ވާދަވެރިކަން ބޮޑުވެފައި އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ދައުލަތުގެ މުދަލާއި ވަސީލަތްތަކުން ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، އެއް ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ހުށަހެޅި ޝަކުވާތައް އެ ޕާޓީން ބަލަން ފަށައިފި އެވެ.
10 އެޕްރީލް 2022
ވާދަވެރިކަން ބޮޑުވެފައި އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ދައުލަތުގެ މުދަލާއި ވަސީލަތްތަކުން ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ، އެއް ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ހުށަހެޅި ޝަކުވާތައް އެ ޕާޓީން ބަލަން ފަށައިފި އެވެ.
އެ ޓީމުން މި ތުހުމަތުކުރީ ޗެއާޕާސަން ކަމަށް ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޓީމަށެވެ. ތާއީދު ހޯދަން ވަޒީފާތައް ދިނުމާއި ވަޒީފާތަކުން މީހުން ވަކިކުރުމާއި އިންޒާރު ދިނުމާއި ދައުލަތުގެ ވަސީލަތްތަކުގައި ކެމްޕޭން ކުރަމުންދާ ކަމުގެ ތުހުމަތު އެ ޓީމުގައި ވަނީ އަޅުވައިފަ އެވެ.
އެކަމަކު، މި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ފައްޔާޒްގެ ކެމްޕޭން ޓީމުން ބުނެ އެވެ. އިންތިހާބަށް ނުކުތްއިރު، މި ކެމްޕޭނުގައި އެފަދަ ހުރިހާ އިލްޒާމެއް އަޅުވާނެ ކަން ކުރިން ވެސް އެނގޭ ކަމަށް އެ ޓީމުން ބުނެފައި ވެ އެވެ.
އިންތިގެ ކެމްޕޭން ތަރުޖަމާން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ކެމްޕޭންގައި މެމްބަރުންގެ ފަރާތުން ލިބިފައިވާ ވަރަށް ގިނަ ޝަކުވާތަކާ ގުޅިގެން ބައެއް މައްސަލަތައް އެތެރޭގެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލަތައް ބަލަމުން އަންނަނީ ޗެއާޕާސަނާއި އަންހެނުންގެ ރޫހުގެ އިންތިހާބަށް އެކުލަވާލާފައި އޮތް ޝަކުވާ ބަލާ ކޮމިޓީންނެވެ.
އޭގެ ތެރެއިން މައްސަލައަކަށް ޖަވާބު ފޮނުވައި ބަލަމުން އަންނަ ކަމަށް ކޮމިޓީން ޔަގީންކަން ދީފައިވާ ކަމަށް ވައްޑެ ވިދާޅުވި އެވެ.
ކޮމިޓީން ޖަވާބު ފޮނުވީ، އޭނާ ވިދާޅުވި ގޮތުގައި، އިންތިއަށް ތާއީދުކުރާ މީހުންނަށް ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިބި މީހުން މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން ބިރުދައްކަމުންދާ ކަމަށް ހުށަހެޅި މައްސަލައިގަ އެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ މި ކަންކަން ބަލައި ފަހަތު ފަޔަށް ބުރަނުވެ ސީރިއަސްކަމާ އެކު ފިޔަވަޅު އަޅުއްވާނެ ކަމަށް،" ވައްޑެ ވިދާޅުވި އެވެ.
މި އިންތިހާބުގެ ފޯރިގަދަވެ ދެ ފެކްޝަނަށް ތުހުމަތުތަކާއި ބައެއް ހަމަލާތަށް އަމާޒުކޮށްފައި ވަނީ 2023 އަށް ޕާޓީގެ ކުރިމަގު ކަނޑައެޅުމުގެ އިދާރީ ކަންކަމުގައި ޗެއާޕާސަންގެ ދައުރު ބޮޑު ކަމުންނެވެ. ޗެއާޕާސަންގެ މި އިންތިހާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ހިނގާ ފައިޓެއްކަން ކެމްޕޭނުގެ މަންޒަރުތަކުން ސާފުވެ އެވެ. ފައްޔާޒްއާ އެކު ތިއްބެވީ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުންތަކަށް ތާއީދުކުރައްވަމުން ގެންދަވާ މެމްބަރުންނެވެ. އިންތިއާ އެކު ކެމްޕޭންގައި ހަރަކާތްތެރިވަނީ ނަޝީދަށް ވަފާތެރި މަޖިލިސް މެމްބަރުންނެވެ.
އަންނަ މަހުގެ 14 ގައި އޮންނަ އެމްޑީޕީގެ އިންތިހާބުގައި 94,000 އަށް ވުރެން ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
ދެ ފެކްޝަނުން ވެސް އަންނަނީ އިންތިހާބު ކާމިޔާބުކުރަން ވަރުގަދަ ކެމްޕޭން ކުރަމުންނެވެ. މި ކެމްޕޭންގައި ފައްޔާޒާއި އިންތި ގެންދަވަނީ އެކި ރަށްތަކަށް ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވަމުންނެވެ.
އިންތި: ވަރުގަދަ އުންމީދެއް، 100 ޕަސެންޓް ޔަގީން
ގައުމީ މަޖިލީހުގެ ހޫނުވި ވޯޓު: ނަޝީދަށް މެސެޖެއް؟!
100 ވޯޓުން ނިންމީ ޗެއާޕާސަން އިންތިހާބު ފަސްކުރަން
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕީޕީއެމްގެ އިންތިހާބު: ފައްޔާޒު އާކުރީ ކުރީގެ ތަޖުރިބާ
ދާއިރާތަކުގެ އަޑު: "ރައީސަށް އިތުބާރު އެބައޮތް"
އިންތިގެ ކެމްޕޭންޓީމުގެ ސައިކަލުތަކަކަށް ގެއްލުންދީފި
ނަތީޖާ އަށް ބަދަލު އަންނާނެ ޝަކުވާއެއް ނެތް: އެމްޑީޕީ