Roadha Mihaaru
ފެހުމުގައިވީ ވަފާތެރިކަން އަދި ހަޔާތުގައިވީ އުފާވެރިކަން

ފެހުމުގައިވީ ވަފާތެރިކަން އަދި ހަޔާތުގައިވީ އުފާވެރިކަން

26 އެޕްރީލް 2022

އިސްކޮޅުގައި ފަސް ފޫޓް ހަތް އިންޗި ހުންނާތީ ހެޔޮވަރު ހެދުމެއް މާލެއިން ހޯދުންވީ އޭނާ އަށް ކާމިޔާބުނުކުރެވުނު ގޮންޖެހުމަކަށެވެ. އެ ސިލްސިލާ އޭނާގެ ހަޔާތުން ފަހައި ފައްސާލީ އަމިއްލަ އަށް ފަހަން ދަސްކޮށް، ކަނޑައި ފަހައި ފަރިކުރި ހެދުންތަކުންނެވެ. 'ފަހާފޮށި އެމްވީ' ގެ ފެށުމަކީ މިއެވެ. އަދި މި ފަހާފޮށި ދޮށުގައި އިން 31 އަހަރުގެ އައިޝަތު ވަފާގެ އުފަލަކީ ވެސް މިއެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

އިސްކޮޅުގައި ފަސް ފޫޓް ހަތް އިންޗި ހުންނާތީ ހެޔޮވަރު ހެދުމެއް މާލެއިން ހޯދުންވީ އޭނާ އަށް ކާމިޔާބުނުކުރެވުނު ގޮންޖެހުމަކަށެވެ. އެ ސިލްސިލާ އޭނާގެ ހަޔާތުން ފަހައި ފައްސާލީ އަމިއްލަ އަށް ފަހަން ދަސްކޮށް، ކަނޑައި ފަހައި ފަރިކުރި ހެދުންތަކުންނެވެ. 'ފަހާފޮށި އެމްވީ' ގެ ފެށުމަކީ މިއެވެ. އަދި މި ފަހާފޮށި ދޮށުގައި އިން 31 އަހަރުގެ އައިޝަތު ވަފާގެ އުފަލަކީ ވެސް މިއެވެ.

"އެކަމަކު އެންމެ ފުރަތަމަ އަޅުގަނޑު އަބަދުވެސް ބޭނުންވީ ޓީޗަރަކަށް ވާން. އަޅުގަނޑު ބޭނުންވީ އިންގްލިޝް ޓީޗަރަކަށްވާން،" ހެދުން ކެނޑުމާއި ފެހުމާއި ރީތިވުމުގެ ކުލަގަދަ މާހައުލަކަށް ބޮޑުވަމުންދިޔައިރު ވެސް ފެހުމާއި ފެޝަން ޑިޒައިންގެ ދާއިރާއިން ކުރިއަށް ދެވިދާނެ ކަމުގެ އެއްވެސް ހިޔާލެއް ފިކުރެއް އޭރަކު ނެތް ކަމަށް ބުނެ ވާހަކަ ދައްކަމުން ހެމުން ވަފާ ކިޔައިދިނެވެ.

ވަފާ އަކީ އޭނާގެ މަންމަގެ ތިބި ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށްޓަށް ހުރި ކުއްޖާއެވެ. އޭނާގެ ތިން ކޮއްކޮއިން ވެސް ތިބީ ޓޫރިޒަމް އިންޑަސްޓްރީގައެވެ. އެކަމަކު ވަފާގެ މަންމަ އަކީ އަބަދުވެސް ފެހުމާއި ހެދުން ޑިޒައިންކުރުމުގެ ހުނަރުގައި ނިދައި ހޭލައި އުޅުނު މީހެކެވެ. ވަފާގެ ހަޔާތުގައި އޭނާ އަށް ފެނުނު އެންމެ ބޮޑު އާޓިސްޓެވެ. އަދި އެންމެ ބޮޑު އިންސްޕިރޭޝަނެވެ.

