ސީޒަނުގެ ކުރީކޮޅު ނާކާމިޔާބާ ކުރިމަތިލާން ޖެހުނަސް އެހާލަތުން އަރައިގަނެވޭނޭކަން މާޒިޔާ އަށް ސާބިތުކޮށް ދެއްވިއްޖެ ކަމަށް ދިވެހި ޕްރިމިއާ ލީގުގެ ޝީލްޑް އެ ޓީމަށް ރޭ އުފުލާލަ ދިން ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
02 އޯގަސްޓް 2022
ސީޒަނުގެ ކުރީކޮޅު ނާކާމިޔާބާ ކުރިމަތިލާން ޖެހުނަސް އެހާލަތުން އަރައިގަނެވޭނޭކަން މާޒިޔާ އަށް ސާބިތުކޮށް ދެއްވިއްޖެ ކަމަށް ދިވެހި ޕްރިމިއާ ލީގުގެ ޝީލްޑް އެ ޓީމަށް ރޭ އުފުލާލަ ދިން ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
ސީޒަންގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަށް ނާކާމިޔާބުވީ ފައިނަލުގައި ކްލަބް ވެލެންސިއާ އަތުން ބަލިވުމުންނެވެ. އެ މުބާރާތުގައި މާޒިޔާ ތިން މެޗުން ބަލިވި އެވެ. ރޭގެ ކާމިޔާބަށް ފަހު އަސަދުﷲ ބުނީ މާޒިޔާ އަށް އެ އަޑިގަނޑުން އަރައި ގަނެވުނީ މެނޭޖުމެންޓާ މުޅި ޓީމުން ކުރި މަސައްކަތުން ކަމަށެވެ.
"އޭރު ވެއްޓިފަ އަރައި ގަނެވުނީ މެނޭޖުމެންޓާ ކުޅުންތެރިންނާ ކޯޗިން ސްޓާފުން އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތުން. ވަރަށް ބޮޑު ކޮންފިޑެންސެއް މި ލިބުނީ،" މެދުކެނޑުމެއް ނެތި 10 އަހަރު ވަންދެން މާޒިޔާ އަށް ކުޅެމުން އަންނަ ފޯވާޑް ބުންޏެވެ.
ރޭ ކްލަބް އީގަލްސް އާ ދެކޮޅަށް، 5-0 އިން މާޒިޔާ މޮޅުވި މެޗުގައި، ގޯލްކީޕަރު ކިރަން ކުމާރް ފިޔަވައި ދެން މުޅިން ކުޅުނީ ދިވެހި ކުޅުންތެރިންނާއެކު އެވެ. ރޭ ގެ މެޗުގައި ދެ ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަސަދުﷲ ބުނީ އެއީ އެފްއޭ ކަޕާ ކުރިމަތިލާއިރު ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ފަހު މާޒިޔާ ޓީމުގެ ކުޅުންތެރިން އައްޑަނައާއިއެކު އުފާފާޅުކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާޒިޔާގައި ގައުމީ ޓީމުގެ ކުޅުންތެރިން ގިނަ އެވެ. ގިނަ މެޗުތަކުގައި އަސަދުﷲ ވެސް ފަށަނީ ބެންޗުންނެވެ. އޭނާ ބުނި ގޮތުގައި ކޮންމެ ކުޅުންތެރިޔަކު ވެސް މާޒިޔާ އަށް އަންނަން ޖެހޭނީ މާޒިޔާގެ އޮތް ސްކޮޑުގައި ބެންޗުގައި ވެސް ހުންނަން ޖެހިދާނެ ކަން ގަބޫލުކޮށްގެންނެވެ
"މިވަރުގެ ސްކޮޑެއް އޮންނައިރު ޓީމުން ފުރުސަތު ހޯދަން ފަސޭހައެއް ނުވާނެ. ފުރުސަތު ނުލިބޭތީއޭ ކިޔާފައި އެއްވެސް ކުޅުންތެރިޔަކު 100 ޕަސެންޓް ނުދީއެއް ނުތިބޭ. ޕްރެކްޓިހުގައި ކޮންމެ ކުޅުންތެރިޔެއްގެ ކިބައިން 100 ޕަސެންޓް ފެނޭ. ބޭރު ކުޅުންތެރިން މަދުކޮށް ކުޅޭއިރު ދެން ފުރުސަތު ލިބޭ ކުޅުންތެރިން ވެސް އެ ޕާފޯމަންސް އެބަ ދައްކާ. އެކަން މިފެނިގެން ދިޔައީ،" ކެޕްޓަނެގެ ގޮތުގައި ހަތަރު ފަހަރަށް ލީގު އުފުލާލާލި އަސަދުﷲ ބުންޏެވެ.
