Roadha Mihaaru
ކައިލީ އަކީ ތިމާވެށީގެ "ކްރިމިނަލް" އަކަށް ވެއްޖެ

ކައިލީ އަކީ ތިމާވެށީގެ "ކްރިމިނަލް" އަކަށް ވެއްޖެ

21 ޖުލައި 2022

ސޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ އާއިލާ އަށް ނިސްބަތްވާ 'ރިއަލިޓީ' ޓީވީ ތަރި ކައިލީ ޖެނާ ދަތުރުކޮށް އުޅޭ ގޮތުގެ ސަބަބުން އޭނާއަކީ ތިމާވެށީގެ "ކްރިމިނަލް"އެއްގެ ގޮތުގައި މީހުން ސިފަކުރަން ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ސޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ އާއިލާ އަށް ނިސްބަތްވާ 'ރިއަލިޓީ' ޓީވީ ތަރި ކައިލީ ޖެނާ ދަތުރުކޮށް އުޅޭ ގޮތުގެ ސަބަބުން އޭނާއަކީ ތިމާވެށީގެ "ކްރިމިނަލް"އެއްގެ ގޮތުގައި މީހުން ސިފަކުރަން ފަށައިފި އެވެ.

ތިމާވެށްޓަށް އެންމެ ބޮޑު ނުފޫޒެއް ކުރަނީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ޕަސެންޓުގެ މީހުންގެ ލައިފްސްޓައިލްގެ ސަބަބުންނެވެ. އެ މީހުންގެ ހަރަދުތަކާއި ދަތުރުތަކުގެ އާދަތައް އާންމުން މުޅި އުމުރު ދުވަހު ކުރާ ހަރަދުތަކަށް ވުރެ ބޮޑެވެ.

ކައިލީ އަކީ ވެސް ދަތުރުފަތުރުކުރުމުގައި އެ ފަދަ ލައިފްސްޓައިލެއް ގެންގުޅޭ ޒުވާނެކެވެ. ކޮވިޑްގެ ހާލަތު ގޯސްވުމުގެ ކުރިން 2019 ވަނަ އަހަރުގައި ކައިލީ ވަނީ 72 މިލިއަން ޑޮލަރަށް ޕްރައިވެޓް ޖެޓެއް ގަނެފަ އެވެ. އެ ޖެޓުތަކަކީ އާންމުން ދަތުރުކޮށް އުޅޭ ބޯޓު ތަކަށް ވުރެ 14 ގުނަ އިތުރަށް ކާބަންޑައިއޮކްސައިޑް އުފައްދާ އެއްޗިއްސެވެ.

އެ ކަން އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައި ވަނިކޮށް، ދާދި ފަހުން ކައިލީ އާންމުކުރި ޕޯސްޓަކާއެކު ވެސް އޭނާގެ ހަރަކާތްތަކަށް ފާރަލާ މީހުން އިތުރަށް ރުޅުގަދަވެފަ އެވެ. އެ މީހުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި ކައިލީ އަންނަނީ އެންމެ ތިން މިނިޓުގެ ދަތުރުތަކަށް ވެސް ޖެޓުގެ ބޭނުން ކުރަމުންނެވެ.

އެންމެ 40 މިނިޓުން ކާރުގައި ދެވެން ހުންނަ ތަންތަނަށް ވެސް ކައިލީ ދަނީ ޖެޓުގަ އެވެ. އެއީ އޭގެ ސަބަބުން ތިމާވެށްޓަށް ވަރަށް ބޮޑެތި ގެއްލުން ކުރާ ކަންތައްތަކެވެ.

އެ ކަމާ ހުރެ އެތައް ބައެއްގެ ފާޑުކިޔުން ދަނީ ކައިލީ އަށް ރައްދުވަމުންނެވެ. އާންމުންގެ ލައިފްސްޓައިލް ބަދަލު ކުރަން މީހުން ގޮވާއިރު، ކައިލީ ފަދަ މުއްސަނދިންގެ ދިރިއުޅުން ހުންނަ ގޮތުގެ ސަބަބުން ގެއްލުން މާ ބޮޑުވާތީ އޭނާ އަކީ ތިމާވެށީގެ "ކްރިމިނަލް" އެެއް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ކައިލީގެ ބައިވެރިޔާ ޓްރެވިސް ސްކޮޓްގެ އަމިއްލަ ޖެޓެއް އޮވެ އެވެ. ދަތުރު ކުރާނެ ޖެޓެއް ނޭނގިގެން އުޅޭ ވާހަކަ ކައިލީ ކުރި ޕޯސްޓެއްގައި އެއް ފަހަރު ބުނުމުން ވެސް އާންމުންގެ ރުޅިގަނޑު ވީ އިތުރެވެ.

އެ ކަމާ ގުޅޭގޮތުން ކައިލީ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.