Roadha Mihaaru
ރަޝިޔާގެ 175،000 ސިފައިން ޔޫކްރޭން ކައިރީގައި

ރަޝިޔާގެ 175،000 ސިފައިން ޔޫކްރޭން ކައިރީގައި

05 ޑިސެމްބަރ 2021

ޔޫކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ އިމުގެ ކައިރި އަށް، ރަޝިޔާގެ 175،000 އަށް ވުރެ ގިނަ ސިފައިން ޖަމާކޮށްފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޔޫކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ އިމުގެ ކައިރި އަށް، ރަޝިޔާގެ 175،000 އަށް ވުރެ ގިނަ ސިފައިން ޖަމާކޮށްފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ އަސްކަރީ ޖާސޫސީ އިދާރާތަކުން ލަފާކުރާ ގޮތުގައި ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި ރަޝިޔާ އަސްކަރީ ބާރު އިތުރުކުރަމުންދާ ނިސްބަތަށާއި ހަލުވިމިނަށް ބަލާއިރު، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި، ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާ ދީފާނެ ކަމަށް ބެލެވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޔޫކްރޭނަށް އަރައިގަތުމަށް ނުވަ ހަމަލާއެއް ދިނުމަށް ރައީސް ލަޑިމިއާ ޕުޓިން އަމުރު ނެރުއްވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއަމުރު ތަންފީޒު ކުރެވޭ ވަރަށް، ރަޝިޔާގެ އަސްކަރިއްޔާ މިހާރު އޮތީ ތައްޔާރަށެވެ. އަދި އެފަދަ ހާލަތެއްގައި ޔޫކްރޭންގެ ތެރެއަށް ވަދެގަންނަ ސިފައިންނަށް ބޭނުންވާ އަސްކަރީ ސާމާނާއި ބޭހާއި، އުޅަނދުތަކަށް އަޅާނެ ތެޔޮ، ރަޝިޔާގެ ތެރެއިން ޔޫކްރޭނަށް ގެންދެވޭނެ އިންތިޒާމުތައް ވެސް މިހާރު ހުރީ ހަމަޖައްސައިފަ އެވެ.

ޖާސޫސީ އިދާރާތަކުން ލަފާކުރާ ގޮތުގައި މިފެށޭ 2022 ވަނަ އަހަރުގެ ކުރީކޮޅު ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަނގުރާމައެއް ފެށިއްޖެ ހާލަތުގައި، އެންމެ ކުރީ ސަފުގައި ތިބޭ ސިފައިންނަށް 10 ދުވަހަށް ބޭނުންވާނެ އަސްކަރީ ސާމާނުވެސް މިހާރު ހުރީ، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފަ އެވެ.

އެމެރިކާގެ އެއްގަމު ސިފައިންގެ ވެރިޔާ ޖެނެރަލް ޖޭމްސް މެކްކޮންވީލް ވިދާޅުވި ގޮތުގައި، ރަޝިޔާގެ 95،000 އާއި 100،000 އާ ދެމެދުގެ އަދަދެއްގެ ރަޝިޔާ ސިފައިން، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި މިހާރުވެސް އެބަ ތިއްބެވެ.

"އެމީހުން ކުރަން އުޅެނީ ކޮން ކަމެއް ކަމެއް އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ. އެކަމު އެސަރަހައްދުގައި އެމީހުން ހަރަކާތްތެރިވަމުންދާ ގޮތުން އަހަރެން ވަރަށް ކަންބޮޑުވޭ. އެމީހުން ތިބީ ކޮންމެ ފަދަ ކަމެއް ވެސް ކުރެވޭ ހާލަތުގައި. އެއީ ވަރަށް ނުރައްކާތެރި ކަމެއް. ޔޫރަޕްގައި ތިބި އަހަރެމެންގެ ރަހުމަތްތެރިންގެ ހަމަޖެހުމާއި ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް އެއީ،" ޖެނެރަލް ޖޭމްސް ވިދާޅުވި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަންނަން ތައްޔާރުވަމުން ދާ ކަމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ތުހުމަތުކުރާ އިރު، ރަޝިޔާއިން އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް އެފަދަ

އުދުވާނީ ހަމަލައެއް ނުދެވޭނެ ފަދަ ގޮތަކަށް، ނުވަތަ ހަމަލާއެއް ދޭން އުނދަގޫވާނެ ފަދަ ގޮތަކަށް ކަންތައް އިންތިޒާމުކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެ އެވެ.

މި މައްސަލައިގައި ރަޝިޔާ އާއި އެމެރިކާގެ ގުޅުން ހީނަރުވެފައިވާ އިރު، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ވީޑިއޯ ކޯލް މަޝްވަރާތަކެއް ކުރުމަށް މިހާރު ވަނީ ހަމަޖެހިފައި އެވެ. މި މަޝްވަރާތައް އޮންނާނީ މިހަފުތާގެ އަންގާރަ ދުވަހު އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ޕެސާކީ ވިދާޅުވި ގޮތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައީސް ޕުޓިންއާ އެކު ކުރައްވާ މަޝްވަރާތަކުގައި، ޔޫކްރޭންގެ މައްސަލައިގައި އެމެރިކާގެ ހުރި ކަންބޮޑުވުންތައް ރައީސް ބައިޑެން ހިއްސާ ކުރައްވާނެ އެވެ.