Roadha Mihaaru
ވޮލީ ކޯޗެއްގެ ގޮތުގައި ވެސް ނާޒިމާ ދުލެއް ނުދިން

ތައްޓަކަށް ފަހު ތައްޓެއް؛ ވޮލީ ކޯޗެއްގެ ގޮތުގައި ވެސް ނާޒިމާ ދުލެއް ނުދިން

10 ޖޫން 2022

"އަޅުގަނޑަށް ދަސް ކޮށްދީފައި ހުރީ ކަންކަމުގައި ގިވްއަޕް ނުކޮށް ކުރިއަށްދާން. މިއަދާ ޖެހެންދެން ވެސް އަޅުގަނޑަކީ ގިވަޕް ކުރާ މީހެއް ނޫން."

"އަޅުގަނޑަށް ދަސް ކޮށްދީފައި ހުރީ ކަންކަމުގައި ގިވްއަޕް ނުކޮށް ކުރިއަށްދާން. މިއަދާ ޖެހެންދެން ވެސް އަޅުގަނޑަކީ ގިވަޕް ކުރާ މީހެއް ނޫން."

މީ، ރޭ ނިމިގެން ދިޔަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ތަށި، ކްލަބް ވެމްކޯ އަށް ދިފާއުކޮށް ދިނުމަށް ފަހު، އެ ޓީމުގެ ކޯޗު އައިޝަތު ނާޒިމާ (ނާޒީ) ނޫސްވެރިންގެ ގާތުގައި ބުނި ވާހަކަ އެވެ.

ބީޗް ވޮލީގައި އޭނާގެ އަމިއްލަ ނަމުގައި އުފައްދާފައިވާ ކްލަބް، ފިއޮންޓީ ސްޕޯޓްސް ކްލަބަށް މީގެ ކުރިން ކޯޗުކޮށް ދީ ތަށި ހޯދައިދިން ނާޒިމާ، ވޮލީގެ ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އިންޑޯ ހޯލަށް ވަދެ، ނުކުމެގެން ދިޔައީ ތަށި ހިފައިގެންނެވެ. މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވެމްކޯ މޮޅުކޮށްދީ، އެކްލަބަށް ކާމިޔާބު ފަށްފަށް ކޮށްދިނެވެ.

"މިކަމުގައި (ވޮލީ ކޯޗެއްގެ ގޮތުގައި) ވެސް ލިބުނު ފުރުސަތު ބޭނުން ކުރީ ނާޒީ އަށް އެނގިފަ ހުރި އެއްޗެއް ބޭނުން ކޮށްގެން އިރާދަކުރެއްވިއްޔާ ކުރިއަށް ދާން. އެކަން ވެއްޖެ އިރާދަ ކުރެއްވިއްޔާ،" އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދި ނާޒިމާ ބުންޏެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ އެވޯޑާ ނާޒިމާ (ވ) ހަވާލު ވަނީ: މިއީ ވޯލީ ކޯޗެއްގެ ގޮތުގައި އޭނާ ހޯދި ފުރަތަމަ ކާމިޔާބު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ އެވޯޑާ ނާޒިމާ (ވ) ހަވާލު ވަނީ: މިއީ ވޯލީ ކޯޗެއްގެ ގޮތުގައި އޭނާ ހޯދި ފުރަތަމަ ކާމިޔާބު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބޮޑު ފައިނަލެކެވެ. ނަމަވެސް، ތަޖުރިބާ މަދު ނާޒިމާގެ ކިބައިން ޕްރެޝަރުގެ އަސަރެއް ނުފެނުނެވެ. އޭނާ އަށް ވުރެ ތަޖުރިބާކާރު ކޯޗަކު އިދިކޮޅު ޓީމުގައި ހުރި ނަމަވެސް ނާޒިމާ ހުރީ އިތުބާރާ އެކު އެވެ. އޭނާ ކުރިން ބުނި ގޮތުގައި ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވުމުން، މެޗުތަކުގެ ޕްރެޝަރު ކޮންޓްރޯލް ކުރަން އޭނާ އަށް އުނދަގުލެއް ނޫނެވެ. މެޗުގެ ތިން ސެޓްގައި ވެސް ވެމްކޯގެ ޓީމުން ގޭމް، އެއްވާނެއްގައި ހިފެހެއްޓި އެވެ. ފަހު ދެ ސެޓްގައި ތަފާތު ބޮޑު ކުރި އެވެ. ތަށި ގެންދިޔައީ ސީދާ ތިން ސެޓުން، ވޮލީގައި ނުފޫޒު ގަދަ ޕޮލިސް ކްލަބް ބަލި ކުރުމަށް ފަހު އެވެ.

