Roadha Mihaaru
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 12

ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 12

23 މާޗް 2024

އިއްޔެގެ ނޫހާ ގުޅޭ

އިއްޔެގެ ނޫހާ ގުޅޭ

(ޅ) މަސައްކަތްކުރާން ހިތްވަރުދެއްވުން: އެއްވެސް މީހަކީ ކަމެއްނެތި، އަނެއް މީހުންގެ މައްޗަށް ބަރޯސާވެގެން އުޅޭ މީހަކަށް ވެގެން ނުވާނެކަމަށް އެންގެވިއެވެ. އެންމެ ހެޔޮ އެއްޗަކީ އަމިއްލަ އަތުން ޤާއިމުކުރާ އެއްޗެއްކަމުގައި ޙަދީސްކުރެއްވިއެވެ. އަދި ދާއޫދުގެފާނުގެ ސިޔާސަތަކީ ވެސް އެއީކަމާއި އެކަލޭގެފާނުގެ ފަރިއްކުޅުއްވާ ތަކެއްޗަކީ އަމިއްލަފުޅު މަސައްކަތްޕުޅުން އެކަލޭގެފާނު ހޯއްދެވި ތަކެތިކަމުގައި ހަދީޘްކުރެއްވިއެވެ. މި ސިޔާސަތުގެ ސަބަބުން ކޮންމެ މީހަކު ވެސް މަސައްކަތްކުރާން ފެށިއެވެ. މި ޒަމާނުގައި މި ކަންކަމުން މިސާލު ލިބިގަންނާން ޖެހޭނެއެވެ. އިޤުތިޞާދުގައި މުސްތަޤިއްލުކަން އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ފަރުދީ ފެންވަރުގައްޔާއި ޖަމާޢަތުގެ ފެންވަރުގައި ވެސް އަދި ދައުލަތުގެ ފެންވަރުގައި ވެސް މި ކަން އޮންނަންވާނީ އެ ގޮތަށެވެ.

(ކ) ޓެކުސް ނެގުން ތަޢާރަފުކުރުން: ޙަޤީޤަތުގައި އިސްލާމީ ދައުލަތުގެ އިޤުތިޞާދީ އެއް ވަސީލަތަކީ ޓެކުހެވެ. ޓެކުހުގައި އެކި ބަވާތްބާވަތުގެ ޓެކުސް ހުރެއެވެ. އެއިގެ ތެރޭގައި އިސްލާމީ މުޖުތަމަޢުގައި އުޅެމުން ދިޔަ ޣައިރުމުސްލިމުން އަތުން ނަގަމުން ގެންދިޔަ (ޖިޒްޔަ) ޓެކުހާއި ބިމުން ނަގަމުން ދިޔަ (ޚަރާޖު) ޓެކުސް ހިމެނެއެވެ. އަދި ވިޔަފާރީގެ މުޢާމަލާތުތަކުން ނަގަމުން ގެންދިޔަ (ޟަރީބާ) ޓެކުސް ހިމެނެއެވެ. އިސްލާމީ މުޖުތަމަޢުގައި ރަސޫލާﷺގެ ޙަޔާތްޕުޅުގައި ޖިޒުޔަ ޓެކުސް ތަޢާރުފުކުރެވުނެވެ. އެ ޓެކުހަކީ އެ މީހުންނަށް އިސްލާމީ މުޖުތަމަޢުގައި އުޅުމުގެ އެންމެހައި ޙައްޤުތަކެއް ފަހިވާ ގޮތަށް ދައުލަތަށް ދޭ އެއްޗެކެވެ.

ބިމުން ނެގި ޓެކުސް ތަޢާރުފުވީ ވެސް ރަސޫލާﷺގެ ޙަޔާތްޕުޅުގައެވެ. ޚައިބަރުގެ ބިން ފަތަޙަކުރެއްވުމަށް ފަހު އެ ތަނުގެ ފައިދާއިން ކޮންމެ އަހަރަކު ވެސް ވަކި އިންސައްތައެއް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ ގޮތަށް ކަނޑައަޅުއްވައި، އެބިން އެ ތަނުގެ އަހުލުވެރީންނަށް ދޫކޮށްލެއްވިއެވެ. އިސްލާމީ އިޤުތިޞާދުގެ ޓެކުހުގެ ނިޒާމު އެންމެ ބޮޑަށް ފުޅާވެގެން ދިޔައީ އަމީރުލްމުއުމިނީން ޢުމަރު ބިން ޚައްޠާބުގެ ވެރިކަމުގައެވެ. އެ ވެރިކަމުގައި މަދީނާ ހުރަސްކޮށްދާ ބައިނަލްއަޤުވާމީ ވިޔަފާރީގެ ޤާފިލާތަކުގެ ވިޔަފާރިންވެސް ޓެކްސް ނެންގެވިކަމަށް ވެއެވެ.