"ބެންޗުން އަރާ ކުޅުންތެރިންނެކޭ ފުރަތަމަ 11 ގައި ކުޅޭ ކުޅުންތެރިޔެކޭ ޕާފޯމަންސްގައި ތަފާތެއް ނީނދޭ. މާޒިޔާ އަށް މިހާރު އަންނާނީ ވެސް އެކަމަށް ރެޑީ ވެގެން ތިބޭ ކުޅުންތެރިން. މާޒިޔާގައި އަބަދު 11 ގައި ނުކުޅެވޭނެ. ގައުމީ ޓީމުގެ ހަތަރު ފަސް ކުޅުންތެރިން ބެންޗުގައި ތިބެން އެބަޖެހޭ. އެހެންވީމަ މާޒިޔާ އަށް އަންނަން ޖެހެނީ ވެސް މެންޓަލީ ވެސް އެކަމަށް ތައްޔާރުވެގެން."
ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މާޒިޔާ އާއި އީގަލްސް ކުޅުން މެޗިގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މާޒިޔާގެ އަސަދުއްﷲ އަބްދުﷲ އަށް އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ޓްރޮފީ ހަވާލުކޮއްދެނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާރާތެއްގައި މާޒިޔާ އަށް ނާކާމިޔާބާ ކުރިމަތި ވެއްޖެނަމަ މެނޭޖުމެންޓުން ކުޅުންތެރިންނަށް ޕްރެޝަރު ކުރާ ވާހަކަ ބައެއް ފަރާތްތަކުން ދައްކަ އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އަސަދުﷲ ބުނީ ޕްރެޝަރު ނެތި ކުޅޭ ފުޓްބޯޅަ އަކީ އޭނާ ދަންނަ އެއްޗެއް ނޫން ކަމަށެވެ.
"މެނޭޖުމެންޓް ސައިޑުން ކުޅުންތެރިންނަށް ޕްރެޝަރެއް ނެތް. އެކަމަކު ކޮންމެ ކުޅުންތެރިޔެއް ވެސް ދަނޑުމައްޗަށް އަރާނީ ޕްރެޝަރާ އެއްކޮށް. މޮޅުވާން އަމިއްލަ އަށް ޕްރެޝަރު ނަގައިގެން އަރާނީ. ދެން އިތުރު ގޮތްގޮތުން އަންނަ ޕްރެޝަރަކީ ޕްރެޝަރު ކަމަށް އަޅުގަނޑު ނުދެކެން،" އަސަދުﷲ ބުންޏެވެ.
ނިއު ބަލިކޮށް މާޒިޔާއަށް ފުރަތަމަބުރުން ފުރިހަމަރެކޯޑެއް
ފަތޯ ލަނޑުޖަހައި މާޒިޔާ މޮޅުކޮށްދިނުމުގައި ހިއްސާ
މާޒިޔާ އެއްވަނައިގައި ކުރިއަށް
15 ޕޮއިންޓާއި ފައިދާ 22 ގޯލުން މާޒިޔާ އެއްވަނައަށް
ޔޫވީ ބަލިކޮށް މާޒިޔާ އަލުން އެއްވަނަ އަށް
ފުޓްބޯޅަ އާއި ފުޓްސަލްގައިވެސް އެއް އަމާޒެއް: ލުއިސްމާ
ބުރު ކޮޅަށް ތިން ލަނޑު ޖަހައި މާޒިޔާއިން ފޯމުގައި
ލީގުގެ ކުޅުމުގެ ފެންވަރަށް ދެ ކޯޗުންގެ ތައުރީފު
އެނބުރިއައި އިލާން ހަދިޔާކުރި ލަނޑުން މާޒިޔާ ކުރިއަށް
ދާދުގެ ހަތަރު ގޯލުން މާޒިޔާއިން ލީގު ފެށީ ގަދަކޮށް