Roadha Mihaaru
ތިން ހަރަމަށް ކުރާ އުމްރާ ދަތުރަށް ހުޅުވާލައިފި

ތިން ހަރަމަށް ކުރާ އުމްރާ ދަތުރަށް ފުރުސަތު ހުޅުވާލައިފި

17 ޑިސެމްބަރ 2016

ތިން ހަރަމަށް ކުރާ ހާއްސަ އުމްރާ ދަތުރުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތިން ހަރަމަށް ކުރާ ހާއްސަ އުމްރާ ދަތުރުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

މި ދަތުރުގައި ހިމެނެނީ މުސްލިމުންގެ ތިން ހަރަމްކަމަށް ވާ މަސްޖިދުލް ހަރަމް (މައްކާ) އާއި މަސްޖިދުއް ނަބަވީ (މަދީނާ) އަދި ފަލަސްތީނުގައި ހުންނަ މަސްޖިދުލް އަގްސާ އަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ތިން ހަރަމްގެ އިތުރުން މި ދަތުރުގައި ސައުދީއަރަބިއްޔާ އާއި މިސްރާއި ޖޯޑަން އަދި ފަލަސްތީނުގައި ހުރި އިސްލާމީ ތާރީހާއި ގުޅުން ހުރި މުހިއްމު ތަންތަން ބަލައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ދަތުރުގެ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 49،965ރ. އެވެ.

އަދި ހަތަރު މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުންގެ ގުރޫޕެއް ރަޖިސްޓަރީ ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މި ދަތުރުގައި ސައުދީއަރަބިއްޔާގެ މައްކާގައި ނުވަ ދުވަސް، މަދީނާގައި ދެ ދުވަސް އަދި މިސްރުގައި ފަސް ދުވަސް ހޭދަކުރާނެ އެވެ. އަދި ޖޯޑަންގައި ދެ ދުވަހާއި ފަލަސްތީނުގައި ތިން ދުވަސް ހޭދަކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ދަތުރަށް މީހުން ފުރާނީ އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި މާލެ އަންނާނީ މާޗް 25ގަ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ އުމްރާ އަށް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށް ފަހު، އެ ކޯޕަރޭޝަނަށާާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކަށް ގޮސް ރަޖިސްޓަރީ ކުރެވޭނެ ކަމަށެވެ. އަދި ރަޖިސްޓަރީ ކުރާއިރު ފޯމާ އެކު މަދުވެގެން 20،000ރ. ދައްކަން ޖެހެ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ ދަތުރުގައި ބައިވެރިވާ މީހުން ރަޖިސްޓަރީ ކުރުމާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން ފައިސާ ދައްކަން ބޭނުންވާ މީހުންނަށް މަހުން މަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.