(އ) ޒަކާތުގެ ނިޒާމު ތަޢާރުފުވުން: މުދަކުން ޒަކާތް ނެރުން ފަރުޟުވީ މަދީނާގެ ދައުރުގައެވެ. މުދަލުން ޒަކާތް ނެރުމަކީ އިސްލާމްދީނުގެ ތިންވަނަ ރުކުނެވެ. މުދަލު ޒަކާތުގެ ނިޒާމަކީ އާދަޔާ ޚިލާފު މާލީ ނިޒާމެކެވެ. މުޖުތަމަޢުން ފަޤީރުކަން ނެތިކޮށްލާން އޮތް އެންމެ ވަރުގަދަ އެއް ވަސީލަތެވެ. އެއީ އިސްލާމީ އިޖުތިމާޢީ ފަންޑެވެ. ޒަކާތުގެ ނިޒާމު ދަމަހައްޓަނީ ދައުލަތުންނެވެ.

ފަޤީރުންނާއި މިސްކީނުންނާއި ޢާމިލުންނާއި ދަރަނިވެރީންނާއި އަޅުން މިނިވަންކުރުމަށާއި ޣައިރުމުސްލިމުންގެ ތެރެއިން މުސްލިމުންނާއެކު އެކުވެރިކޮށް އުޅޭ މީހުންނަށާއި ދަތުރުމަތީގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށާއި اللهގެ މަގުގައި ހޭދަކުރާން ޒާކާތުގެ ނިޒާމުގެ ތެރެއިން ޚަރަދުކުރުން ފަރުޟުކުރެއްވިއެވެ. މި ޒަމާނުގައި ވެސް މިނިޒާމު ތަރައްޤީކުރެވި، ޒަކާތަށް ޚާއްޞަ އޮފީހެއް ހަދައި، ޤާނޫނީ އުޞޫލެއްގެ ދަށުން ޒަކާތުގެ ފައިސާ ދައުލަތުގެ ފަރާތުން ވުނަކޮށްފި ނަމަ، އެއީ ދުވަހަކު ވެސް ނިމުމެއް ނާންނާނެ، އަދި އަހަރުން އަހަރަށް ޖީލަކުން ޖީލަކަށް ވާރުތަވަމުންދާނެ ވަރުގަދަ މާލީ ނިޒާމެކެވެ.

(ވ) ފައިއާއި ޣަނީމާ މުދާ: ފައިއު މުދަލާއި ޣަނީމާ މުދަލަކީ ރަސޫލާﷺ ޤާއިމުކުރެއްވި ސަރުކާރުގެ ބައިތުލްމާލަށް (ސެންޓްރަލް ބޭންކް)އަށް ވަންނަ އެއްޗެކެވެ. އެއިގެ ބޭނުންކުރާންވީ ގޮތް ވެސް އަންގަވައިފައިވެއެވެ. ފައިއު މުދަލަކީ ހަނގުރާމައަކާ ނުލައި އިސްލާމީ ދައުލަތުގެ ދުޝްމަނުން ދޫކޮށްފައިވާ މުދަލެވެ. އެއާމެދު ޢަމަލުކުރާންވީ ގޮތް ކީރިތި ރަސޫލާﷺގެ އިޚުތިޔާރަށް ދޫކުރައްވައިފައިވެއެވެ.

