Roadha Mihaaru
އަލުން މެސީ ގެނެސްދޭން ޒަވީ އެދިއްޖެ

ބާސެލޯނާ އަށް އަލުން މެސީ ގެނެސްދޭން ޒަވީ އެދިއްޖެ

25 ޖުލައި 2022

ބާސެލޯނާ (ޖުލައި 25) - ލިއޮނަލް މެސީ އަންނަ ސީޒަނުގައި އަލުން ބާސެލޯނާ އަށް ގެނެސްދޭން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް، ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާގެ އަރިހުން އެދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (ޖުލައި 25) - ލިއޮނަލް މެސީ އަންނަ ސީޒަނުގައި އަލުން ބާސެލޯނާ އަށް ގެނެސްދޭން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް، ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާގެ އަރިހުން އެދިއްޖެ އެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން އެ ޓީމަށް މެސީގެ ކޮންޓްރެކްޓް އާކުރެވެން ނެތުމުނ އޭނާ ގުޅުނީ ޕީއެސްޖީއާ އެވެ. އެ ޓީމާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ، އަންނަ އަހަރު ޖޫންގަ އެވެ.

އީއެސްޕީއެން އަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ލަޕޯޓާ ވިދާޅުވީ ބާސެލޯނާ އާއެކު މެސީގެ ދުވަސްތައް ނިމުނީ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.

"އަހަންނަކަށް ހީއެއް ނުވޭ މެސީގެ ޗެޕްޓާ ބާސެލޯނާ އާއެކު ނިމުނީހެނެއް. އަދި އަހަރެން ގަބޫލެއް ކުރާ ގޮތުގައި އެއީ އަހަރެމެންގެ ޒިންމާއެއް އޭނާ އަށް ބާސެލޯނާގެ ޗެޕްޓާ ހުޅުވިފައިވާކަން ކަށަވަރުކޮށް ދިނުން،" އިންޓަވިއުގައި ލަޕޯޓާ ވިދާޅުވި އެވެ.

އެކަމަކު ޕީއެސްޖީން ވެސް، މެސީގެ ކޮންޓްރެކްޓް އާކޮށް އޭނާ އެ ޓީމުގައި ބަހައްޓަން ބޭނުންވެ އެވެ. ސްޕެއިންގެ މީޑީއާތަކުން ބުނާ ގޮތުގައި ޕީއެސްޖީން ވެސް ވަނީ މެސީ އަށް އެކަން އަންގައިފަ އެވެ.

ކޮންޓްރެކްޓް އާ ކުރަން ޕީއެސްޖީން މެސީ އަށް ހުށަހަޅާވަރުގެ މުސާރައެއް ބާސެލޯނާ އަށް ނުދެވިދާނެ ކަމުގެ ބިރު އެބައޮތެވެ. މިވަގުތު ވެސް އެ ޓީމު އޮތީ މާލީ ގޮތުން އުނދަގޫ ހާލަތެއްގަ އެވެ.