Roadha Mihaaru
އޭސީސީ ލަސް، ދައުވާކުރަން ފޮނުވީ 1ޕަސެންޓަށް: އޮޑިޓް

އޭސީސީގައި މައްސަލަތައް ފުނިޖެހިފައި، ދައުވާ ކުރަން ފޮނުވީ އެންމެ ޕަސެންޓެއް!

16 ޑިސެމްބަރ 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މައްސަލަތައް ފުނިޖެހިފައި ހުރި އިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ތަހުގީގު ކުރި މައްސަލަތަކުގެ 61 ޕަސެންޓު ނިންމީ ކޮރަޕްޝަންގެ ކުށެއް ނެތް ކަމަށް ކަމަށާއި ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވުނީ އެންމެ ޕަސެންޓަކަށް ކަމަށް ޕާފޯމަންސް އޮޑިޓުން ދައްކައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މައްސަލަތައް ފުނިޖެހިފައި ހުރި އިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ތަހުގީގު ކުރި މައްސަލަތަކުގެ 61 ޕަސެންޓު ނިންމީ ކޮރަޕްޝަންގެ ކުށެއް ނެތް ކަމަށް ކަމަށާއި ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވުނީ އެންމެ ޕަސެންޓަކަށް ކަމަށް ޕާފޯމަންސް އޮޑިޓުން ދައްކައިފި އެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދީ ކޮމިޝަނުގެ ތަހުގީގު ލަސްކަމުގެ ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެދިގެންނެވެ. އެ އޮޑިޓުގައި ބަލާފައި ވަނީ ޖެނުއަރީ، 1، 2015 އިން ޖުލައި، 31، 2020 އަށް އޭސީސީން ކޮށްފައިވާ މަސައްކަތްތަކަށެވެ. އޭގެ އިތުރުން ޑިސެމްބަރު، 2020 ގެ ނިޔަލަށް ކޮމިޝަނުގެ ބައެއް ކަންކަމާއި މަސައްކަތްތައް ހަރުދަނާ ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާފައިވެ އެވެ.

ރިޕޯޓުގައި ބުނީ، ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ކޮމިޝަންގައި 7،113 ޝަކުވާ ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 5،476 މައްސަލަ އެ ތާރީހުގައި ތަހުގީގުކޮށް ނިންމާފައިވާ އިރު ދައުވާ ކުރެވޭ ވަރަށް ތަހުގީގު ފުރިހަމަކޮށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެންމެ ޕަސެންޓެއް ކަމަށް ރިޕޯޓުގައި ވެ އެވެ.

މީގެ ތެރެއިން 61 ޕަސެންޓް މައްސަލަ ނިންމީ، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކޭސްތަކެއްގެ ގޮތުގަ އެވެ.

ދައުވާ ކުރަން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހެއްކާއި ގަރީނާ ނެތިގެން އަނބުރާ ފޮނުވާލާ މައްސަލަ ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގެ ޚުލާސާއެއް:

- ކޮމިޝަނަށް ހުށަހަޅާ ގިނަ މައްސަލަތައް ތަހުގީގުކޮށް ނިންމަން އަހަރުތަކެއް ހޭދަވޭ.

- ހަ އަހަރު ތެރޭގައި ގިނަ މައްސަލަތައް ނިންމީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށް.

- ޕީޖީ އޮފީހަށް ފޮނުވީ މައްސަލަތަކުގެ އެންމެ ޕަސެންޓެއް.

- އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވުމުން ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލަތަކަށް ގިނަ ވަފުތު ހޭދަވަމުންދޭ.

- ކޮމިޝަނަށް ބޭނުންވާ ވަސީލަތްތައް ލިބިފައި ނުވުމުން ތަހުގީގުތައް ލަސްވޭ.

- އިންވެސްޓިގޭޓަރުން މަދުވުމުން ކޭސްތަކަށް ނުރަނގަޅު އަސަރުކުރޭ. އިންވެސްޓިގޭޓަރުންނަށް އެހީތެރިކަމާއި އިރުޝާދެއް ނުދެވޭ.

- ހުށަހަޅާ މައްސަލަތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކަށް އަންގާ އެންގުންތަކަށް އަމަލުކޮށް ތަންފީޒުކުރާ ވަރު 2020 ގެ ކުރިން ހަރުދަނާ ގޮތެއްގައި ބަލައި މޮނިޓާއެއް ނުކުރެވޭ.

- ތަހުގީގަށް ފަހު، ދައުވާކުރަން އެދުނު މައްސަލަތަކުގެ 52 ޕަސެންޓް އަނބުރާ ފޮނުވާލާފައިވޭ. މިއީ، ތަހުގީގު ދިގުލައިގެން ގޮސް ކުށް ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ކަމަށް އޮޑިޓުގައިވޭ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށާއި އިދާރީ ހިންގުމުގައި ހުރި ކަންކަން އިސްލާހުކޮށް، ހަރުދަނާކުރުމުގެ ގޮތުން އެކި އިދާރާތަކަށް ޖުމްލަ 1،634 އެންގުން އަންގާފައިވެ އެވެ.