އަލްޙަޝްރު ސޫރަތުގެ ހަތްވަނަ އާޔަތުގައި الله ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ރަށްރަށުގެ أهل ވެރީންގެ ކިބައިން، اللَّه، އެކަލާނގެ رسول އާއަށް فَىء މުދަލުގެ ގޮތުގައި ލިބިދެއްވައިފި އެއްޗަކާމެދު (ދަންނާށެވެ!) ފަހެ، އެ ތަކެއްޗަކީ، اللَّه އަށާއި، رسول އާއަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ދަތުރުވެރީންނަށް خاصވެފައިވާ ތަކެއްޗެވެ. އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދީންގެ މެދުގައި دور ވޭވެ ހުރިޔަނުދިނުމަށް ޓަކައެވެ. އަދި رسولއާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ."

ޣަނީމާ މުދަލަކީ ހަނގުރާމައަށް ފަހު، އިސްލާމީ ދައުލަތުގެ ދުޝްމަނުން އަތުން ލިބޭ މުދަލެވެ. ކީރިތި ޤުރުއާނުގެ އަލްއަންފާލް ސޫރަތުގައި ސާޅީސް އެއްވަނަ އާޔަތުގައި الله ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ. (ތިޔަބައިމީހުން ދަންނާށެވެ! ތިޔަބައިމީހުން غنيمةކުޅަ މުދަލެއްގެ ފަސްބައިކުޅަ އެއްބައި ވަނީ اللَّهއަށާއި، (އެކަލާނގެ) رسولއާއަށާއި، (އެކަލޭގެފާނުގެ) ގާތްތިމާގެ މީހުންނަށާއި، يتيمންނަށާއި، مسكينންނަށާއި، ދަތުރުވެރީންނަށެވެ. (އެއީ) اللَّهއަށާއި، حقއާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمانވާ ކަމުގައިވާނަމައެވެ. اللَّهއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

(ނޯޓު: ގިނަ مفسّرން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، غنيمة މުދާ ބެހެނީ ފަސް ބަޔަކަށެވެ. އޭގެ ތެރެއިން ހަތަރު ބައި ލިބެނީ، ހަނގުރާމައިގައި ބައިވެރިވި مسلمންނަށެވެ. އަނެއްބައި خاصّކުރެވިގެންވަނީ، މި آيةގައި ނަންގަނެވިގެންވާ ފަސް ބަޔަކަށެވެ. اللَّهއާއި، رسولއާގެ ބައި އެއީ އެއްބައެކެވެ.)

(މ) ބައިތުލްމާލު ޤާއިމުކުރެއްވުން: ބައިތުލްމާލުގެ މާނައަކީ (ފައިނޭންސް ހައުސް) މިހާރުގެ ގޮތުން ނަމަ ދައުލަތުގެ ޚަޒާނާ ޤާއިމުކުރެއްވިއެވެ. އެ ތަނަށް ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިއުއާއި ޣަނީމާއާއި ޞަދަޤާތާއި ވަޤުފާއި ޚަރާޖު ފަދަ ތަކެތި ޖަމާކުރައްވައެވެ. އަދި އެ ތަކެތި މުސްލިމުންނަށް ބަހާންޖެހޭ ވަގުތާ ޖެހެންދެން އެ ތާނގައި ބަހައްޓަވައެވެ. އަދި ޢަދުލުވެރި ގޮތުގައި ބައްސަވައެވެ.

(ފ) އައުޤާފުތައް އުފެއްދުމަށް ބާރު އެޅުއްވުން: ހަޤީޤަތަކީ އައުޤާފު މުދަލަކީ ދައުލަތުގެ މާލީ ވަސީލަތަކަށް ހަދާންޖެހެއެވެ. އެއީ ވަރަށް ބޮޑު ފައިދާއެއް ޤައުމަށް ކުރާ ކަމެކެވެ. ކީރިތި ރަސޫލާﷺގެ ޙަޔާތްޕުޅުގައި ވެސް ވަޤުފު އުފެއްދުމާއި ހިބަކުރުމާއި ޞަދަޤާތްކުރުމަށް ބާރު އެޅުއްވިއެވެ. އަދި މުސްލިމުންނަށް ފައިދާވާނޭ ގޮތަށް ދެމި ހުރި ޞަދަޤާތަކީ (ވަޤުފަކީ) މަރުވުމަށް ފަހު ވެސް ޘަވާބާއި ދަރުމަ ލިބޭނޭ ކަމެއްކަމުގައި ބަޔާންކުރެއްވިއެވެ. މިހެންކަމުން ވަރަށް ގިނަ އަޞްޙާބު ބޭކަލުން އެބޭކަލުންގެ އެކިއެކި ވަސީލަތްތައް ވަޤުފުކުރައްވައިފައިވެއެވެ. އެއިން އިޤުތިޞާދީ ގޮތުން މުޖުތަމަޢުގައި ފުދުންތެރިކަން އުފެދުނެވެ.

