Roadha Mihaaru
އަންނަ ހޫނު މޫސުމަށް ފިޓުވާާން ފެޑެރާ މަސައްކަތްކުރަނީ

އަންނަ ހޫނު މޫސުމަށް ފިޓުވާާން ފެޑެރާ މަސައްކަތްކުރަނީ

18 ނޮވެމްބަރ 2021

ލޫޒަން، ސްވިޒަލެންޑް (ނޮވެމްބަރު 18) - މި އަހަރުގެ ވިމްބަލްޑަން މުބާރާތުގެ ކުއާޓާ ފައިނަލަށް ފަހު، ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ރޮޖާ ފެޑެރާ މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި ފަށާ ވިމްބަލްޑަން މުބާރާތުގައި ކުޅުމަށް ކަމަށް އޭނާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލޫޒަން، ސްވިޒަލެންޑް (ނޮވެމްބަރު 18) - މި އަހަރުގެ ވިމްބަލްޑަން މުބާރާތުގެ ކުއާޓާ ފައިނަލަށް ފަހު، ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ރޮޖާ ފެޑެރާ މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި ފަށާ ވިމްބަލްޑަން މުބާރާތުގައި ކުޅުމަށް ކަމަށް އޭނާ ބުނެފި އެވެ.

މި އަހަރުގެ މާޗު މަހު ފެޑެރާ ކުޅެން ފެށީ ވެސް، ޖެނުއަރީ، 2020 ގައި އޮތް އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުން ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުން ބަލިވި މެޗަށް ފަހު، ކަކުލުގެ ބޮޑު ދެ އޮޕަރޭޝަނެއް ކޮށް، 14 މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެވެ. މި އަހަރުގެ ޖުލައި މަހު ވިމްބަލްޑަން އޯޕަންގެ ކުއާޓާ ފައިނަލުގައި ފެޑެރާ ބަލިވީ ޕޮލެންޑުގެ ހޫބާޓް ހުރްކާޒް އަތުންނެވެ.

ސާޖަރީގެ ސަބަބުން އަންނަ އަހަރުގެ ގްރޭންޑް ސްލޭމް އިވެންޓުތަކުގެ ތެރެއިން އޮސްޓްރޭލިއަން އަދި ފްރެންޗް އޯޕަން މުބާރާތް ފެޑެރާއަށް ގެއްލޭއިރު، އެންމެ އަވަހަށް ވެސް ކުޅެވޭނެކަމުގެ އުންމީދު އޮތީ އަންނަ އަހަރު ޖޫން 27 ގައި ފަށާ ވިމްބަލްޑަން އޯޕަންގަ އެވެ.

"އަންނަ އަހަރުގެ ވިމްބަލްޑަން މުބާރާތުގައި ކުޅެވޭ ނަމަ އެއީ ސަޕްރައިޒެއް،" ސްވިޒަލެންޑުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފެޑެރާ ބުންޏެވެ. "އަހަރެންނަށް މަޑުމަޑުން ދުވެލެވޭނީ ވެސް ޖެނުއަރީ ހިސާބުގައި، އަދި (ޓެނިސް) ކޯޓުގައި ފަރިތަ ކޮށްލެވޭވަރު ވާނީ މާޗު ނޫނީ އޭޕްރީލްގައި. އުންމީދަނީ 2022 ގެ ހޫނު މޫސުމަށް ފިޓްވުން."

"އަދި އެއްފަހަރު ބޭނުން އަހަރެންގެ ފެންވަރު އަމިއްލައަށް ވެސް ވަޒަން ކޮށްލަން. ކުޅިވަރާ ދުރަށް ދާން ވެސް ބޭނުމީ ޓެނިސް ކޯޓުގައި، އެހެންވެ ރިހެބިލިޓޭޝަންގައި އަހަރެން ވަރަށް މަސައްކަތް އެބަ ކުރަން،" އުމުރުން 40 އަހަރުގެ ފެޑެރާ ބުންޏެވެ.

ފެޑެރާ އާއި ޖޮކޮވިޗާއި ސްޕެއިނުގެ ރަފައެލް ނަޑާލް އަކީ، 20 ގްރޭންޑް ސްލޭމް ތައްޓާ އެކު، ދުނިޔޭގެ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ތިން ޓެނިސް ކުޅުންތެރިންނެވެ. ދުނިޔޭގެ ރޭންކިން އެއްވަނައިގައި އޮތް ޖޮކޮވިޗް 20 ގްރޭންޑް ސްލޭމް ތަށި ހަމަކުރީ، މި އަހަރު އޮތް ތިން މުބާރާތް ކާމިޔާބު ކޮށްގެންނެވެ.