Roadha Mihaaru
ޓެކްސީދަތުރުތަކުގެ އަގުބޮޑުކުރަން ޑްރައިވަރުން ނިންމައިފި

ޓެކްސީ ދަތުރުތަކުގެ އަގު ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ނިންމައިފި

06 މާޗް 2022

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ރާއްޖޭގައި ވެސް އަގު ބޮޑުކޮށްފައިވާތީ، މާލޭ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން އަމިއްލަ އަށް ރޭ ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ރާއްޖޭގައި ވެސް އަގު ބޮޑުކޮށްފައިވާތީ، މާލޭ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން އަމިއްލަ އަށް ރޭ ނިންމައިފި އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު މިހާތަނަށް ކަނޑައަޅަނީ ޓްރާންސްޕޯޓް މިނިސްޓްރީން ފާސްކޮށްގެން ކަމަށް ވިޔަސް ޓެކްސީ ސެންޓަރުތަކުގެ އަމިއްލަ މި ނިންމުމާ ގުޅިގެން އެ މިނިސްޓްރީ އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޓެކްސީ ދަތުރެއް 25ރ. އަށް ކުރި ދުވަސްވަރު 8ރ. އަށް ޕެޓްރޯލް ލިޓަރެއް ލިބުނަސް އިއްޔެ އިން ފެށިގެން 14.60ރ. އަށް އުފުލުމުން، ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމީ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެ އެވެ. އެ އަގު ބޮޑުކުރަން ނިންމީ މާލެ އާއި ހުޅުމާލޭގައި ޓެކްސީ ދުއްވާ ހުރިހާ ސެންޓަރުތަކެއްގެ އިއްތިފާގުންނެވެ.

ހުރިހާ ޓެކްސީ ސެންޓަރުތަކަކުން މި ގޮތަށް ނިންމިޔަސް އަގު ބޮޑުކުރާނީ ޑްރައިވަރުންގެ ވެސް މަޝްވަރާގެ މަތިންނެވެ.

ޓެކްސީ އަގުތައް ބޮޑުކުރާނެ ތަފްސީލު:

- މާލޭގެ އެތެރޭގެ ދަތުރެއް- 30ރ.

- ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ ދަތުރުތައް - 25ރ.

- މާލެއިން ހުޅުމާލެ އަށް - 100ރ.

- މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް - 80ރ.

- ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް - 120ރ.

- ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް - 40ރ.

- މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް - 100ރ

- ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް - 120ރ.

އެގޮތަށް އަގު ބޮޑުކުރަން ނިންމިޔަސް ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ހަމައަށް ކުރާ ޓެކްސީ ދަތުރުތަކުން އިތުރަށް ފަސް ރުފިޔާ ނަގަން ވަނީ ނިންމައިފަ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމާ ގުޅޭ މަޝްވަރާތަކުގައި އުޅޭ ޓެކްސީ ޑްރައިވަރަކު، "މިހާރު" އަށް ބުނީ، ރޭގެ ވަގުތެއްގައި ހުރިހާ ޓެކްސީ ސެންޓަރުތަކެއްގެ އެއްބަސްވެގެން އަގު ބޮޑުކުރަން ނިންމާފައިވާއިރު، މާދަމާގެ ވަގުތެއްގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ބައްދަލުކުރާނެ އެވެ.

މާލޭގެ މަގެއްގައި ޓެކްސީއެއް މަޑުކޮށްލައިގެން-- މިހާރު ފައިލް ފޮޓޯ

މާލޭގެ މަގެއްގައި ޓެކްސީއެއް މަޑުކޮށްލައިގެން-- މިހާރު ފައިލް ފޮޓޯ

މަޝްވަރާކުރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، ޓެކްސީ ސެންޓަރުތަކުގެ ތަތްގަނޑު ޖެހުމަށް ފަހު، މިނިސްޓްރީއަށް ހުށަހަޅާނެ އެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން އަގު ބޮޑުކޮށް ދަތުރުތައް ވެސް ފަށާނެ އެވެ.

އޭނާ ބުނިގޮތުގައި، މާލޭގެ އެތެރޭގައި ޓެކްސީ ދަތުރެއްގެ އަގު މިހާތަނަށް 25ރ. އަށް ކަނޑައަޅާފައި އޮތީ ޕެޓްރޯލް ލީޓަރެއްގެ އަގު 8ރ. ގައި ހުރި އިރެވެ. އަދި މިހާރު 4.60 އަށް އަގު ބޮޑުވެފައިވާތީ ދަތުރުގެ އަގު ބޮޑުކުރިޔަސް ޕެޓްރޯލްގެ އަގު ހެޔޮ ވުމުން އަނެއްކާ ވެސް ދަތުރު އަގު ހެޔޮކުރަން މަޝްވަރާކުރާނެ ކަމަށް އޭނާ ބުނެ އެވެ.

މިހާ ބޮޑަށް ޕެޓްރޯލްގެ އަގު ހުރީމާ އަޅުގަނޑުމެން ވެސް އަގު ބޮޑުކުރުމުގެ މަޝްވަރާތަކުގައި މި އުޅުނީ. މިހާރު ހުރި އަގުން ފަސް ރުފިޔާ ނޫނީ ހަ ރުފިޔާ ހެޔޮވިޔަސް އަޅުގަނޑުމެންގެ ދަތުރުތައް ވެސް ހެޔޮކުރަން މަޝްވަރާކުރާނެ،" ޓެކްސީ ޑްރައިވަރެއް

ދަތުރުތަކުގެ އަގު ހެޔޮކުރެވެން އޮތް އަނެއް ގޮތަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމެވެ. މީގެ ދެ އަހަރު ވުރެ ކުރިން ސަރުކާރުން ޓެކްސީތަކާއެކު އެގޮތަށް މަޝްވަރާކުރިޔަސް މިހާތަނަށް އެކަމުގައި އެއްބާރުލުން ނުލިބޭ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ޑްރައިވަރު ބުންޏެވެ.

އެކަމަކު ޕެޓްރޯލްގެ އަގު ހެޔޮ ނުވިޔަސް މީޓަރު ހަރުކޮށްފި ނަމަ، ދަތުރުތަކުގެ އަގު ހެޔޮވާނެ ކަމަށް އޭނާ ބުނެ އެވެ.