Roadha Mihaaru
ހުތުރު ފިކުރާ ދުރުކުރަން ކިޔަވައިދޭންޖެހޭ: އަދާލަތު

ހުތުރު ފިކުރުތަކުން ސަލާމަތްކުރެވޭ ގޮތަށް ކިޔަވައިދޭންޖެހޭ: އަދާލަތު

05 ޖުލައި 2022

ލާދީނީ އަދި ލާއިންސާނީ ހުތުރު ފިކުރުތަކުން ސަލާމަތްވުމަށް ސްކޫލްތަކުގައި އެކަށީގެންވާ ގޮތަށް ކިޔަވައިނުދޭތީ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލާދީނީ އަދި ލާއިންސާނީ ހުތުރު ފިކުރުތަކުން ސަލާމަތްވުމަށް ސްކޫލްތަކުގައި އެކަށީގެންވާ ގޮތަށް ކިޔަވައިނުދޭތީ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެއްޖިންސުން ގުޅުން ހިންގާތީ ފެންނަ ވީޑިއޯތަކެއް މީގެ ދެ ހަފުތާއެއް ކުރިން ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނީ ގައުމާއި އުންމަތުގެ މުސްތަގުބަލަށްޓަކައި ބެލެނިވެރިންނާއި ޓީޗަރުންނާއި އިލްމުވެރިން އަދި މުއައްސަސާތައް އެކުގައި އަންނަން އޮތް ޖީލުތަކުގެ ދިފާއުގައި ތެދުވަން ޖެހިފައިވާ ކަމަށެވެ.

ލާދީނީ އަދި ލާއިންސާނީ ހުތުރު ފިކުރުތަކުން ސަލާމަތްވުމަށް ސްކޫލްތަކުގައި ތައުލީމާއި ދީނުގެ އިލްމު ފޯރުކޮށްދޭން ޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް، ސަރުކާރު ކޯލިޝަންގެ އެއް ޕާޓީ ކަމަށްވާ އަދާލަތުން ވަނީ އެންމެ އެދެވޭ ގޮތުގައި މި ވަގުތު އެކަން ކުރަމުން ނުދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ދައުލަތުގެ ތައުލީމީ މުއައްސަސާތަކުން މި ކަމަށް ހާއްސަ އަވަސް ފިޔަވަޅުތަކެއް އަޅަން ގޮވާލަމެވެ. އަދި ހަމަ މިއާ އެކު، ދަރިން ސްކޫލުން ބޭރުގައި ހޭދަކުރާ ވަގުތު، އެ ކުދިންގެ ބެލެނިވެރިކަން ކުރާ އެއްޗަކީ ޓީވީ، ކޮމްޕިއުޓަރު ނުވަތަ ފޯނު ސްކްރީނަށް ވެއްޖެ ނަމަ އެ ކުދިން އެ ތިބެނީ ގޭގައި ތިއްބަސް ފިކުރީ ހަމަލާތަކާއި ފާހިޝް ދަންތުރަތަކުގެ ނުރައްކަލުގެ ތެރޭގައިކަން ބެލެނިވެރިން ދަންނަންޖެހެ އެވެ،" ބަޔާނުގައި ބުންޏެވެ.

އަދާލަތު ޕާޓީން ބުނީ މިއީ ގައުމީ ނިސްބަތެއްގައި އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިފައިވާ ބޮޑު ވަބާއެއް ކަމަށެވެ. މި ވަބާ ހަލުވި ދުވެލީގައި ރާއްޖޭގައި ފެތުރިގެން ދިއުމުގެ ކުރިން ދުރާލާ ތައްޔާރުވެ އެކަމާ ދެކޮޅަށް ތެދުވަން ޖެހޭތީ، ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ހުރިހާ އެންމެން އެކަތިގަނޑަކަށް ވެ ތުއްތު ކުދިންނާއި އަންނަން ތިބި ޖީލުތަކުގެ ދިފާއުގައި ތެދުވުމަށް ވަނީ ގޮވާލައިފަ އެވެ.

އެ ބަޔާނުގައި ބުނީ އެއް ޖިންސުން ގުޅުން ހިންގުމަކީ މާތްﷲގެ ކޯފާއާ ލައުނަތް ހައްގުވާ އަމަލުތަކެއް ކަމަށާއި އެ އަމަލުތައް ހިންގާ މީހުންގެ ސަބަބުން މުޖުތަމައުގައި ނުރައްކާތެރި ބަލިތައް ފެތުރި އާއްމުވެގެންދާ ކަމަށެވެ.

ހައްދު ފަހަނަ އަޅާފައިވާ ފާހިޝް އަމަލުތައް ދައްކުވައިދޭ ވީޑިއޯ އާއި ފޮޓޯތަކަކީ 100 ޕަސެންޓް އިސްލާމީ ދިވެހި ގައުމު ކިލަނބު ކުރުވާނެ ތަކެތި ކަމަށާއި އެ ފަދަ އެއްޗެހި ފެތުރުމުން އިޖުތިމާއީ ފޭރާން ވީދި މުންކަރާތްތައް އާއްމުވެދާނެ ކަމުގެ ކަންބޮޑުވުން ބަޔާނުގައި ވަނީ ފާޅުކޮށްފަ އެވެ. އަދި ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ޝާމިލްވާ މީހުން ދަނެގަނެ، އެ މީހުންނަށް އިސްލާމީ ޝަރީއަތުގައިވާ ހައްގު އަދަބު ދިނުމަށް ވަނީ ގޮވާލައިފަ އެވެ.

"އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތައް ދަނެގަނެ، އެ ފަރާތްތަކާމެދު ވެސް އިސްލާމް ދީނުގައި އައިސްފައިވާ ހައްގު ފިޔަވަޅު އެޅުމަށް ގޮވައިލަމެވެ. އަދި މާތް ﷲ އަށް ބިރުވެތިވެ މިފަދަ މުޑުދާރު ފާހިޝް އަމަލުތަކުން ދުރުވެ ތިބުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަމެވެ،" އަދާލަތު ޕާޓީން ބުންޏެވެ.

"މި ޒަމާނަކީ މަދަނީ އަދި އިންސާނީ ހައްގުގެ ނަމުގައި އެއް ޖިންސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުމާއި މި ނޫންވެސް އިންސާނާގެ ސަލާމަތް ބުއްދި ގަބޫލުނުކުރާ ޣައިރު މަންތިގީ ހުތުރު ވިސްނުންތައް މުޅި ދުނިޔޭގައި ފަތުރަން އިންތިހާއަށް މަސައްކަތްކުރާ ޒަމާނެކެވެ. މި ޝައިތާނީ ވިސްނުމުގެ އައުވާނުން އެންމެ ދަހިވެތިވާ ޝިކާރައަކީ އަދުގެ ތުއްތު ކުދިންނާއި ފުރާވަރުގެ ޒުވާނުންނެވެ. މިއީ ވަރަށް ދުރަށް ރޭވިގެން ހިންގާ ނުރައްކާތެރި އަނދިރި ޕްރޮޕެގެންޑާއެކެވެ،"

ބިދޭސީ ފިރިހެނަކާ އެކީ އެކި މީހުން އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި ޒިންމާދާރު އެކި މަގާމުތަކުގައި އުޅޭ މީހުން ހިމެނޭކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.