Roadha Mihaaru
ރާޖަމޯލީގެ ފިލްމަކުން ސަލްމާން ފެނުމުގެ ފުރުސަތު ބޮޑު

ރާޖަމޯލީގެ ފިލްމަކުން ސަލްމާން ފެނުމުގެ ފުރުސަތު ބޮޑު

22 ނޮވެމްބަރ 2021

އިންޑިއާގެ މިހާރުގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އެސްއެސް ރާޖަމޯލީގެ ފިލްމަކަށް ސަލްމާން ޚާން ގެނައުމުގެ މަޝްވަރާތައް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މިހާރުގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އެސްއެސް ރާޖަމޯލީގެ ފިލްމަކަށް ސަލްމާން ޚާން ގެނައުމުގެ މަޝްވަރާތައް ފަށައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރުގެ ފިލްމަކަށް ސަލްމާން ގެނައުމާ ބެހޭ ގޮތުން ވާހަކަތައް ދެކެވޭ އިރު، ދެ މީހުން ބައްދަލުކޮށް، އެކަމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވެ އެވެ. އެގޮތުން ސަލްމާން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ޓައިގާ 3" ގެ ސެޓްގައި ވެސް ދެ މީހުން ބައްދަލުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ މީގެ ކުރިން ސަލްމާނާ އެކު ފިލްމެއް ހަދަން ރާޖަމޯލީ އަށް ފުރުސަތު ލިބުނު ނަމަވެސް ވަގުތު އޭރު ތަން ނުދިނުމުން އެ ފުރުސަތުގެ ބޭނުން ނުހިފުނު ކަމެވެ. އެ ފިލްމަކީ ރާޖަލޯމީގެ ބައްޕަ އަދި ކުޅަދާނަ ސްކްރީން ރައިޓަރު ކޭވީ ވިޖަޔަންދުރަ ޕްރަސާދުގެ ސްކްރީންޕްލޭއަކަށް ސަލްމާން ކުޅުނު 2015 ގެ "ބަޖްރަންގީ ބައިޖާން" އެވެ.

ފަހުން ކަބީރް ޚާން ޑައިރެކްޓްކުރި އެ ފިލްމުގެ މަސައްކަތް ސަލްމާން ކުރި ދުވަސްވަރަކީ ރާޖަމޯލީ "ބާހްބަލީ" ގެ މަސައްކަތްތުގައި އުޅުނު ދުވަސްވަރެވެ. "ބާހްބަލީ" ގެ ފުރަތަނަ ފިލްމު 2015 ގެ ފުރަތަމަ ފިލްމު 2015 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި ގެނެސްދިނީ 2017 ގަ އެވެ.

ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޖެނުއަރީ 7 ގައި ރިލީޒްކުރާ "އާރްއާރްއާރް" އެވެ. ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ވެސް ރޯލެއް ކުޅެފައިވާ ފިލްމުގެ ލީޑް އެކްޓަރުންނަކީ އިންޑިއާގެ ދެކުނުގެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. ބަތަލާ އަކީ އާލިއާ ބަޓެވެ.

މި ފިލްމަށް ފަހު ރާޖަމޯލީ ދެން ހަދާނެ ފިލްމެއް އަދި ނޭނގެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ތެލެގޫ އެކްޓަރު މާހޭޝް ބާބޫއާ އެކު ފިލްމެއް ހެދުމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ.