Roadha Mihaaru
މެލޭޝިއާގައި އުޅޭ ދަރިވަރުންނަށް އެސްއެސްސީ ޓެސްޓު ދެނީ

މެލޭޝިއާގައި އުޅޭ ދިވެހި ދަރިވަރުންނަށް އެސްއެސްސީ އިމްތިހާނު ދެނީ

10 މެއި 2022

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ވެސް އެ ގައުމުގައި ތިބެގެން އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ދޭން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ވެސް އެ ގައުމުގައި ތިބެގެން އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ދޭން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައި އެކަން އިފްތިތާހު ކޮށްދެއްވީ، މެލޭޝިއާ އަށް މިހާރު ކުރައްމުން ގެންދަވާ ރަސްމީ ދަތުރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

އެ ގޮތަށް ހަމަޖެއްސުމުން، އަންނަ މަހުގެ 1-6 އާ ދޭތެރޭގައި އޮންނަ އިސްލާމާއި ދިވެހި މާއްދާގެ އިމްތިހާނުގައި މެލޭޝިއާގެ ގްރޭޑް 10 ގައި ކިޔަވާ ހަ ދަރިވަރަކު ބައިވެރިވާނެ އެވެ. އެ ކަމަށްޓަކައި ހައި ކޮމިޝަންގެ ދެ މުވައްޒަފަކު ވަނީ އެގްޒަމިނޭޝަން އޮފިސަރުންގެ ގޮތުގައި ތަމްރީނުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަހަކީ ދިވެހިވަންތަ ކަމުގެ އެންމެ މުހިއްމު ދެ ރުކުން ކަމަށެވެ. އެއީ ރާއްޖޭގެ އައިޑެންޓިޓީގެ މުހިއްމު ދެ ތަނބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މެލޭޝިޔާގައި ކިޔަވަން އުޅޭ ދިވެހި ކުދިންގެ ތެރޭގައި ވަރަށް ތުއްތު އުމުރުން ފެށިގެން މި ތަނުގައި ދިރިއުޅެ، ބޮޑެތިވާ ކުދިން އެބަތިބި. ރާއްޖޭގައި ނޫޅުނު ކަމުގައި ވިޔަސް މި ކުދިންނަށް އަޅުގަނޑުމެންގެ ސަގާފަތާއި ބަހާއި ދީން އުނގަންނައިދިނުމަކީ މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދިވެހި ކޮންމެ ދަރިވަރަކީ ބަހާއި ސަގާފަތަށް އަހުލުވެރި އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވެ ބޮޑެތިވާ ދަރިވަރުންކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް،"

މީގެ ތިން އަހަރު ކުރިން މެލޭޝިއާ އަށް ކުރެއްވި ދަތުރެއްގައި ބައެއް ދިވެހިންނާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރެއްވުމުން، އެ ބެލެނިވެރިން ވަނީ އެ ގައުމުގައި ތިބެގެން އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ހޯދައިދިނުމަށް އެދިފަ އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، އެ ބެލެނިވެރިން އަދި މިނިސްޓްރީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެއްސާއި އިސްލާމް މާއްދާ ކިޔެވުމުގެ ފުރުސަތު ސްކޫލް މަރުހަލާގައި ފަހިވެފައި ނެތުމެވެ. އޭގެ ސަބަބުން ބަހާއި ދީނާ ދުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިޔާގައި އެސްއެސްސީ އިމްތިހާނު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މެލޭޝިޔާގައި އެސްއެސްސީ އިމްތިހާނު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދެ ވަނަ ކަންބޮޑުވުމަކަށް ބެލެނިވެރިން ފާހަގަކުރީ އިސްލާމާއި ދިވެހި މާއްދާގެ ފާހެއް ނެތުމުން ރާއްޖެ އިން ވަޒީފާގެ ފުރުސަތުތައް ހަނިވުމެވެ. އަދި ރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ ބައެއް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހަނިވުމުގެ ކަންބޮޑުވުންތައް ހިއްސާކުރި އެވެ.

ޑރ. އައިޝަތު އަލީ ވިދާޅުވީ ހުރިހާ ގައުމެއްގައި ވެސް މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ދޭއިރު އެ ބައެއްގެ އަމިއްލަ ބަހަށް އިސްކަންދޭ ކަމަށެވެ.

މިނިސްޓްރީން ބުނީ ދެން ކޮންމެ އަހަރަކު ވެސް މެލޭޝިއާގައި އެ އިމްތިހާނު ބާއްވާނެ ކަމަށެވެ. އެ އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެ އެވެ. އަދި ދަރިވަރުންނަށް ބޭނުންވާ އިސްލާމާއި ދިވެހި މާއްދާގެ ޓެކްސްޓު ފޮތްތައް މިނިސްޓްރީން ދޭނެ އެވެ.

ރާއްޖެ އިން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން މިހާތަނަށް އެސްއެސްސީ އިމްތިހާނު ދެމުން ދިޔައީ ލަންކާގަ އެވެ. އެކަމަކު، މި އަހަރަށް ފަހު މެލޭޝިއާގައި އުޅޭ ދިވެހި ދަރިވަރުންނަށް ވެސް އެ އިމްތިހާނު ދޭނެ އެވެ.