Roadha Mihaaru
ޖެނުއަރީގެ ހަމަނުޖެހުމަކީ ޓްރަމްޕުގެ ދޮގުތަކުގެ ނަތީޖާ

ޖެނުއަރީ 6ގެ ހަމަނުޖެހުމަކީ ޓްރަމްޕުގެ ދޮގުތަކުގެ ނަތީޖާ

14 ޖޫން 2022

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުންތަކެއް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ (ކެޕިޓޯލް) ތެރެއަށް، ޖެނުއަރީ 6، 2021ގައި ވަދެގަނެ ހިންގި ހަމަނުޖެހުންތަކަކީ، ރިއާސީ އިންތިޚާބުގެ ނަތީޖާއާ ބެހޭ ގޮތުން ޓްރަމްޕުގެ ފެތުރުއްވެވި ދޮގު ވާހަކަތަކުގެ ނަތީޖާކަން، ޓްރަމްޕުގެ އަރިސް ބޭފުޅުންގެ ވާހަކަތަކުން ހާމަވެއްޖެ އެވެ.

އެ ދުވަހުގެ ހަމަނުޖެހުންތަކަށް މަގު ފަހިވި ސަބަބު ދެނެގަތުމަށް، ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ކޮމިޓީން މިހާރު ކުރަމުންދާ ތަހުގީގުގައި، ޓްރަމަޕުގެ ވެރިކަމުގެ ދުވަސްވަރު މަތީ މަގާމުތަކެއް ފުރުއްވި ބައެއް ބޭފުޅުން އިއްޔެ ވަނީ ހެކިބަސް ދެއްވައިފަ އެވެ. އޭގެ ތެރޭގައި ޓްރަމްޕުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މަގާމުން އިސްތިއުފާ ދެއްވި އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާރް އާއި، އެޓާނީ ޖެނެރަލްގެ ނާއިބުގެ މަގާމުގައި ހުންނެވި ރިޗަޑް ޑޮނަހުއާ ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ވެސް، ރިއާސީ އިންތިޚާބުގެ ނަތީޖާއާ ބެހޭ ގޮތުން، ސޯޝަލް މީޑިއާގައި، ހަގީގަތާ ޚިލާފު ވާހަކަތައް ޓްރަމްޕު ފަތުރައްވަމުން ގެންދެވީ، އެކަން އެ ގޮތަށް ނުކުރެއްވުމަށް އެންމެ އަރިސް ބޭފުޅުން ތަކުރާރުކޮށް މަޝްވަރާ އަރުވަމުން ގެންދަވަނިކޮށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ޖެނުއަރީ 6، 2021 ގައި ކެޕިޓޯލް އިމާރާތަށް، ޓްރަމްޕުގެ ސަޕޯޓަރުންތަކެއް ވަދެގަނެ ހިނގި ހަމަނުޖެހުންތައް ތަހުގީގު ކުރުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އެކުލަވައިލި  ކޮމިޓީން، ޖޫން 13، 2022 ގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕުގެ ދަރިކަނބަލުން އިވާންކާ، ވީޑިއޯ ލިންކް މެދުވެރިކޮށް ހެކިބަސް ދެއްވަނީ. --އޭއެފްޕީ

ކުރީގެ އެޓާނީ ޖެނެރަލް ވިލިއަމް ބާރް ވިދާޅުވި ގޮތުގައި ރިއާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލި ކަމަށް ޓްރަމްޕު ވިދާޅުވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެކެވެ. ދައުރު ހަމަވުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވީ ވެސް، ޓްރަމްޕުގެ އެފަދަ އޮޅުވައިލުންތަކުގައި ހިއްސާވާން ބޭނުން ނުވާތީ ކަމަށް ވެސް ވިލިއަމް ވިދާޅުވި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ޑިސެމްބަރު 14، 2020ގަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޒިއޯ ލެފްގްރޮން ވިދާޅުވި ގޮތުގައި ޖެނުއަރީ 6 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކަކީ، އިންތިހާބުގެ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި ޓްރަމްޕު ފެތުރުއްވި ދޮގު ވާހަކަތަކުން ނުކުތް ނަތީޖާ އެވެ.

