ސިފައިންގެ ތަމްރީނަށް ގޮސް އުޅެނިކޮށް، މުހައްމަދު ރާފިލް ކުއްލި ގޮތަކަށް މަރުވި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން އެކުލަވައިލި ޓީމުން އޭނާގެ ބައްޕަ އާއި މަންމަގެ ބަޔާނެއް ނަގައިފި އެވެ.
16 މާޗް 2022
ސިފައިންގެ ތަމްރީނަށް ގޮސް އުޅެނިކޮށް، މުހައްމަދު ރާފިލް ކުއްލި ގޮތަކަށް މަރުވި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން އެކުލަވައިލި ޓީމުން އޭނާގެ ބައްޕަ އާއި މަންމަގެ ބަޔާނެއް ނަގައިފި އެވެ.
ރާފިލްގެ ބައްޕަ "މިހާރު" އަށް މިއަދު ބުނީ އުމުރުން 19 އަހަރުގެ ދަރިފުޅުގެ މަރާ ގުޅިގެން އެމްއެންޑީއެފުން ބައްދަލުކުރި ކަމަށެވެ. ސެނަހިޔާގައި ބޭއްވި ބައްދަލުވުމުގައި އާއިލާގެ ކަންބޮޑުވުންތައް އަޑުއެހި ކަމަށާއި އޭގެ ފަހުން ބައްޕަ އާއި މަންމަގެ ބަޔާނެއް ޑޮކްޓަރުންގެ ޓީމުން ނެގި ކަމަށް ބުންޏެވެ.
"އަޅުގަނޑު ހަމަ އެ ބައްދަލުވުމުގައި ވެސް އެ ސުވާލު ކުރިން، މާފިލާފުށީގައި ފަރުވާ ދެވޭނެ ގޮތް ހުރެ، ޑޮކްޓަރެއް ހުރެ ސިއްހީ ހިދުމަތްތެރިން ތިބެ ކީއްވެހޭ ފަރުވާ ނުދިނީ، ޖަވާބެއް ނުލިބޭ،" ބައްޕަ ކިޔައިދިނެވެ.
އެމްއެންޑީއެފުން އާއިލާ އަށް ޔަގީކަން ދިނީ ރާފިލް އަށް ދިމާވި ހުރިހާ ކަމެއް ބަލާނެ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތް އެނގޭނީ ކޮމިޓީން މައްސަލަ ބަލައި ނިމުމުން ކަމަށާއި ރިޕޯޓެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އާއިލާ އަށް މައުލޫމާތު ދިން ކަމަށް ބުންޏެވެ.
އެކަމަކު އެ ރިޕޯޓް ނިމޭނެ ތާރީހެއް ނުބުނެ އެވެ.
ބައްޕަ ކިޔައިދިން ގޮތުގައި، ރާފިލްއާ އެކު މަސައްކަތްކުރި އެހެން މީހުންގެ ފަރާތުން މި ފަހުން ވެސް ވަނީ ހިތާމަވެރި ވާހަކަތަކެއް އަަޑުއިވިފަ އެވެ. އޭނާ ހުން އައިސްގެން އުޅޭ ކަމަށް ބުނުމުން އެމްއެންޑީއެފްގެ ތަމްރީނުގެ ސީރިއަސްކަން ހަނދާން ކޮށްދިން ކަމަށް އެކަކާ ހަވާލާދީ އާއިލާ އިން ބުންޏެވެ.
ރާފިލްގެ މަރާއި ތަމްރީންގައި އުޅުނު އިތުރު ދެ މީހެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން އެމްއެންޑީއެފުން މީޑީއާތަކަށް ފޮނުވި މެސެޖުގައި އޮތީ، އަސްކަރީ ތަމްރީނުތަކަކީ އޭގެ ޒާތުގައި ބުރަ، ރިސްކު ހިމެނޭ ތަމްރީނުތަކަކަށް ވާތީ އެކަމަށް މީހުން ހޮވަނީ ވެސް ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށް ފަހު، ތަމްތީނުތަކުގައި ބައިވެރިވެވޭ ގާބިލްކަން ހުރިކަން ޔަގީން ކޮށްފައި ކަމަށެވެ.
"ތިން ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެ، އޭގެ ތެރެއިން އެއް ކުއްޖަކު ނިޔާވެ، ދެވަނަ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ޖެހުމަކީ، އެމްއެންޑީއެފް އިން މިކަމާ ކަންބޮޑުވެ ހިތާމަ ކުރާކަމެކެވެ." އެ މެސެޖުގައި ބުންޏެވެ.
އެތަނުން ކުރިން ވެސް ބުނެފައިވާ ގޮތުގައި ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުންނެވެ.
ރާފިލްގެ ބައްޕަ ބުނެފައިވަނީ ތަމްރީނުގެ ކުރިން ހުން އައި ވާހަކަ ބުނަން 11 ފަހަރު ގުޅައި ދަރިފުޅު މެސެޖްކުރި ކަމަށެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި ތަމްރީނަށް ފުރިއިރު ވެސް ހުން އައިސްފައި ހުރި ދަރިފުޅަށް އެކަށީގެންވާ ފަރުވާ މަރުވުމާ ހަމައަށް ވެސް ލިބިފައެއް ނުވެ އެވެ. މާފިލާފުށީގައި ސިއްހީ ފަރުވާދޭނެ ތަނަކާއި ޑޮކްޓަރުން ތިބެ ފަރުވާ ނުލިބުމާއި ބަލިވެ އުޅޭކަން އެނގި ހުރެ ބުރަ ތަމްރީނުތަކުގައި ބައިވެރިކުރުމަކީ މައްސަލައެއްގެ ގޮތުގައި އޭނާ ނަގަ އެވެ. މި ތުހުމަތު އޭނާ ކުރީ ދަރިފުޅުގެ ފޯނުން ފެނުނު މެސެޖްތަކާއި ފަހު ކޯލްގައި ދެއްކި ވާހަކަތަކުގެ އިތުރުން ފަރުވާއާ ގުޅޭ ގޮތުން އޭނާ އަށް ލިބުނު މައުލޫމާތުތަކުންނެވެ.
އެކަމަކު ޅ. ނައިފަރު ހޮސްޕިޓަލުުން ބުނެފައި ވަނީ ހާލު ސީރިއަސް ވެގެން އެ ތަނަށް ގެންދިއުމުގެ ކުރިންނާއި ލޯންޗުމަތީގައި ވެސް ރާފިލް އަށް ފަރުވާ ދީފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވާ ކަމަށެވެ.
މަރުވި ފަހުން އެނގުނު ގޮތުގައި ރާފިލް ކޮވިޑަށް ޕޮޒިޓިވް އެވެ. އޭނާ ދެ ޑޯޒު ވެކްސިން ފުރިހަމަކޮށްފައި ކަމަށް އާއިލާ އިން ބުންޏެވެ.
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަނުކުރަން ކޯޓަށް
ޒައިދާން އަބަދުވެސް ދެއްކީ އެމްއެންޑީއެފަށް އޮތް ލޯބި
މިޔަރު ހަމަލާދިން ސިފައިންގެ މީހާ ނިޔާވެއްޖެ
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ސިފައިންގެ އާ ޗީފަކަށް ހިލްމީ، ވައިސް އަކަށް ގިޔާސް
ސިފައިންގެ ޗީފް އަބްދުއްރަހީމް އަންނަ މަހު ރިޓަޔާކުރަނީ
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!