Roadha Mihaaru

އިތުރު މަގާމަކަށް މިވަގުތަކު ޝައުގުވެރިކަމެއް ނެތް: ޝާހިދު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަމެއް ނުގެންގުޅުއްވާ ކަމަށް ފޮރިން މިނިސްޓަރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަނަކަށް ޝާހިދުގެ ޝައުގުވެރިކަމެއް ނެތް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

10 ފެބުރުއަރީ 2022

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަމެއް ނުގެންގުޅުއްވާ ކަމަށް ފޮރިން މިނިސްޓަރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަސް އަހަރުގެ ދައުރަށް ހޮވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ދައުރު މިއަދަށް ހަމަވެ އެ މަގާމު މިހާރު އޮތީ ހުސްވެފަ އެވެ. އިންތިހާބު ބާއްވާނެ ތާރީހެއް އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ކަނޑައަޅާނެ އެވެ.

އެމްޑީޕީގެ އެންމެ މުހިއްމު މަގާމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ލިސްޓުގައި ޝާހިދު ހިމަނައި ވާހަކަ ފަތުރަމުން ދިޔަ ނަމަވެސް އެ ވާހަކަތަކުގައި ހަގީގަތެއް ނެތެވެ.

ޝާހިދު "މިހާރު"އަށް ވިދާޅުވީ އިތުރު އެއްވެސް މަގާމަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް މިވަގުތަކު ނުގެންގުޅުއްވާ ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހުޅުވާލިޔަސް އޭނާ ކުރިމައްޗެއް ނުލައްވާނެ އެވެ.

މުހިއްމު ޒިންމާތަކަކާ ހަވާލުވެވަޑައިގެން ހުންނެވި ޝާހިދު މިވަގުތު ވެސް ހުންނެވީ އެމެރިކާގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާންކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.

އަމްރު ވާދަކުރައްވަނީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކުގަ އެވެ. ކެބިނެޓުގައި ފައްޔާޒް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް އެއް ވަޒީރުގެ ގޮތުގަ އެވެ.

މި ދެ ބޭފުޅުން އިންތިހާބުގައި ވާދަކުރައްވައިފި ނަމަ ޗެއާޕާސަން ހޮވުމުގެ އިންތިހާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވުމުގެ ޖާގާ އެބައޮތެވެ.