Roadha Mihaaru
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ބިލިއަން ޑޮލަރަށް

"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ އާމްދަނީ ބިލިއަން ޑޮލަރަށް

28 ޑިސެމްބަރ 2021

މި މަހު ރިލީޒްކުރުމާ އެކު ބޮޑު ތަރުހީބެއް ލިބެން ފެށި މާވެލް ސްޓޫޑިއޯސްގެ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ ބިލިއަން ޑޮލަރު ފަހަނަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހު ރިލީޒްކުރުމާ އެކު ބޮޑު ތަރުހީބެއް ލިބެން ފެށި މާވެލް ސްޓޫޑިއޯސްގެ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ ބިލިއަން ޑޮލަރު ފަހަނަޅައިފި އެވެ.

މި މަހުގެ 17 ގައި ރިލީޒްކުރި ފިލްމު ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ކާމިޔާބުކަމާ އެކު ހިނގަމުން އަންނަ އިރު، އޭގެ އާމްދަނީ މިހާރު ވަނީ 1.5 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ އިނގިރޭސިވިލާތުގެ ޒުވާން އެކްޓަރު ޓޮމް ހޮލަންޑާ އެކު ގެނެސްދެމުން އަންނަ "ސްޕައިޑަ-މޭން" ސީރީޒްގެ ފިލްމުގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހުރަސްކުރި ދެވަނަ ފިލްމެވެ. "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަކީ 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ޓޮމް ސްޕައިޑަމޭންގެ ރޯލު ކުޅުނު ފުރަތަމަ ފިލްމު، 2017 ގެ "ސްޕައިޑަ-މޭން: ހޯމްކަމިން" އަކީ 880 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ތަރުހީބަކީ މިދިޔަ އަހަރު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ވިދިގެން، ސިނަމާތަކުގެ ވިޔަފާރި އެއްކޮށްހެން ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ފަހުން ސިނަމާތަކުގައި ފިލްމުތައް ދައްކަން ފެށި ފަހުން ފިލްމަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އެހެންވެ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސިނަމާތަކަށް އައި އެންމެ ކާމިޔާބު ފިލްމަކީ މިއީ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯން ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފެތުރި ސިނަމާތަކުގެ ވިޔަފާރި އަށް އަނެއްކާވެސް ހީނަރުކަން އަތުވާނެ ކަމަށް ބެލެވިފައި އޮތް މި ދަނޑިވަޅުގައި "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" ހޯދަމުން އަންނަ ކާމިޔާބީ އަކީ މުޅި ފިލްމަށް އިންޑަސްޓްރީ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި ހިތްވަރެއް ވެސް މެ އެވެ. މިއާ އެކު މިހާރު ކުރިއެކޭ އެއްގޮތަށް ސިނަމާތަކުގެ ފޯރި އަލުން އިޔާދަވާނެ ކަމުގެ އުންމީދު ކުރެވެ އެވެ.

މާވެލް އާއި ސޮނީ ޕިކްޗާޒް ގުޅިގެން ގެނެސްދިން "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" ހޯމް އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ޖޮން ވޮޓްސް ޑައިރެކްޓްކޮށްފައިވާ ފިލްމެވެ. މީ ސީރީޒްގެ އިތުރު ބައިތަކެއް ވެސް ދެ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭނެކަން މިދިޔަ ހަފުތާގައި އިއުލާން ކޮށްފައިވެ އެވެ.