Roadha Mihaaru
ދަޅުގައި މަސްހުނި، ތަފާތު ހިޔާލުތަކެއް!

ދަޅުގައި މަސްހުނި، ތަފާތު ހިޔާލުތަކެއް!

16 ޑިސެމްބަރ 2021

މަސްހުންޏަކީ ވަރަށް ފަސޭހައިން ނުބައިވާ އެއްޗެކެވެ. އެހެންވެ، ގިނަ ބައެއްގެ ސުވާލަކަށްވީ، ހޮރައިޒަން ފިޝަރީސް އިން މަސްވެރިންގެ ދުވަހު ތައާރަފުކުރި "މާންދޫ މަސް" ބްރޭންޑްގެ މަސްހުނި ދަޅުގައި ހުންނަ މަސްހުނި ނުބައިނުވާ ގޮތަށް ބަންދުކުރީ ކިހިނެއްތޯ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސްހުންޏަކީ ވަރަށް ފަސޭހައިން ނުބައިވާ އެއްޗެކެވެ. އެހެންވެ، ގިނަ ބައެއްގެ ސުވާލަކަށްވީ، ހޮރައިޒަން ފިޝަރީސް އިން މަސްވެރިންގެ ދުވަހު ތައާރަފުކުރި "މާންދޫ މަސް" ބްރޭންޑްގެ މަސްހުނި ދަޅުގައި ހުންނަ މަސްހުނި ނުބައިނުވާ ގޮތަށް ބަންދުކުރީ ކިހިނެއްތޯ އެވެ.

ދަޅުގައި ބަންދުކުރި މަސްހުނީގެ ރަހަ ޗެކްކޮށްފީމެވެ. އެ މަސްހުނީގެ ރަހައިގައި މާ ބޮޑު ތަފާތެއް ނެތެވެ. އާންމުކޮށް ގޭގައި މި ހަދައި އުޅޭ މަސްހުނީގެ ރަހައާ ހަމަ ދާދި އެއްގޮތެވެ. އަދި ދަޅުގައި މަސްހުނި ނުބައި ނުވެ، ހަމަ އެއް ކޮލިޓީއެއްގައި ދެ އަހަރު ހުންނާނެ ކަމަށް އޭގައި ހަރުކޮށްފައިވާ ލޭބަލްގައި ބުނެފައިވެ އެވެ.

ދަޅުގައި ބަންދުކޮށްގެން މަހުގެ އެކި ވައްތަރުގެ އުފެއްދުންތައް މީގެ ކުރިން ވެސް ބާޒާރަށް ނެރެފައިވާ ހޮރައިޒަން އިން މި މަސްހުނި ދަޅު ހެދުމުގެ މަސައްކަތް ކުރަމުން އަންނަތާ ވެސް މިހާރު ދެ އަހަރު ވެއްޖެ އެވެ. މި ދަޅު ބާޒަރަށް ނެރެން ނިންމީ އެ ހޭދަވި މުއްދަތުގެ ތެރޭގައި ގިނަ ޓެސްޓުތަކެއް ވެސް ހެދުމަށް ފަހު އެވެ.

ނުބައިނުވާނެ ގޮތް ހަދަނީ ކިހިނެއް؟

ލ. މާންދޫގައި މަސްދަޅު ބަންދުކޮށް، އާންމުކޮށް ރާއްޖެއިން ބޭރަށް މާކެޓް ކުރާ ހޮރައިޒަންގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އައިމިނަތު ޒައީމާ ވިދާޅުވީ ދަޅުގައި މަސްހުނި ބަންދުކުރުމުގެ ހިޔާލު އެންމެ ފުރަތަމަ ލިބުނީ ޔޫރަޕުގައި ތިބި އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ ކަސްޓަމަރުންނާއި ބްރޭންޑުތަކުން ދިން ހިޔާލެއްގެ މައްޗަށް ކަމަށެވެ. މަސްހުންޏަކީ އެ މީހުންނަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި މަސްދަޅު ހަދާ ބްރޭންޑްތަކުގެ ވެސް ހުރޭ ފެން، ތެޔޮ މަސްދަޅުގެ އިތުރަށް އެކި ކަހަލަ ރެޑީޓު އީޓްސް، މިސާލަކަށް ކުސްކުސްއާ އެއްކޮށް، ތަރުކާރީއާ އެއްކޮށް މަސްދަޅު ބަންދުކޮށްފައި،" ޒައީމާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެ އަހަރު ވެއްޖެ މަސްހުނީގެ އެކި ވާޝަންތައް ހަދައި، ލެބޯޓްރީގައި ޓެސްޓުކޮށް، އޭގެ އަސްލު ރަހަ ގެއްލުވާނުލާ ފްރެޝްކޮށް، ޝެލްފް ލައިފް ދިގުކޮށް، ބޭނުންކުރެވޭނެ ގޮތް ހަދަން ތަހުލީލުތައް ކުރަމުން އަންނަތާ."

