Roadha Mihaaru
ފިހުނު ތަނަކަށް މަހެއްގެ ހަމުން ފަރުވާ ދީފި

ފިހުނު ތަނަކަށް މަހެއްގެ ހަމުން ފަރުވާ ދީފި

18 ޑިސެމްބަރ 2016

ވަރަށް ބޮޑަށް ފިހުނު އަންހެނެއްގެ ގައިގައި މަހެއްގެ ހަން ތަތްކޮށްގެން ދިން ފަރުވާއަކަށް ފަހު އޭނާ މުޅިން ފަސޭހަ ވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ވަރަށް ބޮޑަށް ފިހުނު އަންހެނެއްގެ ގައިގައި މަހެއްގެ ހަން ތަތްކޮށްގެން ދިން ފަރުވާއަކަށް ފަހު އޭނާ މުޅިން ފަސޭހަ ވެއްޖެ އެވެ.

މާރިއާ އީނީސް ކެންޑިޑޯ ޑަ ސިލްވާ، 36، އަކީ ބްރެޒީލްގެ ރުއްސާސްގައި ހުންނަ ރެސްޓޯރެންޓެއްގެ ވެއިޓަރެކެވެ. އެ ރެސްޓޯރެންޓްގެ ބަދިގޭގައި ގޭސްފުޅިއެއް ގޮވައިގެން މާރިއާގެ އަތާއި ކަރު އަދި މޫނުގެ ބައެއް ތަންތަން ވަރަށް ބޮޑަށް ފިހުނެވެ.

އޭނާ އަށް ފަރުވާ ދޭން ޑޮކްޓަރުން ބޭނުންކުރީ ޕްލާސްޓަރެއްގެ ގޮތުގައި މަހުގެ ހަމެވެ. މިއީ އެގޮތަށް ފަރުވާ ދިން ފުރަތަމަ ފަހަރެވެ.

މާރިއާ ބުނީ ފިހުނު ތަންތަނުން އަޅާ ވޭނަށް ލުޔެއް ނުލިބިގެން އޭނާ އަށް ވަރަށް ބޮޑު ހިތާމައެއް ލިބުނު ކަމަށެވެ. އެކަމަކު މަހުގެ ހަމުން ލިބުނު ފަރުވާ އިން އޭނާ މިހާރު ހުރީ ހިތްހަމަޖެހިގެންނެވެ.

ފިހުނު ތަނުގައި މަހެއްގެ ހަންގަނޑު އަޅައިގެން ފަސޭހަވެފައި

ފިހުނު ތަނުގައި މަހެއްގެ ހަންގަނޑު އަޅައިގެން ފަސޭހަވެފައި

ޓިލަޕިއާ މަހުގެ ހަމުން މި ފަރުވާ އީޖާދުކުރީ އިންސްޓިޓިއުޓް އޮފް ބާންސް ޔުނިޓުގެ ޑޮކްޓަރު ޖޯސޭ ފްރޯޓާ އާއި އޭނާގެ ޓީމުންނެވެ.

އަޖުމަ ބެލުމުގެ ގޮތުން ދޭން ފެށި މި ފަރުވާ މި މަހު އެކަނި ވެސް މިހާރު ވަނީ 50 މީހަކަށް ދީފަ އެވެ.

ޓިލަޕިއާ އަކީ ގިނަ ބަލިތަކަކަށް ފަރުވާއެއް ކަމަށް، ބައެއް މީހުން ގަބޫލުކުރެ އެވެ.

ފިހިފައި ހުންނަ ތަންތަނުގައި އެ މަހުގެ ހަން ހަމައެކަނި ތަތްކުރަނީކީ ނޫނެވެ. އެހާ ހިސާބަށް ދިއުމުގެ ކުރިން ސައިންސްވެރިން ވަނީ ގިނަ މަރުހަލާތަކެއްގައި އެ ހަމަށް އެކި ކަހަލަ ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން ހަމުގައި ހުންނަ ހުޅުނބުތަކާއި މަހުގެ ޓިޝޫތައް އަދި ވިހަ ބައިތަކާއި އެ މަހުން އަރާފާނެ އެއްވެސް ކަހަލަ ބައްޔެއް ނެތްކަން ޔަގީންކުރެ އެވެ. އަދި މަހުގައި ހުންނަ ނުބައި ވަސް ވެސް ކަނޑުވާލަ އެވެ.

ތަޖުރިބާކާރުން ބުނަނީ މަހުގެ ހަމަކީ އިންފެކްޝަނެއްގެ ނުރައްކާ ކުޑަ އަދި އަގުހެޔޮކޮށް ދެވޭ ފަރުވާއެއް ކަމަށެވެ.

މަހުގެ ހަން ޕްރޮސެސްކޮށް ދަމާ ވާންކޮށްފައި ލެމިނޭޓްކޮށް ފްރިޖްގައި ރައްކާކުރެ އެވެ. މި ހަންގަނޑު ހުންނަނީ 10 ސެންޓިމީޓަރު 20 ސެންޓިމީޓަރުގެ ސްޓްރިޕްތަކެއްގެ ގޮތަށެވެ. އަދި މިގޮތަށް ފްރިޖްގައި ރައްކާކޮށްފައި ދެ އަހަރު ދުވަހު ބެހެއްޓެ އެވެ.

މި މަހުގެ ހަން މާރިއާގެ އަތާއި ފައި އަދި ކަރުގައި އަޅާފައި 11 ދުވަސް ވަންދެން ބެހެއްޓި އެވެ. އޭގެ ފަހުން އެ އެއްޗެހި ނައްޓާލި އިރު ފިހިފައިވާ ތަންތަނަށް އަސްލު ހަން އެރުމުގެ އިތުރުން މުޅިން ފަސޭހަވި އެވެ.

ނަމަވެސް އޭނާގެ ވާތުގައި ހުރި ޒަޚަމް ފުންކަމުން އެތަނުން ހަންގަނޑު ނުނަގާ ތަންކޮޅެއް ގިނަ ދުވަސް ވަންދެން ބެހެއްޓި އެވެ.