މުޙައްމަދުﷺ އުފެއްދެވި ދައުލަތުގެ އިޤުތިޞާދު މުޅީން ސުމަކުން ފަށައިގެން ކާމިޔާބުގެ އުސްމިނަށް ވާޞިލްވެވުނީ މާލީ ފަސާދައަށް ޖާގަ ނުދެއްވުމުގެ ސަބަބުންނެވެ. ޒަކާތް ނަގާން ދިޔަ މީހާ، ޒަކާތް ހިފައިގެން އައިސް ޒަކާތުގެ ބައި ބައިތުލްމާލަށް ލުމަށް ފަހު، މިއީ ތިމަންނާއަށް ލިބުނު ހަދިޔާއެކޭ ބުނެ، ބައެއް ތަކެތި ހިފައިގެން ދާން އުޅުމުން ރަސޫލާﷺ ޙަދީޘްކުރެއްވީ "ތިބާގެ މަންމަގެ ގޭގައި ތިބާ ހުރިނަމަ ތިބާއަށް ހަދިޔާއަކަށް ތިޔަ ލިބުނީސް ހެއްޔެވެ؟" އެއަށް ފަހު އެތަކެތި ބައިތުލްމާލަށް ނެންގެވިއެވެ.

އިސްލާމީ އިޤުތިޞާދީ ދައުލަތުގެ އިޤުތިޞާދު ބިނާވެފައި އޮންނާން ޖެހޭނީ އަމިއްލަވަންތަކަމުގެ މައްޗަށާއި އުފެއްދުންތެރިކަމާއި ފެންވަރު ރަނގަޅު ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ މައްޗަށެވެ.

އިސްލާމީ ދައުލަތުގެ ވިޔަފާރީގެ މުޢާމަލާތްތައް އިސްލާމިކް ޓްރާންސެކްޝަންސް (ފިޤުހުލްމުޢާމަލާތު)ގެ ގޮތްތައް ވަރަށް ގިނައެވެ. އިސްލާމްދީނާއި ޙަޟާރަތުގައިވާ އިޤުތިޞާދީ ނިޒާމު މިއަދުގެ މުސްލިމުން ކުރިއަރުވާންޖެހެއެވެ. މިއަދުގެ މުސްލިމުން ބޮޑަށް މަޝްޣޫލުވެފައިވަނީ ފަރުޢީ ފިޤުހީ ޚިލާފުތަކުގައެވެ. އެ ޚިލާފުތައް ދޫކޮށް އިސްލާމީ ޤައުމުގެ އިޤުތިޞާދީ ޙަޟާރަތު ކުރިއަރުވާންޖެހެއެވެ.

ރަސޫލާﷺގެ ޙަޔާތްޕުޅުގައި ޤާއިމުކުރެއްވި އިޤުތިޞާދީ ބިންގާތައް ފަހުން ވަޑައިގަތް ވެރީން ވަރުގަދަކުރެއްވިއެވެ. އަދި ވަކީން ޚާއްޞަކޮށް ޢުމަރު ބުނި ޚައްޠާބުގެ ވެރިކަމުގައި ވަރަށް ގިނަ ބަދަލުތައް ގެންނެވިއެވެ. ޢުމަރުގެފާނުގެ ވެރިކަމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޣައިރު މުސްލިމުން ދައްކަމުން ގެންދިޔަ ޓެކުސް، އެ މީހުން މުސްކުޅި ޢުމުރަށް ދިޔައިމާ ދައުލަތުން އެމީހުންނަށް ހިލޭ އެހީދޭ ގޮތަށް ހަމަޖެއްސެވިއެވެ. އަދި އިސްލާމީ ދައުލަތުގައި ފުރަތަމަ ފަހަރަށް ވަކި މުސްތަޤިއްލު ފައިސާ ފޮތި އުފެއްދެވިއެވެ. އެ ޒަމާނުގެ ތަރައްޤީވެފައިވާ ފާރިސީ އަދި ރޫމީންގެ ދައުލަތްތަކުގައި ހުރި ފަދަ ފައިނޭންސް ޑިޕާޓްމެންޓް އިސްލާމީ ދައުލަތުގައި އުފެއްދެވިއެވެ.