މި މަސްހުނިގަނޑު ހަދައިފައި ވަނީ ފިޔާ އާއި ހުންޏާއި ލުނބޯ ހުތާއި ގިތެޔޮ މިރުހާއި އަދި ކަނޑުމަސް ބޭނުންކޮށްގެންނެވެ. މީގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި ބްރައިން މިކްސްޗާއެއް ވެސް ބޭނުންކުރެ އެވެ. އަދި މި ދަޅު ބަންދުކުރުމަށް ފަހު، ކޮމާޝިއަލް ސްޓްރެލިޓީ ހިފެއްޓުމަށްޓަކައި ވަކި މިންގަނޑެއްގެ ތެރެއިން ހީޓް ނުވަތަ ރިޓޯޓް ކުރެ އެވެ.

މަސްހުނި ދަޅު ބަންދުކުރާ މި ޕްރޮސެސް އަށް ކިޔަނީ "ހާމެޓިކް ސީލިން" އެވެ. ކާށި ހުނި އަވަހަށް ނުބައި ވަނީ އެއަށް ވައިވަނުމުން ކަމަށް ވާތީ މި ޕްރޮސެސްގެ ތެރެއިން ދަޅު ބަންދުކުރުމާ އެކު ވައި ނުވަދެ، އެއް ކޮލިޓީއެއްގައި ގިނަ ދުވަސްތަކެއް ވަންދެން އެ ހުރެ އެވެ.

އާދައިގެ މަސްދަޅުން ފެށިގެން ހޮރައިޒަން އިން "މާންދޫ މަސް" ބްރޭންޑްގެ ގިތެޔޮ މިރުހާއި ހިކި މިރުހާއި ޓޮމާޓޯގަ އާއި ލޮނުމެދާއި އަދި ޕެޕާއާ އެކު މަސްދަޅު ހަދަ އެވެ.

މި މަސްހުނި ދަޅުގެ އަގަކީ 15ރ. އެވެ.

ޒައީމާ ވިދާޅުވި ގޮތުގައި، މި މަސްހުނި ދަޅު ތައާރަފުކުރުމާ އެކު، މި އުފެއްދުމަށް އޮތް ޑިމާންޑު ބޮޑުވެ، އިތުރަށް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެ ކުންފުނީގެ އުފެއްދުންތަކުގެ 95 ޕަސެންޓް ވިއްކަނީ ޔޫރަޕާއި އެމެރިކާގެ ލޭބަލްތަކުގެ ދަށުންނެވެ.

އާންމުންގެ ތަފާތު ހިޔާލުތަކެއް

ދަޅުގައި މަސްހުނި ބަންދުކުރުމާ އެކު އާންމުންގެ ވަރަށް ތަފާތު ހިޔާލުތައް އޮއްސާލި އެވެ. އެކަކު އަހާފައި ވެ އެވެ؛ "އަޅުގަނޑަށް އެނގިފައި ވަނީ މަސްހުންޏަކީ އެންމެ އަވަހަށް ނުބައިވާ ކާނާގެ ގޮތުގައި. ކިހިނެއް ދެން ދަޅުގައި ބަންދުކޮށްގެން ތި ކާނީ؟"

އެހެން މީހަކު އެ ދަޅުގެ ފޮޓޯއެއް ލައި ޓްވީޓްކޮށްފައި، "ޗީޗީ" އޭ ބުނެފައި ވެ އެވެ.

އާންމުންގެ ފާޑުކިޔުންތަކާ އެކު، ބައެއް މީހުން އެއަށް އެކި ގޮތްގޮތަށް ރައްދު ވެސް ދީ ހަދައިފައި ވެ އެވެ. ބައެއް މީހުން ބުނަނީ މި ފެންނަނީ ދިވެހިންގެ ކަންނެތް ކަން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ޒަމާނާ އެއްގޮތަށް މަސްހުނި ވެސް ބަދަލުވީ ކަމަށެވެ. އަދި އަނެއް ބަޔަކު، އެކަނިމާ އެކަނި ދިރިއުޅޭ މީހުންނަށް މިއޮތީ "މަރެއް"ގެ ކަމަށް ބުނެ ތައުރީފު ވެސް ކޮށްފައި ވެ އެވެ.

މަސްހުންޏަކީ ދިވެހިންގެ ހެނދުނުގެ ނާސްތާގެ އާންމު ކެއުމެވެ. އެހެންވެ ދަޅުގައި މަސްހުނި ބަންދު ކުރުމަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔަ ކަމެކެވެ. އެއް ބަޔަކު ބުނަނީ، ދަޅުގައި މަސް ބަންދުކޮށްފައި، ޕެކެޓްގައި ހުނި ބަންދުކުރާ އިރު މަސްހުނި ވެސް ތާޒާކޮށް ބަންދު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ!