Roadha Mihaaru
އާސަންދަ ބަޖެޓުގެ ބޮޑު ބައި ހުސްވެއްޖެ

އާސަންދަ ބަޖެޓުގެ ބޮޑު ބައި ހުސްވެއްޖެ

24 މާޗް 2022

ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރާ އާސަންދަ ސްކީމަށް މި އަހަރު ކަނޑައެޅި ބަޖެޓުގެ ބޮޑު ބައި ފުރަތަމަ ތިން މަހުގެ ތެރޭގައި ހުސްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރާ އާސަންދަ ސްކީމަށް މި އަހަރު ކަނޑައެޅި ބަޖެޓުގެ ބޮޑު ބައި ފުރަތަމަ ތިން މަހުގެ ތެރޭގައި ހުސްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އާސަންދަ ބަޖެޓުން 365 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އާސަންދައަށް މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމްލައަކީ 730 މިލިއަން ރުފިޔާ އެވެ.

އާސަންދައަށް ދައުލަތުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެ އެވެ. އެއް އަހަރަށް ވުރެ އަނެއް އަހަރު މި ހޭދަ ދަނީ ބޮޑުވަމުންނެވެ.

އާސަންދައަށް ކަނޑައެޅި ބަޖެޓަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓް އިތުރަށް މިދިޔަ އަހަރު ވެސް ހަރަދުކުރި އެވެ. މިދިޔަ އަހަރު އާސަންދައަށް 718 މިލިއަން ރުފިޔާ ބަޖެޓުން ކަނޑައެޅި އިރު އަހަރު ނިމުނު އިރު 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އާސަންދައަށް ކުރި ހޭދަ އެހާ ބޮޑުވީ އާސަންދައިގެ ކަންކަން އިސްލާހުކޮށް ބޭކާރުވެގެންދާ ހަރަދުތައް ކުޑަކުރުމަށް ހުށަހެޅި ސިޔާސަތުތައް ތަންފީޒުކުރުން މިދިޔަ އަހަރު ލަސްވެގެން ދިއުމުން ކަމަށް ފިނޭންސް މިނިސްޓްރީން މިއަހަރުގެ ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ.

އާސަންދަ ނިޒާމުގައި ހުރި ހަރަދު ބޮޑު ގޮތްތަކަށް ހައްލެއް ހޯދުމަށް މި އަހަރުގެ ތެރޭގައި މަސައްކަތް ކުރަން ރާވައިފައިވީ ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަނީ ބޭހަށެވެ.

މި އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން 2014 ގައި 251 މިލިއަން ރުފިޔާ ބޭހަށް ހަރަދުކުރިއިރު 2020 ގައި މި އަދަދު ވަނީ 752 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި 2019 ވަނަ އަހަރު ބޭހަށް ކުރި ހަރަދު 58.4 އިންސައްތައިގައި ހުރިއިރު 2020 ވަނަ އަހަރު މި ނިސްބަތް ހުރީ 62.4 އިންސައްތައިގައި ކަމަށް ވެސް ބަޖެޓުގައިވެ އެވެ. މިގޮތަށް ހަރަދު އިތުރުވުމަކީ ބޭސް އިސްރާފުވާ މިންވަރު އިތުރުވާ ކަމެއް ކަމެއް ކަމަށް ވެސް ފިނޭންސުން ހުށަހެޅި މައުލޫމާތުގައިވެ އެވެ.

މި ހޭދަކުޑަކުރުމުގެ އެއް ފިޔަވަޅެއްގެ ގޮތުގައި ތަންފީޒުކުރަން ނިންމާފައި އޮތީ މި އަހަރުގެ ތެރޭގައި ބޭހަށް މެކްސިމަމް ރީޓެއިލް ޕްރައިސް ނުވަތަ އެންމެ މަތިން ވިއްކޭ އަގު ކަނޑައަޅައި ތަންފީޒުކުރަން ފެށުމެވެ. މިކަމަށް އަމަލުކުރަން އެންމެ ފުރަތަމަ ނިންމީ މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ. އެއަށް ފަހު އެކަން ފަސްކުރީ މި މަހުގެ 1 ވަނަ ދުވަހަށެވެ. ނަމަވެސް އެ އުސޫލަށް އަމަލުކުރަން އަދިވެސް ނުފަށަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަގު ކޮންޓްރޯލްކޮށް ގެންނަ ބަދަލުން ބޭހަށް ކުރާ ހޭދައިން 205 މިލިއަން ކުޑަކުރެވޭނެ އެވެ.