Roadha Mihaaru
ބަނަހަށް އެލާޖިކްވެ ހާލު ގޯސްވީ އިންޖެކްޝަން ދިންގޮތުން

ބަނަހަށް އެލާޖިކްވެ ހާލު ގޯސްވީ އިންޖެކްޝަން ދިން ގޮތުން: އައިޖީއެމްއެޗް

16 ނޮވެމްބަރ 2021

ކްރީމްޖެހި ބަނަހެއް ކޭ ފަހުން އެލާޖިކްވެގެން އައިޖީއެމްއެޗަށް ގެންދިޔަ ޒުވާނާގެ ހާލު ގޯސްވީ އިންޖެކްޝަނެއް ނުބައިކޮށް ދެވިފައި ވާތީ ކަމަށާއި އެކަން އެހެން ދިމާވުމުގައި އިހުމާލުވެފައިވާ ކަމަށް އެއްބަސްވެ، ހޮސްޕިޓަލުން މާފަށް އެދެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކްރީމްޖެހި ބަނަހެއް ކޭ ފަހުން އެލާޖިކްވެގެން އައިޖީއެމްއެޗަށް ގެންދިޔަ ޒުވާނާގެ ހާލު ގޯސްވީ އިންޖެކްޝަނެއް ނުބައިކޮށް ދެވިފައި ވާތީ ކަމަށާއި އެކަން އެހެން ދިމާވުމުގައި އިހުމާލުވެފައިވާ ކަމަށް އެއްބަސްވެ، ހޮސްޕިޓަލުން މާފަށް އެދެފި އެވެ.

ހޮސްޕިޓަލުގެ ކެންޓީނުން ގަތް ކްރީމްޖެހި ބަނަހެއް ކޭ ފަހުން މަރިޔަމް ޒައީމާ މޫސާ (މަރީ) އެލާޖިކުވެ، އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. މަރީގެ ހާލު މާ ބޮޑަށް ދެރަވީ އިމަޖެންސީގައި ފަރުވާދިންއިރު، އިންޖެކްޝަނެއް ޖެހި ފަހުން ކަމަށް އާއިލާއިން ކުރިން ވެސް ވަނީ ބުނެފަ އެވެ.

އޭގެ ފަހުން މިހާރު ފަސް މަސް ވެފައި ވާއިރު، އުމުރުން 30 އަހަރުގެ އެ ޒުވާނާ އަދިވެސް ރަނގަޅަށް ހެއެއް ނާރަ އެވެ. އޭނާ އަށް މިހާރު ވެސް އަންނަނީ އިންޑިއާގައި ފަރުވާ ދެމުންނެވެ.

އާއިލާގެ އެދުމަކަށް އައިޖީއެމްއެޗުން ކުރި ތަހުގީގަށް ފަހު، މިދިޔަ ޖުލައި މަހު އާއިލާ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އިމަޖެންސީގައި މަރީއަށް ފަރުވާ ދިން އިރު، އެލާޖިކުވުމުން އާންމުކޮށް ދީ އުޅޭ އިންޖެކްޝަނެއް ކަމަށްވާ ހައިޑްރޯކޯޓިސޯން ދިނުމުން ވެސް އޭނާގެ ހާލު ރަނގަޅު ނުވި ކަމަށެވެ. އެހެންވެ ފަހުން ދިނީ އެލާޖިކުވުމުން ދޭ އެހެން އިންޖެކްޝަނެއް ކަމަށްވާ އެޑްރެނަލިން ކަމަށް ސިޓީގައިވެ އެވެ.