މި މައްސަލަ ތަހުގީގު ކުރާ ކޮމިޓީގެ ނާއިބު މުގައްރިރު ލިޒް ޗޭނީ ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން، ގާނޫނީ ތަޖުރިބާކާރުންގެ ޓީމުން ދިން ލަފާތައް ވެސް، ޓްރަމްޕު ވަނީ ބޮލާލައި ޖަހައިފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ މުޅިން ސާފު ނުވަނީސް، އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންނެވިކަން އިއުލާން ނުކުރެއްވުމަށް، އަރިސް ބޭފުޅުން ތަކުރާރުކޮށް ދެންނެވުމުން ވެސް، ޓްރަމްޕު އެ ކަމަށް އެއްބާރުލުމެއް ނުދެއްވި އެވެ.

ޖެނުއަރީ 6، 2021 ގައި ކެޕިޓޯލް އިމާރާތަށް، ޓްރަމްޕުގެ ސަޕޯޓަރުންތަކެއް ވަދެގަނެ ހިނގި ހަމަނުޖެހުންތައް ތަހުގީގު ކުރުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އެކުލަވައިލި  ކޮމިޓީން، ޖޫން 13، 2022 ގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ކުރީގެ އެޓާނީ ޖެނެރަލްގެ ނައިބު ރިޗަޑް ޑޮނަހުއާ، ވީޑިއޯ ލިންކް މެދުވެރިކޮށް ހެކިބަސް ދެއްވަނީ. --އޭއެފްޕީ

އޭގެ ބަދަލުގައި ޓްރަމްޕު އަމަލު ކުރެއްވީ، އޭނާގެ ގާނޫނީ ވަކީލު ރޫޑީ ޖޫލިއާނީ ދެއްވި ލަފަޔާ އެއްގޮތަށް ކަމަށް ވެސް ލިޒް ޗޭނީ ވިދާޅުވި އެވެ. ގާނޫނީ ޓީމާއި މުޝީރުން ދެއްވި ލަފާ ގަބޫލު ނުކުރައްވައި، އިންތިޚާބުގައި ކުރި ހޯއްދެވިއްޖެ ކަމަށް ޓްރަމްޕު އިއުލާން ކުރެއްވީ، ރޫޑީ ޖޫލިއާނީ ދެއްވި ލަފަޔާ އެއްގޮތަށެވެ.

ނޮވެމްބަރު 3، 2020 ގައި އޮތް ރިއާސީ އިންތިޚާބު ނަތީޖާތައް އިއުލާން ކުރަމުން ދިޔަ އިރު، ގިނަ ދާއިރާތަކުން މިހާރުގެ ރައީސް ކުރި ހޯއްދަވަމުން ގެންދަވަނިކޮށް، ނޮވެމްބަރު 4 ވަނަ ދުވަހު، ޓްރަމްޕު ވަނީ އިންތިޚާބުގައި ކުރި ލިބިވަޑައިގެންނެވި ކަމަށް އިއުލާން ކުރައްވައިފަ އެވެ. ހުރިހާ ދާއިރާތަކެއްގެ ވޯޓުތައް ގުނައި ރަސްމީ ނަތީޖާއާ ހަމައަށް ދިޔައިރު ވެސް، ޓްރަމްޕު ވިދާޅުވަމުން ގެންދެވީ ބައިޑެން އަށް ކާމިޔާބު ލިބިވަޑައިގަތީ އިންތިޚާބު އޮޅުވާލައިގެން ކަމަށެވެ.

ޖެނުއަރީ 6، 2021 ގައި ކެޕިޓޯލް އިމާރާތަށް، ޓްރަމްޕުގެ ސަޕޯޓަރުންތަކެއް ވަދެގަނެ ތަކެއްޗަށާއި ބައެއް މީހުންނަށް ގެއްލުން ދިނީ، އެދުވަހު ކޮންގްރެސްގެ ބައްދަލުވުން ހިނގަމުން ދަނިކޮށް، ޓްރަމްޕު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރުމަށް ގޮވައިލެއްވުމުންނެވެ. އެ ދުވަހު ކޮންގްރެސްގެ ބައްދަލުވުން ބޭއްވީ، ރިއާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ތަސްދީގު ކުރުމަށެވެ.