"އިރާދަ ކުރެއްވިތީ ގޯލްޑާ [ރަން މެޑަލްއާ] އަޅުގަނޑު ރަށްޓެހީ ހަމަ،" ނެޓްބޯޅައިގެ ގައުމީ މުބާރާތާއި ބާސެކެޓްގެ ތްރީ އޮން ތްރީގެ ތަށި ވެސް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކުރި ނާޒިމާ ބުންޏެވެ.

ވޮލީގެ ތަޖުރިބާކާރު ގިނަ މީހިުން ފާހަގަ ކުރީ، ރޭ ގެ މެޗުގައި ވެމްކޯގެ ޓީމުން ފެނުނު ޖޯޝެވެ. ވީއޭއެމް ކޯޗާސް ކޮމިޝަންގެ ޗެއާމަން، ޝުއައިބް އަހުމަދު ބުނި ގޮތުގައި ބޯޅަ ރިސީވް ކުރުމުގައި ވެސް އަދި އެޓޭކްު ކުރުމުގައި ވެސް ވެމްކޯގެ ކުޅުންތެރިން ތަރުތީބުކޮށްފައި ވަނީ ވަރަށް ޑިސިޕްލްލިން ކޮށެވެ.

މުބާރާތުގެ ޑްރީމް ޓީމުގެ ކޯޗު ނާޒިމާ ކުޅުންތެރިން، ވޮލީގެ ލެޖެންޑް ސައްޔިދު އަލީ އާއެކު ފޮޓޯ އަށް ހުއްޓިގެން: ޑްރީމް ޓީމުގައި ނާޒިމާގެ ދަށުން ކުޅުނު ގިނަ ކުޅުންތެރިން ހިމެނޭ --- ފޮޓޯ ފަޔާޒު މުސާ | މިހާރު

މުބާރާތުގެ ޑްރީމް ޓީމުގެ ކޯޗު ނާޒިމާ ކުޅުންތެރިން، ވޮލީގެ ލެޖެންޑް ސައްޔިދު އަލީ އާއެކު ފޮޓޯ އަށް ހުއްޓިގެން: ޑްރީމް ޓީމުގައި ނާޒިމާގެ ދަށުން ކުޅުނު ގިނަ ކުޅުންތެރިން ހިމެނޭ --- ފޮޓޯ ފަޔާޒު މުސާ | މިހާރު

ފުރަތަމަ ސެމީ ފައިނަލުގައި ޕޮލިހާ ދެކޮޅަށް ކުޅެ، އުނދަގޫ މޮޅަކުން ފައިނަލަށް ދެވުނަސް، ވެމްކޯގެ ޓީމުން ވަނީ އެ މެޗުގައި ހެދުނު ހުރިހާ ގޯސްތަކެއް ރަނގަޅު ކޮށްފަ އެވެ.

ނާޒިމާ ބުނި ގޮތުގައި ޓީމުގެ ރޫހު އެހާ ރަނގަޅުވީ ވެމްކޯގެ އާއިލާ އަށް ނިސްބަތްވާ ކުޅުންތެރިންތަކެއް ތިބުމުންނެވެ. އެޓީމުގެ ގިނަ ކުޅުންތެރިންނަކީ ވެމްކޯގެ ކުންފުނީގައި ވަޒީފާ އަދާ ކުރާ ކުޅުންތެރިންނެވެ. އަދި ވެމްކޯގެ މެނޭޖުމެންޓާއި އެހެން މުވައްޒަފުން މެޗުތަކުގައި ދިން ސަޕޯޓް ވެސް މުހިންމު ހިއްސާއެއްވި ކަމަށް، ކުރީގެ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ގިނަ ކާމިޔާބުތަކެއް ހޯދި ނާޒިމާ ބުންޏެވެ.

މި ކާމިޔާބާ އެކު ވެމްކޯ އާއި ނާޒިމާގެ އުންމީދުތައް ވެސް މަތި ވެއްޖެ އެވެ. އޭނާ ބުނީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ އަޒުމު އެބަހުރި ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އެ އަޒުމުގައި ނުކުންނާނީ،" ކުރިން ދެމުން ދިޔަ "ހަވީރު" އެވޯޑާއި "އާފަތިސް" އެވޯޑް ވެސް ހާސިލު ކުރި، ކުޅިވަރުގެ ހިދުމްތްތެރިޔާ ބުންޏެވެ.