"މަންމަ އެކަމަކު މިހާރު ބުނާނީ ތިމަންނައަކީ ފެހުމުގެ އެއްވެސް މަސައްކަތެއް އެނގޭ މީހެއް ނޫނޭ. އެކަމަކު ކުޑައިރު އަޅުގަނޑު އުޅެބޮޑުވިއިރު މަންމަ އާއި ބޮޑުދައިތަމެން އަބަދުވެސް އުޅުނީ ހެދުން ފަހަން. ހެދުން ފެހުމުގެ ބޮޑު ގެއެއް އަޅުގަނޑުމެންގެ ގެއަކީ،" ވަފާ ކިޔައިދިނެވެ.

ވަފާގެ "ފަހާފޮށި" ޕޭޖުގައި ޕޯސްޓްކޮށްފައިވާ ފޮޓޯ

ވަފާ ބުނީ މީގެ ތިން ވަރަކަށް އަހަރު ކުރިން އޭނާ އެންމެފަހުން ފަހާ 'ތަންކޮޅެއް' ދިރިއުޅޭ އަމިއްލަ އެޕާޓްމަންޓްގައި ހުޅުވައިގެން 'ފަހާފޮށި އެމްވީ' ގެ ނަމުގައި ބްރޭންޑްކޮށް، އާންމުންނަށް ހިދުމަތްދޭ ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް އިއުލާނުކުރީ ހިތުގައި އެކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. ނަމަވެސް އަމީނިއްޔާ ސްކޫލްގެ ކިޔެވުމަށް ފަހު އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރަމުން ދިޔައީ އިމިގްރޭޝަނުގައެވެ.

އިމިގްރޭޝަނުގައި ގާތްގަނޑަކަށް ހަތް އަހަރު ވަންދެން އުޅުމަށް ފަހު ދެން މި އަންނަނީ އޭނާ އުދުއްސައިގަތް ވާހަކައެވެ.

"އަޅުގަނޑު އަބަދުވެސް ވަރަށް ބޭނުންވި ކަމެއް ދުނިޔެ ބަލައިލުމަށް ދަތުރުކުރުމަކީ،" އިމިގްރޭޝަންގެ ދުވަސްތަކަށް ފަހު މެގަމޯލްޑިވްސްގައި ފްލައިޓް އެޓެންޑަންޓަކަށް އުޅުނު ހަތަރު އަހަރު ވަރަށް ކުރުކޮށް ސިފަކޮށް ވަފާ ކިޔައިދިނެވެ.

"މެގަ މޯލްޑިވްސްގެ އެ ތަޖުރިބާއަކީ ހަމަ އަސްލަށް ވެސް ޑްރީމް ޖޮބެއް. އެކަމަކު މިހާރު އަޅުގަނޑު ކުރާ ކަމަކީ ފެހުން. އަދި މިއީ މިހާރު އެންމެ ކުރާ ހިތްވާކަމަކީ ވެސް."

ވަފާގެ ރެޑީޓުވެއާގެ އެންމެ ހާއްސަ ސްޓައިލަކީ އޭނާގެ 'ސަމާ ޑްރެސް' ތަކެވެ. މިނިމަލިސްޓިކް ލުކާއި ކުލައިގެ ތެރެއިން އޭނާ އަމިއްލަ އަށް ޑިޒައިންކޮށް ފަހަމުންދާ ހެދުންތަކެވެ.

ވަފާގެ "ފަހާފޮށި" ޕޭޖުގައި ޕޯސްޓްކޮށްފައިވާ ފޮޓޯ

"އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑު މިއީ ޕްރޮފެޝަނަލީ ފެޝަން ޑިޒައިން ކިޔަވައިގެން ހުރި މީހެއް ނޫން. އެކަމަކު އެކަން ވަރަށް ކުރާހިތުން ކުރާ މީހެއް. އަމިއްލަ އަށް ހުރިހާ ކަމެއް މަޑުމަޑުން ދަސްކުރަމުންދާ މީހަކަށްވީމަ މިވަގުތު އަޅުގަނޑު ކުރިއަށް ދާން ބޭނުންވަނީ ވެސް މަޑުމަޑުން،" ވަފާ ބުންޏެވެ.

އެންމެ ކުޑައިރު ވެސް އޭނާ ކޮންމެ ދުވަހަކު ހަމަ މިގޮތަށް ހެދުން ފެއްސެވެ. އެއީ ދޮގެކެވެ. އޭރު އޭނާ ހެދުން ފެހީ ކުޅެން ގެންގުޅުނު ބާބީ ޑޯލުތަކަށެވެ. ކޮންމެ ދުވަހަކު ކޮންމެ ބުދަކަށް އައު ހެދުމެކެވެ. އޭނާގެ މަންމަ އަބަދުވެސް އޭނާ ކުޑައިރު ހެދުން ފަހައި ތިއްތިކޮށްދިން ގޮތަކަށެވެ.