އިސްލާމީ ދައުލަތުގެ ބިން ފުޅާވެގެން ދިޔުމުން ރަށްތައް ބިނާކުރައްވައި މަގުތަކާއި ދަތުރުކުރާނެ ދިގު ރާސްތާތައް ހެއްދެވިއެވެ. އިސްލާމީ ޢުމްރާނީ އިޤުތިޞާދީ ޙަޟާރަތަކީ ހާދަ ފުރިހަމަ ޙަޟާރަތެކެވެ. މިއަދު މުސްލިމުން ފަރުޢީ ޚިލާފުތައް ހަނދާން ނައްތާލައި މި ކަންކަން އާލާކޮށް ދިރުވައި އެ މަގުން ދައުލަތުގެ ކަންކަން ކުރިއަރުވާން ޖެހެއެވެ. އެއިރުން މުސްލިމުންނަކީ ފުދުންތެރި ބަޔަކަށް ވާނެކަމީ ޔަޤީންކަމެކެވެ.

ޚިޔާލު

ރަސޫލާﷺ ޤާއިމު ކުރެއްވި އިޤުތިޞާދީ އަސާސްތަކަކީ މިޒަމާނުގައި ވެސް ބޭނުން ހިފިދާނެ ނަމޫނާ އަސާސްތަކެއްކަމުން، އެ ކަންކަމުގެ މައްޗަށް މި ޒަމާނުގެ މުއައްސަސާތައް ހޭލުންތެރިކުރުވުން. ދައުލަތުގެ އިޤުތިޞާދީ ވަސީލަތްތައް އިތުރުކޮށް، ބޮޑެތި މަޝްރޫޢުތަކަށް ދިޔުން.

ޓެކްސް ފްރީ ނުވަތަ ޑިއުޓީ ފްރީ ވިޔަފާރީގެ މަރުކަޒުތައް ގިނަކުރުން.

ވިޔަފާރީގެ މުޢާމަލާތުތައް އިސްލާމީ ނަޒަރިއްޔާތަކާއި އިޤުތިޞާދީ ފަލްސަފާގެ ދަށުން ވަޒަންކުރުން.

އިސްލާމިކް ލޯ އޮފް ޓްރާންސެކްޝަންސް (އިޤުތިޞާދީ މުޢާމަލާތުގެ ފިޤުހަށް) ޒުވާނުން ހޭލުންތެރިކުރުން.

މިނިވަން ވިޔަފާރީގެ ނިޒާމު އުފެއްދުން.

އަމިއްލަ އިޤުތިޞާދީ ފުދުންތެރިކަމަށް މަސައްކަތްކުރުން.

މޯލްތަކާއި ވިޔަފާރީގެ މަރުކަޒުތައް ޤާއިމުކޮށް ރައްޔިތުންގެ ޖީބަށް ވަންނަ އެއްޗެހި އިތުރުވާ ގޮތަށް އިޤުތިޞާދު ބައްޓަންކުރުން.

ޒަކާތުގެ ނިޒާމުން ވުނަކުރެވޭނޭ ގޮތް ހޯދުން.

ދައުލަތުން ވަޤުފު އުފެއްދުން.

ފިރިހެނުން ފަދައިން އަންހެނުންނަށް ވެސް ފިޔަފާރީގެ ފުރުޞަތު ފަހިކުރުން.

ކީރިތި ރަސޫލާﷺގެ ޙަޔާތްޕުޅުގައި އެޅިގެން ދިޔަ ބައެއް މުހިންމު އިޤުތިޞާދީ ބިންގާތަކުގެ ވާހަކައަކީ އިސްލާމީ ދައުލަތެއްގެ އިޤުތިޞާދީ ނަމޫނާއެވެ. އެ އަސާސްތަކުގެ އަލީގައި އެ ޒަމާނަކާއި ޙާލަތާ ގުޅޭ ގޮތަށް ކަންކަން ތަރުތީބު ކުރެވިދާނެއެވެ.

ނުނިމޭ

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.