08 ޑިސެމްބަރ 2016
ސަރުކާރުން އެއްވެސް މީހަކު ނުހައްގުން މަރަން ނޫޅޭ ކަމަށާއި މަރުގެ އަދަބު ދިނުމުގެ ކަންކަން ބާރަށް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އެއްވެސް މީހަކު ނުހައްގުން މަރަން ނޫޅޭ ކަމަށާއި މަރުގެ އަދަބު ދިނުމުގެ ކަންކަން ބާރަށް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންސާނީ ހައްގުތަކުގެ ތެރެއިން ދިރިއުޅުމުގެ ހައްގަކީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައި އޮތް ހައްގެއް ކަމަށެވެ.
ނަމަވެސް ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު "ގަތުލު" ކުރެވި، ދިރިއުޅުމުގެ ހައްގުން މަހްރޫމް ކުރެވިގެން ދިޔަ ތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީ އާއި ކުށެއް ނެތް ގިނަ ބަޔަކު ދުނިޔެ ދޫކޮށް ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވެ، ބޭރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކިތަންމެ ހިތްހަމަނުޖެހުނަސް، އިސްލާމީދީނުގައި އޮންނަ ގޮތަށް މަރަށް މަރު ހިފައި މީހުން ގަތުލުކުރުން ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށް އަޒްލީން ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
"މަރަށް މަރު ހިފުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް އެބަދޭ. މިކަމަށް (މީހުން މެރުމަށް) ހުއްޓުމެއް އަންނަން ޖެހޭ،" އަޒްލީން ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މީހުން މެރުމުގެ ކުށްތައް ސާބިތުވެ، ޖަލުގައި ބޮޑެތި އަދަބުތަކެއް ތަންފީޒު ކުރަމުން އަންނަ ކުށްވެރިންނާ ބޭރުގެ އެކި ޖަމިއްޔާތަކުން ބައްދަލު ކުރަމުންދާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އެފަދަ ކުށްވެރިންނާ ބައްދަލުކުރާއިރު، ދުނިޔެ ދޫކޮށް ގޮސްފައި ތިބި މީހުންގެ ހައްގުތައް ކޮބައިތޯ އަޒްލީން ސުވާލުކުރެއްވި އެވެ.
އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެކަމަށް ހުރި ހުރަސްތައް ނައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ ގާނޫނެއް އަންނަން ޖެހުނީ ގިނަ ބައެއްގެ އަބުރު ކަތިލަމުން ދިއުމުން ކަމަށާއި ގާނޫނުގެ ތެރެއިން އެ ހައްގު ވެސް ކަށަވަރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރިކޮށް ދިނުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ހައްގަކަސް، އަބުރު ރައްކާތެރި ކުރުމުގެ ބައި އޮތީ "ހަނދާން" ނެތިފަ އެވެ. އެހެންވެ، ދެ ބައި އެއްކޮށް ގާނޫނަކަށް ހެދުމުން މީހުންގެ އަބުރަށް އަރައިގަތުން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްއާރުސީއެމުން ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުން ވަނައެއް ހޯދި ކުއްޖަކަށް ހޯމް މިނިސްޓަރު އަޒްލީން ތަށި ހަވާލުކޮށްދެއްވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސާ އައިމިނަތު އީނާސް އާއި ސިވިލް ސާވިސް ކޮމިޝަންގެ (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އެޗްއާރުސީއެމުން ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތްތަކުން ވަނަތަކަށް ދިޔަ ދަރިވަރުންނަށް ތައްޓާއި އިނާމު ދެއްވީ މިނިސްޓަރު އަޒްލީނެވެ. އަދި "އުފަންވެނިވި ސިއްހަތާއި ޖިންސީ ދުޅަހެޔޮ" ކަމާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ތައްޔާރު ކުރި ރިޕޯޓު ނެރެދެއްވީ ސީއެސްސީގެ ރައީސް ޝަމީމެވެ.
މީގެ އިތުރުން އެޗްއާރުސީއެމަށް ރީތި ނަން ހޯދައިދިން ފަރާތްތަކަށާއި އެ ކޮމިޝަންގެ މަސައްކަތްތަކަށް އެހީތެރިވެދިން ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުން އޮތެވެ.
އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ސްކޫލުތަކުގެ ބައެއް ދަރިވަރުން.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
މަރަށް މަރު ހިފުމުގެ ކަންކަން ބާރަށް ކުރިއަށްދާ ކަމަށް އަޒްލީން ވިދާޅުވިއިރު، އަބްދުﷲ ފަރުހާދު މަރާލި މައްސަލައިގައި މުހައްމަދު ނަބީލްގެ މައްޗަށާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި މައްސަލާގައި އަހުމަދު މުއްރަތުގެ މައްޗަށާއި ޑރ. އަފްރާޝިމް އަލީ މަރާލި މައްސަލައިގައި ހުސެއިން ހުމާމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
އެޗްއާރުސީއެމްގެ އިހުމާލުތައް ބަލަންޖެހޭ: އެމްއާރުއެމް
އެޗްއާރުސީއެމްގެ މިނިވަންކަމަށް ފުރުސަތު ދޭނަން: ރައީސް
އެޗްއާރުސީއެމުން އަމަލުކުރި ގޮތުން މުނާޒް ނުރުހުންވެއްޖެ
"ޖަލުތަކާ ގުޅޭގޮތުން ނެރެފައިވަނީ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް"
އެޗްއާރުސީއެމުން ޒިންމާ އަދައެއް ނުކުރޭ: ނަޝީދު
އަބުރުނަގާލުމުގެ އަމަލުތައް އިތުރުވެއްޖެ: އެޗްއާރުސީއެމް
ބިދޭސީންގެ ހައްގުތައް ކަށަވަރުކުރަން ގޮވާލައިފި
ހައްގުތައް ރައްކާތެރިކުރަން ފަރުދީ މަސައްކަތް ކުރަންޖެހޭ
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
އަތުހަރުގެ އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުމެއް ނުވޭ