އޭސީސީގެ މެމްބަރުން. ތަހުގީގުތައް ލަސްކަމުގެ ކަންބޮޑުވުންތަކާ އެކު މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފަށާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭސީސީގެ މެމްބަރުން. ތަހުގީގުތައް ލަސްކަމުގެ ކަންބޮޑުވުންތަކާ އެކު މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފަށާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ރެކޯޑް ކުރަމުން އަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމްގައި ހުރި މައްސަލަތަކާއި ތަފާސްހިސާބުގެ ގޮތުގައި ކޮމިޝަނުގެ ވެބްސައިޓުގައި ހުރި އަދަދުތަކާއި އަހަރީ ރިޕޯޓުގައި ހުރި މައުލޫމާތު ދިމާނުވާ ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ.

އަނެއް ކަންބޮޑުވުމުގެ ގޮތުގައި އޮތީ އޭސީސީ އަށް ހުށަހަޅާ މައްސަލަތަކުގެ ތަހުގީގު ނިންމުން ދިގުލައިގެން ދިއުމެވެ. ޖެނުއަރީ 2015 އިން ޖުލައި 31، 2020 އަށް ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ މައްސަލަތަކުން އޮޑިޓް ސާމްޕަލްގެ ގޮތުގައި 76 މައްސަލަ ނެގިއިރު، އޭގެތެރެއިން 23 މައްސަލައިގެ ތަހުގީގު ފުރިހަމަކުރަން ގާތްގަނޑަކަށް 321 ދުވަސް ހޭދަވެފައިވެ އެވެ. ތަހުގީގު ނުނިމި ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ހިނގާފައިވާ 400 މައްސަލަ ހިމެނޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމިޝަނުގައި އިންވެސްޓިގޭޓަރުން މަދެވެ. އެކަން ރިޕޯޓުގައި ފާހަގަކޮށް، އޮޑިޓް އޮފީހުން ބުނީ މިއީ ތަހުގީގުތަކަށް އޭގެ ނުރަނގަޅު އަސަރުކުރަމުންދާ ކަމެއް ކަމަށެވެ.

"ޖުލައި 31، 2020ގެ ނިޔަލަށް ކޮމިޝަނުގައި 1،637 މައްސަލަ ބަލަމުންދާއިރު އިންވެސްޓިގޭޓަރުންނަށް ފޯރުކޮށްދޭން ޖެހޭ ފެންވަރު ރަނގަޅ އެހީތެރިކަމާއި އިރުޝާދު ދެވެމުން ނުދާކަން ފާހަގަކުރެވުން،" އޮޑިޓުގައި ވެ އެވެ.

އޮޑިޓަށް ފަހު، އޮޑިޓަ ޖެނެރަލްގެ އޮފީހުން ލަފާ ދެނީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތައް ރަޖިސްޓަރީ ކުރުމުން ފެށިގެން ގޮސް ތަހުގީގު މަރުހަލާ ނިމުމާ ހަމައަށް ހޭދަވާ މުއްދަތު މަދުކުރަން ޖެހޭ ކަަމަށެވެ. އެކަން އެގޮތަށް ކުރަން ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމާ އެކު ބެކްލޮގްގައި ހުރި މައްސަލަތައް ނިންމަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ދޭތޯ މޮނިޓާ ކުރަމުން ގެންދަން ވެސް ލަފާދީފައިވެ އެވެ.

މީގެ އިތުރުން ކޮރަޕްޝަން އެކުލެވިގެންވާ ނުވަތަ ބޮޑެތި މައްސަލަތަކަށް ސަމާލުކަންދީ ލަސްނުވެ ވަގުތުން ވަގުތަށް ތަހުގީގު ނިންމޭކަން ކަށަވަރު ކުރަން ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ އިތުރަށް ހަރުދަނާ ކުރުން ހިމެނެ އެވެ.

އޮޑިޓުގައި ބުނީ ކޮމިޝަނުން އަންގާ އެންގުންތަކަށް އަމަލުކުރަމުންދާ މިންވަރު ރިއަލްޓައިމްކޮށް ދެނެގަނެވޭނެ މަރުކަޒީ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށެވެ. އަދި އެ އެންގުންތައް ތަންފީޒުކުރޭތޯ ބަލައި ނުކުރާ ފަރާތްތަކުގެ މައުލޫމާތު އާއްމުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ލަފާދީފައިވެ އެވެ.

ރިޕޯޓުގައި ބުނީ ކުށެއް ކުރި ކަމަށް ކުރެވޭ މީހާއާ މެދު ދައުވާކުރަން ޖެހޭ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް ދައުވާ އުފުލަން ފޮނުވަން ޖެހޭ ކަމަށެވެ.

މި އޮޑިޓަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި އޮތީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށެވެ. މަޖިލީސް ޗުއްޓީގައި އޮތަސް މިކަމަށް މަގުފަހިކުރަން މިއަދު ޚާއްސަ ޖަލްސާއެއް ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާގައި ކޮމިޓީގެ ނިންމުން އިއުލާންކޮށް އެ ކޮމިޝަންގެ މެމްބަރުން ވަކިކުރުން ކޮމިޓީގައި ކުރިއަށް ގެންދާނެ އެވެ.