Roadha Mihaaru
ނިއު އަކީ އަބަދުވެސް ހާއްސަ ކްލަބެއް: ސެންޓޭ

ނިއު އަކީ އަބަދުވެސް ހާއްސަ ކްލަބެއް: ސެންޓޭ

25 ޑިސެމްބަރ 2016

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާއިރު، މިއީ އޭނާ އެ ޓީމަށް ކުޅެން ސޮއިކުރި ތިން ވަނަ ފަހަރެވެ. ކުރިއަށް އޮތީ ސެންޓޭ ނިއު އަށް ކުޅޭނެ ފަސް ވަނަ ސީޒަނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާއިރު، މިއީ އޭނާ އެ ޓީމަށް ކުޅެން ސޮއިކުރި ތިން ވަނަ ފަހަރެވެ. ކުރިއަށް އޮތީ ސެންޓޭ ނިއު އަށް ކުޅޭނެ ފަސް ވަނަ ސީޒަނެވެ.

އޭވައިއެލް އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދުނުއިރު ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ތިން ސީޒަނުގައި ނިއު އިން ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދިއިރު ސެންޓޭގެ ދައުރު ވަރަށް ބޮޑެވެ.

ސެންޓޭ "މިހާރަ"ށް ބުނީ ނިއު އަކީ އޭނާގެ ކެރިއަރުގައި އަބަދުވެސް އެންމެ ހާއްސަ އެއް ކްލަބް ކަމަށެވެ.

"ކްލަބް ކެރިއަރުގައި މިހާތަނަށް ލިބިފައި އޮތް ހުރިހާ ކާމިޔާބީއެއް ލިބުނީ ނިއުގައި ހުރެ. އެއީ މި ކްލަބަށް އައުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބު. ދެން މި ކްލަބާ އަހަންނާ އޮންނަ ގުޅުން ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރި. އަދި ފެމިލީ ވެސް ބޭނުންވޭ ނިއު އަށް ކުޅެން،" ސެންޓޭ ބުންޏެވެ.

ޓީސީ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސެންޓޭ އަކީ މި ސީޒަނުގައި 34 ލަނޑު ޖަހައި ރަން ބޫޓު ކަށަވަރުކުރި ކުޅުންތެރިޔާ އެވެ. އަދި އެފްއޭއެމް އާއި މޯލްޑިވްސް ފުޓްބޯޅަ އިންދޭ އެވޯޑަށް ނޮމިނޭޓްވި ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ސެންޓޭ ހިމެނެ އެވެ.

މިއީ ސެންޓޭގެ ކެރިއަރުގައި އޭނާ ސީޒަނުގެ ހުރިހާ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ތަށްޓެއްގައި އަތްލުމުގެ ނަސީބު ނުލިބުނު ނަމަވެސް ޓީސީގައި ހުރެ އޭނާ ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފަ އެވެ.

"ޓީސީގައި ތަށްޓެއް ނުލިބުނުކަން އެކަނި. ބާކީ ހުރިހާ ކަމަކާ މެދު ހިތްހަމަ ޖެހޭ. ކްލަބާ މެދު ހިތްހަމަ ނުޖެހުމެއް ނެތް. ޓީސީގައި ހޭދަކުރި ދުވަސްތައް މަތިން އަބަދުވެސް ހަނދާން ހުންނާނެ. ޓީސީގައި އޮތީ އެކުވެރި ރޫހެއް. ކެރިއަރުގައި އަދިވެސް ޓީސީން ފުރުސަތު ދީފިނަމަ އަލުން އެ ޓީމުގެ ޖާޒީގައި ފެނުމުގެ ފުރުސަތު އެބައޮތް،" ބ. އޭދަފުށްޓަށް އުފަން ސެންޓޭ ބުންޏެވެ.

މިފަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސެންޓޭ ވަނީ ޓީސީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ފައިނަލަށް ގެންގޮސްދޭން އެހީތެރިވެފަ އެވެ.