Roadha Mihaaru
"ޔޫރަޕާއި އޭޝިއާގެ ފުޓްބޯޅާގައި މާބޮޑު ތަފާތެއް ނެތް"

ޔޫރަޕާއި ދެކުނު އޭޝިއާގެ ފުޓްބޯޅާގައި މާބޮޑު ތަފާތެއް ނެތް: މޮރިއޭރޯ

07 ނޮވެމްބަރ 2021

ކޮލަމްބޯ (ނޮވެމްބަރު 7) - ޔޫރަޕާއި ދެކުނު އޭޝިއާގެ ފުޓްބޯޅާގައި މާބޮޑު ތަފާތެއް ނެތް ކަމަށާއި އޮތް ތަފާތަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ފިޒިކަލް އާއި ޓެކްޓިކްސް ރަނގަޅުވުން ކަމަށް ގައުމީ ޓީމުގެ ކޯޗް ފްރެންޗިސްކޯ މޮރިއޭރޯ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޮލަމްބޯ (ނޮވެމްބަރު 7) - ޔޫރަޕާއި ދެކުނު އޭޝިއާގެ ފުޓްބޯޅާގައި މާބޮޑު ތަފާތެއް ނެތް ކަމަށާއި އޮތް ތަފާތަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ފިޒިކަލް އާއި ޓެކްޓިކްސް ރަނގަޅުވުން ކަމަށް ގައުމީ ޓީމުގެ ކޯޗް ފްރެންޗިސްކޯ މޮރިއޭރޯ ބުނެފި އެވެ.

ކޮލަމްބޯގައި ފަށާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި މާދަމާ ރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގެ މީޑިއާ ބްރީފިންގައި މޮރިއޭރޯ ބުނީ ގައުމީ ޓީމުގެ ފެންވަރު މަތިކުރުމަށް ގިނަ ކަންތަތަކެއް ކުރުމަށް އޭނާ އިސްކަން ދީފައިވާ ކަމަށެވެ. އިޓަލީގެ އިންޓަމިލާނަށް ކުރިން ކުޅުނު މިޑްފީލްޑަރު ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ލެވަލް ގޯސް ނޫން ކަމަށާއި ރާއްޖެއިން އިތުރަށް ކުރިއަރުވަން ޖެހޭނީ ފިޒިކަލް އާއި ޓެކްޓިކަލް ރޮނގުން ކަމަށެވެ.

އިޓަލީގެ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގައި މަސައްކަތްކުރި ކޯޗް ބުނީ ރާއްޖޭގެ ޓީމުގައި ވެސް އެ ސިފަތައް އަށަގަންނަވުމަށް އޭނާ ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަހަންނަށް ހީވަނީ ރާއްޖޭގެ ފުޓްބޯޅަ އޮތީ ރަނގަޅު ލެވަލްއެއްގައިހެން. އަހަންނަށް ޔަގީން އަހަރެމެން ވެސް އެ ފެންވަރަށް ތަރައްގީ ވެވޭނެކަން. އަދި އަހަންނަށް ޔަގީން އަހަރެމެންގެ ޓީމުގެ ފެންވަރު ރަނގަޅު ވާނެކަން ސަބަބަކީ އެ ކުޅުންތެރިން ދަނީ ފިޒިކަލީ އަދި ޓެކްޓިކަލީ ވެސް ކުރިއެރުން ހޯދަމުން،" ކޯޗު ބުންޏެވެ.

ރާއްޖޭގެ ކޯޗްގެ ގޮތުގައި އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި ޓީމުގެ ކުޅުންތެރިން އޭނާގެ ކިބައިން ކަންކަން ދަސްކުރަން ބޭނުންވެފައިވާ މިންވަރު ބޮޑުވުން ކަމަށް އޭނާ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗް މޮރިއޭރޯ ލަންކާގައި ބޭއްވި ޓްރޭނިންގައި --- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގެ ކޯޗް މޮރިއޭރޯ ލަންކާގައި ބޭއްވި ޓްރޭނިންގައި --- ފޮޓޯ: އެފްއޭއެމް

"އަހަރެންގެ ޓީމަށްޓަކައި އަހަރެން ދުވާލަކު 20 ގަޑިއިރު މަސައްކަތްކުރަން،" އިޓަލީ ބަހުން ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ. "އަހަންނަށް ވީ އެންމެ ބުރަކޮށް އަހަރެން މި މަސައްކަތް ކުރަނީ އެންމެ ރަނގަޅު ނަތީޖާ ހޯދަން. އަހަންނަށް އެނގޭ އަހަރެމެންގެ ފުޓްބޯޅަ އެސޯސިއޭޝަން [އެފްއޭއެމުން] ބޭނުން ވަނީ ޓީމު އިތުރަށް ތަރައްގީ ކުރަންކަން. އަދި އަހަންނަށް އެނގޭ އެފްއޭއިން އަހަރެމެންގެ ޓީމުގެ ކިބައިން ބޭނުންވަނީ ކޮންކަމެއްކަން ވެސް."

މޮރިއޭރޯ ބުނީ، އޭނާ ފުރަތަމަ ރާއްޖެ އައި ދުވަހު ވެސް އެފްއޭއެމުން އޭނާ އަށް ކީ މަރުހަބާއާ އެކު ރާއްޖޭގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ބޮޑުވި ކަމަށެވެ. އަދި ޓީމު އިތުރަށް ކުރިއަރުވަން އޭނާ މަސައްކަތް ކުރަނީ ޓާގެޓެއް އޮވެގެން ކަމަށް މޮރިއޭރޯ ބުންޏެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މޮރިއޭރޯ ވާހަކަ ދައްކަނީ --- ފޮޓޯ: އެފްއޭއެމް

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މޮރިއޭރޯ ވާހަކަ ދައްކަނީ --- ފޮޓޯ: އެފްއޭއެމް

ޓީމުގެ ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި ސީނިއާ ކުޅުންތެރިންގެ ދައުރު ބޮޑުކަން މޮރިއޭރޯ ފާހަގަ ކުރި އެވެ. އޭނާ ބުނީ ގައުމީ ޓީމުގެ ތިބި ސީނިއާ ކުޅުންތެރިންގެ ފަރާތުން އެކަން ވަރަށް ރަނގަޅަށް ފެންނަ ކަމަށެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު ފަށާނީ މާދަމާ ރޭ ލަންކާ ގަޑިން 8:00 ގަ އެވެ. އެއީ ރާއްޖޭ ގަޑިން އިރުއޮއްސި 7:30 ގަ އެވެ. ރާއްޖޭގެ ޓީމަށް ސަޕޯޓް ކުރުމަށް، ލަންކާގައި އުޅޭ ދިވެހިން އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. މާދަމާ ރޭގެ މެޗަށް ދިވެހިންނަށް ޓިކެޓް ވިއްކާނީ 3،000 ރުޕީސް އަށެވެ. ލަންކާގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ 200 ރުޕީސް އަށެވެ. ޓިކެޓްގެ އަގު ކަނޑައެޅުމުގައި ދެ ގައުމުގެ ސަޕޯޓަރުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކާ ހެދި ލަންކާގައި އުޅޭ ދިވެހިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.