Roadha Mihaaru
ގޮވާމުގެ އެކްސްޕޯޓަށް ރަޝިޔާ އާއި ޔޫކްރޭން އެއްބަސް

ގޮވާން އެކްސްޕޯޓްކުރުމަށް ރަޝިޔާ އާއި ޔޫކްރޭން އެއްބަސްވެއްޖެ

24 ޖުލައި 2022

ކަޅު ކަނޑުގެ އައްސޭރީގައިވާ ޔޫކްރޭންގެ ކަނޑުގެ ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމާ ގުޅޭ ގޮތުން، ރަޝިޔާ އާއި ޔޫކްރޭން ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކަޅު ކަނޑުގެ އައްސޭރީގައިވާ ޔޫކްރޭންގެ ކަނޑުގެ ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމާ ގުޅޭ ގޮތުން، ރަޝިޔާ އާއި ޔޫކްރޭން ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ހެކިވެވަޑައިގެން ސޮއިކުރެއްވި މި އެއްބަސްވުމާ ބެހޭ ގޮތުން އެ ދެ ބޭފުޅުން ވިދާޅުވީ ގޮވާމުގެ ބާވަތްތައް ލިބުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް، މިއެއްބަސްވުމުގެ ސަބަބުން ލުޔެއް ލިބނެ ކަމަށެވެ.

މިހާރު ހަނގުރާމަ ކުރަމުންދާ ރަޝިޔާ އާއި ޔޫކްރޭނަކީ ބައިނަލްއަގުވާމީ ބާޒާރަށް ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން ނެރޭ ދެ ގައުމެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފަށައި، އެ ގައުމުގެ ކަނޑުގެ ބަނދަރުތައް ހިފުމާ ގުޅިގެން، ބައިނަލްއަގުވާމީ ގޮވާމުގެ އެކްސްޕޯޓަށް ވަނީ ހުއްޓުން އަރައިފަ އެވެ.

ޔޫކްރޭންގެ ގޮދަން ދަނޑެއްގައި ހިކިފައި ހުރި ގޮދަން ކުރާގަނޑުތަކެއްގެ ކައިރީގައި ދަނޑުވެރިއަކު މަސައްކަތް ކުރަނީ. --އޭއެފްޕީ

ޔޫކްރޭންގެ ގޮދަން ދަނޑެއްގައި ހިކިފައި ހުރި ގޮދަން ކުރާގަނޑުތަކެއްގެ ކައިރީގައި ދަނޑުވެރިއަކު މަސައްކަތް ކުރަނީ. --އޭއެފްޕީ

ތުރުކީ ވިލާތުގެ އިސްތަންބޯލްގައި ހުކުރު ދުވަހު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރަޝިޔާގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ އެވެ. ޔޫކްރޭންގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު އޮލެކްސަންދަރް ކުބްރަކޯވް އެވެ.

މިފަދަ އެއްބަސްވުންތަކުގައި ދެ ފަރާތުން ސޮއިކުރާ އާންމު އުސޫލުތަކާ ޚިލާފަށް މި އެއްބަސްވުމުގައި ދެ ބޭފުޅުން ސޮއިކުރެއްވި ވަކިވަކި ދެ މޭޒު ކައިރީގައި ތިއްބަވައިގެންނެވެ. އަދި ސޮއިކުރެއްވުމަށް ފަހު އެއްބަސްވުމުގެ ލިޔުން ބަދަލުކުރެއްވީ ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ސަލާމް ނުކުރައްވަ އެވެ.

"މިއަދު، ކަޅު ކަނޑުގައި މި ގާއިމުކުރެވުނީ ދަންމަރެއް. އުންމީދާއި، ކަންކަން ކުރެވިދާނެ ކަމުގެ ދަންމަރެއް. އަދި މިއީ މިއިން ދުވަހަކު ވެސް ދުނިޔެ އަށް ބޭނުންޖެހިފައި ނުވާ މިންވަރަށް، މިވަގުތު ބޭނުންޖެހިފައިވާ ކަމަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް،" ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު، އެއްބަސްވުމަށް ފުރިހަމަ އަށް އަމަލުކުރުމަށް ގޮވައިލައްވަމުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް (ވ) އާއި ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް (ވ) އާއި ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން

މި އެއްބަސްވުމުގެ ދަށުން، އެންމެ ފުރަތަމަ ޔޫކްރޭނުން އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައިވަނީ، މިދިޔަ އަހަރު ޔޫކްރޭންގެ ދަނޑުވެރިން ކަނޑައި އެކްސްޕޯޓަށް ތައްޔާރުކޮށްފައި ހުރި ގޮވާމުގެ ތެރެއިން، 20 މިލިއަން ޓަނުގެ ގޮވާމެވެ. މިއީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އަގު ހުރި މުދަލެވެ.

ރަޝިޔާ އާއި ޔޫކްރޭނުން ގާއިމުކުރި މި އެއްބަސްވުމުގެ މުއްދަތަކީ 120 ދުވަހެވެ. އެއަށް ފަހު ދެ ގައުމުގެ ދެމެދުގައި އިތުރު މަޝްވަރާތަކެއް ނުކޮށް ވެސް، މި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އދ.ގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއެއްބަސްވުމުގެ ދަށުން ޔޫކްރޭނުން އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތައް، ޔޫކްރޭންގެ ބަނދަރުތަކުން އާގުބޯޓުތަކަށް ބަރުކުރާނީ، ތުރުކީ ވިލާތާއި ޔޫކްރޭނާއި އދ.ގެ އޮފިޝަލުން ހިމެނޭ ގުރޫޕެއްގެ ބެލުމުގެ ދަށުންނެވެ. މުދާ ބަރުކޮށްފައިވާ އާގުބޯޓުތައް ކަޅު ކަނޑުގެ ތެރެއިން ދަތުރުކޮށް ބޭރު ކަނޑަށް ނުކުންނާނީ، ޔޫކްރޭންގެ ޕައިލެޓް އުޅަނދުތަކުގެ އެހީތެރިކަމާ އެކުގަ އެވެ.

ކަޅު ކަނޑުގެ ތެރެއަށް ރަޝިޔާ އާއި ޔޫކްރޭންގެ ސިފައިން ވެސް ކަނޑު މައިން އަޅާފައިވާ އިރު، ކަޅު ކަނޑުގެ ތެރެއިން މަދަނީ ބޯޓުފަހަރު ދަތުރުކުރުމަކީ މިހާރު އެހާ ރައްކާތެރި ކަމެއް ނޫނެވެ. ކަޅު ކަނޑުގެ ތެރެއިން ދަތުރުކުރާ އާގުބޯޓުތައް ތުރުކީ ވިލާތުގެ ބޮސްފަރޮސް ކަނޑުއޮޅި ހުރަސްކުރާނީ، ތުރުކީ ވިލާތާއި ޔޫކްރޭނާއި ރަޝިޔާ އަދި އދ.ގެ އޮފިޝަލުން ހިމެނޭ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.