Roadha Mihaaru
މައުމޫންގެ ލިޔުއްވުމެއް، "އިސްލާމްދީނާއި މިނިވަންކަން"

މައުމޫންގެ ލިޔުއްވުމެއް، "އިސްލާމްދީނާއި މިނިވަންކަން"

27 ޖުލައި 2022

މިނިވަންކަމަކީ، މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިއުމަތެކެވެ. އޭގެ ތެރޭގައި ފަރުދީ މިނިވަންކަމާއި ގައުމުތަކުގެ މިނިވަންކަން ހިމެނެ އެވެ.

މިނިވަންކަމަކީ، މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިއުމަތެކެވެ. އޭގެ ތެރޭގައި ފަރުދީ މިނިވަންކަމާއި ގައުމުތަކުގެ މިނިވަންކަން ހިމެނެ އެވެ.

އިސްލާމްދީނުގެ ނަޒަރުގައި އެއްވެސް މިނިވަންކަމަކީ، ހުދޫދެއް ނެތް މިނިވަންކަމެއް ނޫނެވެ. ފަރުދުންގެ މިނިވަންކަން ވެސް ބޭނުން ކުރަން ޖެހޭނީ، އެ ކަމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ހުދޫދުގެ ތެރޭގަ އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީސްތަކުންނަށް މުއާމަލާތު ކުރުމާއި މުދަލުގައި ތަސައްރަފު ކުރުމާއި މި ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނީ ދީނުގައި ހުއްދަ ކުރައްވާފައިވާ ދާއިރާގެ ތެރޭގަ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ދޮގު ވާހަކަ ފެތުރުމާއި މީސްމީހުންގެ ބޮލުގައި ނުހައްގު އިލްޒާމްތައް އެޅުވުމާއި މީހުންގެ އަބުރާ ބެހުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމެވެ. އެކިއެކި މުއާމަލާތު ހިންގުމުގައި ނުވަތަ މުދަލުގެ ތަސައްރަފުތަކުގައި މަކަރު ހެދުމާއި ވައުދާ ހިލާފުވުމާއި އޮޅުވާލުމާއި އަނެކުންގެ ހައްގުތަކަށް އަރައިގަތުމަކީ ވެސް އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމެވެ. މިނިވަންކަމުގެ ނަމުގައި ނަމަވެސް މިއިން ކަމެއް ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނޫނެވެ.

އިސްލާމްދީނުގެ ނަޒަރުގައި އިސްލާމީ އުންމަތް ވާން ޖެހޭނީ މިނިވަން އުންމަތަކަށެވެ. އަދި ކޮންމެ އިސްލާމީ ޖަމާއަތެއް ވެސް ވާން ޖެހޭނީ އެހެން ދީންތަކުގެ ނުފޫޒުން ރައްކާތެރި ކުރެވިފައިވާ ޖަމާއަތަކަށެވެ. އެހެނީ މާތް ﷲ ޝަރުއު ކުރައްވާފައިވާ ގޮތުގެ މަތިން އިސްލާމްދީނުގެ އަގީދާތައް ރައްކާތެރިކޮށް، އިސްލާމީ ހުކުމްތައް ގާއިމް ކުރެވޭނީ މިނިވަންކަން ލިބިގެންވާ ބަޔަކަށެވެ. އެހެން ބައެއްގެ އަޅުވެތިކަމުގައި ތިބޭ ބަޔަކަށް، މިނިވަންކަމާއެކު އިސްލާމްދީނުގެ ފަރުޟުތައް އަދާކޮށް، މިނިވަންކަމާއެކު އިސްލާމްދީނުގެ ހުކުމްތައް ތަންފީޒެއް ނުކުރެވޭނެ އެވެ.

ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުފަން ވަޒަން ކަމުގައިވާ މައްކާ ދޫކުރައްވައި މަދީނާ އަށް ހިޖުރަ ކުރެއްވީ ވެސް، މި ސަބަބަށްޓަކަ އެވެ. މައްކާގެ މުޝްރިކުންގެ ދުއްތުރާތައް ހުރި ގޮތުން އެކަލޭގެފާނަށް ރައްކާތެރިކަމާއެކު މުސްލިމުންނާއެކު އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމާއި ދީނުގެ އެހެނިހެން ކަންތައްތައް ކުރެއްވުމަށް ވަރަށް ބޮޑަށް ދަތިފުޅު ވެގެންނެވެ. އެހެންކަމުން މާތް ﷲ ގެ އިޒުނަފުޅާއެކު އެކަލޭގެފާނު މަދީނާ އަށް ހިޖުރަކުރައްވައި މަދީނާގައި މިނިވަން އިސްލާމީ އުންމަތެއްގެ ބިންގާ އެޅުއްވި އެވެ. މިނިވަން އިސްލާމީ އުންމަތުގެ ފެށުމަކީ އެއީ އެވެ.

އެހެން ބައެއްގެ އަޅުވެތިކަމުގައި ތިބޭ ބަޔަކަށް، މިނިވަންކަމާއެކު އިސްލާމްދީނުގެ ފަރުޟުތައް އަދާކޮށް، މިނިވަންކަމާއެކު އިސްލާމްދީނުގެ ހުކުމްތައް ތަންފީޒެއް ނުކުރެވޭނެ އެވެ.

ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަސްހާބުންނާއި އޭގެ ފަހުގެ ޖީލުތަކުގެ ބުރަ މަސައްކަތުން އިސްލާމީ އުންމަތް އެތައް ގުނައަކަށް ބޮޑުވެ، އިއްޒަތާއި ގަދަރު ލިބިގެންވާ އުންމަތަކަށް ބަދަލުވެގެން ދިޔައީ އެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީހަށް ބަލާލާއިރު ވެސް ފެންނަން އޮތީ މާތް ވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާ ދެމެދު އޮތް ވަރުގަދަ ގުޅުމެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން ރާއްޖޭގެ މިނިވަންކަން ރާއްޖެ އަށް އަނބުރާ ހޯއްދަވައި ދެއްވީ، ދިވެހިންގެ އިސްލާމީ އަގީދާ ރައްކާތެރި ކޮށްދެއްވުމަށް ކުރެއްވި އަގު ބޮޑު މަސައްކަތްތަކާއި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީތަކުގެ ތެރެއިންނެވެ. އެހެންކަމުން ރާއްޖޭގެ ގައުމީ މިނިވަންކަން ކުރިމަގުގައި ވެސް ދެމެހެއްޓޭނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމިއޮވެގެންކަން ކަށަވަރެވެ.

މާތް ﷲ ދިވެހިންގެ އިސްލާމީ އަގީދާ ރައްކާތެރިކޮށްދެއްވާށި އެވެ! ދިވެހިރާއްޖެއަކީ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އަބަދުވެސް ލަހައްޓަވާށި އެވެ! އަދި ރާއްޖޭގެ ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަވާށި އެވެ! އާމީން.