Roadha Mihaaru

ދޮގު ހަބަރު ފެތުރި ކަމަށް ބުނެ 10 މިލިއަން ރުފިޔާ ހޯދަން މެމްބަރު ސަލީމް ކޯޓަށް!

ނޫހަކުން ލިޔުނު ހަބަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު ސަލީމްއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދަން އޭނާ މިއަދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ބަދަލުގެ ގޮތުގައި 10 މިލިއަން ހޯދަން ސަލީމް ކޯޓަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

30 ޖޫން 2022

ނޫހަކުން ލިޔުނު ހަބަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު ސަލީމްއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ހޯދަން އޭނާ މިއަދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކޯޓަށް އެ މައްސަލަ ހުށަހެޅީ "ދިޔަރެސް" ނޫހާއި އެ ނޫހުގެ މަސްއޫލުވެރިޔާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދުއާ ދެކޮޅަށް ދައުވާކޮށްދިނުމަށެވެ.

މެމްބަރު ސަލީމްގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ނޫހުގައި މި މަހު 25 ގައި ލިޔުނު ހަބަރެއްގައި އޭނާއާ ގުޅުވާއި، ގަސްދުގައި ދޮގު މައުލޫމާތު ފަތުރައި، ގެއްލުން ދިނުމުގެ މަގުސަދުގައި އެ ލިޔުން ޝައިއުކޮށްފައި ވާތީ، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާ ކަމަަށެވެ.

އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ވީޑިއޯއަކާ ހަވާލާދީ އެ ވީޑިއޯއިން ނުފެންނަ މީހަކީ ސަލީމް ކަމަށް ލިޔެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ކަމަށް ބުނާ ފަރާތާއި އެކަމުގެ ހަގީގަތް ސާފުކުރުމުގެ ގޮތުން ސުވާލެއް ވެސް ކޮށްލައިފައި ނުވާ ކަމަށެވެ.

އެއީ ސޯޝަލް މީޑިއާގައި އެނބުރޭތާ އެތައް މަސްތަކެއްވެފައިވާ ވީޑިއޯއެއް ކަން ގިނަ ބަޔަކަށް އެނގޭއިރު، އެ ލިޔުން ލިޔެފައި ވަނީ، އެއްވެސް ޒިންމާދާރުކަމެއް އިންސާފުވެރިކަމެއް ނެތި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

އެ ހަބަރު ޝާއިއުކޮށްފައި ވަނީ ސަލީމްއާ އެއްވެސް ގުޅުމެއް ނެތް ކަމެއްގައި، ހަގީގަތް އޮޅުވާލާއިގެން ކަނޑައެޅިގެން ގެއްލުން ދިނުމުގެ މަގުސަދުގައި ކަމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އެ ނޫހުގައި ޝާއިއުކުރި ކަމަށް ބުނާ ލިޔުމާ ގުޅިގެން ސޯޝަލް މީޑިއާގަ އާއި އަދި އެނޫން ވެސް ތަންތަނުގައި އެއީ ހަގީގަތެއްކަން ދައްކަން ލިޔުންތަކާއި ޕޯސްޓްތައް ކުރި ވަކިވަކި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް އޭނާގެ ވަކީލުންގެ ޓީމުން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ބަރަހަނާ މަންޒަރުތަކެއް ފެންނަ އެ ވީޑިއޯގެ މައްސަލައިގައި ސަލީމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރާ ގޮތަށް ލިޔެ ދައުރުކޮށްފައި ވަނީ ހަގީގަތެއް، އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.