާޅުވެ އެ ބަދަލާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ނަޝީދުގެ ނަޒަރުގައި އާ ޔުނިފޯމުގެ އަގުބޮޑުވާނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

06 ޑިސެމްބަރ 2025

ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލާ އެކު، ޔުނިފޯމުގެ އަގު ބޮޑުވާނެ ކަމަށާއި މިހާރު ވެސް ކުދިން ތިބީ "އެކަށީގެންވާ ވަރަށް ނިވާވެގެން" ކަމަށް ވިދާޅުވެ އެ ބަދަލާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ސްކޫލްތަކުން ތައްޔާރުވާން އަހަރެއް ދިނުމަށް ފަހު 2027 ގައި ޔުނިފޯމް އެއްގޮތް ކުރަން ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ ކަމަށްވާ ނޫ ކުލައަށެވެ.

އެއާ އެކު، ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާއި ހުންނަން ޖެހޭނެ ގޮތުގެ އުސޫލު މިހާރު ސްކޫލުތަކަށް ވަނީ ފޮނުވާފަ އެވެ.

އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެ އެވެ. އަދި ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ.

ބައެއް މީހުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ އެ މައްސަލާގައި ނަޝީދު ވިދާޅުވީ 90،000 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ތައުލީމު ހާސިލު ކުރަމުން އަންނައިރު އާ ގޮތަކަށް ޔުނީފޯމު ބަދަލު ކުރާ ނަމަ ކޮންމެ ކުއްޖަކަށް މަދުވެގެން 900ރ. ހަރަދުވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ބެލެނިވެރިންގެ އަތުލުން 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، ފޮތި ފިހާރަތަކަށް އެ ފައިސާ "ދިނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން" ކަމަށެވެ.

"މިހާރު ވެސް ދަރިވަރުން އެ ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން،" ނަޝީދު ވިދާޅުވި އެވެ.

ޔުނިފޯމަށް ބަދަލު އަންނަ ގޮތުގެ ނަމޫނާ: ސްކޫލްތަކުގެ ޔުނިފޯމު އެއްގޮތް ކުރަން އެޑިއުކޭޝަނުން ވަނީ އުސޫލެއް ހަދައި 2027 އިން ފެށިގެން އަމަލުކުރަން ނިންމާފައި. -- ފޮޓޯ | މިހާރު

ޔުނިފޯމަށް ބަދަލު އަންނަ ގޮތުގެ ނަމޫނާ: ސްކޫލްތަކުގެ ޔުނިފޯމު އެއްގޮތް ކުރަން އެޑިއުކޭޝަނުން ވަނީ އުސޫލެއް ހަދައި 2027 އިން ފެށިގެން އަމަލުކުރަން ނިންމާފައި. -- ފޮޓޯ | މިހާރު

ނަޝީދު އެހެން ވިދާޅުވި ނަމަވެސް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، ޔުނިފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރާ ގޮތުގައި އާ ޔުނިފޯމަށް ކުއްޖަކަށް 350ރ. އަށް ވުރެ ބޮޑު ހަރަދެއް ބެލެނިވެރިން ކުރާކަށް ނުޖެހޭނެ އެވެ.

މިހާރު ވެސް ބެލެނިވެރިންގެ އަބަދުގެ ޝަކުވާއަކީ ޔުނިފޯމް ވިއްކުން އެއްބަޔަކަށް ދޫކޮށްލާފައި އޮތުމުން އެކި ސްކޫލްތަކުގައި ތަފާތު އެތައް ކުލައެއްގެ ފޮރި ބޭނުންކުރާތީ އެ ހޯދަން އުނދަގޫވުމެވެ.

މިނިސްޓްރީން ބުނީ، ސަރުކާރުގެ ސްކޫލްތަކަށް ހާއްސަ ހަތަރު ކުލައެއް ކަނޑައެޅުމުން ފޮތި ނުލިބުން ފަދަ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.