18 މާޗް 2024
އިއްޔެގެ ނޫހާ ގުޅޭ
އިއްޔެގެ ނޫހާ ގުޅޭ
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އިންސާނުންގެ ބުއްދިއާއި ފިކުރު ޙައިރާންކޮލި އާދައާޚިލާފު މުޢުޖިޒާތެކެވެ. ޤުދުރަތްތެރިކަމުގެ މަތިވެރި ނިޝާނެކެވެ. ޤުރައިޝުންގެ ސިނކުޑިތައް އަންތަރީސް ކޮށްލި ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. މުސްލިމުންނަށް ކުރިމަތިވި އިމްތިޙާނެކެވެ. ތެދުވެރި މުސްލިމުން އެމަތިވެރި މުޢުޖިޒާތް ގަބޫލުކުރިއެވެ. ނަބީބޭކަލުންނަށް މާތް الله ދެއްވާ މަތިވެރި މުޢުޖިޒާތްތަކަކީ ބުއްދިއަށް ގަބޫލުކުރާން ދަތި ނަމަވެސް މަތިވެރިވެގެންވާ ޙަޤީޤަތްތަކެކެވެ. މުޢުޖިޒާތްތަކުގެ ޙަޤީޤީ ޠަބީޢަތަކީ އެއީއެވެ.
އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތް ކީރިތި ރަސޫލާﷺއަށް الله ދެއްވީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ވަރަށް އުނދަގޫ ދުވަސްވަރެއްގައި އެކަލޭގެފާނުގެ ހިތްޕުޅަށް ތަސައްލީއެއްގެ ގޮތުގައެވެ. އުފާވެރި ކަމެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ އެންމެހައި ހިތާމަތަކަށް ނިމުމެއްގެ ގޮތުގައެވެ. އަބޫޠާލިބުގެފާނާއި ޚަދީޖަތުގެފާނު އަވަހާރަވުމާއި ޠާއިފުގެ ދަތުރުފުޅުން ލިބިވަޑައިގަތް ހިތާމަފުޅުތަކުގެ ސަބަބުން ކީރިތި ރަސޫލާﷺ އަށް ނުހަނު ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވާންޖެހިވަޑައިގަތެވެ.
އެ ޙާލަތުގައި އެކަލޭގެފާނުގެ ހިތްޕުޅުގައިވާ އީމާންކަން އިތުރަށް ކަށަވަރުކުރައްވައި اللهގެ މަތިވެރި މުޢުޖިޒާތް އެކަލޭގެފާނަށް ދެއްވާން الله އިރާދަކުރެއްވިއެވެ. މިޙާދިސާ ހިނގައިފައިވަނީ މަދީނާގެ ހިޖުރައިގެ ކުރިންނެވެ. އެއީ ނަބަވީ ދަޢުވަތުން ދިހަ އަހަރު ފާއިތުވުމަށް ފަހުގައެވެ.
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އާދައާ ޚިލާފު އެތައް ޙަޤީޤަތްތަކެއް ހާމަވި ދަތުރުކެވެ. اللهގެ ކުޅަދުންވަންތަކަމުގެ އެތައް ހެކިތަކެއް الله ދެއްކެވި ދަތުރެކެވެ. އިސްރާއަކީ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްޤުދުސްގެ އަލްއަޤުޞާ މިސްކިތަށް ކުރެއްވި ދަތުރުފުޅެވެ. މިޢުރާޖަކީ އަލްއަޤުޞާ މިސްކިތުން މަތިވެރިވެގެންވާ އުޑުތަކަށް ކުރެއްވި ދަތުރުފުޅެވެ.
މައްކާއިން ބައިތުލްމަޤުދިސަށް
އިސްރާގެ ދަތުރުފުޅުގެ ވާހަކަ ކީރިތި ޤުރުއާނުގައި ޞަރީޙަ ޢިބާރާތުން ކަނޑައެޅި ބަޔާންވެގެންވެއެވެ. މިޢުރާޖުގެ ވާހަކައަށް ކީރިތި ޤުރުއާނުގެ އައްނަޖުމު ސޫރަތުގައި އިޝާރާތްކުރައްވައިފައިވެއެވެ. އަލްއިސްރާ ސޫރަތުގެ އެއްވަނަ އާޔަތުގައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އެކަލާނގެ ހުސް طاهـر ވަންތަކަމާއެވެ! އެކަލާނގެއީ، المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ بركات ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ .
ބައިތުލްމަޤުދިސުން އުޑުތަކަށް
އައްނަޖުމު ސޫރަތުގެ ދިހަ ވަނަ އާޔަތުން އަށާރަ ވަނަ އާޔަތުގެ ނިޔަލަށް الله ބަޔާންކުރައްވާފައިވެއެވެ. "އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكارއެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެން ފަހަރަކު ވެސް އެ ملائكةއާ ދެކެވަޑައިގަތްކަން ކަށަވަރެވެ. سدرة المنتهى ގެ ކައިރިންނެވެ. އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمنތަކުންގެ ފުރާނަތަކުގެ مركزއެވެ.) سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވައިފައިވާ ތަން ފަހަނަޅައި ވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ.
އިސްވެ ބަޔާންވެ ދިޔަ އާޔަތްތަކުން ދޭހަކޮށްދެނީ މިދަތުރުފުޅުގެ މަތިވެރި މަޤުޞަދަކީ اللهގެ ކުޅަދުންވަންތަކަމުގެ ހެކިތައް އިތުރު ރަސޫލާﷺ އަށް ދެއްކެވުންކަމެވެ. އިސްރާގެ ދަތުރުފުޅު ފެށިފައިވަނީ މައްކާއިންނެވެ. ރޭގަނޑެއްގެ ވަގުތުގައެވެ. ބައެއް ރިވާޔަތްތައް ބުނާ ގޮތުން އިސްރާގެ ދަތުރު ފެށިފައިވަނީ އުންމު ހާނީގެ ގެކޮޅުގައި އަވަހާރަފުޅު ލައްޕަވައިފައިވަނިކޮށް ތެދުވެ ވަޑައިގެން މަލާއިކަތުންނާ އެކު ގެންނެވި ބުރާޤުގައެވެ. އެއީ އާދަޔާ ޚިލާފު ބާރު މިނެއްގައި ދަތުރުކުރާ ސަވާރީއެކެވެ. ލޮލުގެ ފެނުން ހުއްޓޭ ހިސާބުގައި ފިޔަވަޅު އަޅައި ދަތުރުކުރާ ސަވާރީއެއްކަމުގައި މުފައްސިރުން ބަޔާންކޮށްފައިވެއެވެ. އަނެއް ބައި ރިވާޔަތްތަކުގައި ބަޔާންވެގެންވާ ގޮތުން އިސްރާގެ ދަތުރުފުޅު ފެށިފައިވަނީ ސީދާ އަލްމަސްޖިދުލްޙަރާމުންނެވެ. އަލްމަސްޖިދުލްޙަރާމަކީ މުޅި މައްކާ ކަމުގައި ވެސް ބައެއް މުފައްސިރުން ބަޔާންކުރައްވައިފައިވެއެވެ.
މި ކަމުގައި ޢިލްމުވެރީންގެ މެދުގައި ބަހުސްކުރެވިފައިވެއެވެ. އެއީ އިސްރާޢާއި މިޢުރާޖުގެ ދަތުރަކީ ހަމަ އެކަނި ރޫޙާއިގެން ކުރެއްވި ދަތުރެއްތޯ ނުވަތަ އެއީ ރޫޙާއި (ފުރާނަ) އާއި ހަށިގަޑާ އެކު ކުރެއްވި ދަތުރެއްތޯ ނުވަތަ ނޫންތޯ އާމެދު ބަހުސްކުރައްވައިފައިވެއެވެ. މި ކަމުގައި ގިނަ ޢިލްމުވެރީން ބުރަވެލައްވަނީ އެއީ ހަށިގަނޑާއި ފުރާނައާއެކު ކުރެއްވި ދަތުރުފުޅެއްކަމުގައެވެ. އަދި އެއީ ހުވަފެނެއް ނޫންކަމުގައި ވެސް ޢިލްމުވެރިން ބަޔާންކުރައްވައިފައިވެއެވެ.
ނަބީބޭކަލުންގެ އިމާމު
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ކީރިތި ރަސޫލާﷺ ވަނީ އަލްއަޤުޞާ މިސްކިތުގައި އެންމެހައި ނަބީބޭކަލުންނާއެކު އިމާމުވެ ނަމާދުކުރައްވައިފައެވެ. އެބޭކަލުން އެކަލޭގެފާނަށް ހެޔޮ ދުޢާއާއި ތަހުނިޔާތައް ދެންނެވިކަމުގައި ބަޔާންވެގެންވެއެވެ. اللهގެ މަތިވެރި ކުޅަދުންވަންތަކަމެވެ. އެކަލާނގެއީ މަރުއްވައި ދިރުއްވާ ރަސްކަލާނގެއެވެ.