ބާބީ ޑޯލު ކުޅެ ފޫހިކޮށްލާފައި އޭނާ ދެން ހެދުން ފަހައި ދޭން ފެށީ ރައްޓެހިންނާއި އާއިލާގެ މީހުންނަށެވެ. ނުވަތަ އަމިއްލަ އަށް ލާނެ އެއްޗެއްސެވެ. އަތުގައި އޮތް ޖިންސު ރޫޅައި ކުދިކޮށް ސްކާޓަކަށް ވެސް ބަދަލުކޮށްލަފާނެއެވެ. އެކަހަލަ ފޫހިފިލުވުމެވެ.

ނަމަވެސް ވަފާ ބުނީ ސީރިއަސްކޮށް ފެހުމުގެ ތެރެއަށް ވެއްދީ އޭނާގެ އިސްކޮޅު ކަމަށެވެ.

"އަޅުގަނޑަކީ އިސްކޮޅުން ވަރަށް ދިގު އަންހެން ކުއްޖަކަށްވީމަ އަބަދުވެސް ލިބޭނީ ކުރު ހެދުން. ކިތަންމެ ރީތި ހެދުމެއް ފެނުނަސް އެ ހެދުމެއް ވާނީ ކުރު. އަމުދުން މިހާރު މި ފަހާ ސްޓައިލްގެ ސަމާ ޑްރެސްއެއް ހޯދަން ބެލިޔަސް ސައިޒެއް ނުލިބޭނެ،" ވަފާ ކިޔައިދިނެވެ.

"ދެން އަމިއްލަ އަށް ލާން ބޭނުންވާ ހެދުންތައް އަމިއްލަ އަށް ފަހަން ފަށައިގެން އާންމުންނަށް ވެސް ހެދުން ފަހައި ދޭން ފެށި ހިސާބުން މި އެނގުނީ މިގޮތަށް ސައިޒުދިމާނުވާ ބައިވަރު ކުދިން އަދި އެބަ އުޅޭކަން. އަޅުގަނޑަށް ވުރެ މާ ދިގު ކުދިން ވެސް އެބަ އާދޭ ހެދުން ފައްސަން، އެމީހުންނަށް ހެޔޮވަރު ހެދުން ފިހާރަތަކުން ގަންނަން ނުލިބޭތީ."

ވަފާގެ "ފަހާފޮށި" ޕޭޖުގައި ޕޯސްޓްކޮށްފައިވާ ފޮޓޯ

ވަފާ ބުނީ އޭނާގެ ބްރޭންޑް މިވަގުތަށް ކިތަންމެ ކުޑަޔަސް އަދި އޭނާގެ ފަހާތަން ދިރިއުޅޭ ގޭގެ ކުޑަކުޑަ ކަނެއްގައި ހުއްޓަސް ހުވަފެނަކީ ރެޑީ ޓު ވެއާ ކަލެކްޝަންތަކެއް އަމިއްލަ މަރުކާއެއްގެ ދަށުން ފަސޭހައިން ވަގުތުން ގަންނަން ލިބޭނެ މަގު އަންހެން ކުދިންނަށް ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި އެންމެ ފުރަތަމަ މި މަސައްކަތް ފެށިއިރު ހިތުގައި ހާސްކަމެއް އުފެދުނަސް މިހާރު އެއްވެސް ޝައްކެއް ނުވަތަ ހާސްވުމެއް ނެތް ކަމަށެވެ.

"މިހާރު އެންމެ ހާސްވަނީ މީހަކަށް ނިންމައިދޭން ބުނާ ހެދުމެއް އެ ބުނާ ދުވަހަކަށް ނުނިންމިދާނެތީ. އެކަމަކު އަޅުގަނޑަކީ އަބަދުވެސް އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ކޮންމެ ހެދުމެއް ވެސް ފަހައި ފިޓްކޮށް ނިންމައި ޑެލިވަރީކުރާ މީހެއް،" ވަފާ ބުންޏެވެ.