އެލާޖިކުވެ ފުރާނާއަށް ނުރައްކާވާ ހާލަތްތަކުގައި އެޑްރެނަލިން ދޭން އޮންނަ އުސޫލަކީ މަސްގަނޑުގެ އެތެރެ އަށް އިންޖެކްޝަން ޖަހައި، ކަނޑައެޅިފައިވާ މިންވަރަކަށް ޑައިލިއުޓްކޮށްގެން، ސްލޯ އިންފިއުޝަނެއް ގޮތަށް އައިވީ ގުޅައިގެންނެވެ. ނަމަވެސް ސިޓީގައި ވަނީ މަރީ އަށް އެ އިންޖެކްޝަން ދީފައި ވަނީ މި އުސޫލާ ހިލާފަށް ކަމަށް ލިޔެކިޔުންތަކުން އެނގެން އެބަހުރި ކަމަށެވެ.

"މައްސަލައިގެ ތަހުގީގަށް މިކަން އެނގިފައިވާ ގޮތުގައި މިކަން މިގޮތަށް ހިނގާފައި ވަނީ ޑޮކްޓަރު ގަސްދުގައި ޑައިލިއުޓް ނުކޮށް، ސްލޯ އިންފިއުޝަންއެއް ނޫން ގޮތަށް އައިވީ އިންޖެކްޝަން ދޭން ބޭނުންވެގެން ނޫނެވެ. ނުވަތަ އެފަދަ ނިޔަތެއްގައި މި އިންޖެކްޝަން ޖަހަން ބޭނުންވެގެންނެއް ނޫނެވެ،" ސިޓީގައިވެ އެވެ.

ކްރީމްޖެހި ބަނަހަކަށް އެލާޖިކުވެ ހާލު ދެރަވި މަރިޔަމް ޒައީމާ މޫސާ (މަރީ).--

ކްރީމްޖެހި ބަނަހަކަށް އެލާޖިކުވެ ހާލު ދެރަވި މަރިޔަމް ޒައީމާ މޫސާ (މަރީ).--

އެ އިންޖެކްޝަން ޖެހުމުން މަރީގެ ހިތް ހުއްޓުނެވެ. ހޮސްޕިޓަލުން ބުނެފައި ވަނީ މަރީގެ ހިތް ހުއްޓުނީ އެ އިންޖެކްޝަން ޖެހުމުގެ ސަބަބުން ކަން އެނގި ތިބެ ވެސް، ޑޮކްޓަރުން އާއިލާ އަށް އެކަން އަންގާފައި ނުވާ ކަމަށެވެ. އަދި ޕޭޝަންޓަކަށް ފަރުވާދިނުމުގައި ގޯސްކޮށް ކަމެއް ހިނގައިފި ނަމަ، އެކަމެއް އާއިލާ އަށް އެންގުމަކީ ފަރުވާދޭ ޑޮކްޓަރުގެ ޒިންމާއަކަށް ވިޔަސް އެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މަރީ އިމަޖެންސީ ރޫމުން ނެރުނީ ވެންޓިލޭޓަރު ގުޅައިގެންނެވެ. އޭގެފަހުން މަހެއް ވަންދެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު، އެ ހޮސްޕިޓަލުން ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ބުނުމުން، އިންޑިއާ އަށް ގެންދިޔަ އެވެ.

އޭނާ އައިޖީއެމްއެޗުގެ އައިސީޔޫގައި ބޭއްވިތާ ފަސް ދުވަސް ފަހުން، ހަށިގަނޑު ކުޑަކޮށް "ސްޓޭބަލް" ވުމުން ސީޓީ ސްކޭނެއް ހެދި އެވެ. އެ ސްކޭނުން އެނގުނީ މަރީގެ ސިކުނޑި ވަރަށް ބޮޑަށް ދުޅަވެފައި ހުރި ކަމެވެ. އޭގެ ފަހުން ހެދި އިތުރު ދެ ސީޓީ ސްކޭނާއި އެމްއާރްއައި ޓެސްޓުތަކުން ދުޅަ ތިރިވާ ކަމަށް ދެއްކިޔަސް، ސިކުނޑި އަށް ލިބިފައިވާ ގެއްލުން ބޮޑު ކަމަށް ޑޮކްޓަރުން ބުނި ކަމަށް އާއިލާއިން ބުންޏެވެ.

