Roadha Mihaaru
އަމާޒަކީ ދިއްގަރުން ހޯމް ސްޓޭގެ 200 އެނދު ނެރުން

އަމާޒަކީ ދިއްގަރުން ހޯމް ސްޓޭގެ 200 އެނދު ނެރުން: ޓޫރިޒަމް

29 ޑިސެމްބަރ 2021

ރަށްރަށުގައި މީހުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުން ބޭތިއްބޭ، ހޯމް ސްޓޭ ޓޫރިޒަމްގެ 200 އެނދު މ. ދިއްގަރުން ނެރުމަށް އެ ރަށު ކައުންސިލުން އަމާޒު ހިފާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރަށްރަށުގައި މީހުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުން ބޭތިއްބޭ، ހޯމް ސްޓޭ ޓޫރިޒަމްގެ 200 އެނދު މ. ދިއްގަރުން ނެރުމަށް އެ ރަށު ކައުންސިލުން އަމާޒު ހިފާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ހޯމް ސްޓޭ ފަށާ ރަށުގެ ގޮތުގައި ދިއްގަރު ހަމަޖެއްސި ނަމަވެސް އެ ރަށަކީ ބިން ފުރިފައި އޮތް އަދި ގެސްޓް ހައުސްއެއް ވެސް ނެތް ރަށެއް ކަމަށެވެ.

އެހެން ނަމަވެސް އެ ރަށުގެ ވަަރަށް ގިނަ ޒުވާނުން މަސައްކަތް ކުރަނީ ރިސޯޓުތަކުގައި ކަމަށާއި ޓޫރިޒަމަށް ބޭނުންވާ ހުރިހާ ކަމެއް އެ ރަށުގައި ފުރިހަމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓެއްގެ މުޅި ގެސްޓް އޮޕަރޭޝަނަށް ބޭނުންވާ ތަޖުރިބާ ދިއްގަރުގައި އެބަހުރި. ދިއްގަރު ރައްޔިތުން އެބަ ބޭނުންވޭ މިކަން ކުރަން،" ރައްޒާން ވިދާޅުވި އެވެ.

ހޯމް ސްޓޭ ޓޫރިޒަމްގައި މުޅި ރާއްޖެ އަށް ނަމޫނާ ދައްކާނެ ރަށަކަށް ވާނެ ކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުން ދޭ ކަމަށް ރައްޒާން ވިދާޅުވި އެވެ. އަދި ކައުންސިލްގެ ދައުރު ނިމުމުގެ ކުރިން އެ ރަށުން 200 އެނދު ނެރުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖެނުއަރީ 1 ގައި އަޅުގަނޑުމެން ދިއްގަރުގައި މި މަސައްކަތް ފަށާއިރު ހަތަރު ގެއެއް ރެޖިސްޓާ ވާނެ،" އޭނާ ވިދާޅުވި އެވެ.

ހޯމް ސްޓޭ ޓޫރިޒަމް ހިންގޭނީ އެއް ކޮޓަރި އާއި ތިން ކޮޓަރި ދެމެދު ކޮޓަރި ހުރި ގެތަކަށެވެ. އަދި ގެސްޓްހައުސްތައް ވެސް އަމަލު ކުރާ ފަދަ ޝަރުތުތަކާއި ގަވައިދުތައް އެ ގެތަކުން ވެސް އަމަލު ކުރަން ޖެހެ އެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓާ ކޮށްފައި ވަނީ 56،996 އެނދެވެ. އޭގެ ތެރޭގައި 161 ރިސޯޓާއި 612 ގެސްޓްހައުސް އަދި 143 ސަފާރީ ހިމެނެ އެވެ. ހޯމް ސްޓޭ ޓޫރިޒަމް ފެށުމުން ގެސްޓްހައުސްތަކަށް ވުރެ ވެސް އަގު ހެޔޮކޮށް ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް އެ މިނިސްޓްރީން ގަބޫލު ކުރެ އެވެ.