އަލްއަޤުޞާ މިސްކިތުގައި ނަބީބޭކަލުންނާ އެކު ވަގުތު ހޭދަކުރެއްވުމަށް ފަހު އިތުރުއެކަލޭގެފާނު ޖިބުރީލްގެފާނުގެ އަރިހުގައި މިޢުރާޖުގެ ދަތުރުފުޅު ފެށްޓެވިއެވެ. މިޢުރާޖުގެ ދަތުރުފުޅުގައި މަތިވެރި ވެގެންވާ އުޑުތަކަށް ދަތުރުފުޅުކުރެއްވިއެވެ. އެކި އުޑުތަކުން އެކި ނަބިއްޔުން އިތުރުއެކަލޭގެފާނަށް މަރުޙަބާ ވިދާޅުވިއެވެ. މި ކަމުގެ ތަފުސީލްތައް ތަފުސީރު ފޮތްތަކާއި ޙަދީޘް ފޮތްތަކުގައި ބަޔާންވެފައި އެބަހުއްޓެވެ.
ކާއިނާތު ނިމޭ ހިސާބަށް އިތުއެކަލޭގެފާނު ވަޑައިގަތެވެ. އެ ތަނުގައި ވަނީ ސިދުރަތުލްމުންތަހާއެވެ. އަދި އެ ތަނުގެ ކައިރީގައި "މައުވާ"އޭ ކިޔުނު ސުވަރުގެ ވެއެވެ. އެއަށް ފަހު اللهގެ މަތިވެރި ދަރުބާރަށް ވަޑައިގަތެވެ. އަދި އެ މަޤާމުގައި އެކަލޭގެފާނަށް ބަސްފުޅު ވަޙީކުރައްވައި ނަމާދު ފަރުޟުކުރެއްވުނެވެ. އެންމެ ފުރަތަމަ ފަރުޟުކުރެއްވީ ފަންސާސް ނަމާދެވެ. އެއަށް ފަހު އެނބުރި ވަޑައިގަތް މަގުމަތީގައި ސަލާމްލެއްވި މޫސާގެފާނާ ބައްދަލުވެވަޑައިގެން އެކަލޭގެފާނުގެ އެދިވަޑައިގަތުމުގެ މަތީން އަލުން އެނބުރި ވަޑައިގެން ނަމާދުތައް ލުއިކޮށްދެއްވުން އެދިވަޑައިގެން الله ގެ ހަޟްރަތުގައި ދެންނެވިއެވެ.
މި ގޮތުން މި ދެންނެވުން ތަކުރާރުކުރެއްވުމުގެ ސަބަބުން ފަންސާސް ނަމާދު ފަސް ނަމާދަށް ބަދަލުކޮށްދެއްވިއެވެ. ނަމަވެސް ސަވާބަށް އުނިކަމެއް ނާންނަ ގޮތުގައެވެ. އެއީ އުންމަތަށް ލުޔެއްގެ ގޮތުގައެވެ. މިޢުރާޖުގެ ރޭގައި ކީރިތި ރަސޫލާﷺ ޖިބްރީލުގެފާނުގެ އަސްލު ޞޫރައިގައި ދެކެވަޑައިގަތެވެ. އެކަލޭގެފާނުގެ ހަ ސަތޭކަ ފިޔަފުޅު ވާކަމަށް ވާރިދުވެފައިވެއެވެ.
ފިޠުރަތު ޚިޔާރު ކުރެއްވުން
އިސްރާއާއި މިޢުރާޖުގެ ރޭގައި އެކަލޭގެފާނަށް ކިރާއި ރާ އެރުވުނެވެ. އެކަލޭގެފާނު އިޚުތިޔާރުކުރެއްވީ ކިރެވެ. އެހިނދު ބުނެވުނެވެ. ތިޔަ އިޚުތިޔާރު ކުރެއްވީ ފިޠުރަތެވެ. ކަލޭގެފާނު ރާ އިޚުތިޔާރުކުރެއްވި ނަމަ ކަލޭގެފާނުގެ އުންމަތް ހަލާކުވެ ދިޔައީހެވެ. އަދި އެ ރޭގައި ނަރަކައާއި ސުވަރުގޭގެ ކަންކަން އިތުރު އެކަލޭގެފާނަށް މާތް الله ދެއްކެވިއެވެ.
ނުނިމޭ
އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 14
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 13
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 12
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 11
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 10
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 9
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 8
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 6
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 5
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 4