Roadha Mihaaru
އާ ސީ ޕްލޭން ޓާމިނަލްގެ ޓްރަޔަލްތައް ފަށައިފި

އާ ސީ ޕްލޭން ޓާމިނަލްގެ ޓްރަޔަލްތައް ފަށައިފި

03 ޖުލައި 2022

އާ ސީޕްލޭން ޓާމިނަލްގެ ހިދުމަތްތައް ޓެސްޓްކުރުމުގެ ގޮތުން މިހާރު ޓްރަޔަލްތައް ކުރިއަށް ގެންދާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާ ސީޕްލޭން ޓާމިނަލްގެ ހިދުމަތްތައް ޓެސްޓްކުރުމުގެ ގޮތުން މިހާރު ޓްރަޔަލްތައް ކުރިއަށް ގެންދާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ މިހާރު ބައެއް ފްލައިޓުތަކުން އަންނަ ފަސިންޖަރުންނަށް ހިދުމަތް ދޭން އާ ޓާމިނަލް ޓެސްޓްކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ހިދުމަތް ދެނީ އޮޕަރޭޝަން ޓެސްޓުކޮށް މުޅި އޮޕަރޭޝަން އެންމެ ހަރުދަނާކޮށް ހިންގާނެ ގޮތްތައް ދެނެގަތުމުގެ ގޮތުން ކަމަށެވެ.

"މިހާރު ކުރިއަށް ދަނީ ޓެސްޓްތައް. ހިދުމަތްތައް އެ ތަނުގައި ދޭނެ އެންމެ ރަނގަޅު ގޮތްތައް މި ބެލީ،"

އާ ސީޕްލޭން ޓާމިނަލް އޭޕްރީލް މަހު ބޭނުންކުރަން ފަށާނެ ކަމަށް ކުރިން ބުނެފައި ވިޔަސް އެމްއޭސީއެލް އިން ވަނީ އެތަން ހުޅުވުން ފަސްކޮށްފަ އެވެ. އެތަން އަވަހަށް ބޭނުންކުރަން ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏަސް ރަސްމީކޮށް ބޭނުންކުރަން ފެށޭނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ސީޕްލޭންގެ ހިދުމަތް ދޭ ޓީއެމްއޭ އާއި މަންޓާ އިން މިހާރު އަންނަނީ އާ ސީޕްލޭން ޓާާމިނަލްގައި އެ އެއާލައިންތަކުގެ އޮފީސްތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީކުރި އާ ސީޕްލޭން ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ. ހަތަރު ބުރީގެ މި ޓާމިނަލްގައި 54 ލައުންޖް ހުރެ އެވެ. މިތަން ތަރައްގީކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެންނެވެ.

އެ ޓާމިނަލުން ހަތަރު އޮޕަރޭޓަރުންނަށް އެންމެ ފުރިހަމައަށް ޖާގަ ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. އާ ޓާމިނަލްގައި ސީޕްލޭން ޖެއްސުމަށް ހަދާފައިވާ ލެގޫން ސަރަހައްދަށް އެއްފަހަރާ 100 ބޯޓަށް ހިދުމަތް ދެވޭނެ އެވެ.