މަރީ ގާތުގައި އެހީތެރިޔަކަށް ހުރި، އޭނާގެ ކޮއްކޮ އައިޝަތު ޒައީމާ (އައިޝާ) "މިހާރު" އަށް ބުނީ ޖުލައި މަހު ފޮނުވި މި ސިޓީގެ ވާހަކަ ކުރިން މީޑިއާ އަށް ހިއްސާކޮށްފައި ނުވަނީ ހޮސްޕިޓަލުން ޒިންމާ ނަގާނެ ކަމަށް ބުނެފައިވުމުން ކަމަށެވެ. އަދި ދެބެއިންގެ މަންމަ ވެސް އޭރު އައިޖީއެމްއެޗުގައި އެޑްމިޓްކޮށް، ފަރުވާ ހޯދަމުން އައުމާ ގުޅިގެން، މަންމަ ހޮސްޕިޓަލަށް ކުރާ އިތުބާރު ކުޑަވެ ފަރުވާ ހޯދަން ދެކޮޅު ހަދައިފާނެތީ އެ ވާހަކަ ނުދެއްކީ ކަމަށް ބުންޏެވެ.

"މަންމަ އަކީ ވެސް ވަރަށް ބަލި މީހެއް. ދައްތަ (މަރީ) ގެ ހާލު މިހާ ދެރަވެފައި އޮތް ކަން މަންމަ އަށް އެނގޭނެ. އެކަމަކު ހޮސްޕިޓަލުގެ އިހުމާލުކަން އަދި މަންމައަކަށް ނޭނގޭނެ. އެކަމަކު އެންމެފަހުން މި ވާހަކަ ދައްކަން މި ޖެހުނީ އަޅުގަނޑުމެންނަށް އިތުރު ގޮތެއް ނެތިގެން،" އައިޝާ ބުންޏެވެ.

"ހޮސްޕިޓަލުން ޒިންމާވާނެ ކަމަށް ހީކޮށް މި ސިޓީ މީޑިއާ އަށް ކުރިން ހިއްސާ ނުކުރީ. އެކަމަކު މިހާތަނަށް އެއްވެސް އެހީތެރިކަމެއް ދީފައެއް ނުވޭ. މިހާރު ދައްތަގެ އާސަންދަ ހުސްވާން ވެސް އޮތީ ދެތިން ދުވަސް. ދެން ނެތް އަޅުގަނޑުމެންނަށް އިތުރު ގޮތެއް. ގޮތް ހުސްވެއްޖެ."

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި މަރީ ފަރުވާ ހޯދަމުން އަންނަތާ ހަތަރު މަސް ފަހުން މިހާރު ވަނީ އިތުރު ފަރުވާ އަށް ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. އިންޑިއާ އަށް ގެންދިޔަ ފަހުން މިހާރު ތިން ސާޖަރީއެއް ވެސް ކޮށްފި އެވެ. އެ ތިން އޮޕަރޭޝަން ކުރަން ޖެހުނީ، ހެދި ޓެސްޓުތަކުން އޭނާގެ ސިކުނޑީގައި ފެން ހެދިފައި ހުރިކަން އެނގުމުން، އެ އެއްޗެހި ބޭރު ކުރުމަށްޓަކަ އެވެ. ގިނަ ބޭސްތަކަށް މަރީ އެލާޖިކުވާތީ މި އޮޕަރޭޝަންތައް ކުރަން ވެސް ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވި އެވެ.

ނުވަ އަހަރުގެ ކުޑަކުއްޖެއް ވެސް ހުންނަ އެކަނިވެރި މައެއް ކަމަށްވާ މަރީ އަކީ ވަރަށް ގިނަ ކާ އެއްޗިއްސަށާއި ބޭސްތަކަށް ވެސް އެލާޖިކްވާ މީހެކެވެ. އެލާޖިކް ވެގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާ ވަނީ ފަރުވާ ހޯދައިފަ އެވެ. އެކަމަކު މިހާ ބޮޑަށް ހާލު ގޯސްވީ މި ފަހަރު އެކަންޏެވެ.