Roadha Mihaaru
އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަނީ

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަނީ، އެންމެ ރަނގަޅު ޑިޒައިނަށް ދެ ލައްކަ ރުފިޔާ

27 ޖޫން 2022

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމައި، އެ ކާޑު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމައި، އެ ކާޑު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ، މިހާރު ބޭނުންކުރާ އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް، ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ ކާޑު ޑިޒައިން ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޑީއެންއާރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. އައިޑީ ކާޑު ޑިޒައިން ކުރާނެ ފަރާތެއް ހޮވާނީ އެ ފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަ ކަމަށް ބެލުމަށް ފަހު ކަމަށް އިއުލާނުގައި ވެ އެވެ.

އައިޑީ ކާޑު އެންމެ ފުރިހަމަ އަށް ޑިޒައިންކުރާ ފަރާތަކަށް 200،000ރ. ގެ އިނާމެއް ވެސް ލިބެ އެވެ. އަދި އައިޑީ ކާޑު ޑިޒައިންކުރާ ޝޯޓްލިސްޓްވާ ތިން ފަރާތަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރަސްމީ ލިޔުމެއް ވެސް ލިބޭނެ ކަމަށް ބުންޏެވެ.

އެ ޑިޕާޓްމަންޓުން ބުނިގޮތުގައި، ހުށަހަޅާ ޑިޒައިންތައް ރަސްމީކޮށް އާންމުކޮށް، އެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ވެސް ދައްކާލާނެ އެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 21 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެ ފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އަދި އެންމެ ފުރިހަމަ އަށް ފަރުމާކުރި ފަރާތް ހޮވުން އޮންނާނީ އަންނަ އޮގަސްޓް މަހު އެވެ.

ޑީއެންއާރުން އައިޑީކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމާފައިވާއިރު، އެއީ މިދިޔަ ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި ނިންމެވި، ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވައި، އައިޑެންޓިޓީގެ ވެރިފަރާތާ ގުޅުން ހުރި ރަސްމީ މައުލޫމާތު އެ ފަރާތެއްގެ ރުހުމާ އެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ގާއިމުކުރުން ހިމެނެ އެވެ. އަދި ދައުލަތުގެ އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ ހިދުމަތް އެންސީއައިޓީ އަދި ޑީއެންއާރާ ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެ އެވެ.

ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓިޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑުކޮށް، އާ ނަމްބަރިން ސިސްޓަމަކާ އެކު ކޮންޓެކްޓްލެސް ސްމާޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް އެންސީއައިޓީ އަދި ޑީއެންއާރު ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެ އެވެ. ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އަމިއްލަ ސެކްޓާ އަށް ހުޅުވާލުމަށް އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އެ ސެކްޓަރަށް ހުޅުވާލަން ވެސް ނިންމި އެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ އައިޑީކާޑު ޑިޒައިން ހެދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984 ގަ އެވެ.