Roadha Mihaaru
ސްރީ ލަންކާގައި އިންސާނީ ކާރިސާއެއް ފެށިދާނެ: އދ

ލަންކާގައި އިންސާނީ ކާރިސާއެއް ފެށިދާނެ ކަމުގެ އިންޒާރު އދ. އިން ދީފި

10 ޖޫން 2022

ފައިސާގެ ދަތިކަން ބޮޑުވެ އިގްތިސާދު ހުއްޓުމަކަށް އައިސްފައިވާ ސްރީ ލަންކާގައި އިންސާނީ ބޮޑު ކާރިސާއެއް ފެށިދާނެ ކަމަށާއި މިހާރުވެސް ވަގުތުން އެހީތެރިކަން ބޭނުންވާ އެތައް މިލިއަން ބަޔަކު އެ ގައުމުގައި އެބަތިބި ކަމަށް އދ. އިން އިންޒާރު ދީފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ފައިސާގެ ދަތިކަން ބޮޑުވެ އިގްތިސާދު ހުއްޓުމަކަށް އައިސްފައިވާ ސްރީ ލަންކާގައި އިންސާނީ ބޮޑު ކާރިސާއެއް ފެށިދާނެ ކަމަށާއި މިހާރުވެސް ވަގުތުން އެހީތެރިކަން ބޭނުންވާ އެތައް މިލިއަން ބަޔަކު އެ ގައުމުގައި އެބަތިބި ކަމަށް އދ. އިން އިންޒާރު ދީފި އެވެ.

"މިހާރު އޮތް ކަންބޮޑުވުމަކީ އިންސާނީ ބޮޑު ކާރިސާއެއް މުޅި ގައުމުގައި ފެށުން. އެހެންވެ މިކަމަށް މި އަންނަނީ ތައްޔާރުވަމުން،" އދ.ގެ އިންސާނީ އެހީގެ އިދާރާގެ ތަރުޖަމާނު ޔެންސް ލެއަކީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ކަމަށް ބެލެވޭ 1.7 މިލިއަން މީހުންނަށް އެހީވުމަށް 47 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އެހެންވެ އދ. އިން ވަނީ އެހީދޭ ޖަމާއަތްތަކަށް މިކަމުގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ އެތައް މަހެއްވެ، ދަތުރުފަތުރާއި އެހެން ކަންކަމަށް ބޭނުންވާ ޕެޓްރޯލް ހޯދަން ކިއުތަކުގައި އެތައް ގަޑިއިރަކު ތިން ޖެހުން މިހާރު އެއީ ލަންކާގެ އާންމު ހާލަތެވެ. މި ދަތިކަމުގެ ތެރޭގައި މުދަލުގެ އަގު ބޮޑުވެ 22 މިލިއަނުގެ އާބާދީ އޮތީ ނުރައްކަލުގަ އެވެ.

ލަންކާއިން މާލީ އިދާރާތަކާއި އެކި ގައުމުތަކަށް ދައްކަންޖެހޭ 51 ބިލިއަން ޑޮލަރު ނުދެއްކި ޑިފޯލްޓްވެފައި ވާއިރު ބޭރު ފައިސާ ނުލިބޭތީ ވިޔަފާރިވެރިންނަށް ވެސް މުދާ އިމްޕޯޓްކުރެވޭނެ ގޮތެއް ނެތެވެ. އެހެންވެ އަސާސީ މުދަލާއި ތެޔޮ ވެސް އެކަށީގެންވާ ވަރާ ގާތަށް ވެސް ނުލިބެ އެވެ.

މިއީ ލަންކާއަށް 1948 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ގައުމަށް ދިމާވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއަށް ވަނީ ވެފަ އެވެ. ލެއަކީ ވިދާޅުވީ ލަންކާގެ ދަނޑުވެރިކަމަށް ވެސް ދަނީ އިގްތިސާދީ ކާރިސާގެ ނޭދެވޭ އަސަރުކުރަމުން ކަމަށާއި އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ވަރަށް ގިނަ އާއިލާތަކަކީ މިހާރު ފުދޭ ވަރަށް ކާން ވެސް ނުލިބޭ އާއިލާތައް ކަމަށާއި އެކަށީގެންވާ ސިއްހީ ފަރުވާ ވެސް ނުލިބި ކުޑަކުދިންގެ ރައްކާތެރިކަމާއި ތައުލީމަށް ވެސް ނޭދެވޭ އަސަރުކުރަމުންދާ ކަމަށެވެ.

ޔުނިސެފުން ސްރީ ލަންކާއަށް ކަނޑައަޅާފައިވާ މަންދޫބު ކްރިސްޓިއަން ސްކޫގް ވިދާޅުވީ ލަންކާގެ ހާލަތު ވަރަށް ނުރައްކާ ކަމަށާއި ކުރިން ވެސް އެ ގައުމުގެ 17 ޕަސެންޓް ކުދިންނަކީ އެކަށިގެންވާ ކާނާ ނުލިބޭ ކުދިންނަށް ކަމަށް ވާތީ އެކަމާ ކަންބޮޑުވުން އެބައޮތް ކަމަށެވެ. ކާނާ ލިބުމުގެ ދަތިކަން އެންމެ ބޮޑު 56،000 ކުދިންނަށް އެހީވުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުން އަންނަ ކަމަށް ސްކޫގް ވިދާޅުވި އެވެ.

"މިއީ މި ދަތިކަމުގައި މަރުވެދާނެ ކުދިން،" ސްކޫގް ވިދާޅުވި އެވެ.

ލެއަކީ ވިދާޅުވީ ލަންކާގެ އިގްތިސާދު އެކީ އެކަށް ހަލާކުވުމުގެ މަންޒަރުތައް ފެންނަ ކަމަށާއި އެހެންވެ ބައިނަލްއަގުވާމީ މުޖުތަމައުން ލަންކާއަށް އެހީވުން މުހިންމު ކަމަށެވެ. -- އޭއެފްޕީ