ވަފާ

ވަފާ

"އެ ހެދުމެއް ނުނިންމިއްޖެ ނަމަ ދެން އަޅުގަނޑަކަށް ނުވެސް ނިދޭނެ."

ވަފާ ބުނީ އޭނާގެ މި ދަތުރުގައި އެންމެ ބޮޑު އުފަލަކީ ކުރު މުއްދަތެއްގެ ތެރޭގައި އޭނާ އަށް ލިބުނު ލޯތްބާއި އިތުބާރެވެ. ވަކިން ހާއްސަކޮށް ނުވެސް ދަންނަ މީހުންގެ މީހުން އޭނާ އާއި އޭނާގެ މަސައްކަތް ބަލައިގަތުން ވަފާ ސިފަކުރަނީ އޭނާގެ ހަޔާތުގައި ވެސް ނުލިބޭވަރުގެ ބޮޑު އުފަލެއްގެ ގޮތުގައެވެ.

"ހިތްވަރެއް ހުރެއްޖެއްޔާމު ގޮތެއް ހުހެއް ނުވާނެއޭ އަބަދުވެސް ހިތަށް އަރާ އެއްޗަކީ. އެންމެ ކުޑައިރުވެސް ބޮލު ތެރޭގައި އުޅޭ ބުނުއެއް އެއީ. އެހެންވީމަ އަޅުގަނޑު ބުނެލަން ބޭނުންވަނީ ކުރާ ހިތްވާ ކަމެއް އަމާޒަކަށް ހަދައިގެން ކުރިއަށް ދާން ވިސްނާށޭ ކޮންމެ މީހަކު ވެސް. އަދި އެކަމަކަށް އެމީހެއްގެ ޕެޝަން ހުސްކޮށްފި ނަމަ އެކަމެއްގައި ކާމިޔާބު ލިބޭނެއޭ،" ވަފާ ބުނެލިއެވެ.

ވަފާގެ "ފަހާފޮށި" ޕޭޖުގައި ޕޯސްޓްކޮށްފައިވާ ފޮޓޯ

މި އިންޓަވިއު ނިންމާލާފައި އޭނާ އަނެއްކާވެސް އެނބުރިގަންނާނީ އޭނާގެ ފަހާފޮށްޓަށެވެ. ހިތް ފަސޭހަ މިއުޒިކާއި ހިތަށް ފަސޭހަ ލަވައެއް ޕްލޭކޮށްލައިގެން އޭގައިވީ ހަރުބީއާ އެއްވަރަކަށް ފަހަމުން ފޫހިފިލުވަމުންގެންދާއިރު އޭނާގެ މި ކުޑަކުޑަ ފަހާގޮޅީގައި އޭނާ ފޫހިފިލުވައިދޭން އޮންނާނީ އޭނާގެ 'ސިނަމަން' އެވެ. ގޭގައި އޭނާ ގެންގުޅޭ ލޯބިލޯބި ބުޅަލެވެ.

ފެހުމުގެ މި ކުޑަކުޑަ ވިޔަފާރި ވަފާ ސިފަކުރަނީ ހަމައެކަނި އައު ވިޔަފާރިއެއްގެ ގޮތުގައެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އޭނާގެ ހިތާއި ނަފުސަށް ހޯދާ އަރާމަކާއި ހިތްހަމަޖެހުމެއްގެ ގޮތުގައެވެ.

"ކިތަންމެ މޫޑު އޮފުވެފައި ހުންނަ ދުވަހެއްގައި ވެސް ގޮސް ފަހާފޮށި ދޮށުގައި އިށީނދެ ފަހަން ފެށީމަ މޫޑް އެއްކޮށް ރަނގަޅުކޮށްލާނެ. އަދި އެންމެ އުފާވަނީ އަޅުގަނޑު ފަހައިދޭ ހެދުމެއް މީހަކަށް ކަމުގޮސްގެން އެމީހަކު އުފާވެފައި ހުންނަ ތަން ފެނުނީމަ،" ވަފާ ބުނެލިއެވެ.

"އެއީ މި މަސައްކަތުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ."

ހަމަ އަސްލަށް ވެސް ހިތާއި މަސައްކަތަށް ވަފާތެރިކަމުގެ މުޅިން އެހެން ލެވެލެކެވެ.